Advertisement

އޮލިމްޕިކްސް: ދުނިޔޭގެ ރޭންކިން ނުވަ ވަނަ އަތުން ބަލިވެ ނަބާ އަށް ތަޖުރިބާއެއް

25 ޖުލައި 2021 - 09:56 0

2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ މެޗެއްގެ ތެރެއިން ނަބާހާ.


އޮލިމްޕިކްސް: ދުނިޔޭގެ ރޭންކިން ނުވަ ވަނަ އަތުން ބަލިވެ ނަބާ އަށް ތަޖުރިބާއެއް

25 ޖުލައި 2021 - 09:56 0

ޓޯކިޔޯ އޮލިމްޕިކްސްގައި ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް (ނަބާ) ކުޅުނު ފުރަތަމަ މެޗުން މިއަދު ޗައިނާގެ ހީ ބިންގްޖިއާއޯ އަތުން ބަލިވި ނަމަވެސް މުހިއްމު ތަޖުރިބާއެއް ހާސިލްކޮށްފި އެވެ.

ދުނިޔޭގެ ރޭންކިންގެ ނުވަ ވަނައިގައި އޮތް ހީ އަތުން ނަބާ ބަލިވީ 21-06، 21-03 އިންނެވެ. ޖުމްލަ 20 މިނިޓުން ނިމިގެންދިޔަ މި މެޗުގައި ހީ ވަނީ މި ލެވަލްގެ މުބާރާތްތަކުގައި އޭނާގެ ތަޖުރިބާގެ ބޭނުން ވަރަށް ރަނގަޅަށް ހިފައިފަ އެވެ. ނަބާ އަށް ހެދޭ ކުޑަ ގޯސްތަކުގެ ފައިދާނަގައި ހީ ދިޔައީ ލީޑުފުޅާކުރަމުންނެވެ. ފުރުސަތު ލިބޭ ވަރަކަށް ނަބާ ވެސް މެޗުގެ ތެރެއަށް ވަންނަން މަސައްކަތްކުރި ނަމަވެސް ހީ ކައިރިން މާ ބޮޑު ޖާގަތަކެއް ނުލިބޭތީ ރަނގަޅަށް މެޗުގެ ތެރެއަށް ނުވަދެވި ބަލިވީ އެވެ.

މި ފަހަރުގެ އޮލިމްޕިކްސްގެ ޓްރެއިނިންއެއްގެ ތެރެއިން ނަބާ.


ނަބާގެ ދެ ވަނަ މެޗުގައި މާދަމާ ކުޅެން ޖެހޭނީ އީރާންގެ ސޮރާޔާ އަގޭއިއާ ދެކޮޅަށެވެ. ނަބާ ވަނީ މީގެ ކުރިން ސޮރާޔާއާ ދެކޮޅަށް ކުޅެފަ އެވެ. އެ ގޮތުން 2019 ވަނަ އަހަރު ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގައި ސޮރާޔާއާ ވާދަކޮށްފަ އެވެ. އެ މެޗުން ސޮރާޔާ މޮޅުވީ 21-11، 21-11 އިންނެވެ.

ރާއްޖޭގެ ކުޅިވަރު ތާރީހުގައި ބެޑްމިންޓަނުން އޮލިމްޕިކްސްގައި ވާދަކުރާނެ ފުރަތަަމަ އަންހެން ކުޅުންތެރިޔާ އަކީ ނަބާ އެވެ. އީރާނުގެ ސޮރާޔާ އަކީ ބެޑްމިންޓަނުން އޮލިމްޕިކްސް އަށް ކޮލިފައިވި އީރާންގެ ފުރަތަމަ އަންހެން ކުޅުންތެރިޔާ އެވެ.

ކޮންމެ ގްރޫޕަކުން ވެސް ގަދަ 16 ކުޅުންތެރިންގެ ބުރަށް ހޮވޭނީ އެއް ވަނަ އަށް ދާ ކުޅުންތެރިޔާ އެވެ. ނަބާ އަތުން މިއަދު ހީ ހޯދި މޮޅާ އެކު އޭނާ އަނެއް ބުރަށް ދަތުރުކުރުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.

އޮލިމްޕިކްސްގައި މިއަދު ރާއްޖޭގެ އަންހެން ފެތުންތެރިޔާ އައިޝަތު ސާޖިނާގެ އިވެންޓް އޮންނާނެ އެވެ. ސާޖިނާ ވާދަކުރަނީ 100 މީޓަރު ބްރެސްޓްރޯކް އިވެންޓްގަ އެވެ.