Advertisement

ރެކޯޑް އަދަދުތަކާއެކު ޓޫރިޒަމް ކޮވިޑުގެ ކުރީގެ ހާލަތާ ގާތަށް

19 ޖުލައި 2021 - 11:18 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވީއައިއޭ ގައި -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ރެކޯޑް އަދަދުތަކާއެކު ޓޫރިޒަމް ކޮވިޑުގެ ކުރީގެ ހާލަތާ ގާތަށް

19 ޖުލައި 2021 - 11:18 0

ފާއިތުވި ދެ ދެވަހުގެ ތެރޭގައި ރާއްޖެއަށް ރެކޯޑް އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއަށް 4،614 ފަތުރުވެރިން އައިސްފައިވެ އެވެ. އެއީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައި ދުވަހެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިއަށް ޖެހިލައި، 2019 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު، އެ އަހަރު ވެސް ޓޫރިސްޓުން ޒިޔާރަތްކުރި އެއް ދުވަހުގެ އެވަރޭޖަކީ 4،713 އެވެ.

ނަމަވެސް، ހޮނިހިރު ދުވަހުގެ ރެކޯޑް ވިދިގެން އައި ދުވަހު ވަނީ މުގުރާލައިފަ އެވެ. އެގޮތުން، އިއްޔެ އެކަނި 4،818 ޓޫރިސްޓުން ރާއްޖެއަށް އައިސްފައި ވެ އެވެ. އެއީ މިއަހަރުގެ ޑެއިލީ އެވަރޭޖަށް ވުރެ ދެ ގުނަ އިތުރު އަދެދެކެވެ.

ކޮވިޑުގެ ކުރީގެ ހާލަތަށް ރާއްޖޭގެ ޓޫރިޒަމް ރުޖޫއަވާން މިސްރާބު ޖަހާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ފަތުރުވެރިން އަންނަ މިންވަރު އިތުރަށް ރަނގަޅުވާނެކަމުގެ އިޝާރާތެއް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ދެއްވައިފަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޓޫރިޒަމް ދައްކަނީ ރަނގަޅަށް. އަޅުގަނޑުގެ އިލްތިމާސްއަކީ، އެންމެން ވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަންކަން ކުރިއަށް ގެންދަން. އެންމެން ގުޅިގެން އަދި ތިމާގެ ފަރުދީ ޒިންމާ އަދާކޮށްފި ނަމަ މިކަމުން [ބަލިމަޑުކަމުން] އަރައިގަނެވޭނެ. އޭރުން ޓޫރިޒަމް ވެސް ރަނގަޅުވާނީ،" މައުސޫމް ވިދާޅުވި އެވެ.

އިއްޔެ ރެކޯޑާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ 564،228 އަށް އަރައިފަ އެވެ.

އެއާއެކު، މިދިޔަ އަހަރު އައި ޖުމްލަ 555،594 ފަތުރުވެރިންގެ އަދަދު އިއްޔެއާ ހަމައަށް ވަނީ ހުރަސްކޮށްފަ އެވެ.

ނަމަވެސް، ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ގެނައުމަށެވެ.

ފަތުރުވެރިން އެންމެ ގިނައިން އަންނަ މަންޒިލްތަކަށް ބަލާއިރު، އަދިވެސް އެއް ގައުމަކުން އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ރަޝިއާ އިންނެވެ. އެއީ ކޮވިޑުގެ ކުރިން ހަ ވަނައިގައި އޮތް ގައުމެކެވެ. ދެ ވަނަ އަށް އެންމެ ގިނައިން މީހުން އަންނަނީ އިންޑިއާ އިންނެވެ.