Advertisement

ޕޮލެންޑަށް އޮޅުމަކުން އިތުރު ފެތުންތެރިންތަކެއް އޮލިމްޕިކްސް އަށް ފޮނުވިއްޖެ

21 ޖުލައި 2021 - 13:58 0

ޕޮލެންޑްގެ ސްވިމިން ޓީމުގައި ހިމެނޭ ބައެއް ފެތުންތެރިން.


ޕޮލެންޑަށް އޮޅުމަކުން އިތުރު ފެތުންތެރިންތަކެއް އޮލިމްޕިކްސް އަށް ފޮނުވިއްޖެ

21 ޖުލައި 2021 - 13:58 0

ޓޯކިޔޯ (ޖުލައި 21) - އަންނަ ހުކުރު ދުވަހު ޖަޕާންގައި ފަށާ ޓޯކިޔޯ އޮލިމްޕިކްސްގައި ވާދަކުރަން ޕޮލެންޑަށް އޮޅުމަކުން އިތުރު ފެތުންތެރިންތަކެއް ފޮނުވުނު މައްސަލަ ފެންމަތިވެއްޖެ އެވެ.

އޮލިމްޕިކްސްގައި ވާދަކުރަން ޕޮލެންޑުން އެކުލަވާލީ 23 ފެތުންތެރިންގެ ސްކޮޑެކެވެ. އެ ސްކޮޑު އެއްކޮށް ޓޯކިޔޯ އަށް ދިޔަ ފަހުން އެނގުނީ މުބާރާތުގައި ވާދަކުރަން ފެތުމުގައި ދުނިޔޭގެ މައި ފެޑެރޭޝަން ފީނާ އިން ފުރުސަތު ދީފައި އޮތީ 17 ފެތުންތެރިން ކަމެވެ. އެހެންވެ، ހަ ފެތުންތެރިއަކު ވަނީ އެނބުރި ގައުމަށް ފޮނުވާލަން ޖެހިފަ އެވެ.

ޕޮލިޝް ސްވިމިން ފެޑެރޭޝަން (ޕީޒެޑްޕީ)ގެ ރައީސް ޕަވެލް ސްލޮމިންސްކީ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ މި ހެދުނު ގޯހާ ގުޅިގެން އެ ފެޑެރޭޝަނަށް އަމާޒުވަމުން އަންނަނީ ހައްގު ފާޑުކިޔުންތަކެއް ކަމަށާއި ހެދުނު ގޯހަށް ޒިންމާ ނަގާ ކަމަށް ވިދާޅުވެފަ އެވެ.

"މިއީ ވެގެންވާނެ ގޮތެއް ނޫން. އޮލިމްޕިކްސްގައި ވާދަކުރަން ދާ އެތުލީޓުންނަށް މި ގޮތަށް މުބާރާތުގައި ވާދަނުކުރެވި ހިތްދަތި ގޮތަކަށް އެނބުރި އަންނަން ޖެހުން މިއީ އަހަންނަށް ވެސް ބަލަން އުނދަގޫ މަންޒަރުތަކެއް. އަހަރެމެންނަށް މި ގޮތަށް ކަންތައް ކުރެވުނީ ވީހާ ވެސް ގިނަ އެތުލީޓުންނަށް ފުރުސަތު ލިބޭނެ ކަމަށް ބަލާފައި އެޅި ފިޔަވަޅުތަކަކުން. އެކަމަކު ކަންތައްތައް ދިމާވީ އަހަރެމެން އެއްވެސް ގޮތަކަށް ނޭދޭ ގޮތަކަށް. މިއީ ހެދުނު ބޮޑު ގޯހެއް،" ސްލޮމިންސްކީ ވިދާޅުވި އެވެ.

ޕީޒެޑްޕީގެ އޮފިޝަލަކު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ މި ގޮތަށް ދިމާވާން ޖެހުނު އަނެއް ސަބަބަކީ ދުނިޔޭގެ މައި ފެޑެރޭޝަން، ފީނާ އިން މި ފަހަރު އޮލިމްޕިކްސްގައި އެތުލީޓުން ބައިވެރިކުރާ އުސޫލަށް ގެންނަ ބަދަލުތަކާ ބެހޭ މައުލޫމާތު މެމްބަރު އެސޯސިއޭޝަންތަކަށް ރަނގަޅަށް ފޯރުކޮށްދީފައި ނުވާތީ އެވެ.

ފެތުމުގެ އިވެންޓެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ


ރޮއިޓާސް އިން ރިޕޯޓްކުރާގޮތުގައި ފުރުސަތު ގެއްލުނު ހަ ފެތުންތެރިންނަކީ މަޓެއުޒް ޗުވަނިކް، ޔޭން ހޮލުބް، ޑޮމިނިކާ ކޮސަކޯސްކާ، ބާޓޯސް ޕިޒްޝޮރޮވިސް، އަލެކްސަންޑްރާ ޕޮލަންސްކާ އަދި އަލިޒިޔާ ތޯޝް އެވެ.

މީގެ ތެރެއިން ތޯޝް އަކީ 2012 އާއި 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ވާދަކުރި އެތުލީޓެކެވެ. އޭނާ ވަނީ މި ފަހަރުގެ ގޭމްސްގައި ވާދަނުކުރެވި މި ދިމާވި ކަންތައްތަކުގެ ސަބަބުން ޕޮލެންޑް ފެޑެރޭޝަނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ތޯޝް ސޯޝަލް މީޑިއާގައި ލިޔެފައިވާ ގޮތުގައި ފަސް އަހަރު ވަންދެން ކެނޑިނޭޅި އަމިއްލަ ދިރިއުޅުމުގެ ގިނަ ކަންކަން ގުރުބާން ކޮށްފައި އާއިލާއާ ދުރުގައި މަސައްކަތްތަކެއް ކޮށްގެން ކުރަން އުއްމީދުކުރި ކަންކަން މި ކަހަލަ ގޮތަކަށް އަތުން ދޫވެގެން ދިޔައީ ބައެއްގެ އިހުމާލުން ކަމަށެެވެ. އަދި މިކަމުގައި ކޮންމެވެސް ބައެއް ޒިންމާ ނަގަން ޖެހޭނެ ކަމަށް އޭނާ ލިޔެފައިވެ އެެވެ.

މި މައްސަލައާ ގުޅިގެން ޕޮލެންޑްގެ ފެތުމުގެ ޓީމުގައި ހިމެނޭ ގިނަ އެތުލީޓުން ވަނީ ގުޅިގެން ޕޮލެންޑް ފެޑެރޭޝަނަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި ގޮވާލާފައިވަނީ ދިމާވި ކަންތައްތަކުގެ ޒިންމާ ނަގައި ޕޮލެންޑްގެ ސްވިމިން ފެޑެރޭޝަނުގައި ތިބި އިސް ފަރާތްތައް މަގާމުން އިސްތިއުފާ ދިނުމަށެެވެ.