Advertisement

ކުރުވާހަކަ: ހާފުސްވިލާ

19 ޖުލައި 2021 - 09:23 4

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ކުރުވާހަކަ: ހާފުސްވިލާ

19 ޖުލައި 2021 - 09:23 4

އަހަންނަށް މިހެން ދިމާވާންވީ ކީއްވެ ހެއްޔެވެ؟ ކޮންމެ ފަހަރަކު ވެސް އަހަންނަށް މި ލިބެނީ ލަނޑެވެ. ކޮޅުކޮއްސެވެ. މިކަމާ ފިކުރުކޮށްކޮށް މިހާރު މޮޔަވާވަރު ވެއްޖެ އެވެ. ގޮތް ހުސްވެ މާޔޫސްވާވަރު ވެއްޖެ އެވެ. މިހެން ދިމާ މި ވީ އަލަކަށް ނޫނެވެ. އެންމެ ފަހަރަކު ދެ ފަހަރު ވެސް ނޫނެވެ. އެތައް ފަހަރަކުއެވެ. އެއް ކަހަލަ ގޮތަކަށެވެ.

އެންމެ ފުރަތަމަ ސުހާ އެވެ. އަހަރެންގެ ހިތް އެމީހަކަށް ޓަކައި ފުރަތަމަ ވެސް ދޫކޮށްލެވުނު އަލަތު ލޯބިވެރިޔާ އެވެ. ސުހާއަކީ ރީތި ކުއްޖެކެވެ. ލޯބި މީހެކެވެ. ހިތިފަތެއްހާ ލުއި ހަށިގަނޑެއްގެ ވެރިއެކެވެ. އޭނާއަށް އަހަރެންގެ ހިތް ދެވުނީ އެހެންވީމައެއް ނޫނެވެ. ނޭނގި ހުއްޓާ ލޯބިވެވުނީމަ އެވެ. ނުބުނެވި ހުއްޓާ އޭނާއަށް އެކަން އެނގުނީމަ އެވެ.

"އަހަންނަށް ހީވަނީ މިކުރެވޭ އިހުސާސްތައް ޒާހީއަށް ވިސްނޭނެހެން." ސުހާ ކިޔައިލީ ސީދާ އަހަރެންގެ ހިތެވެ.

ހިތުގައި ލިޔެވިފައިވާ އަކުރުތަކަށް ވަކިވަކީން ބާރުކޮށްލަމުން އޭނާ ކިޔައިލި ކަހަލަ އެވެ. އަހަރެން ނޫން ކަމަށް ހެދުނީމެވެ. ސުހާ ހިތަށް އަރާނެ އެއްޗެއް ނޭނގުނީމަ އެވެ. އޭނާއަކީ އެތައް ބައެއްގެ ހިތުގެ ވިންދުކަން ވެސް ވިސްނުނީމަ އެވެ.

"އަހަރެން ބޭނުމީ ޒާހީ." ސުހާގެ ނިންމުން އަހަންނަށް ހިއްސާކުރި އެވެ.

އެ ދުވަސް ވެގެން ދިޔައީ މުޅީން ތަފާތު ދުވަހަކަށެވެ. ހިތަށް ހަމަޖެހުން ލިބުނު އުފާވެރި ދުވަހަކަށެވެ. އެކުވެރިކަމުގެ ގުޅުން އާ ހަރުފަތަށް ބަދަލުވި ދުވަހަކަށެވެ. ލޯބީގެ ބަގީޗާތަކުގައި ފޮޅެމުންދާ މާމެލާމެލިން ހިތްއުފާކުރާން ލިބުނު ފުރުސަތަކަށެވެ. އެ ބަގީޗާތަކުގައި އޮށޯވެ ތިބެ އުޑުމަތީންދަ ވިލާތަކަށް ބަލައިގެން ތިބެ އުފާވެރި ތަސްވީރުތައް ކުރެހުނު ދުވަހަކަށެވެ. ހާފުސްވިލާތަކުން އުފާވެރިކަން ގެނުވި ޢީދަކަށެވެ.

