Advertisement

އުތުރުގައި ނަގާ ކޮވިޑް ސާމްޕަލް ޓެސްޓް ކުރަން މާލެއަށް

22 ޖުލައި 2021 - 11:51 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކޮވިޑް ސާމްޕަލް އުފުލުމުގައި އާރްއާރްޓީން ހަރަކާތްތެރިވަނީ: ރަށްރަށުން ނަގާ ސާމްޕަލްތަކުގެ ޕީސީއާރް ޓެސްޓް ނަތީޖާ ލިބުން ލަސްވާ ކަމަށް ބައެއް ކައުންސިލްތަކުން ބުނޭ-- ފޮޓޯ: އަދަދު


އުތުރުގައި ނަގާ ކޮވިޑް ސާމްޕަލް ޓެސްޓް ކުރަން މާލެއަށް

22 ޖުލައި 2021 - 11:51 0

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ރަށް ރަށުން ނަގާ ސާމްޕަލްތަކުގެ ޕީސީއާރު ޓެސްޓް ހެދޭނެ ގޮތެއް ނެތި މާލެ ފޮނުވަމުންދާ ކަމަށް ބައެއް ކައުންސިލް ތަކުން ބުނެފި އެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ލުއި ދީފައިވާއިރު ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުޑަކުދިންނަށްވެސް ނެގެޓިވް ޕީސީއާރު ޓެސްޓާއެކު ކަރަންޓީނު ނުވެ ދަތުރު ކުރެވޭ ގޮތައް ވަނީ ހަމަޖައްސާފަ އެވެ.

އަދި އެއާ އެކު މިގޮތަށް ހަމަޖެއްސި އިރު ރަށްރަށަށް ގޮސް ކަރަންޓީނުގައި ހުރި ފަރާތްތައްވެސް ނެގެޓިވް ޕީސީއާރު ޓެސްޓާއެކު ވަނީ ދޫކޮށްލަން ފަށާފަ އެވެ.

ށ. ފޯކައިދޫ ހެލްތް ސެންޓަރުގެ ޕީއޭ އަހުމަދު އަންވަރު އިއްޔެ "އަދަދު" އަށް ވިދާޅުވީ އެ ރަށުން ނަގާ ހުރިހާ ސާމްޕަލްތަކެއް ފޮނުވަމުން ދަނީ ހުޅުމާލެއަށް ކަމަށެވެ. އަދި މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އުތުރު ސަރަހައްދުން ޕީސީއާރް ޓެސްޓް ހެދޭނެ ގޮތެއް މަގުފަހިވެފައި ނުވުން ކަމަށް ަކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން ލިބެމުން ދިޔައީ ކުޅުދުއްފުށިން. އެކަމަކު މިވަގުތު އެކޮޅުގަ އެ ހިދުމަތް ވަނީ މެދުކެނޑިފަ. މިއަދަށް މިވީ ދެ ދުވަސް. މާފަރު މަގުން މާލެއަށް މި ފޮނުވަން ޖެހެނީ ސާމްޕަލް. އިއްޔެ ފޮނުވީ ހަނިމާދޫ މަގުން،" އަންވަރު

އެކަމާ ގުޅިގެން ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ ހައްޖު ދުވަހު އެ ހިދުމަތް ހުއްޓުނު ކަމަށައި ނަމަވެސް އީދު ދުވަހު އަލުން އެ ހިދުމަތް ފަށާފައިވާނެ ކަމަށެވެ.

އެ އަތޮޅު ފުނަދޫ ކައުންސިލްގެ ނައިބް ރައީސް އަލީ ހާލިދު ވިދާޅުވީ އެ ރަށު ހޯމް ކަރަންޓީނުގައި ހުރި ފަރާތްތަކުގެ ޕީސީއާރް ޓެސްޓް ހެދުމަށް ފޮނުވަމުންދަނީ މާލެއަށް ކަމަށެވެ.

