Advertisement

ހަމަލާ ދިން ކަމަށް ތުހުމަތުވާ ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

21 ޖުލައި 2021 - 18:42 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި ދެ މީހުން: ތިން މީހަކު ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައި


ހަމަލާ ދިން ކަމަށް ތުހުމަތުވާ ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

21 ޖުލައި 2021 - 18:42 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބާރުގަދަ ބޮމެއް ގޮއްވާލި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ކުރިމިނަލް ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ ހަމަލާއަށްފަހު އެންމެ ފުރަތަމަ ހައްޔަރުކުރި ތިން މީހުން ކަމަށްވާ އަހުމަދު އަދުހަމް، 25، އާއި މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު، 32 އެވެ.

މީގެކުރިން ތިން މީހުންގެ މައްޗަށް އެކި ފަހަރު މަތިން ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން އިތުރުކޮށްފައިވެ އެވެ. އެމީހުންގެ މައްޗަށް ތުހުމަތު ކުރަނީ ހަމަލާދިން ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތެވެ.

މި ތިން މީހުންގެ ތަހުގީގު ނިންމައި، ދައުވާކުރުމަށް ފުލުހުން މިއަދު ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފަ އެވެ. ޕްރޮސިކިއުޓާ ޖެނަރަލްގެ ހުސެއިން ޝަމީމް ވިދާޅުވި ގޮތުގައި، އެމީހުންގެ މައްޗަށް ގާނޫނުގައި ބުނާ މުއްދަތުގައި ދައުވާ އުފުލާނެ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރި ތިން މީހުންގެ އިތުރުން ހަމަލާއާ ގުޅިގެން ފުލުހުންގެ ބަންދުގައި ހުރި އަހުމަދު ފާތިހުގެ މައްޗަށް ދައުވާކުރުމަށް ވެސް ފޮނުވާފައިވެ އެވެ. އޭނާ މިހާރު ހުރީ 30 ދުވަހުގެ ބަންދު މުއްދަތެއްގަ އެވެ.

ހަމަލާއާ ގުޅިގެން އޭގެ ދެތިން ދުވަސް ތެރޭ އެ ހަތަރު މީހުން ހައްޔަރުކުރިއިރު، ޓެރަރިޒަމް ގާނޫނުގައިވާ ގޮތުން، ހައްޔަރުކުރިތާ 75 ދުވަހުގެ ތެރޭގައި ދައުވާ އުފުލަންޖެހޭނެ އެވެ. އެ މުއްދަތު ހަމަވާ ތާރީހަކީ އޯގަސްޓް، 5, އެވެ.

ހަމަލާއާ ގުޅިގެން ހަތަރު މީހުންގެ އިތުރަށް ވެސް ފަސް މީހަކު ފުލުހުންގެ ބަންދުގައި އެބަ ތިއްބެވެ. ޝަމީމް ވިދާޅުވި ގޮތުގައި، އެމީހުންނާ ގުޅޭ ތަހުގީގު އަދިވެސް ކުރިއަށްދާނެ ކަމަށާއި އެމީހުންގެ މައްޗަށް ހެކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަޝީދަށް އަމާޒުކުރި ހަމަލާއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ އިންކުއަރީއެއް ހަދައިފަ އެވެ. އެ އިންކުއަރީ ނެރުމާ ހަމައަށް, ހަމަލާއަށް ފަންޑުކުރި ބަޔަކު ހޯދިފައެއް ނުވެ އެވެ. އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ފާޅުކުރައްވަ އެވެ.

އެކަމަކު ހަމަލާގައި ފަންޑްކުރި ބަޔަކު ތިބި ނަމަ އެ ބަޔަކު ހޯދުމަކީ އެންމެ އިސް އަމާޒެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ހަމަލާއަށް ފަންޑުކުރި މީހުން ހޯދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ހަމަލާގެ ތަހުގީގަށް ފާރަވެރިވާން އެމްޑީޕީގެ ގައުމީ މަޖިލީހުން އެކުލަވާލި މޭހައެއް ކޮމިޓީން މިދިޔަ ހަފުތާގައި މިނިސްޓަރު އިމްރާނާ ބައްދަލުކުރައްވައި ވެސް ހަމަލާއަށް ފަންޑްކުރި ބަޔަކު ހޯދުމުގެ މުހިއްމު ކަމުގެ ވާހަކަ ދެއްކި އެވެ.

އެ ކޮމިޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެފައި ވަނީ ހަމަލާ އިސްވެ ތިބި ރާވައި ހަރަދުކުރި މީހުން ހޯދެން ވާނެ ކަމަށާއި އެހެން ނޫނީ، މިފަދަ ހަމަލާތައް ހުއްޓުވުން އެއީ ނުކުރެވޭނެ ކަމެއް ކަމަށް މިނިސްޓަރު އިމްރާން އަރިހުގައި ދަންނަވައިފައިވާ ކަމަށެވެ.

ނަޝީދު އަވަހާރަކޮށްލަން ގޮއްވާލި ބޮމަށް ރޭޒާ ފުއްތަކެއް ލާފައިވާ އިރު އެއީ މިހާތަނަށް ރާއްޖޭގައި ގޮއްވާލި އެންމެ ބާރުގަދަ ބޮން ކަމަށް ސިފައިން ވަނީ ބުނެފަ އެވެ. އެ ހަމަލާއިން އެމަނިކުފާނުގެ ފުރާނަ ކިރިޔާ ސަލާމަތްވިއިރު, ހަމަލާއާ ގުޅިގެން މިހާތަނަށް މުޅިން ވެސް ހައްޔަރުކޮށްފައި ވަނީ ހައްދުފަހަނައެޅި ފިކުރަށް ތަބާވާ މީހުންނެވެ.

އެ މީހުންނަކީ "އެންމެ މަތީ ދަރަޖައިގައި ހަރުކަށި ފިކުރުގައި އުޅޭ މީހުން" ކަމަށް މިނިސްޓަރު އިމްރާންއާ ހަވާލާ ދެއްވައި އަފީފް ވިދާޅުވެފައިވެ އެވެ.