Advertisement

ޝާހިދުގެ އިންޑިއާ ދަތުރުފުޅުގައި ތަރައްގީގެ މަޝްރޫއުތަކެއްގެ ސޮއިކުރާނެ

22 ޖުލައި 2021 - 10:21 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެ ކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވަނީ. -ފޮޓޯ: ފޮރިން މިނިސްޓްރީ


ޝާހިދުގެ އިންޑިއާ ދަތުރުފުޅުގައި ތަރައްގީގެ މަޝްރޫއުތަކެއްގެ ސޮއިކުރާނެ

22 ޖުލައި 2021 - 10:21 0

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ތަރައްގީގެ އިތުރު މަޝްރޫއުތަކެއްގެ އެއްބަސްވުމެއްގައި ސޮއި ކުރެވޭނެ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ޝާހިދު ވަޑައިގަތް އެ ދަތުރުފުޅަކީ އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިއްސިޔަތުން ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

އިންޑިއާ ސަރުކާރުގެ ދައުވަތަކަށް ޝާހިދު ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރާ ބައްދަލުކުރައްވަން ހަމަޖެހިފައިވެ އެވެ.

އިންޑިއާ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ބައްދަލުވުންތަކުގައި ބައިނަލްއަގުވާމީ މަޝްވަރާތަކުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާބެހޭ ގޮތުން ވެސް މަޝްވަރާތައް ކުރެވޭނެ ކަމަށެވެ.

"އޭގެ އިތުރުން އެ މަޝްވަރާތަކުން ދެ ގައުމުގެ ދެމެދުގައި ބަދަހިވަމުން އަންނަ ގުޅުމުގެ ދުވެލި އިތުރަށް ހަލުއިވެގެންދާނެ. އަދި އިންޑިއާގެ އެހީގައި ދިވެހި މުޖުތަމައުއަށް ފައިދާހުރި ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށް ގެންދަން އެއްބަސްވުމެއްގައި ވެސް ސޮއި ކުރެވޭނެ،" އެ ބަޔާނުގައި ބުންޏެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން އިތުރަށް ބުނީ ޝާހިދުގެ މި ދަތުރުފުޅުގައި ބައިނަލްއަގުވާމީ މައިދާނުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އދ. އިން އަދާކުރެވޭނެ ދައުރާމެދު ޝާހިދުއާއެކު މަޝްވަރާ ކުރެވޭނެ ކަމަށެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމަށް ބޮޑު އަގުލަބިއްޔަތަކުން ޝާހިދު އިންތިހާބުވެފައިވަނީ އިންޑިއާގެ ތާއީދާއެކު އެވެ.

އާންމު މަޖިލީހުގެ ރައީސްކަމާ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ އަންނަ ސެޕްޓެމްބަރު މަހު ފެށޭ އދ.ގެ އާ ދައުރާ އެކު އެވެ.