Advertisement

އަފްނާންގެ "މެނިކެ މަގޭ ހިތޭ" އާއި ދިންގްލިޝްގެ ބައިވަރު ވާހަކަ

22 ޖުލައި 2021 - 10:04 4

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


އަފްނާންގެ "މެނިކެ މަގޭ ހިތޭ" އާއި ދިންގްލިޝްގެ ބައިވަރު ވާހަކަ

22 ޖުލައި 2021 - 10:04 4

މި އިންޓަވިއުގެ މެދު ތެރެއިން، ލަވަ ވެސް ކިޔަންހޭ އެހުމުން އުމުރުން 27 އަހަރުގެ އަފްނާން އިބްރާހިމް އަށް ހިނިގަނޑެއް ޖަހާނުލައި ނުހުރެވުނެވެ. އޭނާ އަކީ ލަވަކިޔުންތެރިއަކަށް ނުވާތީ އެވެ. އެކަމަކު އިހަކަށް ދުވަހު އާދަޔާ ހިލާފަށް ދިވެހިންގެ ތެރޭގައި ވައިގައި ހިފި ސްރީ ލަންކާ ލަވަ، "މެނިކެ މަގެ ހިތޭ" ގެ "ދިވެހި-އިނގިރޭސި" ކަވާ އެއް ކިޔާފައި އަފްނާން ޕޯސްޓު ކުރި ޓިކްޓޮކް އެތައް ބަޔަކަށް ކަމުގޮސްގެން މި ސުވާލެއް އޭނާ އާއި ކުރަން ޖެހުމުން، އެންމެ ކުޑަ އިރުއްސުރެ ލަވަ ކިޔުމަށް ހުންނަ ޝައުގުވެރިކަމުގެ ވާހަކަ އާއި އޭނާގެ ދިންގްލިޝް މީޑިއަމަށް މި ލަވައިގެ އަސަރުތައް ބަންޑުންވި ގޮތް ކުރުކޮށް ކިޔައިދިނެވެ.

"ލަވަ ނުއެއް ކިޔަން. އެއީ ގޭތެރޭގެ ހޮބީ އެއް. އަފްނާން އަކީ ދިންގްލިޝް ޕޭޖް މެދުވެރިކޮށް އިޝޫތަކަށް އެޑްރެސްކުރާ މީހެއް. އަސްލު އަފްނާންގެ "މެނިކެ މަގެ ހިތޭ" ކަވާ އަކީ އޮރިޖިނަލް ލަވަ ވަރަށް ކަމުގޮސްގެން އަޑު އަހަނިކޮށް ރައްޓެއްސަކު ދިން ހިޔާލަކަށް އެ ރާގަށް ލިޔެފައި ކިޔާލި ދެތިން ސެންޓެންސެއް. މީހުންނަށް މާ ބޮޑަށް ކަމުގޮސްފާނެ ކަމަކަށް ހިއެއް ވެސް ނުކުރަން،" އަފްނާންގެ މި ހުރިހާ ވާހަކައެއް ފަށައިގަތީ މިހެންނެވެ.


އެކަމަކު ދިވެއްސާއި އިނގިރޭސި މަސްހުނި ކޮށްލައިގެން އަފްނާން ލިޔުނު މި ހިޓު ލަވައެއްގެ އެންމެ "ކޫލް" ވާހަކަތައް އިހަށް ބާއްވާފައި ފުރަތަމަ، މި ދިންގްލިޝް އެއްގެ ތަފާތު ވާހަކަ އާއި މުޖުތަމައުގެ ހުންނަ ތަފާތު އެކި މައްސަލަތަކުގެ ވާހަކަ ދެބަހުން "އިރައި ކުދިކޮށްފައި" އަފްނާން ދޫކޮށްލާ "ބޯލްޑް" މެސެޖު ތަކުގެ ވާހަކަ އެވެ.

އަފްނާން އަކީ ކާކު ކަމާއި އޭނާ މި ދައްކާ ވާހަކައެއްގެ ބޮޑު ބައި ފަހުމު ވާނީ ވެސް އޭރުންނެވެ.

"ދިންގްލިޝް އަކީ ދިރިއުޅުމުގައި ދިމާވާ އެކި ހާލަތްތަކުގައި ނުވަތަ މުޖުތަމައުގައި ހިގާ އެކި މައްސަލަތަކާ ގުޅިގެން މީހުން ބުނަން ބޭނުންވެ، އެކަމަކު ދިމާލަށް ސާފު ބަހުން ބުނަން އުނދަގޫވާ ވާހަކަތައް މީހުންނަށް ވީހާ ވެސް އޮގަނިކް ކޮށް ގެނެސްދޭން ކުރާ މަސައްކަތެއް،" އަފްނާން ބުންޏެވެ.

