Advertisement

ފެންބޮޑުވުމުން އަރައިނުގަނެވިގެން އުޅެނިކޮށް އަނެއްކާވެސް ޗައިނާއަށް ތޫފާނެއް

25 ޖުލައި 2021 - 12:05 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ތޫފާނުގައި ވެއްޓުނު ގަހެއް އެއް ކައިރި ކުރަން މަސައްކަތް ކުރަނީ.-- ފޮޓޯ: ބެންކޮކް ޕޯސްޓް


ފެންބޮޑުވުމުން އަރައިނުގަނެވިގެން އުޅެނިކޮށް އަނެއްކާވެސް ޗައިނާއަށް ތޫފާނެއް

25 ޖުލައި 2021 - 12:05 0

ނިންގްބޯ، ޗައިނާ (ޖުލައި 25) - އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިނުގަނެވިގެން އުޅެނިކޮށް ގަދަ ވަޔާއި ވިއްސާރައާއެކު އިރުމަތީ ޗައިނާއަށް ތޫފާން އިން-ފާ އަރައިފި އެވެ.

ނިންގްބޯގެ ޝިޕިން ބަނދަރަކާ ދިމާލުން ތޫފާނުގެ އަސަރު ކުރަން ފެށިއިރު، ކަނޑާއި، ވައި އަދި ރޭލު ދަތުރުތައް ވަނީ މެދުކަނޑާލާފަ އެވެ. ޗައިނާގެ އެންމެ ބޮޑު ސިޓީ ޝަންހާއީއަށް ވެސް އާދީއްތަ ދުވަހު ހެނދުނު މި ތޫފާނުގެ އަސަރު ކުރި އެވެ.

އެ ސިޓީގެ ދެ އިންޓަނޭޝަނަލް އެއާޕޯޓުގެ ހުރިހާ އިންބައުންޑް އަދި އައުޓްބައުންޑް ފްލައިޓެއް ވަނީ ކެންސަލްކޮށްފަ އެވެ. ގިނަ އަދަދެއްގެ ރޭލު ދަތުރުތައް ވެސް ކެންސަލްކޮށްފައި ވެ އެވެ. ދުނިޔޭގެ އެންމެ ބޮޑު ދެ ބަނދަރު، ޝަންހާއީ އަދި ނިންގްބޯ ބަނދަރު ވެސް ވަނީ ބަންދުކޮށްފަ އެވެ.

އާއްމުން ގެތަކުގައި ތިބުމަށް އަންގާފައި ވާއިރު، ޝަންހާއީ އާއި އެހެން ބޮޑެތި ސިޓީތަކުގައި އާއްމުން ޖަމާވާ ގިނަ ތަންތަން ވަނީ ބަންދުކޮށްފަ އެވެ.

މިދިޔަ ހަފްތާގައި ހިނާން ޕްރޮވިންސަށް ތިން ދުވަސް ތެރޭ އެއް އަހަރުގެ ވާރޭ ވެހި ހިނގި އެކި ހާދިސާތަކުގައި 58 މީހުން ވަނީ މަރުވެފަ އެވެ.

އެ ވާރޭގެ ސަބަބުން ފެންބޮޑުވުމުން އެތައް މިލިއަން ބަޔަކަށް އަސަރުކޮށްފައި ވާއިރު، ކާބޯތަކެއްޗާއި ފެން ނުލިބި ގިނަ ބަޔަކު އަދިވެސް ތިބީ ތާށިވެފަ އެވެ.

ޗައިނާގެ މިޓިއޮރޮލޮޖިކަލް އޮތޯރިޓީން ބުނީ އިން-ފާ އެރުމަށް ފަހު އޭގެ ބާރު ދާނީ ކުޑަވަމުން ކަމަށެވެ. ނަމަވެސް ދުވަސްތަކެއް ވަންދެން އިރުމަތީ ޗައިނާއަށް އެ ތޫފާނުގެ އަސަރު ކުރާނެ އެވެ. އެހެންވެ، ބޯކޮށް ވާރޭ ވެހި އަލުން ފެންބޮޑުވުމުގެ ބިރު އެބަ އޮތެވެ.

"ތޫފާނުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ސަމާލުވެ، އާދަޔާ ހިލާފަށް ވާރޭ ވެހިއްޖެ ނަމަ ކުރާނެ އަސަރު ކުޑަ ކުރަން ތައްޔާރުވެ ތިބުން މުހިއްމު،" ޗައިނާ މިޓިއޮރޮލޮޖިކަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.

ކޮންމެ އަހަރަކު ވެސް މޫސުމީ ވިއްސާރައާ ދިމާކޮށް ޗައިނާގައި ފެންބޮޑުވެ އެވެ. އަދި ހަމަ އެ ދުވަސްވަރާ ދިމާކޮށް ތޫފާނު އެރުމަކީ ވެސް އާދައެކެވެ.

ނަމަވެސް ފާއިތުވި ހަފްތާގައި ހިނާން ޕްރޮވިންސަށް ރިކޯޑް މިންވަރަށް ވާރޭ ވެހުމުން، މޫސުމީ ބަދަލުގެ ސަބަބުން ކުރާ އަސަރެއް ސިޓީތަކުން ތައްޔާރުވެފައި ނުވާ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.