އެ ގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔަ އެވެ. ދެހިތް ދެހިތަށް މެހެމުން ގުޅުން ހަރުދަނާވަމުންނެވެ. ކުއްލިއަކަށް އަހަންނަށް އެހެން ރަށަކަށް ދާން ޖެހުނެވެ. އޮފީހުގެ މަސައްކަތް ތަކެއް ކުރުމަށެވެ. އަހަންނަކީ އައިޓީ ދާއިރާގައި މަސައްކަތްކުރާ މީހެއް ވީމަ އެވެ. އެ ރަށުގެ ކައުންސިލް އިދާރާގެ ނެޓުވޯކު މަސައްކަތްތަކެއް ކުރުމަށެވެ. އެއްމެ ދުވަހަކަށް ނޫނެވެ. އެއް މަސްދުވަހަށެވެ.

"ދެން ތި ދާރަށުން ކުއްޖަކު ހޯދާނީކީ ނޫން އިނގޭ." ސުހާގެ އެ ޖުމުލަ އިވިފައި އަހަންނަށް ހުއްޓެވުނެވެ.

އޭނާ އެގޮތަށް ވިސްނީ ކީއްވެ ބާއޭ ހިތަށް އެރި އެވެ. އެ ފަދަ ނަޒަރަކުން އަހަންނާ މެދު އޭނާ ވިސްނާނީ ކޮންމެވެސް ކަމެއް ވީމައޭ ހިތަށް އެރި އެވެ. އެހެން ނޫންނަމަ އެގޮތަށް ވިސްނަންވީ ކީއްވެ ހެއްޔެވެ؟ އެ ފަދަ ޖުމުލައެއް އޭނާގެ ދުލުން ބޭރުވަންވީ ކީއްވެ ހެއްޔެވެ؟ އަހަރެން ބޭނުންވީ އެ ކަން މަޖަލަކަށް ހަދާށެވެ. އެއީ ސަމާސާއެއް ކަމަށް ވިސްނާށެވެ. އެހެންވެ ސުހާއާ ދިމާއަށް ބަލައިލަމުން ލޮލާއި ތުންފަތުން ނޫނެކޭ ބުނެލީމެވެ.

"ދެން ސުހާ ވެސް އެހެން ދިމާއަކަށް ދާނީއެއް ނޫން." ސުހާގެ ނޭފަތުގައި ހިފައި ލަމުން ލާނެތް ރާގެއްގައި ބުނެލީމެވެ.

ސުހާ ހައިރާން ކަމާއެކު އަހަރެންގެ މޫނަށް ބަލައިލި އެވެ. އޭނާގެ މިޒާޖަށް އައި ކުއްލި ބަދަލާއެކު އަހަންނަށް ވިސްނައިލަން މަޖުބޫރުވި އެވެ.

"ކިހިނެއް؟ ކިހިނެއް ޒާހީއަށް.." ސުހާ ބުނަން އުޅުނު ވާހަކަ ފުރިހަމަ ނުކުރެވުނެވެ.

"އާނ! މިގޭ ދޮރުގައި ޓަކިޖަހައިލަ ޖަހައިލާ އެތައް ބަޔަކު އެތިބެނީ. އެހެންވީމަ ހަމަ އެ ވެސް ވެދާނެ ގޮތެކެއްނު ދޯ." ސުހާއަށް ލިބުނު ހައިރާންކަމުން އަހަންނަށް ކުރެވުނީ އެހެން މާނައެކެވެ.

ސުހާގެ މޫނަށް ބަލައިގެން އިނދެ އަހަރެން ބުނެލި ކޮންމެ ލަފުޒަކުން އޭނާގެ މޫނު މަތީގެ ކުލަ ބަދަލުވާކަން އަހަންނަށް ފާހަގަ ކުރެވުނެވެ. އެހެންވެ އޭނާގެ ދެ ލޮލަށް ބަލަހައްޓައިގެން އިނދެ އެ ހިމަހޯލި ތަކެއްފަދަ އިނގިލިތަކުގައި ހިފައިލީމެވެ. އޭނާގެ އަތްތިލަ ވަނީ ފިނިވެފައެވެ. ގަނޑުވެފަ އެވެ.

