Advertisement

ބޮން ގޮއްވި ކަމަށް ތުހުމަތުވާ ހަތަރު މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

21 ޖުލައި 2021 - 17:52 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ހަމަލާގެ ތުހުމަތުވާ ތިން މީހުން: އެމީހުންގެ މައްޗަށް ދައުވާކުރަން ވަނީ ފޮނުވާފައި


ބޮން ގޮއްވި ކަމަށް ތުހުމަތުވާ ހަތަރު މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

21 ޖުލައި 2021 - 17:52 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބާރުގަދަ ބޮމެއް ގޮއްވާލި މައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވައިފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވި ގޮތުގައި، އެ އޮފީހަށް ހަތަރު މީހެއްގެ މައްސަލަ ތަހުގީގު ނިންމުމަށްފަހު ފޮނުވާފައިވާ ކަމާއި، އެމީހުންގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް 15 ދުވަހުގެ މުއްދަތެއް ލިބޭ ކަމަށެވެ.

ހަމަލާއާ ގުޅިގެން އޭގެ ދެތިން ދުވަސް ތެރޭ އެ ހަތަރު މީހުން ހައްޔަރުކުރިއިރު، ޓެރަރިޒަމް ގާނޫނުގައިވާ ގޮތުން، ހައްޔަރުކުރިތާ 75 ދުވަހުގެ ތެރޭގައި ދައުވާ އުފުލަންޖެހޭނެ އެވެ. އެ މުއްދަތު ހަމަވާ ތާރީހަކީ އޯގަސްޓް، 5, އެވެ.

ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވާފައިވަނީ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތުވާ އަހުމަދު އަދުހަމް، 25، އާއި މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު، 32 އަދި އަހުމަދު ފާތިހު، 23، ގެ މައްޗަށެވެ.

އެ ހަތަރު މީހުންނާއެކު މިހާތަނަށް ހަމަލާއާ ގުޅިގެން ނުވަ މީހަކު ފުލުހުންގެ ބަންދުގައި އެބަ ތިއްބެވެ. ޝަމީމް ވިދާޅުވި ގޮތުގައި، އެމީހުންނާ ގުޅޭ ތަހުގީގު އަދިވެސް ކުރިއަށްދާނެ ކަމަށާއި އެމީހުންގެ މައްޗަށް ހެކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަޝީދަށް އަމާޒުކުރި ހަމަލާއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ އިންކުއަރީއެއް ހަދައިފަ އެވެ. އެ އިންކުއަރީ ނެރުމާ ހަމައަށް, ހަމަލާއަށް ފަންޑުކުރި ބަޔަކު ހޯދިފައެއް ނުވެ އެވެ. އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ފާޅުކުރައްވަ އެވެ.

އެކަމަކު ހަމަލާގައި ފަންޑްކުރި ބަޔަކު ތިބި ނަމަ އެ ބަޔަކު ހޯދުމަކީ އެންމެ އިސް އަމާޒެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ހަމަލާއަށް ފަންޑުކުރި މީހުން ހޯދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ހަމަލާގެ ތަހުގީގަށް ފާރަވެރިވާން އެމްޑީޕީގެ ގައުމީ މަޖިލީހުން އެކުލަވާލި މޭހައެއް ކޮމިޓީން މިދިޔަ ހަފުތާގައި މިނިސްޓަރު އިމްރާނާ ބައްދަލުކުރައްވައި ވެސް ހަމަލާއަށް ފަންޑްކުރި ބަޔަކު ހޯދުމުގެ މުހިއްމު ކަމުގެ ވާހަކަ ދެއްކި އެވެ.

އެ ކޮމިޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެފައި ވަނީ ހަމަލާ އިސްވެ ތިބި ރާވައި ހަރަދުކުރި މީހުން ހޯދެން ވާނެ ކަމަށާއި އެހެން ނޫނީ، މިފަދަ ހަމަލާތައް ހުއްޓުވުން އެއީ ނުކުރެވޭނެ ކަމެއް ކަމަށް މިނިސްޓަރު އިމްރާން އަރިހުގައި ދަންނަވައިފައިވާ ކަމަށެވެ.

ނަޝީދު އަވަހާރަކޮށްލަން ގޮއްވާލި ބޮމަށް ރޭޒާ ފުއްތަކެއް ލާފައިވާ އިރު އެއީ މިހާތަނަށް ރާއްޖޭގައި ގޮއްވާލި އެންމެ ބާރުގަދަ ބޮން ކަމަށް ސިފައިން ވަނީ ބުނެފަ އެވެ. އެ ހަމަލާއިން އެމަނިކުފާނުގެ ފުރާނަ ކިރިޔާ ސަލާމަތްވިއިރު, ހަމަލާއާ ގުޅިގެން މިހާތަނަށް މުޅިން ވެސް ހައްޔަރުކޮށްފައި ވަނީ ހައްދުފަހަނައެޅި ފިކުރަށް ތަބާވާ މީހުންނެވެ.

އެ މީހުންނަކީ "އެންމެ މަތީ ދަރަޖައިގައި ހަރުކަށި ފިކުރުގައި އުޅޭ މީހުން" ކަމަށް މިނިސްޓަރު އިމްރާންއާ ހަވާލާ ދެއްވައި އަފީފް ވިދާޅުވެފައިވެ އެވެ.