Advertisement

ދެވަނަ ކުއާޓާގައި އެމްޓީސީސީގެ އާމްދަނީ އާއި ފައިދާ މައްޗަށް

19 ޖުލައި 2021 - 12:41 2

އަމަން ހަލީމް

އަމަން ހަލީމް

އެމްޓީސީސީ ހެޑް އޮފީސް އިމާރާތް: މިދިޔަ އަހަރުން ފެށިގެން އެމްޓީސީސީން އަންނަނީ ރެކޯޑް އަދަދަކަށް އާމްދަނީ އާއި ފައިދާ ހޯދަމުން -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު


ދެވަނަ ކުއާޓާގައި އެމްޓީސީސީގެ އާމްދަނީ އާއި ފައިދާ މައްޗަށް

19 ޖުލައި 2021 - 12:41 2

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ސިނާއީ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ)އަށް ދެވަނަ ކުއާޓަރުގެ އާމްދަނީ އާއި ފައިދާ އިތުރުވެއްޖެ އެވެ.

އެމްޓީސީސީގެ ދެވަނަ ކުއާޓަލީ ރިޕޯޓް ދައްކާ ގޮތުގައި، އެ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީއަށް ލިބުނު 423 މިލިއަން ރުފިޔާއިން ހިންގުމުގެ ހަރަދުތަކާއި ޓެކްސް ކެނޑުމަށް ފަހު 63 މިލިއަން ރުފިޔާ ސާފު ފައިދާވި އެވެ.

މިއީ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާއަށް ވުރެ 1.36 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިއީ ވޭތުވެ ދިޔަ ތިން އަހަރުގެ ދެވަނަ ކުއާޓާގައި ލިބުނު ފައިދާއަށް ވުރެ ވެސް ބޮޑު ފައިދާއެކެވެ. މީގެ އިތުރުން ހިއްސާއަށް ލިބުނު އާމްދަނީ އަދި ކޭޝް ފްލޯ ވެސް މި ކުއާޓަރުގައި ވަނީ އިތުރުވެފަ އެވެ.

އެމްޓީސީސީން މިހާރު ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު ޖުމްލަ 86 ޕްރޮޖެކްޓެއް އެ ކުންފުނިން ވަނީ ދެވަނަ ކުއާޓާގެ ތެރޭގައި ހިންގާފަ އެވެ. އޭގެ ތެރެއިން ދެ ޕްރޮޖެކްޓެއްގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާލާފަ އެވެ. އަދި މުޅިން އަލަށް ނުވަ ޕްރޮޖެކްޓަކާ ހަވާލުވީއިރު، ދެވަނަ ކުއާޓާގެ ތެރޭގައި 10 ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތްތައް ވަނީ ފަށާފަ އެވެ.

މިދިޔަ ކުއާޓަރުގެ ތެރޭގައި އެމްޓީސީސީން ނިންމާލީ ގދ. ތިނަދޫ ރީޖަނަލް ޕޯޓުގެ މަސައްކަތާއި އައްޑޫ ސިޓީ މީދޫގެ ހާބަރު އަޕްގްރޭޑް މަސައްކަތެވެ. އަދި ސީއެސްއާރްގެ ދަށުން ކުންފުނިން ހިންގި ހަތަރު ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް ވަނީ ނިންމާލާފަ އެވެ.

ސީއެސްއާރުގެ ތެރޭގައި އާޓިފިޝަލް ބީޗު މޫދު ސަރަހައްދުގައި ނުކުޅެދޭ މީހުން ބޭނުންކުރާނެ ރޭމްޕަކާއި، ހޯރަފުށި އެއާޕޯޓަށް ލިބުނު ގެއްލުން މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ސަރުކާރުން ހިންގާ ގިނަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގައި ހިމެނޭ އިމާރާތްކުރުމާ ބިން ހިއްކުމާ ގުޅޭ ގިނަ މަޝްރޫއުތައް ހިންގާ އެމްޓީސީސީގެ އާމްދަނީ އާއި ފައިދާ ވަނީ މިިދިޔަ އަހަރު ރެކޯޑް އަދަދަކަށް އުފުލިފަ އެވެ. ފުރަތަމަ ދެ ކުއާޓާގެ ކުންފުނީގެ މާލީ އުސްއަލިތަކުން ދައްކަނީ މި އަހަރަކީ ވެސް މާލީ ގޮތުން ކުންފުންޏަށް ކާމިޔާބު އަހަރަކަށް ވާނެ ކަމަށެވެ.