"ސުބުހާނަﷲ! ކީއްވެ ފްރީޒްވާންވީ؟" އަހަރެން ބޭނުންވީ ސުހާ ހެއްވާލާށެވެ.

ސުހާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލި އެވެ. އޭނާ ދެ ލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް އަހަންނަށް ފެންނަން ފެށި އެވެ. ނަމަވެސް އަހަރެން އެކަން ނުފެންނަ ކަމަށް ހަދައި އޭނާއާ ސަމާސާކޮށްލަން ބޭނުންވީ އެވެ. މަޖާކޮށްލާ އޭނާ ހެއްވާލަން ބޭނުންވީ އެވެ.

އެރޭ ނިމިގެން ދިޔައީ އާދަޔާ ޚިލާފު އުފާތަކެއް އަހަންނަށް ގެނުވައިދީފަ އެވެ. ނަމަވެސް އަހަންނަށް ފާހަގަވި އެއްކަމެއް އޮތެވެ. ސުހާގެ ހިމޭންކަމެވެ. އޭނާގެ ތަބީއަތަށް ވެރިވި ކުއްލި ބަދަލެވެ. މާޔޫސްކަމެވެ. އެއިން އަހަންނަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. ނެގުނީ ތަފާތު މާނައެކެވެ. ނަމަވެސް ހީނއަކަށް ކަމެއް ކުރުމުގެ ކުރީން ވިސްނައިލަން ޖެހޭނޭ ބުނާތީ އެކަން ރައްކާކުރީ ހިތުގެ މަކާނުގަ އެވެ. ސިކުނޑީގައެވެ. ސިއްރެއް ގޮތުގަ އެވެ.

ޖެހިގެން އައި ދުވަހުގެ ފުރަން ނުކުމެ ވަށައިގެން ބެލުނެވެ. ބަނދަރަށެވެ. ސުހާގެ ހިލަމެއް ވޭތޯ އެވެ. ކާނިގަސްތައް ކައިރިއަށް ދެވުނެވެ. އެއީ އަހަރުމެންގެ މަންޒިލެވެ. ލޯބީގެ ބިޗާނާ އެވެ. އަހަރުމެންގެ ގުޅުމުގައި ކޯދުލާން ފެށި މަންޒިލެވެ. ކޮންމެ ރެޔަކު ފަޅުފިލުވާ މާލަމެވެ. އިރު ކޮޅެއް ވަންދެން އެތަނުގައި ހުރީމެވެ. ސުހާއަށް ދެތިން ފަހަރަކު ގުޅައިލީމެވެ. ނަމަވެސް ފޯނު އޮތީ ނިއްވާލައިފަ އެވެ. ވަށައިގެން ހޯދައިލެވުނެވެ. ސުހާ އަންނާނެ ކަމަށް ބުނެފައިވީމަ އެވެ. އެންމެ ފަހުން ފެރީއަށް މީހުން އަރާން ފެށުމުން އަހަރެން ހިނގައިގަތީމެވެ. ސިކުނޑިއަށް ގިނަވަމުން ދިޔަ ސުވާލުތައް އެތަނަށް ދޫކޮށްލައިފަ އެވެ.

ގަޑިއެއްހާއިރުގެ ދަތުރަކަށް ފަހު މަންޒިލަށް ދެވުނެވެ. އެއީ އަހަންނަށް މުޅީން އާ ރަށެކެވެ. ދަންނަ މީހަކު ވެސް ނެތް ބީރައްޓެހި ރަށެކެވެ. ފެރީން ފޭބުމާއެކު ކުރެވުނީ އުފާވެރި އިހުސާސެކެވެ. ރަށުގެ މަލަމައްޗަށް ނަޒަރު ހިންގައިލެވުނެވެ. ފެހިކަން ގަދަ ރީތި ގަސްކަރައެކެވެ. ދިވެހިވަންތަ ހޭޅިފަށެވެ. ހިމުން ދޮންވެލި ގަނޑެކެވެ. ބިއްލޫރި ކޮޅެއް ފަދަ ސާފު މޫދެކެވެ. ދުރަށް ނަޒަރު ހިންގައިލެވުނެވެ. ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި މޫދުގައި އުޅުނު ދެ ޒުވާނުންނެވެ. ދެފަހަރަކު ބަލައިލެވުނެވެ. ހިތައިހިތައި ކިޔައިލެވުނީ ސުހާގެ ނަމަވެ.

