Advertisement

ޔޫރަޕުން މަހަށް ޑިއުޓީ ކަނޑާލަ ނުދެނީ ރާއްޖޭގެ ކަނޑުން ފުރުސަތު ނުދޭތީ: މިނިސްޓަރު

21 ޖުލައި 2021 - 09:33 1

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

މަސްވެރިންތަކެއް ދޮށި އަޅަނީ: ރާއްޖޭގެ މަހަށް ޔޫރަޕުން ސުން ރޭޓްގައި ޑިއުޓީ ލިބޭތޯ އަންނަނީ މަސައްކަތް ކުރަމުން--


ޔޫރަޕުން މަހަށް ޑިއުޓީ ކަނޑާލަ ނުދެނީ ރާއްޖޭގެ ކަނޑުން ފުރުސަތު ނުދޭތީ: މިނިސްޓަރު

21 ޖުލައި 2021 - 09:33 1

ރާއްޖޭން ޔޫރަޕުގެ ގައުމުތަކަށް އެކްސްޕޯޓް ކުރާ މަހުން ނަގާ 24 ޕަސެންޓްގެ ޑިއުޓީ ކަނޑާލަ ނުދެނީ ޔޫޕަރްގެ މަސް ބޯޓްތަކަށް ރާއްޖޭގެ ކަނޑުން މަސްވެރިކަން ކުރުމުގެ ފުރުސަތު ނުދޭތީ ކަމަށް، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ޔޫރަޕުގެ ގައުމުތަކަށް ވިއްކާ މަހުން ޑިއުޓީ ނަގަން ފެށީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން، ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް 2011 ގައި ބަދަލުވުމުންނެވެ. އެއާއެކު ރާއްޖޭގެ މަހަށް ޑިއުޓީ ނަގަން ފެށުމާއެކު ޔޫރަޕުގައި ވިއްކޭ އަގު ވަނީ ބޮޑުވެފަ އެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކަށް ޑިއުޓީ ކުޑަކޮށްދޭން ޔޫރަޕް ޔޫނިއަންގެ ގިނަ ޝަރުތުތަކެއް ހުރެ އެވެ. އޭގެ ތެރޭގައި އެ ޖަމާއަތުން ތަންފީޒުކުރަން ބޭނުންވާ އިންސާނީ ހައްގުތަކުގެ ބައެއް މުއާހަދާތަކުގައި ސޮއިކުރުން ހިމެނެ އެވެ. އޭގެ ތެރޭގައި ދީނީ މިނިވަންކަން ދިނުން ފަދަ ކަންކަން ހިމެނޭތީ ރާއްޖޭން ވަނީ ސޮއި ނުކޮށެވެ.

"އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ހުސައިން ވިދާޅުވީ ތައިލެންޑަށް ގަނޑުކުރި މަސް އެކްސްޕޯޓް ކޮށްގެން މަސްވެރިންނަށް ހަމައަގު ދޭން ދަތި ކަމަށެވެ. އެކަމަށް އޮތް ހައްލަކީ ޔޫރަޕްގެ ގައުމުތަކަށް ޑިއުޓީއާ ނުލައި މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބުން ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ހުސައިން ރަޝީދު "އަދަދު" އަށް އިންޓަވިއޫ ދެއްވަނީ: ޔޫރަޕުން ރާއްޖޭގެ މަހަށް ޑިއުޓީ ކުޑަ ނުކޮށްދެނީ ވާދަވެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވި-- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު


މިނިސްޓަރު ވިދާޅުވީ އީޔޫ މާކެޓުގެ ޑިއުޓީ ކުޑަ ކުރުމަށް ވާހަކަ ދައްކައިގެން މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކުން އެކަމަށް މަސައްކަތް ކުރިނަމަވެސް މިހާތަނަށް އޮތީ ކާމިޔާބު ނުވެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ޔޫރަޕަކީ އެ ބައެއްގެ ދީނަށް ބަލައިގެނެއް ހަމުގެ ކުލައަށް ބަލައިގެނެއް ކަންތައް ކުރާ ބައެއް ނޫން. އެއީ މާ ކުރީ ޒަމާނުގެ ކަމެއް. މިއީ ސީދާ ވާދަވެރި ކަމުގެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އިނގިރޭސި ވިލާތަށް ޑިއުޓީ ފްރީކޮށް މަސް އެކްޕޯޓް ކުރެވޭތޯ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަންވެއްޖެ ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޔޫރަޕުގެ ގައުމުތަކުން ރާއްޖޭގެ މަހަށް ޑިއުޓީ ކުޑަ ނުކޮށްދޭ ސަބަބު ހާމަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރުމުގައި ދިވެހިންނާއި ޔޫޕަރު މީހުންނާ ވާދަ ކުރާ ކަމަށެވެ.

"އެހެންވީމައި އެ މީހުންނަށް ރަނގަޅުތޯ ވާނީ އަޅުގަނޑުމެންނަށް ޒީރޯ ރޭޓްގައި ރޫރަޕަށް މާކެޓް ލިބުނީމާ ނުވަތަ ނޫންތޯ؟،" މިނިސްޓަރު ވިދާޅުވި އެވެ.

އަނެއް ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ ޔޫޕަރު މާކެޓުން ސުން ރޭޓްގައި ޑިއުޓީ ދެނީ އެ ގައުމުތަކުގެ މަސްވެރިންނަށް މަސްވެރިކަން ކުރުމުގެ ފުރުސަތު ދޭ ގައުމުތަކަށް ކަމަށެވެ. ރާއްޖޭގެ ކަނޑުން ޔޫރަޕުގެ މަސް ހިފާ ބޯޓްތަކަށް ޖާގަ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާގޮތް މިއީ. އެކަމަކު ޔޫރަޕް މީހުން ނުބުނޭ އެހެން ވެގެނެކޭ ނުދެނީއެއް. އެ މީހުން ބުނާނީ ކޮންމެވެސް ކޮންވެންޝަންތަކެއްގައި އަޅުގަނޑުމެން ސޮއި ނުކުރާތީ ނޫނީ އެގްޒެމިޝަން ނަގާތީ މިކަހަލަ ކޮންމެވެސް އެއްޗެކޭ. އެކަމަކު އަޅުގަނޑު ގަބޫލު ކުރާގޮތުގައި ހަގީގީ ސަބަބަކީ އެއީ،" މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާ ކަނޑުގައި ވެސް ފުޅާ ދާއިރާއެއްގައި ޔޫރަޕުގެ ދާޖަހައިގެން މަސްވެރިކަން ކުރާ ބޯޓް ފަހަރު އުޅެ އެވެ. އެ މީހުން އެކަން ކުރަނީ ޓެކްނޮލޮޖީގެ އެހީގައި ވަރަށް ފުޅާކޮށެވެ. މުޅި ރާއްޖޭގައި 56 ކަނޑު ފަތި ހުރިއިރު އޮޔާތާ 15،000 ކަނދުފަތި ޔޫޕަރުގެ ބޯޓްތަކުން އިންޑިއާ ކަނޑުގައި އަޅާފައިވެ އެވެ. އެ ކަނދުފަތިތައް ކައިރި މަސް އުޅޭވަރު އެނގޭއިރު މަސް ގިނަ ވުމުން ދާޖަހައި އެ ހުރިހާ މަހެއް އެ ބޯޓް ފަހަރަށް ދަނީ ނަގަމުންނެވެ. އޭގެ ސަބަބުން އިންޑިއާ ކަނޑުގެ މަސްވެރިކަމުގެ އާބާދީއަށް އަސަރު ކުރެ އެވެ.