Advertisement

ގެއްލިގެން ހޯދި މިސްބާހު ރާއްޖެ އައުމުން ހައްޔަރުކޮށްފި

23 ޖުލައި 2021 - 19:10 0

އަމަން ހަލީމް

އަމަން ހަލީމް

ގެއްލިގެން ހޯދަމުން ދިޔަ މިސްބާހު މުހައްމަދު: މީނާއަކީ ޑްރަގް ނެޓްވޯކަކުން ރަހުނުކޮށްފައި ހުރި މީހެއް ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: ފުލުހުން


ގެއްލިގެން ހޯދި މިސްބާހު ރާއްޖެ އައުމުން ހައްޔަރުކޮށްފި

23 ޖުލައި 2021 - 19:10 0

ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ޑްރަގް ނެޓްވޯކަކުން ޕާކިސްތާނުގައި ރަހުނުކޮށްފައި ހުރި ކަމަށް ބުނާ މިސްބާހު މުހައްމަދު އަނބުރާ ރާއްޖެ އަތުވެއްޖެ އެވެ.

ހދ. ނޮޅިވަރަންފަރު، މޯނިންސަން މިސްބާހު ވީނުވީއެއް ނޭނގިގެން އޭނާގެ އާއިލާއިން ހޯދަން ފެށީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އޭރު އޭނާ ހޯދަމުން ދަނިކޮށް އޭނާ ދިރިއުޅެމުން ގެންދިޔައީ ޕާކިސްތާނުގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި ހުސްވި ޖޫން މަހު ފުލުހުން ވަނީ އޭނާ ހުރީ ޑްރަގް ނެޓްވޯކަކުން މަސްތުވާތަކެތި ރާއްޖެ ގެންނަން "ރަހުނުކޮށްފައި" ކަމަށް ބުނެފަ އެވެ.

އެކަމަކު އެ ފަހުން އޭނާ ވަނީ ތިމަންނާ ހުރީ ރަހުނުކޮށްފައި ނޫން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާންމުކޮށްފަ އެވެ. އެކަމަކު ފުލުހުން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

މިސްބާހު ރާއްޖެ އައުމުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފަ އެވެ. ފުލުހުން ބުނީ އޭނާ ކަރެކްޝަނާ ހަވާލުކުރީ މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރުމަށް ކަމަށެވެ. އަދި ޑްރަގް ނެޓްވޯކާ ގުޅިގެން ޕާކިސްތާނަށް ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިސްބާހުގެ މައްސަލައިގައި ފުލުހުން ބުނީ އޭނާ ފުރަތަމަ ރާއްޖެއިން ފުރައިގެން ދިޔައީ އޭނާ ގުޅިގެން އުޅޭ ޑްރަގް ނެޓްވޯކުގެ ބޮޑަކާ އެކު މިދިޔަ އަހަރުގެ ނޮވެމްބަރުގެ ތެރޭގައި ޑުބާއީއަށް ކަމަށެވެ. އޭނާއާ އެކު ދަތުރުކުރި ބޮޑަކީ ރާއްޖެއަށް ކަނޑުމަގުން "މަސްޖަރީ-2" ދޯނީގައި 72 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ތުހުމަތުކުރެވޭ ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު އެވެ.

އޭގެ ފަހުން އިރުފާން ނޮވެމްބަރު 22 ގައި ރާއްޖެ އައި ނަމަވެސް، އޭގެ ޖެހިގެން އައި ދުވަހު މިސްބާހު ދަތުރުކުރީ ޕާކިސްތާނަށެވެ. އަދި ފުލުހުން ބުނާ ގޮތުން އެ ދުވަހުން ފެށިގެން އޭނާ ހުރީ އެ ނެޓްވޯކުން ގެނައި މަސްތުވާތަކެތީގެ އަގު އަދާކުރެވެންދެން ގެރެންޓީއެއްގެ ގޮތުގައި ރަހުނުކޮށްފަ އެވެ.

މި 72 ކިލޯގެ މައްސަލައިގައި އިރުފާން ހިމެނޭ ގޮތަށް 10 މީހެއްގެ މައްޗަށް ދައުވާކޮށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ވަނީ ފެބްރުއަރީ މަހު ކޯޓަށް މައްސަލަ ފޮނުވާފަ އެވެ. އޭގެ ފަހުން މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތުތަކެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނި ގޮތުގައި ރާއްޖެއަށް ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެކުރަން ދިވެހިންނާ ގުޅިގެން އުޅޭ ބޭރުގެ ނެޓްވޯކްތަކުން މަސްތުވާތަކެތި ދޫކުރަނީ ފައިސާ ލިބެންދެން ރަހުނުގެ ގޮތުގައި މީހަކު ބަހައްޓާ ގޮތަށެވެ. އަދި މިފަހުން ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވާ ގިނަ މަސްތުވާ ނެޓްވޯކްތައް އޮޕަރޭޓް ކުރަނީ މި އުސޫލުން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.