Advertisement

ހުރަގޭ ވެރިޔާއާއެކު ވަގުތުކޮޅެއް: ޖަލު އިސްލާހުކުރެވިދާނެތަ؟

22 ޖުލައި 2021 - 10:36 4

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު. --ފޮޓޯ: އާއިމް ޒަމީރު/ އަދަދު


ހުރަގޭ ވެރިޔާއާއެކު ވަގުތުކޮޅެއް: ޖަލު އިސްލާހުކުރެވިދާނެތަ؟

22 ޖުލައި 2021 - 10:36 4

މިއީ ރާއްޖޭގެ އެންމެ މުސްކުޅި އެއް އިމާރާތުގައި ހިންގާ އޮފީހެކެވެ. މުޅި އޮފީސް އޮތީ ކުޑަ ކޮޓަރިތަކަކުން ފުރިފަ އެވެ. ކަރުދާސް ފައިލްތައް ބަރިބަރިއަށް ޖަހާފައި ހުރިއިރު އާދައިގެ ދިވެއްސެއްގެ އިސްކޮޅާ ހަމައަށް އެ ތަކެތި އަރަ އެވެ.

ގާޒީ ބިލްޑިންގުގެ އެންމެ ތިރީ ބުރީގައި ހުންނަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފީހުން މުޅިން ވެސް ފެންނަނީ މުސްކުޅި ކަމާއި ވީރާނާ ކަމެވެ. އެކަމަކު މި މުސްކުޅިކަން އަދި ވީރާނާކަން ހަނދާންނެތެނީ، މި އޮފީހުގެ އެންމެ އެތެރޭގައި އިންނަ ކުޑަ ކޮޓަރިއާ ހަމައިންނެވެ. އެ ކޮޓަރީގައި އިންނަވާ މި ތަނުގެ ވެރިޔާގެ، އަހުމަދު މުހައްމަދު ފުޅުގެ ޒަމާނީ ވިސްނުމާ ހަމައިންނެވެ.

"އަޅުގަނޑު މި މަގާމުން ދުރަށްދާއިރު ދެކެން ބޭނުންވާ ދުވަހަކީ ޖަލުން މީހުން ނެރެން އޮންނަ ދެ ގޮތެއް ކަމަށްވާ ކްލެމެންސީ އާއި ޕެރޯލް ރަނގަޅަށް މަސައްކަތް ކުރުން. އަދި ރަނގަޅު ރިހެބިލިޓޭޝަން ފްރޭމްވޯކެއް ހަދައި ޖަލު ތެރޭގައި އެ ޕްރޮގްރާމް ހިންގުން،" ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު އޭނާގެ އަމާޒު ހާމަ ކުރެއްވި އެވެ.

ރާއްޖޭގެ ޖަލުތަކުގެ ވެރިއަކަށް ހުރުމަކީ އާދައިގެ މަސައްކަތެއް ނޫނެވެ. ޖަލުތައް އިސްލާހު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މުހިންމު ވައުދުފުޅެކެވެ. އަނިޔާ އާއި ލާއިންސާނިއްޔަތުކަން ނައްތާލުމެވެ. ޖަލުގެ ހިންގާ ޖަރީމާތައް ހުއްޓުވުމެވެ. ޖަލު ގޮޅިތަކަށް ފާވެފައިވާ ހަރުކަށި ފިކުރުގެ ވިސްނުން ދޮވެ ސާފު ކުރުމެވެ. އަދި މަސްތުގެ ހާލުގައި ޖަލަށްދާ ޒުވާނުން ފަހަރުވެރިކަމާއެކު ހުރަގެއިން ނިކުމެވޭނެ ފުރުސަތެއް ހޯދައިދިނުމެވެ.

އެ މަސައްކަތް ކުރުމަށް ހުރަގޭގެ ވެރިޔާ އަހުމަދު މުހައްމަދުފުޅުގެ ސިކުނޑީގައި ކުރައްސަވާފައި ހުރި ވިސްނުންތަކެއް އެބަހުއްޓެވެ. ރާވާފައި ހުރި ރޭވުންތަކެއް އެބަހުއްޓެވެ. އޭނާގެ އެ ހިޔާލުތައް ގަޑިއެއްހާއިރުގެ ކުރު އިންޓަވިއުއެއްގައި "އަދަދު" ނޫހާ ހިއްސާ ކުރެއްވި އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުން

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ޖަލުތަކުގައި ތިބޭ ގައިދީންގެ ތެރެއިން 80 ޕަސެންޓަކީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކުގައި ޖަލަށްލާފައި ތިބި މީހުންނެވެ.

