Advertisement

އޭޝިއާގައި ކޮވިޑް ކޭސްތައް އިތުރުވަނީ

21 ޖުލައި 2021 - 08:49 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑޮނީޝިއާގައި ކޮވިޑް ޖެހިގެން މަރުވި މީހެއްގެ އާއިލާއިން ހިތާމަ ކުރަނީ.-- ފޮޓޯ: އޭއެފްޕީ


އޭޝިއާގައި ކޮވިޑް ކޭސްތައް އިތުރުވަނީ

21 ޖުލައި 2021 - 08:49 0

ޖަކާޓާ، އިންޑޮނީޝިއާ (ޖުލައި 21) - ޑެލްޓާ ވޭރިއެންޓުގެ ސަބަބުް ކޮވިޑުގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި އިންޑޮނީޝިއާ، އިރާން އަދި ފްރާންސުން ގިނަ އަދަދެއްގެ ކޭސްތައް ފެންނަން ފަށައިފި އެވެ.

ކޭސްތައް އިތުރުވަމުން ދާތީ ޖަޕާނުގެ ޓޯކިޔޯގައި ފަށަން ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސްގެ ޗީފް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިހާރު ވެސް ބައެއް އެތްލީޓުން ވަނީ ޕޮޒިޓިވްވެފަ އެވެ.

ދުނިޔޭގައި މިހާތަނަށް ކޮވިޑާ ދެކޮޅަށް ވެކްސިންގެ 3.7 ބިލިއަން ޑޯޒް ވަނީ ދީފަ އެވެ. ނަމަވެސް އޭގެ ބޮޑު ބައި ދީފައި ވަނީ މުއްސަނދި ގައުމުތަކުގަ އެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއެންޓުގެ ނުރައްކާއާ ދެކުނު އޭޝިއާ ސަރަހައްދުން ކުރިމަތިލުމަށް ފަހު، މި ވޭރިއެންޓު މިހާރު ވަނީ އެހެން ހިސާބުތަކަށް ފޯރާފަ އެވެ.

ވަކިން ހާއްސަކޮށް ޔޫރަޕާއި އިރުމަތީ އޭޝިއާ ފާހަގަކުރެވެ އެވެ. މި ވަގުތު ބަލީގެ އެޕިސެންޓަރަކީ އިންޑޮނީޝިއާ ކަމަށް ވާއިރު، ހޯމަ ދުވަހު ރިކޯޑް އަދަދަކަށް 1،300 މީހުން މަރުވި އެވެ.

އިންޑޮނީޝިއާގައި މީހުން އެއްވެ އުޅުން މަނާކޮށްފައި ވާއިރު މިސްކިތްތަކަށް ނުދިޔުމަށް ވެސް ވަނީ އަންގާފަ އެވެ. އެކަމަށް އިޖާބަދީ މިސްކިތަށް ނުވަތް ނަމަވެސް ބައެއް އާއްމުން ވަނީ މަގުމަތީގައި ޖަމާއަތް ހަދާފަ އެވެ.

އިންޑޮނީޝިއާގެ އިތުރުން އެ ސަރަހައްދުގެ އެހެން ގައުމުތައް ކަމަށްވާ، ތައިލޭންޑް އަދި ފިލިޕީންސްގެ ހާލަތު ވެސް މި ވަގުތު އޮތީ ވަރަށް ގޯސްކޮށެވެ.

ފިލިޕީންސްއިން ވެސް ޑެލްޓާ ވޭރިއެންތު ފެނި ކުއްލިއަކަށް ކޭސްތައް އިތުރުވާނެ ކަމުގެ އިންޒާރު ދީފައި ވާއިރު، ތައިލޭންޑުން ވަނީ 12 މިލިއަން މީހުން ދެ ހަފްތާ ވަންދެން ލޮކްޑައުން ކުރަން ނިންމާފަ އެވެ.

ސިންގަޕޫރުން ވަނީ އެއްވެ އުޅުން މަދު ކުރަން ފިޔަވަޅުތަކެއް އަޅާފަ އެވެ. އަދި ރެސްޓޯރެންޓުތަކުގައި ކެއުން މަނާ ކުރަން ވެސް ނިންމާފައި ވެ އެވެ.

މެދުއިރުމަތީގައި ކޮވިޑުގެ ހާލަތު އެންމެ ގޯސް އިރާނުން ޑެލްޓާ ވޭރިއެންޓު ފެނި، ފަސް ވަނަ ރާޅެއް ބޯމަތިވެފައިވާ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.

ވެރިރަށް ތެހްރާނާއި އަވައްޓެރި އަލްބޯޒް ޕްރޮވިންސްގެ ސަރުކާރު އޮފީސްތަކާއި ބޭންކުތައް މިހާރު ވަނީ ހަ ދުވަހަށް ބަންދުކޮށްފަ އެވެ. އޭގެ އިތުރުން ގިނަ ފިހާރަތައް ވެސް ބަންދުކޮށްފައި ވެ އެވެ.

ޔޫރަޕުގައި ވެސް ކޭސްތައް އިތުރުވެފައި ވާއިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި ފްރާންސުން 18،000 ކޭސް ފެނިފައި ވެ އެވެ. ހެލްތު މިނިސްޓްރީން ބުނީ މިދިޔަ ހަފްތާއާ އަޅާ ބަލާއިރު ކޭސްތައް 150 ޕަސެންޓު އިތުރުވެއްޖެ ކަމަށެވެ.