Advertisement

ފުރަތަމަ ތިވާހަކަ ހެއްޔެވެ؟

23 ޖުލައި 2021 - 10:32 1

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ފުރަތަމަ ތިވާހަކަ ހެއްޔެވެ؟

23 ޖުލައި 2021 - 10:32 1

މުނިފޫހިފިލުވުމާއި ހީނ ސަމާސަ ކުރުމުގައި އިސްލާމުން ގެންގުޅެންވީ މިންގަނޑަކީ ކޮބައިތޯ އެވެ؟ ހިލޭ އަންހެނަކާ ފިރިހެނަކު އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ހަލާލުވާނެ ހެއްޔެވެ؟ ޒީނަތްތެރިވުމުގެ ގޮތުން ބުމަ ހެދިދާނެ ހެއްޔެވެ؟ ލަވަޔާއި މިއުޒިކު ހުއްދަވާނެ ހެއްޔެވެ؟

މަތީގައި މި ބަޔާންކުރެވުނީ އިސްލާމީ ފިގުހުގައި ހަމަ ބޮޑެތި މައުލޫތަކެވެ. އެކަންކަމާމެދު އިލްމުވެރިން ވަރަށް ފުޅާކޮށް ވާހަކަ ދައްކަވާ ކަންކަމެވެ. ދީނުގެ ބޮޑެތި އިލްމުވެރިންގެ މެދުގައިވެސް ހިލާފު ހުރި ކަންކަމެވެ. އަޅުގަނޑުމެން ފަދަ މައުލޫމާތާއި އިލްމުގެ ގޮތުން މެދުމިނަށް ވެސް ވާސިލުނުވެވޭ މީހުނަށް ނަމަ މިއީ ދައްކައި އުޅޭންވެސް މާ ބޮޑެތި ވާހަކަ ތަކޭ ހީވެ އެވެ.

އިއްޔެ އިސްލާމްވި މީހަކާ މިއަދު ބައްދަލުވެއްޖެނަމަ އިސްލާމްދީނާ ބެހޭގޮތުން ނުވަތަ ދީނުގެ ކަންކަމުގެ ތެރެއިން އޭނާއާއެކު ދައްކާލަން އިހްތިޔާރުކުރާނީ ކޮން ވާހަކައެއް ހެއްޔެވެ؟ އިސްލާމީ އިލްމުތަކުގެ ތަނަވަސް ކަނޑުން އަހަރެން ނަގާނީ ﷲ ގެ އެއްކައުވަންތަކަމަށް ހާއްސަ މައުލޫއެއް ހެއްޔެވެ؟ ނުވަތަ ފިގުހުވެރިންގެ ބަހުސެއް ހެއްޔެވެ؟ އިސްލާމްދީނާ ގުޅުންހުރި މައުލޫއެއް އިހްތިޔާރުކޮށް ހިޔާލު ބަދަލުކޮށްލުމުގައި، އިއްޔެ އިސްލާމްވި މީހަކާއި އިހަށް ދުވަހު އިސްލާމްވި މީހަކާއި މީގެ ދެއަހަރު ކުރިން އިސްލާމްވި މީހަކާ ތަފާތެއް ހުރެދާނެ ހެއްޔެވެ؟ ނުވަތަ ވިހޭއިރު ވެސް މުސްލިމެއްގެ ގޮތުގައި ބޮޑުވި މީހަކާއި އިއްޔެ އިސްލާމްވި މީހަކާ ދެމެދު ތަފާތެއް ގެންގުޅެންޖެހޭ ހެއްޔެވެ؟ ވިހޭއިރު މުސްލިމެއްގެ ގޮތުގައި ހުއްޓަސް އިސްލާމްދީނުގެ މައުލޫމާތު އެކަށީގެންވާ ގޮތުގައި މިހާތަނަށް ލިބިފައިނުވާނަމަ، އިއްޔެ އިސްލާމްވި މީހަކާ އޭނާއާމެދު ހުރީ ކޮން ތަފާތެއް ހެއްޔެވެ؟