އަހަންނަށް ފެންނަމުން ދިޔައީ ސުހާ އެވެ. އޭނާއާއެކު ފިރިހެނަކު ކައިރީ ހުއްޓެވެ. ކަނދުރާއާ ހަމައަށް ދިގުކޮށްފައިވާ ބުޅި އިސްތަށިގަނޑެކެވެ. ބައިމަތިފުޅާ ތަނަވަސް މޭމަތީގައި ސުހާގެ ބޯ އަޅައިލައިގެން ހުއްޓެވެ. އިރުކޮޅަކުން އޭނާ ފަހަތަށް ކޮށްޕާލި އެވެ. ކުއްލިއަކަށް އެ ޒުވާނާ މޫދަށް ވެއްޓުނެވެ. ސުހާ ޕަކަޕަކަލައިފައި ހޭންފެށިއެވެ. އަނގަމަތީ އަތް އަޅައިގެން ހުރެ އެވެ. އިރުކޮޅެއް ނުވަނީސް އެ ޒުވާނާ ބޯ ހިއްލައިލި އެވެ. އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ހީވީ ރަނގަޅަށެވެ. އެއީ އަހަރެންނެވެ. އަހަރެންގެ މޫނެވެ. އަހަރެންގެ ހަށިގަނޑެވެ. މޫދުން ބޯހިއްލައިލުމަށްފަހު އޭނާ އޮޅުލައިގަތީ ސީދާ ސުހާގެ ގައިގަ އެވެ. އެއާއެކު ދެމީހުން އެކުގައި މޫދަށް ވެއްޓިގަތީ އެވެ. ލޮނުގަނޑު ދެ ފަރާތަށް ބުރައިގެން ދިޔަ އެވެ.

"ޒާހީ!"

ދުރުން މީހަކު ގޮވާލި އަޑަށް އަހަންނަށް ބަލައިލެވުނެވެ. ދެބައި އުމުރުގެ ފިރިހެނެކެވެ. ދަށަށް ޖަހައިލައި ކަރުގައި ޓައީ ބައްދާލައިފައި ހުރި ގޮތުން އެއީ ކާކުކަން ދެނެގަންނަށް މާ ގިނަ އިރެއް ނުނެގި އެވެ.

"ރާޒީ." އެމީހާ އައިސް ސަލާމަށް އަތްދިއްކޮށްލަމުން ބުނެލި އެވެ.

ރާޒީގެ ފަހަތުން ހިނގައި ގަންނަމުން އަހަރެން ބަލައިލީމެވެ. މޫދާ ދިމާއަށެވެ. ސުހާ ކޮބައިތޯ އެވެ.

"އެއީ ޗުއްޓީއަށް އައިސްގެން އުޅޭ ދެ މީހުން. ހީވަނީ އިނދެގެން އުޅޭ ދެމީހުންހެން. އެމީހުން ކަންކަން ހުންނަ ގޮތުން މި ރަށު މީހުން އެ ތިބެނީ ވަރަށް ނުރުހުން ވެފަ." ރާޒީ ވެސް އެދިމާ ބަލައިލަމުން ބުނެލި އެވެ.

ސުވާލުގެ ނަޒަރުން އަހަންނަށް ބަލައިލެވުނީ ރާޒީގެ މޫނަށެވެ.