މިހާރު ވެސް ޖަލުގައި ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގަ އެވެ. އެކަމަކު ހަތަރު މަރުހަލާއަކަށްް ބަހާލައިގެން ކުރިއަށްގެންދާ އެ ޕްރޮގްރާމް ހިންގުމަށް ގޮންޖެހުންތަކެއް އެބަ ހުއްޓެވެ.

"ނިސްބަތުން ވާ ގޮތަކީ އަޅުގަނޑުމެންނަށް އެއް ވަގުތެއްގައި [ރިހެބިލިޓޭޝަން ޕްރޮގްރާމުގައި] އެންމެ ގިނަވެގެން މި ގެންގުޅެވޭ ގައިދީންގެ އަދަދު މުޅި ޖަލަށް ބަލާފައި ވަރަށް މަދު. އެހެންވީމަ ރީޗްއައުޓްއެއް ނުކުރެވޭ މުޅި ޕްރިޒަން ޕޮޕިއުލޭޝަންއަކަށް. އެ ކެޕޭސިޓީއެއް އަދި އެ ރިސޯސާސްއެއް ނެތް ޖަލުގައި. ގާތްގަނޑަކަށް 10 ޕަސެންޓު މީހުންނަށް މި ޕްރޮގްރާމް ހިންގެނީ،" މިހާރު ދިމާވާ މައްސަލަ އަހުމަދު ކިޔައިދެއްވި އެވެ.

މިހާރު ޖަލުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމަކީ ޖަލުގެ އެންމެނަށް ހާއްސަކޮށް ހިންގާ އެއްޗެކެވެ. ލިޔަން ކިޔަން ދަސްކޮށްދިނުމާ ހަމައިން މަސްތުވާތަކެއްޗާ ދުރުހެލިވާން ވެސް ދަސްކޮށްދެ އެވެ. އަހުމަދުގެ އުއްމީދަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި އަންނަ މީހުންނަށް ވަކިން ހާއްސަ ޕްރޮގްރާމެއް ހެދުމެވެ. އަދި ކޮންމެ ގައިދީއަކަށް ވެސް ރިހެބިލިޓޭޝަން ފޯރުކޮށްދިނުމެވެ.

"އަޅުގަނޑުމެން މިހާރު ތަރައްގީ ކުރަމުންމިދަނީ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާއެއް ޖަލު ތެރޭގައި ރިހެބިލިޓޭޝަން ގެންދާނެ ގޮތާ އެންރޯލް ކުރާނެ ގޮތާއި ވަކި ކުރާނެ ގޮތް ލިޔެވިގެން. އޭގެ އިތުރަށް އެންޑީއޭ އެޕްރޫވްޑް ކަރިކިއުލަމެއް ޑިވެލޮޕްކުރަން އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ،" ރިހެބިލިޓޭޝަން ނިޒާމު އިސްލާހު ކުރާނެ ގޮތުގެ ވިސްނުން އަހުމަދު ހިއްސާ ކުރެއްވި އެވެ.

ޖާގައިގެ ދަތިކަން

ޖަލުގައި ޖާގަ ނެތް ވާހަކައަކީ ބާ ވާހަކައެކެވެ. އެކަމަކު އެ ވާހަކަ ދައްކަންޖެހެ އެވެ. ސަބަބަކީ ދެ މީހުން ބައިތިއްބަން ހަދާފައި ތިބޭ ޖަލު ގޮޅިތަކުގައި ހަ މީހުން އަށް މީހުން ބައިތިއްބަންޖެހޭތީ އެވެ. އޭގެ ސަބަބުން އެމީހުންގެ ހައްގުތަކަކަށް ހުރަސް އެޅޭތީ އެވެ.

ގޮޅިތަކުގެ ޖާގައިގެ އިތުރަށް ޖަލަށް މީހުން ލާންޖެހޭ ދެ ތިން ސަބަބެއް އޮވެ. މީހުން ގިނަވާ އެއް ސަބަބަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހުން އިންތިހާއަށް ގިނަވުމެވެ.