މާތް ނަބިއްޔާ ސައްލަﷲ އަލައިހިވަސައްލަމް ޔަމަންކަރަޔަށް ދީނުގެ ދައުވަތައިގެން މުއާޒް ބިން ޖަބަލް ފޮނުއްވަމުން ދެއްވި އިރުޝާދު ހަނދާންކޮށްލުން މުހިންމެވެ. ހަދީސްކުރެއްވި އެވެ. ތިޔަ ވަޑައިގަންނަވަނީ އަހުލުކިތާބީންގެ ބަޔެއްގެ ގާތަށެވެ. ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށާއި މުހައްމަދުގެފާނަކީ ﷲ ގެ ރަސޫލާކަމަށް ހެކިވުމަށް އެމީހުންނަށް ފުރަތަމަ ގޮވާލާށެވެ. އެކަމުގައި ކަލޭގެފާނަށް އެމީހުން ކިޔަމަންތެރިވެއްޖެނަމަ، ރެޔަކާ ދުވާލަށް ފަސް ނަމާދު މާތް ﷲ ފަރުޟުކުރައްވާފައިވާކަން އެބައިމީހުންނަށް އަންގައިދޭށެވެ. އެކަމުގައިވެސް އެބައިމީހުން ކިޔަމަންތެރިވެއްޖެނަމަ، އެބައިމީހުންގެ މުއްސަނދިން އަތުން ފަގީރުންނަށް ނެގޭ ސަދަގާތެއްގެ ގޮތުގައި ޒަކާތް އެބައިމީހުންގެ މައްޗަށް ފަރުޟުކުރެއްވިކަން އެބައިމީހުންނަށް އަންގައިދޭށެވެ.

ވަރަށް ކުރުކޮށް މާތް ނަބިއްޔާ ދެއްވި ކޮންފަދަ އަގުހުރި އިރުޝާދެއްތޯ އެވެ. މާތް ﷲ ގެ އެއްކައުވަންތަކަމާއި މާތް މުހައްމަދުގެފާނުގެ ރަސޫލުކަން ގަބޫލުނުކުރާ މީހެއް ކައިރީ ނަމާދުކުރާށޭ ބުނުމަކީ ބޭކާރު ކަމެކެވެ. އަދި ކަލާނގެ އެއްކައުވަންތަކަން ގަބޫލުކުރިޔަސް ނަމާދުކުރާހާ ހިތްވަރެއް ނެތް މީހަކު ރޯދަޔެއް ހިފާނީ ކޮން ގޮތަކުން ހެއްޔެވެ؟ ހަށިގަނޑުގެ ހަރަކާތްތަކުން ކިޔަމަންތެރިކަން އަދާނުކުރެވޭ މީހަކު އޭނާގެ މުދަލުން ﷲ އަށް ކިޔަމަންތެރިކަން އަދާކުރާނީ ކިހިނެއް ހެއްޔެވެ؟

އުއްމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިކަމަށް ބުޚާރީގައި ރިވާވެގެންވެ އެވެ. ކީރިތި ގުރުއާނުން އެންމެ ފުރަތަމަ ބާވާލެއްވުނީ ސުވަރުގެޔާއި ނަރަކައިގައިގެ ވާހަކަ ބަޔާންކުރެވިފައިވާ ބައިތަކެވެ. ހަރާމާއި ހަލާލް ބާވާލެއްވުނީ އެކަންކަމަށް މީސްތަކުން އަހުލުވެރިވުމަށްފަހުގަ އެވެ. އެންމެ ފުރަތަމަ ރާނުބޯށޭ ވަހީކުރެއްވިނަމަ، ދުވަހަކުވެސް ތިމަންމެން ބަނގުރާ ދޫކޮށްނުލާނޫއޭ މީސްތަކުން ބުނީސްކަން ގައިމެވެ. ނުވަތަ ޒިނޭނުކުރާށޭ އެންގެވިނަމަ ޒިނޭކުރުން ހުއްޓައެއް ނުލާނަމޭ މީސްތަކުން ބުނާނެކަން ގައިމެވެ.

މާތް ނަބިއްޔާގެ އިސްވެދިޔަ އިރުޝާދުފުޅާއި އުންމުލްމުއުމިނީންގެ ބަސްފުޅުން ޝައްކެތް ނެތި ޔަގީންކުރެވޭ ކަމަކީ، ދީނަށް ގޮވާލުމުގައި ތަރުތީބެއް ގެންގުޅުމަކީ ކަނޑައެޅިގެން ލާޒިމުކަމެއް ކަމެވެ. ވާޖިބުކަމެއް ކަމެވެ. މުހިންމު ކަންތައް އަންނަންވާނީ އެޔަށްވުރެ މާ މުހިންމު ކަންތަކަށް ފަހުގައިކަމެވެ. ސުންނަތް އަންނަންވާނީ ވާޖިބަށް ފަހުގައި ކަމެވެ. ހިޔާލު ތަފާތުވުން ހުރި މައުލޫއުތައް ފެންމަތިކުރަންވާނީ ހުރިހާ އިލްމުވެރިން އެއްބަސްވާ ކަންކަން ތަންފީޒުވެ އާދަކާދައަށްވެ ސަގާފަތަކަށްވެ ނިމޭފަހުން ކަމެވެ.

