Advertisement

ކެނެޑާގެ ޖަންގަލިތަކުގައި ރޯވެ އެތައް ހާސް ބަޔަކަށް ގެއްލުން

22 ޖުލައި 2021 - 09:32 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކެނެޑާގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ


ކެނެޑާގެ ޖަންގަލިތަކުގައި ރޯވެ އެތައް ހާސް ބަޔަކަށް ގެއްލުން

22 ޖުލައި 2021 - 09:32 0

މޮންޓްރިއާލް، ކެނެޑާ (ޖުލައި 22) - ހުޅަނގު ކެނެޑާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުން ސަލާމަތްވުމަށް އެ ސަރަހައްދުގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ފަށައިފި އެވެ.

ހުޅަނގު ބްރިޓިޝް ކޮލަމްބިއާ ޕްރޮވިންސްގެ ސެންޓްރަލް ކެނިމް ލޭކް ހިސާބުގައި ރޯވެފައި ވާއިރު، މިއީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ ތަނުގައި ރޯވި ދެ ވަނަ ފަހަރެވެ.

ކެނެޑާއާ ޖެހިގެން އޮންނަ އެމެރިކާގެ ދެކުނުގެ ޖަންގަލިތަކުގައި ވެސް ވަނީ ރޯވެފަ އެވެ. އެ ހިސާބުގައި ދިރިއުޅޭ ގިނަ ބަޔަކަށް ވެސް ނުރައްކާ ބޮޑުވެ، ގެދޮރު ދޫކޮށް ވަނީ ދާން ޖެހިފަ އެވެ.

ކެލިފޯނިއާ، އޮރެގޮން، މޮންޓާނާ އަދި ނެވާޑާގެ އެތައް ހާސް އޭކަރުގެ ޖަންގަލީގައި 80 އަށް ވުރެ ގިނަ އަލިފާންގަނޑު ރޯވެ މިހާރު ވެސް ދަނީ އަނދަމުންނެވެ.

އޭގެ ތެރެއިން އެންމެ ބޮޑު އަލިފާންގަނޑަކީ އޮރެގޮންގެ "ބޫޓްލެގް ފަޔާ" އެވެ. ދެ ހަފްތާ ތެރޭގައި އެ އަލިފާންގަނޑު ވަނީ ލޮސް އެންޖެލިސް ސިޓީ ވަރުގެ ސަރަހައްދަކަށް ފެތުރިފަ އެވެ.

ކެލިފޯނިއާގައި ގިނަ އަދަދެއްގެ އަވަށްތަކުން މީހުން ހުސްކޮށްފައި ވާއިރު، ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

އެ ތަނުގެ 5،700 އަށް ވުރެ ގިނަ މީހުން އެހެން ހިސާބުތަކަށް ބަދަލުވާން އަންގާފައި ވާއިރު، އިތުރު 32،000 މީހުން ތައްޔާރީ ހާލަތުގައި ތިބުމަށް އަންގާފައި ވެ އެވެ.

ވާރޭ ނުވެހި ގިނަ ދުވަސްވުމާއި ހަނަފަސްކަމުގެ ސަބަބުން ޖަންގަލިތަކުގައި ރޯވަމުން ދާއިރު، މޫސުމީ ބަދަލާއެކު މީގެ އަސަރު ކުރާ ވަރު ދަނީ ބޮޑުވަމުންނެވެ.