Advertisement

2500 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓެއް މިފްކޯއިން ގަނެފި

23 ޖުލައި 2021 - 10:05 0

މިފްކޯއިން ގަނެގެން ގެނައި މަސް މޯޓް - ފޮޓޯ: ޓްވިޓާ/ ހުސައިން ފައިސަލް


2500 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓެއް މިފްކޯއިން ގަނެފި

23 ޖުލައި 2021 - 10:05 0

މަސް ގަނެ، އެކްސްޕޯޓްކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި 2،500 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓެއް މިފްކޯއިން ގަނެގެން ގެނެސްފި އެވެ.

ތައިލެންޑްގެ ކުންފުންޏަކުން އޮޕަރޭޓްކުރަމުން ދިޔަ، ދިގުމިނުގައި 98 މީޓަރު، ފުޅާމިނުގައި 13.6 މީޓަރުގެ މި ބޯޓު މާލެ ގެނެސްފައި ވަނީ އިއްޔެ ހަވީރު އެވެ. ބޯޓަށް ދީފައިވާ ނަމަކީ "ޖަޒީރާ ރީފާ" އެވެ.

މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވި ގޮތުގައި 1.8 މިލިއަން ޑޮލަރަށް (27.8 މިލިއަން ރުފިޔާ) ގަތް މި ބޯޓަކީ، ކުރިން ވެސް ކުރިން އޮޕަރޭޓްކުރަމުން ދިޔަ ކުންފުނިން ބޭނުންކުރަމުންދިޔަ، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ބޯޓެއް ކަމަށެވެ.

"މިދިޔަ އަހަރު ފަހުކޮޅު ރާއްޖޭގެ އުތުރުގައި މަސްވެރިކަން އާދަޔާ ރަނގަޅުވި. އޭރު ޖާގައިގެ ދަތިކަމުގެ ސަބަބުން މަސްވެރިން ބާނާ މަސް ގަތުމަށް މިފްކޯއަށް ވެސް ދަތިތައް ކުރިމަތިވި. މި އަހަރު ވެސް މަސްވެރިކަން ރަނގަޅު ވާނެ ކަމަށް ބެލެވޭ. އެހެންވެ، ބޯޓު މި ގަތީ،" ފައުޒީ ވިދާޅުވި އެވެ.

މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅު ވެއްޖެ ނަމަ، މަސް އެކްސްޕޯޓްކުރުމަށްޓަކައި އިތުރު ބޯޓުފަހަރު ޗާޓަރުކޮށްގެން ގެންނާނެ ކަމަށް ވެސް ފައުޒީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މަސް ގަނެވޭ މިންވަރު އިތުރުކުރުން. މި އަހަރުގެ މިހާތަނަށް 31،000 ޓަނުގެ މަސް ގަނެވިއްޖެ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު މިފްކޯއިން 49،000 ޓަނުގެ މަސް ގަނެފައިވާއިރު، އޭގެ ކުރީ އަހަރު ގަނެފައިވަނީ 48،000 ޓަނުގެ މަހެވެ.