Advertisement

މިއީ އަފްގާން ރައްޔިތުންނަށް އިމްތިހާނެއް: އެމެރިކާ

22 ޖުލައި 2021 - 09:29 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ތާލިބާން ހަނގުރާމަވެރިން.-- ފޮޓޯ: އޭއެފްޕީ


މިއީ އަފްގާން ރައްޔިތުންނަށް އިމްތިހާނެއް: އެމެރިކާ

22 ޖުލައި 2021 - 09:29 0

ވޮޝިންޓަން، އެމެރިކާ (ޖުލައި 22) - އަފްގާނިސްތާނުގައި ތާލިބާނުން ކުރި ހޯދަމުން ދިޔުމަކީ އެ ގައުމުގެ ރައްޔިތުންނަށް އޮތް އިމްތިހާނެއް ކަމަށް އެމެރިކާގެ އިސް އަސްކަރީ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

"މިއީ އަފްގާން ރައްޔިތުންނާއި ލީޑަރުންނަށް އޮތް އިމްތިހާނެއް. އަފްގާން ސިފައިންނާއި ސަރުކާރަށް އޮތް އިމްތިހާނެއް،" ޖެނެރަލް މާކް މިލީ ބުދަ ދުވަހު ވިދާޅުވި އެވެ.

ޕެންޓަގަންއިން ބުނެފައި ވަނީ އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ 95 ޕަސެންޓު މިހާރު އެނބުރި ގައުމަށް ގޮސްފައިވާ ކަމަށާއި އޯގަސްޓް 31 ގެ ކުރިން އެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާން ދޫކޮށް ދިޔަ ނަމަވެސް، މާލީ އަދި ލޮޖިސްޓިކްސްގެ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ވިދާޅުވެފަ އެވެ.

ޑިފެންސް ސެކެޓްރީ ލޮއިޑް އޯސްޓިން ވިދާޅުވީ ސިފައިން ފޭބުމަށް ފަހު އަސްކަރީ ގޮތުން އެމެރިކާގެ ވިސްނުން ބަހައްޓާނީ ތާލިބާނުންނަށް ވުރެ ބޮޑަށް ޓެރަރިސްޓު ހަނގުރާމަވެރިންނަށް ކަމަށެވެ.

އެގޮތުން އަލް ގައިދާގެ ހަރަކާތްތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނެ ކަމަށާއި އަލް ގައިދާއަށް ފުރުސަތު ނުދޭނެ ކަމަށް މިދިޔަ އަހަރު ތާލިބާނުން ބުނި ކަމަށް އޯސްޓިން ވިދާޅުވި އެވެ.

މީގެ 20 އަހަރު ކުރިން ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާގެ ފަސްގަނޑުގައި ދިން ޓެރަރިސްޓް ހަމަލާތަކުގެ ފަހަތުގައި ވަނީ އަލް ގައިދާ އެވެ.

އޭރު އަލް ގައިދާގެ މައި މަރުކަޒެއްގެ ގޮތުގައި އޮތީ ތާލިބާނުން ވެރިކަން ކުރަމުން ދިޔަ އަފްގާނިސްތާނެވެ. އެމެރިކާއިން އަފްގާނިސްތާނަށް އެރީ އެހެންވެ އެވެ.

"އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ އަފްގާނިސްތާނުގެ ހަމަނުޖެހުމާއި ޓެރަރިޒަމް އެމެރިކާގެ ބިމަށް އެތެރެވިޔަ ނުދިނުން،" އޯސްޓިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބާތާ ދެ އަހަރު ތެރޭގައި އަލް ގައިދާ އަލުން ހަރަކާތްތެރިވާން ފެށުމުގެ "މީޑިއަމް ރިސްކު" އެބަ އޮތް ކަމަށެވެ.

ޖެނެރަލް މިލީ ވިދާޅުވީ އަފްގާނިސްތާނުގެ 419 ޑިސްޓްރިކްޓެއް މިހާރު ކޮންޓްރޯލް ކުރަނީ ތާލިބާނުން ކަމަށެވެ. ނަމަވެސް 34 ޕްރޮވިންޝަން ވެރިރަށުގެ އެއްވެސް ތަނެއް ހިފިފައެއް ނުވެ އެވެ.