"އާނ! ރަށްފުށުގެ މާހައުލާއި މާލޭގެ މާހައުލާ ތަފާތުވާނެ ދޯ. އާއްމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް އެހާ ގައިގޯޅިކޮށް ރަށްފުށުގަ އުޅުނީމަ މީހުންނަށް ކަމަކު ނުދާނެ. އެހެން ނޫނަސް އަހަރުމެންނަކީ މުސްލިމުން، އިސްލާމުން. އަހަރުމެން ގަބޫލުކުރާ ހަމަތަކެއް އުސޫލުތަކެއް ހުރޭ. އެއަށް އިހުތިރާމު ކުރާންވާނެ ދޯ،" އަހަރެންގެ ދަބަސް ހިފައިގެން ރާޒީ ހިނގައިގަތެވެ. "ބައެއް މީހުންނަކީ ނަމުން މުސްލިމު ކަމުން ޔޫރަޕު މީހުން. އެއީއޯ ތަހުޒީބަކީ."

އޭނާގެ ފަހަތުން އަހަރެން ވެސް ހިނގައިގަތީމެވެ. ރާޒީ ދެއްކި ވާހަކައާ މެދު ވިސްނައިލަން މަޖުބޫރުވީމަ އެވެ. ކޮންމެ ގޮތެއް ވިޔަސް އަހަންނަށް ވެސް ޖެހޭނީ އެމީހުންގެ ވިސްނުމާ އެއްގޮތަށް ފިޔަވަޅު އަޅަންކަމަށް ވިސްނުނެވެ. އެހެންނޫނީ އަހަންނެކޭ މޫދުން ފެނުނު މީހުންނެކޭ ތަފާތެއް ނޯންނާނޭ ހިތަށް އެރި އެވެ. ފާލަމުން ފައިބަމުން ވެސް ބަލައިލެވުނީ މޫދާ ދިމާއަށެވެ. އޭރު އެ ދެ ޒުވާނުން ފާލަމާ ދިމާއަށް އަންނަނީ އެވެ.

އަހަންނަށް ބަލައިލެވުނީ އެމީހުން ފައިތިލައިން ފެށިގެން ބޮލާ ހަމައަށެވެ. ސުހާކަމަށް އަހަންނަށް ހީކުރެވުނު ކުއްޖާ ލައިގެން ހުރީ ކުރުކުރު ސޯޓަކާއި ގަޔަށް ބާރު ކޮނޑުކެނޑި އެވެ. ފިރިހެން މީހާގެ ކުރުސޯޓު ހުރީ ފަލަމަސްގަނޑުގައި ތަތްވެ ވަނާތައް ފާޅުވާށެވެ. އެމީހުން ފެނުމުން އަހަންނަށް ވެސް އިސް ޖަހައިލެވުނެވެ. ލަދުވެތި ވެވުނެވެ. ރާޒީ ބުނީ ތެދެކެވެ. އެއީ ދިވެހިންގެ ތެރޭގައި އުޅެންވާނެ ގޮތެއް ނޫނެވެ. އެހާ ކުރު އެއްޗެހި ލައިގެން އެހާ ނިވާކަން ކުޑަ ގޮތަކަށް އުޅުމުން ތަފާތު އިޖުތިމާއީ މައްސަލަތައް ނުކުންނަން ފަށާނެ އެވެ.

"އެމީހުން އެ ފާޑަކަށް އުޅެންވީ މީހުން ނޫޅޭ ތަންތަނުގައި. އޭރުން އެއްޗެކޭ ބުނާނެ މީހަކު ނުހުންނާނެ،" ރާޒީ އަހަރެންގެ މޫނަށް ބަލައިލި އެވެ. "ކިރުބޯ ޅަދަރިންނާއި މައިންބަފައިން ކުރިމަތީގައި އެހެން އުޅުނީމަ ކަމަކު ނުދޭ ދޯ."

