Advertisement

އިއުތިރާފުގެ އެއްބަސްވުމަކީ ކޮބާ؟

26 ޖުލައި 2021 - 08:53 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި ކަމަށް ބެލެވޭ މީހުން: މީގެ ތެރެއިން ދެ މީހަކު ކުށަށް އިއުތިރާފުވާން ބޭނުންވާ ކަމަށް ޕީޖީ ވިދާޅުވޭ -- ފޮޓޯ: އަދަދު


އިއުތިރާފުގެ އެއްބަސްވުމަކީ ކޮބާ؟

26 ޖުލައި 2021 - 08:53 0

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ބައިވެރި ދެ މީހަކު އިއުތިރާފުގެ އެއްބަސްވުމެއް ދައުލަތާއެކު ހަދަން ވާހަކަ ދައްކަމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ހޮނިހިރު ދުވަހުގެރޭ ވަނީ އިއުލާން ކުރައްވައިފަ އެވެ.

"މި މައްސަލައިގައި މިހާތަނަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ބައެއް މީހުން އިއުތިރާފުގެ އެއްބަސްވުން ހަދަން އަޅުގަނޑުމެންނާއެކު ވާހަކަ ދައްކަމުން އެބަދޭ. އަޅުގަނޑުމެން އަދި އެކަމަށް ގޮތެއް ނިންމާފައެއް ނުވާނެ. އަޅުގަނޑުމެން އެ ޑިސްކަޝަންތައް އިތުރަށް ކުރިއަށްގެންދާނީ މައްސަލަ ދިރާސާ ކުރަމުންދާއިރު،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އެއީ ކޮން ދެމީހުނެއްކަމެއް ޕީޖީ ވިދާޅެއް ނުވެ އެވެ. އަދި އިއުތިރާފުގެ އެއްބަސްވުމަކަށް ދާނެތޯ ނުވަތަ ނޫންތޯ ނިންމާނީ މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދިރާސާ ކުރަމުން މިދަނީ އިއުތިރާފްވި މީހުންގެ އަތުން ކޮންކޮން މައުލޫމާތުތަކެއްތޯ ލިބެނީ،" އޭނާ ވިދާޅުވި އެވެ.

އިއުތިރާފްގެ އެއްބަސްވުމަކީ ކޮބާ؟

އިއުތިރާފުގެ އެއްބަސްވުމަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ހިންގުން އަވަސް ކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުން ހުޅުވައިދީފައި އޮތް ދޮރެއް ކަމަށް ބުނެވިދާނެވެ. އެފަދަ އެއްބަސްވުންތަކުން ދައުލަތަށް އޮންނާނޭ މަންފާއަކީ، ތުހުމަތު ކުރެވޭ މީހާގެ ފަރާތުން ލިބޭ މައުލޫމާތުގެ އަލީގައި މައްސަލަ ތަހުގީގު ކުރުމަށް ފަސޭހަ ވުމާއި، އެ މައްސަލައިގައި އިތުރު މީހުން ހިމެނޭނަމަ އެ މީހުންގެ މައްޗަށް ހެކި ހޯދަން މަގުފަހި ވުމެވެ. ދައުވާ ލިބޭ މީހާއަށް އޮންނާނޭ މަންފާއަކީ އޭނާގެ މައްޗަށް ކަނޑައެޅޭ އަބަދުގެ މިންވަރު ލުއިވުމާއި، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މައްސަލަ އަވަހަށް ނިމުމެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން ތުހުމަތު ކުރެވޭ މީހާއަށް އިއުތިރާފްގެ އެއްބަސްވުމަކަށް ދެވޭނީ ޕްރޮސެކިއުޓާ ޖެނެރަލްއާ ވާހަކަ ދައްކައިގެނެވެ. އަދި އެ އެއްބަސްވުމުގައި ދައުލަތުގެ ފަރާތުން ޕީޖީ ސޮއި ކުރުމާއެކު ތުހުމަތު ކުރެވޭ މީހާ ވެސް ސޮއި ކުރަންޖެހެ އެވެ.