އާންމުކޮށް ދިވެހިން ވާހަކަ ދެއްކުމުގައި ގެންގުޅޭ ދިވެހި-އިގިރޭސި މަސްހުނި ބަހުން، މުޖުތަމައުގެ އެކި ވާހަކަތަކާ ގުޅުވައިގެން އަފްނާން ލިޔެފައި ހުންނަ މެސެޖްތަކަކީ ބޮޑަށް ހޭލުންތެރިކުރުމުގެ މެސެޖުތަކެކެވެ. އޭނާގެ "ދިންގްލިޝް" އަކީ އިނގިރޭސި އާއި ހިނދީ މިކްސް ކޮށްގެން ޅެން ލިޔާ ބޭރުގެ ޅެންވެރިއަކު ގެންގުޅުނު ސްޓައިލެއް އަސްލަކަށް ބަލައިގެން ފައްކާ ކުރި ސްޓައިލެކެވެ.

"ހިތަށް އެރީ އާންމު ދިރިއުޅުމުގައި އާންމުކޮށް މީހުން ވާހަކަ ދައްކަނީ ވެސް މި ސްޓައިލަށޭ. އެހެންވީމަ، މީހުން އެވެއާ ކުރަން ނުވަތަ މީހުންނާ ގުޅޭ މެސެޖު ތަކެއް އެމީހުންނަށް އެންމެ ފަސޭހައިން އެނގޭ ގޮތަކަށް ނުވަތަ ރިލޭޓް ކުރެވޭ ގޮތަކަށް ގެނެސްދޭން ސަޅިވާނެޔޭ،" އަފްނާން ބުންޏެވެ.

އަފްނާން އަކީ މީގެ ކުރިން ވެސް މީހުން ހޭލުންތެރިކުރުމާ ގުޅޭ އެކި މަސައްކަތްތަކާއި ޕްރޮޖެކްޓް ތަކުގައި ހަރަކާތްތެރިވެ އުޅުނު ޒުވާނެކެވެ. ސޯޝިއޮލޮޖީ ދާއިރާއިން ކިޔަވައި ނިންމުމަށްފަހު އޭނާ ވަނީ އިންސާނީ ހައްގުތަކަށް ގުޅޭ ބައެއް ޕްރޮޖެކްޓް ތަކުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

"ކުރިން މަސައްކަތް ކުރި ޕްރޮޖެކްޓް ގައި ރީޖަނަލް ކޮމިއުނިކޭޝަންސް އޭޖެންސީގެ ކޯޑިނޭޓަރެއްގެ ގޮތުގައި އުޅެމުން މަސައްކަތްކުރަން ޖެހުނީ ސްރީ ލަންކާ އާއި ރާއްޖޭގައި ހުރި އިޝޫތަކަށް ހޭލުންތެރިކުރަން ކުރިއަށް ގެންދާނެ ޕްރޮޖެކްޓްތަކަށް ރިސާޗްކުރަން. އެ ކަމުގެ ތެރޭން ވެސް ވަރަށް ބޮޑަށް މުޖުތަމައުގެ ހުރި އެކި މައްސަލަތަކަށް އެޑްރެސްކުރުމުގެ އިންޓްރެސްޓް ވަރަށް ބޮޑަށް އުފެދިގެން އައި،" އަފްނާން ބުންޏެވެ.

އަފްނާން ބުނީ ހީކުރި ވަރަށް ވުރެ ބޮޑަށް މީހުން ދިންގްލިޝް ބަލައިގެންފި ކަމަށެވެ. މިހާރު ވެސް އެ ޕޭޖުން ގިނައިން ގެނެސްދޭ މެސެޖް ތަކަކީ ފޮލޯވަރުންގެ ފަރާތުން އަންނަ ރިކުއެސްޓް ތަކަށް ބިނާކުރާ މެސެޖުތަކެއް ކަމަށް ވެސް ބުންޏެވެ.

ދެން އޮތީ އަނެއްކާ ވެސް ދިންގްލިޝްގެ މި ދިވެހި އިނގިރޭސި ޓްރެންޑެއްގެ ރަހަ އެ ލަވައަކުން ހެޔޮވަރުކޮށްދީގެން އެންމެން ދިންގްލިޝްގެ ވާހަކަ މި ފަހުން ދައްކަން ފެށި "މެނިކޭ މަގޭ ހިތޭ" ގެ އަޕްޑޭޓެކެވެ.

އަފްނާން ބުނީ ވަރަށް އަވަހަށް ދިންގްލިޝް ސްޓައިލްގެ "މެނިކޭ މަގޭ ހިތޭ" ފުލް ލަވައެއް އަޕްލޯޑް ކުރާނެ ކަމަށެވެ. އެއީ އޭނާގެ ފަރާތުން ލަވަ ކަމުދިޔަ ހުރިހާ ފޭނުންނަށް ހަދިޔާ އަކަށް ވާނެ ކަމަށެވެ.

"މިހާރު އަފްނާން ލައިވް އަކަށް އެރިޔަސް އެ ލަވަ ކިޔާލަން ރިކުއެސްޓް އެބަ އާދޭ. އެހެންވެ ހިތަށް އެރީ ލަވައިގެ ރެޕް ބަޔާ ވެސް އެކު ދިގު ވާޝަން އެއް އަލުން ކިޔަން. މިހާރު ލަވަ ލިޔެފިން. އެހެންވީމަ އައި ތިންކް އިޓް ވިލް ބީ ސޫން،" އަފްނާން ބުންޏެވެ.