ސުވާލަކީ ދިވެހިރާއްޖޭގައި ގެންގުޅެންވީ ތަރުތީބަކީ ކޮބައިތޯ އެވެ. އެއީ ޖަވާބުދިނުން އެހާ ފަސޭހަ ސުވާލެއް ނޫނެވެ. ދިވެހިންގެ ވިސްނުންތައް ގިނަކަމުންނެވެ. ދިވެހިން އުޅެބޮޑުވެ ތަރުބިއްޔަތުވީ ދުނިޔޭގެ ގައުމުތަކާއި ސަގާފަތްތައް ގިނަކަމުންނެވެ. އެކި ދިވެހިން ނަމޫނާ ނަގާ ތަންތަނާއި މީހުން ތަފާތުކަމުންނެވެ. ތައުލީމީގޮތުން އެއް ފެންވަރެއްގެ ދިވެހިންގެ ތެރޭގައި ވެސް ދީނީ މައުލޫމާތު ހުންނަ މިންވަރު އެކި މީހުން ތަފާތުވާލެއް ބޮޑުކަމުންނެވެ. ވަކި ވެއްޓެއް ވަކި ރަށެއް ވަކި ތައުލީމީ ބެކްރައުންޑަކަށް ބަލައިގެން ކުރިޔާލައި އެނގެން ނެތް ވިސްނުމުގެ ތަފާތުތައް މީހުންތެރޭގައި ހުރިނެތްގޮތުގެ ނާދިރުކަމުންނެވެ.

އެކަމަކު ސަމާލުކަން ދެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. ދީނުގެ މައުލޫއުތައް ނަގައި ފެންމަތިކޮށްލެވޭއިރު ވިސްނަންވީ އެންމެ ބޮޑު ކަމަކީ، މިވާހަކަ މިދެއްކެނީ ކޮން ތަނެއްގައި ކޮން ބަޔެއްގެ ގާތުގައިތޯ އެވެ. ހުރިހާ ވައްތަރެއްގެ މީހުން ހިމެނޭ މަންސައަކަށް ހުރިހާ މައުލޫއެއް ހުރިހާ މިނެއްގައި ހެޔޮވަރެއް ނުވާނެ އެވެ.

ދީނުގެ ދައުވަތުގެ ތަރުތީބޭތޯ އެވެ. ފާޅުގައި އިސްލާމްދީނަށް ހަޖޫޖަހާ މީހުން ފެންނަލެއް ދަނީ މަދުވަމުންނެއް ނޫނެވެ. ގިނަވަމުންނެވެ. ނަމާދުކުރާ މީހުންދަނީ ގިނަވަމުންކަމެއް ނުވަތަ މަދުވަމުންކަމެއް ނޭނގުނަސް މިސްކިތަށް އަރާ މީހުން ގިނަވަމުންދާ ތަނެއް ނުފެނެ އެވެ. ސުންނަތުގެ ކުލަތައް މޫނުމަތީން ބަބުޅާލާފައި ތިބޭ ކުދިންވެސް ނަމާދުއަޅާފައި ބިޑިސުއްޓާ ދެއިނގިލި ދޭތެރެއަށް މަހާލައިގެން ކެފޭރެސްޓޯރެންޓްތަކުގައި އެތިބެނީ މަދުންނެއް ނޫނެވެ. ހަމަ ގިނައިންނެވެ.

މަސްތުވާތަކެތީގެ މައްސަލަ ވެސް އެހާބޮޑެވެ. ވައްކަމާއި މާރާމާރީއާއި މީހުން މެރުމާއި ތޫނު ހަތިޔާރުން ހަމަލާދިނުމާއި، ކުޑަކުދިންނާ ބެހެމާއި މަގުމަތީގައި އިސްދަށަށް ޖަހާލުމެއް ނެތި، އަންހެނަކަށްވިއްޔާ ބަލަމުން ތުންގޮއްވަމުން ފޮށި ފުރައްސާރަކުރުމުން ފެށިގެންގޮސް ރޭޕްކުރުމާއި ބޮންގޮއްވުމާއި ޓެރަރިޒަމް ވެސް މިއޮއްގެން އިތުރުވީ އެވެ.

އަރަބި ޅެންވެރިޔަކު ކިޔާފައި އޮވެ އެވެ. ތަފާތު ދެބަލި ހަށިގަނޑުގައި ޖަމާވެއްޖެނަމަ ބުއްދިވެރިޔާ ފަރުވާކުރަނީ އެ ދެބަލީގެ ތެރެއިން ނުރައްކާތެރިކަން ބޮޑު ބައްޔަށެވެ.