"މާލެ ފޮނުވަނީ ތަންކޮޅެއް ގިނައިން ޓެސްޓް ކުރަން ޖެހޭތީހެން ހީވަނީ. ފުނަދޫން ޓެސްޓް ކުރާއިރު ބަލާނެ ރަށު މީހުންނަށް އިސްކަން ދޭނެ،" ކަމަށް ހާލިދު ވިދާޅުވި އެވެ.

މީގެ އިތުރުން ގދ. ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝާއު މި ނޫހަށް ވިދާޅުވީ އެ ރަށުން ނަގާ ހުރިހާ ސާމްޕަލްތަކެއްވެސް ފޮނުވަނީ މާލެ އަށް ކަމަށެވެ.

"މި އަތޮޅު ތިނަދޫން ވެސް ވަކި ވަރަކަށް ޓެސްޓް ހަދައިދެނީ. ފޮނުވާތާ ދެތިން ދުވަސް ފަހުން މި ނަތީޖާވެސް ލިބެނީ،"

އަންޝާއު ވިދާޅުވީ އެ އަތޮޅުގެ އިތުރު ރަށެއްގައިވެސް ޕީސީއާރް ޓެސްޓް ކުރެވޭނެ ގޮތެއް ހަމަޖެހިފައި ވާނަމަ ފަސޭހަ ވާނެ ކަމަށެވެ.

އަތޮޅު ތަކުން ނަގާ ސާމްޕަލްތައް ޓެސްޓް ކުރުމަށް މާލެއަށް ފޮނުވާއިރު، މި މަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ވަނީ ސިއްހީ ދާއިރާގެ ބައެއް ތަކެތި ހަދިޔާ ކޮށްފަ އެވެ. އޭގެ ތެރޭގައި ކޮވިޑް-19 އާއި ގުޅިގެން ބޭނުންވާ ބައެއް ބޭސްތަކުގެ އިތުރުން، 11 ޖީން އެކްސްޕާޓް މެޝިނާއި، 10 އޮޓޯކްލޭވް އަދި ކޮވިޑް-19 އާއި ގުޅިގެން ހަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމްތައް ބޭނުންކުރުމަށް ފޮނުވި ހަ މޮޓޯސައިކަލް ހިމެނެ އެވެ.

ނެގެޓިވް ޕީސީއާރު ޓެސްޓާއެކު ރަށްރަށަށް ދަތުރު ކުރުމުގައި ލުއިތައް ދީފައި ވާއިރު، ނެގެޓިވް ޕީސީއާރު ޓެސްޓާއެކު ދަތުރު ކުރެވޭނީ ކޮވިޑް ވެކްސިންގެ 2 ޑޯޒް ހަމަކުރުމަށް ފަހު 14 ދުވަސްވެފައިވާ ފަރާތްތަކަށެވެ. އަދި މިގޮތައް ދަތުރު ކުރެވޭނީ މޮނިޓަރިންގެ ހާލަތުގައި ނުވާ ރަށްތަކަށް ކަމަށްވެސް އެޗްޕީއޭން ވަނީ ބުނެފަ އެވެ.

ކޮވިޑް ގެ ހާލަތުން ލުއިތައް ދޭން ސަރުކާރުން މި ނިންމީ ކޭސްތައް ވަރަށް ބޮޑުތަނުން ދަށަށް ދިއުމުންނެވެ. މިދިޔަ ޖޫން މަހުގެ ފަހު ކޮޅުން ފެށިގެން ސަރުކާރުން އަންނަނީ ބައެއް ލުއިތައް ދެމުންނެވެ.

ސުކޫލު ބޮޑު ބަންދާއި އަދި އަޟްހާ އީދާ ދިމާކޮށް ލުއިތައް ދީފައިވާއިރު އީދުގައި ގިނަ މީހުން އެއްވެގެން ހަރަކާތްތައް ނުބޭއްވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.