Advertisement

ވާލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށާއި ދިވެހި ކުންފުނިތަކަށް ގިނަ ނޮމިނޭޝަންތަކެއް

19 ޖުލައި 2021 - 22:18 0

އަމަން ހަލީމް

އަމަން ހަލީމް

ރ. ފަސްމެންދޫގައި ތަރައްގީކޮށްފައިވާ އެމެރަލްޑް މޯލްޑިވްސް ރިސޯޓް: މިދިޔަ އަހަރު ދުނިޔޭގެ ލީޑިން ނިއު ރިސޯޓް އެވޯޑް ކާމިޔާބުކުރީ މި ރިސޯޓުން -- ފޮޓޯ: އެމެރަލްޑް ރިސޯޓްސް


ވާލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށާއި ދިވެހި ކުންފުނިތަކަށް ގިނަ ނޮމިނޭޝަންތަކެއް

19 ޖުލައި 2021 - 22:18 0

ވާލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއަން އޯޝަން ކެޓެގަރީން ރާއްޖެއަށާއި ރާއްޖޭގެ ރިސޯޓުތަކާއި ކުންފުނިތަކަށް ގިނަ ނޮމިނޭޝަންތަކެއް ލިބިއްޖެ އެވެ.

މިފަހަރު ބާއްވާ 28 ވަނަ ވާލްޑް ޓްރެވަލް އެވޯޑުގައި ޑެސްޓިނޭޝަން ކެޓަގަރީން ރާއްޖެއަށް ވަނީ 10 ނޮމިނޭޝަން ލިބިފަ އެވެ.

އަދި ހޮޓެލް އެންޑް ރިސޯޓް ކެޓެގަރީން ރާއްޖޭގެ ރިސޯޓްތަކަށާއި ރިސޯޓް ވިލާތަކަށް 40 އަށް ވުރެ ގިނަ ނޮމިނޭޝަން ލިބުނެވެ.

އޭގެ އިތުރުން ޓްރެވަލް އެޖެންސީ އެންޑް ޓުއާ އޮޕަރޭޓާ ކެޓަގަރީން ނުވަ ނޮމިނޭޝަން އަދި އެއާ އާއި ކްރޫޒް ކެޓަގަރީން ލިބުނު އަށް ނޮމިނޭޝަން ހިމެނެ އެވެ.

އިންޑިއަން އޯޝަން ޑެސްޓިނޭޝަން ކެޓަގަރީން ރާއްޖެ ނޮމިނޭޓްވީ ދާއިރާތައް:

  • ލީޑިން ޑެސްޓިނޭޝަން
  • ލީޑިން ޓޫރިޒަމް ބޯޑް (އެމްއެމްޕީއާރްސީ)
  • ލީޑިން އެޑްވެންޗާ ޓޫރިޒަމް ޑެސްޓިނޭޝަން
  • ލީޑިން ބީޗް ޑެސްޓިނޭޝަން
  • ލީޑިން ކްރޫޒް ޑެސްޓިނޭޝަން
  • ލީޑިން ޑައިވް ޑެސްޓިނޭޝަން
  • ލީޑިން ގްރީން ޑެސްޓިނޭޝަން
  • ލީޑީން ހަނީމޫން ޑެސްޓިނޭޝަން
  • ލީޑިން ސަސްޓެއިނަބަލް ޓޫރިޒަމް ޑެސްޓިނޭޝަން
  • ލީޑިން ވެޑިން ޑެސްޓިނޭޝަން

ރާއްޖޭގެ ރިސޯޓްތަކަށް ލިބުނު ނޮމިނޭޝަންތަކުގެ ތެރޭގައި ގިނައީ ޑެސްޓިނޭޝަން ކެޓެގަރީން ރާއްޖެ ނޮމިނޭޓްވީ ކެޓެގަރީތަކެވެ. އޭގެ އިތުރުން ލީޑިން ޑައިވް ޑެސްޓިނޭޝަން، ލީޑިން ފެމިލީ ރިސޯޓް އަދި ލަގްޒަރީ ރިސޯޓް ކެޓެގަރީތަކުން ގިނަ ނޮމިނޭޝަންތައް ލިބުނީ ރާއްޖޭގެ ރިސޯޓްތަކަށެވެ.

ދިވެހި ކުންފުނިތަކަށް ލިބުނު ނޮމިނޭޝަންތަކުގެ ތެރޭގައި ލީޑިން ޓްރެވަލް އެޖެންސީ، ލަގްޒަރީ ޓުއާ އޮޕަރޭޓާ، ޑެސްޓިނޭޝަން މެނޭޖްމަންޓް ކޮމްޕެނީގެ އިތުރުން ޓުއާ އޮޕަރޭޓާ ކެޓެގަރީގެ ނޮމިނޭޝަންތައް ހިމެނެ އެވެ.

އަދި ލީޑިން އެއާޕޯޓް ކެޓެގަރީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލިބުނު ނޮމިނޭޝަން އާއި އެއާލައިން ކެޓަގަރީތަކުން މޯލްޑިވިއަންއަށް ލިބުނު ފަސް ނޮމިނޭޝަންގެ އިތުރުން ސީޕްލޭން އޮޕަރޭޓާ ކެޓެގަރީން ޓްރާންސް މޯލްޑިވިއަން އެއާވޭސްއަށް ލިބުނު ނޮމިނޭޝަން ފާހަގަކޮށްލެވެ އެވެ.

ޓްރާންސް މޯލްޑިވިއަންގެ ފްލައިޓެއް: މި އެއާލައިނުން ވަނީ ވާލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓަ އެވޯޑް ކާމިޔާބުކޮށްފައި -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު


މިހާރު މި އެވޯޑުގެ ނޮމިނީތަކަށް ވޯޓު ލުން ވަނީ ހުޅުވާލާފަ އެވެ. ވޯޓު ލުން ބަންދު ވާނީ ސެޕްޓެމްބަރު 1 ވަނަ ދުވަހު އެވެ. އަދި ވާލްޑް ޓްރެވަލް އެވޯޑްސް ވެބްސައިޓުގައި ރަޖިސްޓާކޮށްގެން ވޯޓު ލެވޭނެ އެވެ. ކޮންމެ އެކައުންޓަކުން ލެވޭނީ އެއް ވޯޓެވެ.

ރާއްޖެއިން ވަނީ މީގެ ކުރިން ވެސް ވާލްޑް ޓްރެވަލް އެވޯޑްގައި އިންޑިއަން އޯޝަން ކެޓެގަރީން ގިނަ އެވޯޑްތަކެއް ކާމިޔާބުކޮށްފަ އެވެ. ޓްރެވަލް އެވޯޑުގެ ވާލްޑް އެވާޑްސްއަށް ނޮމިނޭޓް ވަނީ މީގެ ތެރެއިން ސަރަހައްދީ އެވޯޑްތައް ކާމިޔާބު ކުރާ ފަރާތްތަކެވެ.

މިދިޔަ އަހަރު ރާއްޖެއިން ވަނީ ފުރަތަމަ ފަހަރަށް ވާލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑް ކާމިޔާބުކޮށްފަ އެވެ. އޭގެ އިތުރުން ރާއްޖެއިން ވަނީ 2003 ވަނަ އަހަރުން ފެށިގެން ވާލްޑްސް ލީޑިން ބީޗް ޑެސްޓިނޭޝަން އަދި ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑް އެތައް ފަހަރަކު ކާމިޔާބުކޮށްފަ އެވެ.