"އަބަދުވެސް 300-350 ދެމެދުގެ އަދަދަކަށް މީހުން އެބަ ތިބޭ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި. މިހާރު ޝަރީއަތް ހިނގާ މިންވަރު އަވަސްވެއްޖެ. އެކަމަކު ވެސް ޝަރީއަތް ނިމެންދެން ބަންދަށް ޖަަހަންޖެހޭ މީހުންގެ އަދަދު މަދެއް ނުވޭ. އެހެންވީމަ މިކަމުގަ އަޅުގަނޑުމެންނަށްް އޮތް ގޮންޖެހުމަކީ ޖާގަ ނެތި އެމީހުން ބަންދު ކުރަންޖެހުން،"

އަނެއް ކަމަކީ ކުޑަކުޑަ ޖިނާއީ ކުށްތަކުގައި ވެސް މީހުން ޖަލަށްލުމަށް ހުކުމް ކުރުމެވެ.

"އެހެންވީމަ ހަ މަސް، ހަތް، ހަތަރު މަހަށް ވެސް ޖަލަށްލާފައި އެބަ ތިބޭ ވަރަށް ގިނަ މީހުން. އެކަމަކު އެމީހުން ޖަލަށް ނުގޮސް މުޖްތަމައުގައި ތިބެގެން ހުކުމް ތަންފީޒު ކުރެވޭ ނަމަ ވަރަށް ބޮޑު ލުޔެއް ލިބޭނެ،" އޭނާ ކިޔައިދެއްވި އެވެ.

ހަރުކަށި ފިކުރު ނައްތާލުން

ޖަލުތަކަކީ ހަރުކަށި ފިކުރު ފަތުރާ ހާއްޔެވެ. ކުދި ކުށްތަކުގައި ހުރަގެއަށް ވަން ކިތަންމެ މީހަކު ނިކުމެގެން ގޮސްފައި ވަނީ ސީރިޔާއަށް މީހުން މެރުމަށެވެ. ކުޑަ ހަކުރުކޮޅެއް ބޮއެގެން ހުރަގެއަށްލި މީހާ ނިކުމެގެންދަނީ އިސްލާމް ދީނުގެ ނަމުގައި ކުޑަކުދިންނާއި އަންހެނުން މެރުމަށް ފޫގަޅައިލައިގެންނެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ހުރަގޭ ތެރޭގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަކީ އަހުމަދަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން އޭނާ ވެސް ގަބޫލު ކުރައްވަ އެވެ. އަދި އެކަމަށް އޭނާ ވަނީ ރަނގަޅަށް ތައްޔާރު ވެސް ވެފަ އެވެ. މާފުށީ ޖަލުގައި މުޅިން އަލަށް ހަދާފައި ހުރި ޔުނިޓް އަށަކަށް އަންނަ އޯގަސްޓު މަހު ގައިދީން ބަދަލު ކުރަންފަށާއިރު އެތަނަށް ބަދަލުކުރާނީ މުޅިން ވެސް ހަރުކަށި ފިކުރުގެ މީހުން ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ވިދާޅުވެ އެވެ.

"މިހާރު ވެސް އަޅުގަނޑުމެންނަށް ފާހަގަ ކުރެވެ ގާތްގަނޑަކަށް 40-50 ދެމެދުގެ އަދަދަކަށް ހަރުކަށި ފިކުރުގެ ގައިދީން. އެމީހުންނަކީ ޓެރަރިޒަމް ފަދަ ނުރައްކާތެރި ކުށްތަކުގައި ހުކުމްކޮށްފައި ތިބި މީހުން ނުވަތަ އަޅުގަނޑުމެންނަށް އެކި ގޮތްގޮތުން ފާހަގަވެފައި ތިބި މީހުން،" އަހުމަދު ކިޔައިދެއްވި އެވެ.

ޔުނިޓު އަށަކަށް މީހުން ބަދަލު ކުރުމުގެ ކުރިން އިންޓެލިޖެންސާއި އެކި ކަހަލަ ޓޫލްސް ބޭނުންކޮށްގެން ހަރުކަށި ފިކުރުގެ މީހުން ކްލެސިފައި ކުރުމަށް އަހުމަދު އޮތީ ވިސްނަވައިފަ އެވެ. އެއިރުން އެމީހުން ގެންގުޅެ، ބެލެހެއްޓުން ފަސޭހަވާނެ ކަމަށް އޭނާ ދެކިވަޑައިގަންނަވަ އެވެ.

