Advertisement

ތަސްލީމަކީ ބޮން ގޮއްވަން އުޅެގެން ކުރިން ވެސް ހައްޔަރު ކުރި މީހެއް

26 ޖުލައި 2021 - 06:29 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މައްސަލައިގައި ހިމެނޭ ތަސްލީމްގެ މިހާރުގެ ފޮޓޯއަކާއި ކުރީގެ ފޮޓޯއެއް. މީގެ ކުރިން އޭނާ ހައްޔަރު ކުރީ 2017 ވަނަ އިތުރު ހަތަރު މީހުންނާއެކު. -- ފޮޓޯ: އަދަދު


ތަސްލީމަކީ ބޮން ގޮއްވަން އުޅެގެން ކުރިން ވެސް ހައްޔަރު ކުރި މީހެއް

26 ޖުލައި 2021 - 06:29 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި 6، ގައި ބޮން ގޮއްވި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމަކީ ބޮމެއް ގޮއްވަން އުޅުނު މައްސަލައެއްގައި މީގެ ކުރިން ވެސް ދައުވާއެއް އުފުލިފައިވާ މީހެކެވެ.

ހޮނިހިރު ދުވަހުގެ ރޭ ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ މައުލޫމާތު ހާމަކޮށްފައިވެ އެވެ. ކުރިން ތަސްލީމް ހައްޔަރުކޮށްފައި ވަނީ އޭޕްރީލް 24، 2017 ގައި އިތުރު ފަސް މީހަކާއެކު އެވެ. އެ މައްސަލައިގައި އޭނާ އަށް ދައުވާކޮށް ކޯޓަށް ފޮނުވާފައި އޮތް ނަމަވެސް ތަސްލީމު ހުރީ ބަންދުން ދޫކޮށްލާފަ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ތަސްލީމާއި އޭނާގެ ގްރޫޕު ހައްޔަރު ކުރިއިރު އެމީހުންގެ މައްޗަށް ތުހުމަތު ކުރެވުނީ މއ.އެނބޫގޭގެ އެޕާޓްމަންޓެެއްގައި އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ހިންގަމުން ގެންދިޔަ އޮފީސް ތެރޭގައި އައިއީޑީއެއް ހަދައި އެ އައިއީޑީ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތެވެ.

އެ މައްސަލަ ތަހުގީގުކޮށް އެމީހުންގެ މައްޗަށް 2017 ވަނަ އަހަރު ދައުވާ އުފުލުނެވެ. އެހެންނަމަވެސް ކުރިމިނަލް ކޯޓުގައި އޮތް އެ މައްސަލައިގެ އިބްތިދާއީ މަރުހަލާވެސް އަދި ނިމިފައި ނުވާކަމަށް އެނގިފައި ވެއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓައި އޭނާ ދޫކޮށްލީ އޮކްޓޫބަރު 4، 2018ގަ އެވެ. އެކަމުގެ ސަބަބެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނެތެވެ.

އެ ފަހަރު ތަސްލީމާއެކު ހައްޔަރުކޮށްފައި ވަނީ ހއ ހޯރަފުށީ ވިދުވަރުގޭ، ނާސިހު މުހައްމަދާއި ތ. މަޑިފުށީ، ކަރަންކާގޭ، މުހައްމަދު ހައްމާދާއި ހދ. ނައިވާދޫ، ރިވެލި، ޝިމާން ޝަރީފާއި ގދ. މަޑަވެލި، ގަމަރީ، އިގްތިސާމް މުހައްމަދު ސައީދެވެ.

ނަޝީދަށް ދިން ހަމަލާގެ ބައިވެރިވި ތުހްމަތުގައި ތަސްލީމް ހައްޔަރުކުރީ މި މަހުގެ 24 ގައި އައްޑޫއިންނެވެ. ހަރުކަށި ފިކުރަށް މީހުން އަނބުރާލައި ސިކުނޑި 'ދޮވެލުމުގައި" އިސްކޮށް ހަރަކާތްތެރިވަނީ އޭނާއެވެ. އަދި ފުލުހުން ބުނެފައިވާ ގޮތުގައި އޭނާއަކީ ރައީސް ނަޝީދަށް ހަމަލާދީ މަރާލަން ޖެހޭ ކަމަށް، ވިސްނައިދީ އިރުޝާދީ އަދި ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްރެރިވި ފަރާތެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޖުމްލަ 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އެއީ، ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި އަހުމަދު އަދުހަމް 25، އާއި މުޖާޒް އަހްމަދު 21، ގެ އިތުރުން ތަހުމީން އަހްމަދު، 32، އާއި އަހުމަދު ފާތިހު، 23، އެވެ.

ތަސްލީމްގެ އިތުރުން، ދެން ބަންދުގައި ތިބީ މ. ކުދެހިގޭ، އިސްހާގާއި ގއ. ވިލިނގިލީ، ހުދުރުމާގޭ، ފަހުމީ އަލީ އާއި ނ. މަނަދޫ ނޫރީގޭ، އަލީ ހައިޝަން އެވެ. އަދި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ، ބަހާރުގޭ އަބްދުﷲ އަލީ މަނިކު ވެސް ހުރީ އެ މައްސަލަގައި ހައްޔަރުކޮށްފަ އެވެ.

ނަޝީދު އަވަހާރަކޮށްލަން މިދިޔަ ރޯދަ މަހު ދިން ހަމަލާއަށްފަހު އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތް ކުރުމަށް އޭޑީކޭގެ ޑޮކްޓަރުން ނަޝީދުގެ ހަށިކޮޅުގައި ގާތްގަނޑަކަށް 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދި އެވެ. ބޮމުގެ ތެރެއަށް އަޅާފައި ފުއްތަކުން 10 ފުއް އެމަނިކުފާނުގެ ހަށިކޮޅުން ނެގި އެވެ. އަދި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕްލާސްޓިކު އެތިކޮޅެއް ވެސް ހަށިގަނޑުން ފެނުނެވެ.