ރާޒީގެ ވާހަކައަށް އަހަންނަށް އެއްބަސް ވެވުނެވެ. އެހެންވެ ބޮލުން ހަރަކާތް ކޮށްލެވުނެވެ. ރާޒީ ވެސް ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލި އެވެ. އޭނާ ހިނގައިގަތީ އެއްގަމާ ދިމާއަށެވެ. އޭނާގެ ފަހަތުން އަހަރެން ހިނގައިގަތީމެވެ. ރާޒީ ގޮސް ސައިކަލަށް އެރި އެވެ. އޭނާ އިޝާރާތްކޮށްލީ ސައިކަލުގެ ފަހަތު ޝީޓަށެވެ. އެ ހަރަކާތުގެ މާނަ އަހަންނަށް ދޭހަކުރާކަށް ދައްޗެއް ނުވި އެވެ.

އަހަރެން ހުންނަން ހަމަޖެހިފައި ވަނީ ރާޒީގެ ގޭގައި ކަން އެނގުނީ އެގެއަށް ދިޔަ ފަހުންނެވެ. ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެ ލެވުނެވެ. ސުހާގެ ޚަބަރެއް ވޭތޯ ފޯނު ނަގައި ދެ ފަހަރަކު ގުޅައިލީމެވެ. ނަމަވެސް ގުޅޭގޮތެއް ނުވެ އެވެ. ބުނާން ނޭނގޭ ކަހަލަ އިހުސާސްތަކެއް ކުރެވޭން ފެށުނެވެ. ކޮންމެވެސް ވަރަކަށް ހާސްވެ ކަންބޮޑުވާ ގޮތްވި އެވެ. ސުހާއަށް ކަމެއް ދިމާވީބާއޭ ހިތަށް އެރި އެވެ. ދެވަނަ ސިކުންތުގައި ވިސްނައިލެވުނެވެ. އޭނާގެ މިޒާޖާ މެދުގަ އެވެ. ކަމަކާ ދެރަވާ ގޮތް ވެއްޖެ ނަމަ އެ ރުޅި ބާލާނީ ފޯނަށްކަން ވިސްނުނީމަ އެވެ. ރުޅިގަނޑު މައިތިރިވަންދެން ދުނިޔެއާ ގުޅުން ކަނޑައިލާނެ ކަން ވިސްނުނީތީ އެވެ. އެހެންވެ ފޯނު ނިއްވާލީ ކަމަށް ގަބޫލުކުރެވުނެވެ.

ނިތްކުރީގައި އަތް ބާއްވާލަމުން ފުންނޭވާއެއް ދޫކޮށްލެވުނެވެ. ރާޒީ ދެއްކި ވާހަކަތަކާ މެދުގަ އެވެ. އޭނާގެ ވާހަކަތަކުން މި ރަށު މީހުންގެ ވިސްނުން ހުރި ގޮތާއި ކަންކަމާ މެދު ދެކޭގޮތް ސާފުވި އެވެ. މީހަކު ދޮރުގައި ޓަކި ޖަހައިލުމުން ބަލައިލެވުނެވެ.

"ވަދޭ، ހުޅުވައިފަ." އަހަރެން ބުނެލީމެވެ.

އަނެއްކާ ވެސް ޓަކި ޖަހައިލި އެވެ. އެނދުން ތެދުވެލަމުން ހިނގައިގަނެވުނެވެ. ދޮރު ހުޅުވާލީމެވެ. އަހަންނަށް ލިބުނީ ސިހުމެކެވެ. ކަޅި ޖަހައި ނުލައި ބަލައިލެވުނެވެ. ރީތި އޮމާން ވަށް މޫނެކެވެ. ފުން ދެ ލޮލެވެ. ފިނިފެން މަލެއްހެން ފޮޅިފައިވާ ދެ ތުންފަތެވެ. އޭނާ އިޝާރާތްކޮށްލީ އަތުގައި ހުރި ތަބަކަށެވެ. ކުރުނބާ ފަނި ތަށްޓަކާއި ފެންތަށްޓެއް ހުއްޓެވެ.

"ވަދޭ." އަހަންނަށް އިޝާރާތްކޮށްލެވުނެވެ.