"އެހެންވީމާ އޭގެން ހަރުކަށި ފިކުރުގަ އުޅޭ މީހުން ވެސް އަޅުގަނޑުމެންނަށް ކްލެސިފައި ކުރެވޭނެ. އެމީހުންގެ ތެރެއިން ވަލްނަރަބަލް މީހުންނަށްވާ މީހުންނަކީ ކޮބައިތޯ އާއި ނޫން ނަމަ އެމީހުންނަށް ހަމްދަރުދީވާ މީހުންނަކީ ކޮބައިތޯ ދަނެގަނެވޭނެ،" އޭނާ ވިދާޅުވި އެވެ. "ވިސްނުމަކީ އެމީހުން ވަކިން ގެންގުޅެފަ ވަކި ޕްރޮގްރާމްތަކެއް އަދި ޓްރީޓްމަންޓްތަކެއްގެ ތެރޭގައި ބަހައްޓާގައި މުޖްތަމައުއަށް ރިއިންޓަގްރޭޓް ކުރަން."

ޖަލުގައި ހިންގާ ޖަރީމާތައް ހުއްޓުވައިލުން

ޖަލަކީ ވަރަށް އީޖާދީ ވިސްނުން ގެނެސްދޭ މާހައުލެކެވެ. ދެން އެފަދަ ތަނެއްގަ ހުރި މީހަކަށް މޯބައިލް ފޯނެއް ލިބުމުން އޭނާގެ އީޖާދީ ވިސްނުން އެތައް ގުނައަކަށް އިތުރުވެ އެވެ. ފޯނުން ގުޅައިގެން މަކަރާ ހީލަތުން ފައިސާ ހޯދުމާއި މަސްތުވާތަކެތީގެ ބޮޑެތި ޑީލްތައް ހެދުމެވެ.

ޖަލަށްލާފައި ތިބޭ މީހުންގެ ފަރާތުން މުޖްތަމައު ސަލާމަތްނުވުމަކީ މުޖްތަމައުގެ ވަރަށް ބޮޑު ޝަކުވާއެކެވެ. ހުރަގޭގެ ވެރިޔާ އަހުމަދު ވެސް އެކަން ގަބޫލު ކުރެ އެވެ. އެހެންނަމަވެސް އެފަދަ ކުށްތައް ޖަލު ތެރޭގައި ހިންގަން ފުރުސަތު ލިބޭ ދެ ތިން ގޮތެއް އޭނާ އޮޅުންފިލުވައިދެއްވި އެވެ.

"ފުރަތަމަ ކަމަކީ އަޅުގަނޑުމެން ރާއްޖޭގައި ޖަލުރައް އޮޕަރޭޓް ކުރަނީ މީހުން ދިރިއުޅޭ ސަރަހައްދާ ވަރަށް ކައިރީގައި. މާފުށީ ޖަލުގައި ހުންނަން ޖެހޭ ވަރަށް އަސާސީ ސިފައެއް ބައުންޑަރީ ވޯލެއް. ބައުންޑަރީ ވޯލްގެ މިހާރު އެ ހުރީ 90 ޕަސެންޓް ނިމިފައި. އަދި ވެސް އެއް ދިމާ އެބަހުރި އެއްކޮށް ބައްދާނުލެވޭ،" ޖަލަށް ތަކެތި އެތެރެ ކުރާ އެއްގޮތް އަހުމަދު ކިޔައިދެއްވި އެވެ.

ޖަލުގައި ފޯނު ބޭނުން ނުކުރެވޭ ގޮތް ހެދުމަށް މީގެ ކުރިން ވެސް މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އެކަށީގެންވާ ހައްލެއް އެކަމަށް އޮތީ ނުލިބިފަ އެވެ.

"[ސިގްނަލް] ޖޭމަރު ވެސް ޖަހާފައި އެބަހުރި. އެކަމަކު އެއީ 24 ގަޑިއިރު ބޭނުން ކުރެވޭ އެއްޗެއް ނޫން. އަދި އަވަހަށް ހަލާކުވާ، އަގު ވެސް ބޮޑު އެއްޗެއް އެއީ. އެހެންވީމަ ދާއިމީ ހައްލެއް ނޫން އެއީ ވެސް،" އޭނާ ވިދާޅުވި އެވެ.

