Advertisement

ކަރަންޓީނު ވާން ޖެހޭތީ ސިޓީން ފްރާންސްގައި ކުޅެން ރޭވި މެޗު ކެންސަލް!

22 ޖުލައި 2021 - 10:50 0


ކަރަންޓީނު ވާން ޖެހޭތީ ސިޓީން ފްރާންސްގައި ކުޅެން ރޭވި މެޗު ކެންސަލް!

22 ޖުލައި 2021 - 10:50 0

މެންޗެސްޓާ (ޖުލައި 22) - އިންގްލެންޑްގައި ކަރަންޓީނުވާން ޖެހޭ އުސޫލަށް ގެނައި ބަދަލާ އެކު މެންޗެސްޓާ ސިޓިން ފްރާންސްގައި ކުޅެން ރޭވި ޕްރީ ސީޒަން މެޗު ކެންސަލްކޮށްފި އެވެ.

ފްރާންސްގެ ޓްރޯޔެސްއާ ދެކޮޅަށް ސިޓީން މެޗު ކުޅެން ރޭވީ މި މަހު 31 ވަނަ ދުވަހު އެވެ. ޓްރޯޔެސް އަކީ ވެސް މެންޗެސްޓާ ސިޓީ ހިންގާ ސިޓީ ފުޓްބޯލް ގްރޫޕުން ގަނެފައިވާ ޓީމެކެވެ. ޓްރޯޔެސްއާ ދެކޮޅަށް ކުޅެން ރޭވި އެ މެޗު ކުޅެވޭތޯ އެކި ދަނޑުތައް ބެލުމަށް ފަހު އެންމެ ފަހުން މެޗު ކެންސަލްކުރަން ނިންމީ ސިޓީންނެވެ.

އެއީ ފްރާންސަށް ދިއުމަށް ފަހު އަލުން އިންގްލެންޑަށް އެނބުރި އަންނަ ކޮންމެ މީހެއް ފަސް ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހޭ ގޮތަށް އިންގްލެންޑުން އުސޫލުތައް ބަދަލުކުރުމުންނެވެ.

ސިޓީން އެ މެޗުގެ ބަދަލުގައި އިތުރު ޕްރީ ސީޒަން މެޗެއް ނުރާވަން ވަނީ ނިންމައިފަ އެވެ. ސިޓީން އެ މެޗުގެ ބަދަލުގައި އިތުރު މެޗެއް ނުކުޅެން ނިންމި އެންމެ ބޮޑު ސަބަބަކީ އެ ކްލަބްގެ އެކެޑަމީގައި ކޮވިޑް-19ގެ ގިނަ ކޭސްތަކެއް އުޅޭތީ އެވެ. ކޮވިޑްގެ ހާލަތުގެ ސަބަބުން މި މަހު 16 ވަނަ ދުވަހުން ފެށިގެން ސިޓީގެ އެކެޑަމީ މަސައްކަތް ކުރަމުން އަންނަނީ ވަރަށް މަދު ސްޓާފުން ބަހައްޓައިގެންނެވެ.

ޕްރީ ސީޒަނުގައި ސިޓީން ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. އެ މެޗުގައި ބައްދަލުކުރާނީ ޕްރެސްޓަންއާ އެވެ. ކޮވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިޓީން އެ މެޗު ކުޅެން ނިންމާފައިވަނީ އެއްވެސް ސަޕޯޓަރަކު ނުވައްދަ އެވެ.

ކުރިއަށް އޮތް ސީޒަނުގައި ސިޓީން ނުކުންނަ ފުރަތަމަ މެޗަކަށްވާނީ އަންނަ މަހު ހަތް ވަނަ ދުވަހު ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ އިނގިރޭސި އެފްއޭ ޗެރިޓީ ޝީލްޑް މެޗެވެ. އޭގެ ހަފްތާއެއްހާ ދުވަސް ފަހުން އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން ފަށަން ތާވަލުކޮށްފައިވާއިރު، ސިޓީ އަންނަ މަހުގެ 15 ވަނަ ދުވަހު އެ ޓީމުން ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ.