Advertisement

ހަރުކަށި ފިކުރުގެ ގައިދީން ހާއްސަ ޔުނިޓަކަށް ބަދަލު ކުރަނީ

22 ޖުލައި 2021 - 09:59 0

މާފުށި ޖަލުގެ ބޭރުން ނަގާފައިވާ ފޮޓޯއެއް؛ ގާތްގަނޑަކަށް 40-50 ދެމެދުގެ އަދަދަކަށް ހަރުކަށި ފިކުރުގެ މީހުން އެ ޖަލުގައި އުޅޭ ކަމަށް ކަރެކްޝަންސް އިން ބުނޭ -- ފޮޓޯ: ފައިލް


ހަރުކަށި ފިކުރުގެ ގައިދީން ހާއްސަ ޔުނިޓަކަށް ބަދަލު ކުރަނީ

22 ޖުލައި 2021 - 09:59 0

ޓެރަރިޒަމްގެ ފިކުރު ޖަލުގައި ފެތުރުން ހުއްޓުވުމަށާއި ޓެރަރިސްޓުން ރިހެބިލިޓޭޓް ކުރުމަށް މާފުށީ ޖަލުގައި ބޮޑު އޮޕަރޭޝަނެއް ފަށައި ހަރުކަށި ފިކުރުގެ މީހުން ހާއްސަ ޔުނިޓަކަށް ބަދަލު ކުރުމަށް ނިންމައިފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއެއްގައި ވިދާޅުވީ މާފުށީ ޖަލުގައި ހޯމް މިނިސްޓްރީގެ ފަރާތުން އަލަށް ހަދާފައި ޔުނިޓް އަށަކަށް އަންނަ އޯގަސްޓު މަހު ގައިދީން ބަދަލު ކުރާއިރު އެ ޔުނިޓަށް މުޅިން ވެސް ބަދަލު ކުރާނީ ހަރުކަށި ފިކުރުގެ މީހުން ކަމަށެވެ.

"މިހާރު ވެސް އަޅުގަނޑުމެންނަށް ފާހަގަ ކުރެވެ ގާތްގަނޑަކަށް 40-50 ދެމެދުގެ އަދަދަކަށް ހަރުކަށި ފިކުރުގެ ގައިދީން. އެމީހުންނަކީ ޓެރަރިޒަމް ފަދަ ނުރައްކާތެރި ކުށްތަކުގައި ހުކުމްކޮށްފައި ތިބި މީހުން ނުވަތަ އަޅުގަނޑުމެންނަށް އެކި ގޮތްގޮތުން ފާހަގަވެފައި ތިބި މީހުން،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާފުށީ ޖަލުގެ ޔުނިޓް އަށެއް ހިންގާނީ ސްޕެޝަލް މެނޭޖްމަންޓް ޔުނިޓެއްގެ ގޮތުގައި ކަމަށެވެ. އަދި ކަމާ ގުޅޭ މާހިރުންނާ ގުޅިގެން އެ ޔުނިޓު ހިންގާގެ ގޮތުގެ ސްޓޭންޑާޑް އޮޕަރޭޝަން ޕްރޮސީޖާއެއް ހަދައި، ރިހެބިލިޓޭޝަންގެ ކަންކަން ކުރިއަށްގެންދާނެ ގޮތް ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީނަ އޭގެން ހަރުކަށި ފިކުރުގަ އުޅޭ މީހުން ވެސް އަޅުގަނޑުމެންނަށް ކްލެސިފައި ކުރެވޭނެ. އެމީހުންގެ ތެރެއިން ވަލްނަރަބަލް މީހުންނަށްވާ މީހުންނަކީ ކޮބައިތޯ އާއި ނޫން ނަމަ އެމީހުންނަށް ހަމްދަރުދީވާ މީހުންނަކީ ކޮބައިތޯ ދަނެގަނެވޭނެ،" އަހުމަދު ވިދާޅުވި އެވެ.

"ވިސްނުމަކީ އެމީހުން ވަކިން ގެންގުޅެފަ ވަކި ޕްރޮގްރާމްތަކެއް އަދި ޓްރީޓްމަންޓްތަކެއްގެ ތެރޭގައި ބަހައްޓާގައި މުޖްތަމައުއަށް ރިއިންޓަގްރޭޓް ކުރަން."

މިހާރު ވެސް ވީހާ ވެސް ބޮޑަކަށް ހަރުކަށި ފިކުރުގެ މީހުން ވަކިން ބެހެއްޓޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އަހުމަދު ވިދާޅުވި އެވެ. އަދި ބައެއް ނުރައްކާތެރި މީހުން މިހާރު ވެސް ތިބޭނީ އެއް ގޮޅީގައި އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ވެސް ކިތަންމެ ޖާގަ ސްޓްރެޗް ވިޔަސް ހުންނާނެ ބައެއް މީހުން ހަމަ ވަކިން އައިސޮލޭޓްކޮށްފަ،" އޭނާ ވިދާޅުވި އެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފަތުރަނީ ޖަލުތަކުގަ އެވެ. އަދި ގައިދީންގެ އިތުރުން ބައެއް ޖަލު ގާޑުން ވެސް ހަރުކަށި ފިކުރަށް ހެއްލިފައިވާ ކަމަށް އެ ކޮމިޝަނުން މީގެ ކުރިން ބުނެފައިވެ އެވެ.

މިދިޔަ މެއި 6، ގައި ރައީސް ނަޝީދު އަވަހާރަކޮށްލަން މަޖީދީ މަގުގައި ބޮން ގޮއްވާލީ ވެސް ހަރުކަށި ފިކުރުގެ ބަޔެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ މައްސަލައިގައި ފަހުން ހައްޔަރުކޮށްފައިވާ އަބްދުﷲ އަލިމަނިކަކީ އޭނާ މާފުށީ ޖަލުގައި ހުރިއިރު އެތަނުގައި ހުރި މިސްކިތެއްގެ އިމާމެވެ.