ތުހުމަތު ކުރެވޭ މީހާ އާއި ދައުލަތާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް ހެދިނަމަވެސް އެ މީހެއްގެ މައްޗަށް ދައުވާކުރާނެ އެވެ. އެހެންނަމަވެސް އެފަދަ އެއްބަސްވުމެއްގެ ދަށުން އޭނާގެ އަދަބު ލުއި ކުރުމަށް ދައުލަތަށް ހުށަހެޅިދާނެ އެވެ. އެގޮތުން ދައުވާ ކުރެވޭ ކުށަކަށް ގާނޫނުގައި ކަނޑައަޅާފައި އޮންނަ އެންމެ ކުޑަ އަދަބަށް ވުރެ ކުޑަނުވާނެ މިންވަރަށް އަދަބު ލުއިކުރެވިދާނެ އެވެ

އިއުތިރާފުގެ އެއްބަސްވުން އިންނަންޖެހޭ ގޮތުގެ ނަމޫނާއެއް: މިފަދަ އެއްބަސްވުމެއް ހެދި ނަމަވެސް ތުހުމަތު ކުރެވޭ މީހާއަށް އިއުތިރާފުން ރުޖޫއަވެވިދާނެ --


ޕްރޮސެކިއުޓް ކުރުމުގެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދުގައި ބުނާ ގޮތުން އިއުތިރާފުގެ އެއްބަސްވުމަކަށް ދިޔުމަށް ދައުލަތަށް ނިންމޭނީ އެ މައްސަލައެއްގައި ހުރި ހެއްކާއި ގަރީނާތައް ރަނގަޅަށް ވަޒަން ކުރުމަށްފަހު އެވެ. އެއްބަސްވުމަކަށް އާދެވިއްޖެނަމަ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާ ކުރަން ޖެހެ އެވެ.

އިއުތިރާފުގެ އެއްބަސްވުމެއް ހެދި ނަމަވެސް ތުހުމަތު ކުރެވޭ މީހާއަށް ކޯޓުގައި އިއުތިރާފުން ރުޖޫއަވެވިދާނެ އެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އިއުތިރާފުގެ އެއްބަސްވުން ވަގުތުން އުވޭނެ ކަމަށް ޕްރޮސެކިއުޓް ކުރުމުގެ އިޖްރާއަތުގެ ގަވާއިދު ބުނެ އެވެ.

ދައުވާ ކުރާއިރު، ދައުވާ ލިބޭ މީހާއާއެކު ހަދާފައި އޮތް އިއުތިރާފުގެ އެއްބަސްވުމެއް އޮތްނަމަ، ފަނޑިޔާރު އަދަބު ކަނޑައަޅަންވާނީ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށްވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޖުމްލަ 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އެއީ، ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި އަހުމަދު އަދުހަމް އާއި މުޖާޒް އަހްމަދުގެ އިތުރުން ތަހުމީން އަހްމަދު، 32، އާއި އަހުމަދު ފާތިހު، 23، އެވެ. ދެން ބަންދުގައި ތިބީ މ. ކުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ، ހުދުރުމާގޭ ފަހުމީ އަލީ އާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަން އެވެ. އޭގެ އިތުރުން އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ހއ. މޮޅަދޫ، ބަހާރުގޭ އަބްދުﷲ އަލިމަނިކު ވެސް ހުރީ އެ މައްސަލަގައި ހައްޔަރުކޮށްފަ އެވެ.

މިހާރު ދައުވާކުރަން ފޮނުވާފައި ތިބި މީހުންގެ ތެރެއިން އަދުހަމް ވަނީ ތަހުގީގުގައި ކުށަށް އިއުތިރާފްވެ ބަޔާން ދީފައި ކަމަށް "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ. އެހެންކަމުން، އިއުތިރާފްގެ އެއްބަސްވުމެއް ހެދުމަށް އެދޭ މީހުންނަކީ ކަނޑައެޅިގެން ކޮންބައެއްކަން ރަސްމީ އިދާރާއަކުން ހާމަ ނުކުރި ނަމަވެސް އޭގެ ތެރޭގައި އަދުހަމް ހިމެނޭނެ ކަމަށް ބުރަވެވެ އެވެ.