އޭނާ ލަދުން އިސްޖަހައިލި އެވެ. އަހަންނަށް ބަލައިލެވުނެވެ. ވިސްނައިލެވުނީ އެހައި ހިސާބުންނެވެ. ލައިގެން ހުރެވުނީ ކުރު ސޯޓެއް އެކަނިކަން ހަނދާންވީ ވެސް އެހައި ހިސާބުންނެވެ. ހަމަ އެ ސިކުންތުގައި ހިތަށް ވެރިވީ ރާޒީގެ ޖުމުލަތަކެވެ. އޭނާ ނުރުހިފައި ދެއްކި ވާހަކަތަކެވެ.

"އޯހް! ސޮރީ." އަހަންނަށް ހިނގައިގަނެވުނީ އެތެރެއަށެވެ.

އެނދުގައި އޮތް ޓީޝާޓު ބޮލަށް މަހައިލީމެވެ. އަވަސްއަވަހަށް އިސްތަށިގަނޑުގައި އިނގިލިން ފުނާ އަޅައިލީމެވެ. ލުއި ގޮތަކަށް ހިނިތުންވެލަމުން ދޮރު ހުޅުވާލާ އޭނާއަށް އެތެރެއަށް ވަންނަން ފުރުސަތު ދިނީމެވެ.

"ބައްޕަ ބުނީ ޒާހީއަށް ފަސޭހަ ގަޑިތަކަކަށް ކެއުމުގެ ކަންކަން ހަމަޖައްސާށޭ." ކުރަކި ވެފައިވާ އަޑަކުން ކޮށި ގޮތަކަށް އޭނާ ވާހަކަދެއްކި އެވެ.

"ނަން ނުބުނަމެއްނު." އަހަންނަށް ބެލުނީ އޭނާގެ މޫނަށެވެ.

އެ މޫނުމަތިން ވާހަކަތަކެއް ކިޔައިދޭހެން ހީވާތީ އެވެ.

"ދީމާ." އަތުގައި ހުރި ތަބަށް މޭޒުމަތީގައި ބަހައްޓައިލަމުން ބުނެލި އެވެ.

"އޯކޭ. ދީމާ އެކަނިތަ މިގޭގައި އުޅެނީ؟ ކޮބާ އެހެން މީހުން؟" ރާޒީ ދެއްކި ވާހަކަތަކެއް ހަނދާނަށް އައުމުން ޔަގީންކޮށްލަން ބޭނުންވީމަ އަހައިލީމެވެ.

"އަހަންނާއި ބައްޕަ އެކަނި އުޅޭނީ." ދީމާގެ އިނގިލިތަކާ ކުޅެމުން ބުނެލި އެވެ.

"ކޮބާ ފިރިމީހާ؟" އަހަރެން ބޭނުންވީ ޔަގީންކޮށްލާށެވެ.

ދީމާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އޭނާގެ ދެ ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔަ އެވެ. އަހަންނަށް ވެސް ބަލައިލެވުނީ ސީދާ ދީމާގެ މޫނަށެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި އެވެ. ހީވީ ކަރަންޓުގައި ޖެހުނު ހެންނެވެ. އިރުކޮޅެއް ވަންދެން ގަނޑުވެފައި ތިބެވުނީ އެވެ. އެ މަދު ސިކުންތު ކޮޅުގެ ތެރޭގައި ވެސް އެތައް ވާހަކައެއް ހިއްސާކުރެވުނު ކަހަލަ އެވެ. ދީމާގެ ތޫނު ކަޅިރަވައިން އަހަރެންގެ ހިތް އެއްފަހަރުން ޒަހަމުކޮށްލި ކަހަލަ އެވެ. ކަޅިރަވައަކީ އެހައި ތޫނު ހަންޖަރެއް ކަން އަހަންނަށް ވިސްނުނީ އެ ދުވަހު އެވެ.

"އޯހް ސޮރީ؟" ދީމާއަށް ވީ ގޮތް ފެނިފައި އަހަންނަށް ބުނެލެވުނެވެ.

