Advertisement

އޮލިމްޕިކްސްގެ ރާއްޖޭގެ ޗެފް ޑި މިޝަނަރަކަށް މުންތަގިމް

19 ޖުލައި 2021 - 11:22 0

2019 ވަނަ އަހަރުގެ އައިއޯއައިޖީގެ ތެރެއިން މުންތަގިމް (ވ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: ރައީސް އޮފީސް


އޮލިމްޕިކްސްގެ ރާއްޖޭގެ ޗެފް ޑި މިޝަނަރަކަށް މުންތަގިމް

19 ޖުލައި 2021 - 11:22 0

މި ހަފްތާގައި ފަށާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރާ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް (މުންތޭ) ހަމަޖައްސައިފި އެވެ.

އިއްޔެ އޮލިމްޕިކް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރާއި ނައިބު ރައީސް އަހުމަދު އިސްމާއިލް އަދި ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) ވަނީ އޮލިމްޕިކްސްގައި ބައިވެރިވާ އެތުލީޓުންނާ ބައްދަލުކޮށްފަ އެެވެ.

ޖަޕާނުގެ ޓޯކިޔޯގައި އަންނަ ހުކުދު ދުވަހު ފަށާ އޮލިމްޕިކްސްގައި ވާދަކުރަން ރާއްޖޭގެ ކޮންޓިންޖެންޓް މިއަދު ހެނދުނު ވަނީ ފުރައިފަ އެވެ.

ރާއްޖޭގެ ޗެފް ޑި މިޝަން އަކަށް ހަމަޖެއްސި މުންތަގިމް ވެސް މިއަދު ކޮންޓިންޖެންޓާ އެކު ޖަޕާނަށް ދިއުމަށް ފުރިއިރު، އޮލިމްޕިކްސްގެ ތެރޭގައި އެނާގެ ޒިންމާއަކަށް ވާނީ ގޭމްސްގެ އިވެންޓްތަކަށް ދިވެހި އެތުލީޓުންގެ ތައްޔާރީތަކާއި އިންތިޒާމުތައް ކުރިއަށްދާ ގޮތް ބެލުމާއި ގޭމްސްގެ ތެރޭގައި އެތުލީޓުންގެ ޕާފޯމަންސާ ގުޅޭ ކަންކަމާއި ލޮޖިސްޓިކްސްގެ ކަންކަން ހަމަޖެއްސުމެވެ.

ކޮވިޑް-19ގެ ތެރޭގައި މި ފަހަރުގެ އޮލިމްޕިކްސް ބޭއްވިގެން ދިއުމަކީ ޗެފް ޑި މިޝަނަރަށް އޮތް ޒިންމާ އިތުރުވާނެ ސަބަބެކެވެ. ހާއްސަކޮށް ޖަޕާނުގައި މި ފަހަރު އޮލިމްޕިކްސްގެ އިވެންޓްތައް ކުރިއަށްގެންދަން ކަނޑައަޅާފައިވާ އުސޫލުތައް ހަރުކަށިވުމުން އާންމު އުސޫލާހިލާފަށް ޗެފް ޑި މިޝަން އަށް އޮތީ ޗެލެންޖިން މަސައްކަތެކެވެ.

ހަތަރު ވަނަ ދައުރަކަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީއެއްގެ ޒިންމާ އަދާކުރަމުން އަންނަ މުންތަގިމް ވަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި މަސައްކަތް ކޮށްފަ އެވެ. ޖަޕާނުގެ ޖިފޫގައި ބޭއްވި ޖޫނިއާ އެތުލެޓިކްސް މުބާރާތުގައި ސްޓާޓް ރެފްރީކަންކޮށް މުންތަގިމް ވެފައިވަނީ އޭޝިއާގެ މުބާރާތެއްގައި އެފަދަ ޒިންމާއެއް ނެގި ފުރަތަމަ ދިވެއްސަށެވެ. އަދި ނޭޕާލުގައި 2019 ވަނަ އަހަރު ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގެ އެތުލެޓިކްސް އިވެންޓްތަކުގެ އިންޓަނޭޝަނަލް ޓެކްނިކަލް އޮފިޝަލް (އައިޓީއޯ) އަކަށް މުންތަގިމް މަސައްކަތް ކުރިއިރު، އޭނާ އަކީ ގޭމްސް އެއްގެ އެތުލެޓިކްސްގެ އެ ފަދަ ޒިންމާއެއް އަދާކުރި ރާއްޖެ އަށް ނިސްބަތްވާ ފުރަތަމަ މީހާ އެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި އެތުލެޓިކްސް އިން ރާއްޖެ ތަމްސީލްކުރާނީ 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ވެސް ވާދަކުރި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ. ފެތުމުން ރާއްޖޭގެ ފަރާތުން ބައިވެރިވަނީ އައިޝަތު ސާޖިނާ އާއި މުބާލް އައްޒާމް އިބްރާހީމް އެވެ. އަދި ބެޑްމިންޓަންގެ ފަރާތުން ފާތިމަތު ނަބާހާ އެވެ. މިއީ އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓްގައި ރާއްޖޭގެ އަންހެން ކުޅުންތެރިއަކު ވާދަކުރާ ފުރަތަމަ ފަހަރެވެ.

އޮފިޝަލުންގެ ގޮތުގައި މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރާނީ ތަޖުރިބާކާރު ބެޑްމިންޓަން އޮފިޝަލް އަހުމަދު ޝިހާމް (ޕުޗު) އެވެ. އޭނާ އަށް މި ފުރުސަތު ދިނީ އިންޓަނޭޝަނަލް ފެޑެރޭޝަނުންނެވެ. އޭނާ އަށް މި ފުރުސަތު ލިބުނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކޮށްފައިވާ މަސައްކަތްތައް ރަނގަޅު ވުމުންނެވެ.