Advertisement

އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާނީ މުބާލް އާއި ނަބާހާ

23 ޖުލައި 2021 - 08:09 0


އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާނީ މުބާލް އާއި ނަބާހާ

23 ޖުލައި 2021 - 08:09 0

މިއަދު ޖަޕާނުގެ ޓޯކިޔޯގައި ފަށާ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ (ނަބާ) އާއި ފެތުންތެރިޔާ މުބާލް އައްޒާމަށް ލިބިއްޖެ އެވެ.

ދިދަ އުފުލާނެ ކުޅުންތެރިން ކަނޑައަޅާ އިއްޔެ ދިދަ ހަވާލުކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ ޖަޕާނުގަ އެވެ. މި ދެ ކުޅުންތެރިންނާ ދިދަ ހަވާލުކުރީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރާއި އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރާ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް (މުންތޭ) އެވެ. އަދި މި އިވެންޓްގައި އޮލިމްޕިިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) އާއި ރާއްޖޭގެ ކޮންޓިންޖެންޓްގައި ހިމެނޭ އެހެން މެމްބަރުން ބައިވެރިވި އެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރަނީ ތިން ކުޅިވަރަކުން ހަތަރު އެތުލީޓުންނެވެ. އެއީ ފެތުމުން މުބާލާއި އައިޝަތު ސާޖިނާ އަދި ބެޑްމިންޓަން އިން ނަބާހާ އަދި ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ.

ދިދަ އުފުލުމުގެ ޝަރަފް ލިބުނު ނަބާހާ އަކީ ރާއްޖޭގެ ތާރީހުގައި އޮލިމްޕިކްސްގައި ވާދަކުރާނެ ފުރަތަމަ އަންހެން ކުޅުންތެރިޔާ އެވެ. މީގެ ކުރިން އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ ހަމައެކަނި ބެޑްމިންޓަން ކުޅުންތެރިއަކީ 2012 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ވާދަކުރި މުހައްމަދު އަޖުފާން އެވެ.

ދިދަ ހަވާލުކުރުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ބެޑްމިންޓަން އިންޓަނޭޝަނަލް މުބާރާތަކުން ނަބާގެ އެންމެ ބޮޑު ކާމިޔާބީ އަކީ 2019 ވަަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގެ ޑަބަލްސް އިވެންޓުން ހޯދި ދެ ރަން މެޑަލް އެވެ. އެއީ ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަނުން ގަބޫލުކުރާ މުބާރާތަކުން ރާއްޖެ އަށް ލިބުނު ފުރަތަމަ ދެ ރަން މެޑަލެވެ. މީގެ އިތުރުން ވެސް ނަބާ ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި މެޑަލްތަކެއް ހާސިލްކޮށްފަ އެވެ. އޭގެ ތެރޭގައި 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކާމިޔާބީތައް ފާހަގަކޮށްލެވެ އެވެ.

ޕްރޮފެޝަނަލްކޮށް ފެތުމުގެ ތެރެއަށް 2014 ވަނަ އަހަރު ނުކުތް މުބާލަށް މި ފަހަރުގެ އޮލިމްޕިކްސް އިން ފުރުސަތު ލިބުނީ ފަހު ވަގުތު އެވެ. އެއީ ދުނިޔޭގެ ފެތުމުގެ މައި އިދާރާ ފީނާ އިން ގެނައި ބަދަލުތަކުގެ ތެރެއިން ރޭންކިން އަށް ބަލައިގެންނެވެ. އޭނާ ވަނީ އުމުރުން އެންމެ 13 އަހަރުގައި ދެކުނު ކޮރެއާގައި 2014 ވަނަ އަހަރު ބޭއްވި އޭޝިއަން ގޭމްސްގައި ވާދަކޮށްފަ އެެވެ. އަދި އޭގެ ހަތަރު އަހަރު ފަހުން 2018 ވަނަ އަހަރު އިންޑޮނީޝިއާގައި ބޭއްވި އޭޝިއަން ގޭމްސްގައި އަށް ގައުމީ ރެކޯޑެއް މުގުރާލި އެވެ.

ފެތުމުގެ ކެރިއަރުގައި މުބާލް އެންމެ ހާސިލްކުރަން ބޭނުންވާ ކަމަކީ ކޮލިފައިން ސްލޮޓެއްގެ ތެރެއިން އޮލިމްޕިކްސްގެ ޖާހައެއް ހޯދުމެވެ.

އެންމެ ފަހުން 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯ ޑި ޖަނެއިރޯގައި ބޭއްވި އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލީ ފެތުންތެރިޔާ އައިމިނަތު ސަޖަން އެވެ.