Advertisement

އިންޑިއާއިން ބްލެކް ފަންގަސްގެ 45،000 ކޭސް, 4،200 މަރު!

22 ޖުލައި 2021 - 06:38 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބްލެކް ފަންގަސް ޖެހިފައިވާ މީހެއްގެ އޮޕަރޭޝަނެއް ކުރަނީ.-- ފޮޓޯ: އޭއެފްޕީ


އިންޑިއާއިން ބްލެކް ފަންގަސްގެ 45،000 ކޭސް, 4،200 މަރު!

22 ޖުލައި 2021 - 06:38 0

ނިއު ދިއްލީ، އިންޑިއާ (ޖުލައި 21) - ފާއިތުވި ދެ މަސް ތެރޭގައި އިންޑިއާއިން ނުރައްކާތެރި ބްލެކް ފަންގަސްގެ 45،000 އަށް ވުރެ ގިނަ ކޭސް ފެނުނު ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ޖޫނިއާ ހެލްތު މިނިސްޓަރު ބަރަތީ ޕްރަވިން ޕަވާރް އަންގާރަ ދުވަހު ޕާލިމެންޓަށް މައުލޫމާތު ދެއްވި ގޮތުގައި މިޔުކޯމައިކޮސިސް ނުވަތަ ބްލެކް ފަންގަސް ޖެހިގެން 4،200 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ.

މިއީ ވަރަށް މަދުން ނޫނީ ނުފެންނަ އިންފެކްޝަނެއް ނަމަވެސް، ކޮވިޑް ޖެހި ރަނގަޅުވަމުންދާ މީހުންނަށް މި އިންފެކްޝަން ދިމާވުން އިންޑިއާގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ހަށިގަނޑަށް ފަންގަސް ފެތުރުމުން އޭގެ ނުރައްކާ ވަރަށް ބޮޑުވެ އެވެ. އެހެންވެ، ފުރާނަ ސަލާމަތް ކުރުމަށް ބައެއް ފަހަރު ލޮލާއި ނޭފަތް ފަދަ ގުނަވަންތައް ނަގަން ޖެހެ އެވެ.

ބަލީގައި މީހުން މަރުވާ ނިސްބަތް އުޅެނީ 50 ޕަސެންޓަށް ވުރެ މަތީގަ އެވެ. ސަރުކާރުގެ ތަފާސްހިސާބު ދައްކާ ގޮތުން އެންމެ ގިނަ ކޭސް ފެނުނީ ހުޅަނގު މަހަރާޝްތްރަ ސްޓޭޓުންނެވެ. އެ ތަނުން 9،348 ކޭސް ފެނުނެވެ.

ކޮވިޑުގެ ކުރިން އިންޑިއާއިން އެވްރެޖު ގޮތެއްގައި އަހަރެއްގެ ތެރޭގައި ފެންނަނީ ބްލެކް ފަންގަސްގެ 20 ކޭސް އެވެ. މި ބަލި ޖެހެނީ ހަށުގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުންނަށެވެ.

އެއީ ހަކުރު މަތި މީހުންނާއި، އެޗްއައިވީ އެއިޑްސް ހުންނަ މީހުންނާއި ގުނަވަން ޓްރާންސްޕްލާންޓް ފަދަ ކަންކަން ކޮށްފައިވާ މީހުންނެވެ.

ތަޖުރިބާކާރުން ބުނެފައި ވަނީ ބަލިމަޑުކަމުގައި ކޭސްތައް އިތުރުވީ ކޮވިޑަށް ފަރުވާ ދިނުމަށް ސްޓިރޮއިޑްސް ބޭނުން ކުރުން އިތުރުވެފައި ވާތީ ކަމަށެވެ.

ބްލެކް ފަންގަސް އެޕިޑެމިކްއެއް އެބަ އޮތް ކަމަށް އިންޑިއާ ސަރުކާރުން މިދިޔަ މޭ މަހު އިއުލާނު ކުރި އެވެ. މޭ އަދި ޖޫން މަހު ކޭސް އިތުރުވުމަށް ފަހު މިހާރު އަދަދުތައް ވަނީ ތިރިވާން ފަށާފަ އެވެ.

ނަމަވެސް މިދިޔަ ހޯމަ ދުވަހު ހިންދުސްތާން ޓައިމްސް ނޫހުން ރިޕޯޓު ކުރި ގޮތުގައި އުތުރު ރާޖަސްތާން ސްޓޭޓުގައި ކުޑަކުދިންގެ މެދުގައި ބްލެކް ފަންގަސް ވަނީ އިތުރުވެފަ އެވެ.