ޖަލަށް މަނާ ތަކެތި ވައްދާ އަނެއް ގޮތަކީ ޖަލު ގާޑުންނާ ގުޅިގެން އެކަން ކުރުމެވެ. އެއީ މިހާރު ވެސް ހިނގަމުންދާ ކަމެއްކަން އަހުމަދު ވެސް ފާހަގަ ކުރެއްވި އެވެ.

"ކޮވިޑްގެ މި ހާލަތާ ގުޅިގެން އަޅުގަނޑުމެންގެ މޫވްމަންޓުތައް އެއްކޮށް ހުއްޓިފަ އޮތް ދުވަސްވަރެއް މިއީ. އަޅުގަނޑުމެން ޖަލު ރެއިޑުކޮށްފަ ގޮޅިތައް ބަލާފަ ވަކި މުއްދަތެއްގައި އަނެއްކާ ބަލާއިރު އެބަ ފެނޭ އެއް ގޮޅިއަކުން ވަރަށް ފްރިކުއެންޓްކޮށް ފެނިފައި. އެއީ ކޮންމެވެސް ވަރަކަށް މަދުން ނަމަވެސް އޮފިސަރުންގެ އިންވޯލްވްމަންޓް އޮންނާތީކަން ހިތާމައާއެކު ފާހަގަ ކުރަން،" އޮފިސަރުންގެ ދައުރު ފަޅާއަރުވާލި ގޮތް އަހުމަދު ކިޔައިދެއްވި އެވެ.

ގައިދީންނާ ބައިވެރިވެގެން ޖަލަށް މަނާ ތަކެތި ވައްދާ އޮފިސަރުންނަށް އަހުމަދު ދެއްވީ ވަރުގަދަ އިންޒާރެކެވެ.

އަޅުގަނޑުމެން މިހާރު މި ދަނީ އެންމެ ޖޫނިއާ ލެވެލްގެ މީހުންނާއެކު ސިޓް ކުރަމުން. އަޅުގަނޑު ބުނެފައި އޮންނާނީ އެއްވެސް ވަރަކަށް ޓޮލެރޭޓް ނުކުރާނަމޭ އެކަހަލަ އެއްވެސް މައްސަލައެއް. އެކަހަލަ މައްސަލައެއް ދިމާވެގެން ފިޔަވަޅު އަަޅަންޖެހިއްޖެޔާ އެންމެ ހަރުކަށި ފިޔަވަޅު އަޅާނީ. އަދި އިދާރީ ފިޔަވަޅު އެޅުމަށްފަހު ނިންމައެއް ވެސް ނުލާނަން. ޖިނާއީ ތަހުގީގު ކުރުމަށް ފޮނުވަން ވެސް މި ތިބީ ތައްޔާރަށް،"

އިންޓަވިއު ނިންމާލައްވަމުން އަހުމަދު ދެއްވީ ޔަގީންކަމެކެވެ. އެއީ އޭނާގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކަށް ލާއިންސާނީ އަދަބެއް ނުދޭނެ ކަމުގެ ޔަގީންކަމެވެ.

"ޕަސެންޓޭޖުން ކިޔާ ނަމަ އަޅުގަނޑަށް 99 ޕަސެންޓު ދޭން ކެރިދާނެ. އެކްސްޓާނަލީ ދައުލަތުގެ އެހެން އިދާރާތަކަށް ހުރިހާ އެކްސެސްއެއް ލިބިފައި އޮންނާނީ ކަންކަން ބެލުމަށް އިންޓާނަލީ އަޅުގަނޑުމެން ޕްރޮފެޝަނަލް ސްޓޭންޑަޑެއް އޮންނާނެ އަދި އެސްއޯޕީއެއް އޮންނާނެ. އަދި ބާރު ބޭރުން ކުރާ ގޮތްތައް ވެސް ލިޔެވިފައި އޮންނާނެ،" އިތުބާރާއެކު އަހުމަދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް ޖަލުގައި ހާއްސަކޮށސް ގްރޮސް ހިއުމަން ރައިޓްސް ވަޔަލޭޝަނެއް ނުހިނގާނެކަމުގެ."