ދީމާގެ ދެ ލޮލަށް ގިނަވި ކަރުނަތައް ކޯތާފަތް މަތިން އޮހިގަތެވެ. އަހަންނަށް މަޑުމަޑުން ދީމާއާ ގާތަށް ޖެހިލެވުނެވެ. އަހަރެންގެ ސަބަބުން އޭނާ ހިތުގައި ޖެހުނީތީ ދެރަވެވުނެވެ. ހިތުގައި ޖެހުނެވެ. ދީމާ ގިސްލުން އިތުރުވި އެވެ. ދީމާ އެ ހުރި ގޮތަށް ހުރީ އެވެ. ނޭނގޭ ބާރެއް ދަމާފައި ގެންދިޔަހެން އަހަރެންގެ ގެންގޮސް ބެހެއްޓީ ދީމާގެ ކުރިމަތީގަ އެވެ. އަހަންނަށް ހިފައިލެވުނީ ދީމާގެ ކޮނޑުގަ އެވެ. ދީމާ ބަލައިލީ އަހަރެންގެ މޫނަށެވެ. އޭނާ އުޅުނީ އަހަންނާ ދުރަށްދާށެވެ. އޭނާއަކަށް އެ ފުރުސަތެއް އަހަރެން ނުދެމެވެ.

"އަހަންނަކަށް ނޭނގެ މި ވީގޮތެއް ވެސް. ދީމާގެ މޫނުމަތީގައި ކުރެހިފައިވާ މަންޒަރުން އަހަންނަށް ވަރަށް އަސަރުކޮށްފި." ލަސްލަހުން އަހަންނަށް ބުނެލެވުނެވެ.

އަނެއްކާ ވެސް ދީމާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އަހަރެންގެ ދެ ލޮލަށެވެ. ފެންކަޅިވެފައިވާ އެ ދެ ލޮލުން އެތައް ވާހަކައެއް އަހަންނަށް ކިޔައިދިނެވެ. އެތައް މާނައެއް ދޭހަކުރެވުނެވެ. އެ ހިތުގެ ކެކުޅުންތަކާއި އުދާސްތައް ހިއްސާކުރި އެވެ. މީހުން ބުނަނީ ތެދެކެވެ. ހިތާއި ހިތުން ގުޅެވިއްޖެ ނަމަ މާ ގިނަ ވާހަކައެއް ދައްކާކަށް ނުޖެހޭނެ އެވެ. އެއް ހިތުގެ އުދާސްތައް އަނެއް ހިތަށް އިހުސާސް ކުރެވޭނެ އެވެ. އެއް ހިތުގެ ވިންދުގެ އަޑު އަނެއް ހިތަށް އިވޭނެ އެވެ. އަހަންނަށް ވެސް މިވީ އެހެންނެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ދީމާގެ ހިތަށް އަހަރެންގެ ހިތް މަހައިލެވުނީ އެވެ. އިޚުތިޔާރުން ބޭރުގަ އެވެ.

ދީމާގެ ހިތުގެ ބަތާނައިގައި ރައްކާކޮށްފައިވާ ވާހަކަތައް އަހަރެންގެ ކުރިމަތީގައި ފަތުރައިލި އެވެ. ފިރިމީހާގެ އަނިޔާވެރި ވަކިތަކުން އޭނާ ސަލާމަތްވުމަށް ކުރި މަސައްކަތްތަކެވެ. މަސްތުވާތަކެތީގެ އަޅަކަށްވެ ފިރިމީހާ ކޮންމެ ދުވަހަކު ކުރި އަނިޔާތަކާއި އޭނާއަށް ޖެއްސި ހާލުން ސަލާމަތްވުމަށް ކުރި ދަތުރުގެ ހިތްދަތި މަންޒަރުތައް އަހަރެންގެ ސިކުނޑިއަށް ތީރުތަކެއް ފަދައިން ހެރެމުން ދިޔަ އެވެ. އެއިން ކޮންމެ ތީރަކުން ޒަހަމުވަމުން ދިޔައީ ސީދާ އަހަރެންގެ ހިތެވެ. އަހަރެންގެ މެޔެވެ. އަހަންނަށް މި ހެދުނީ ގޯހެއްކަމަށް ވިސްނުނީ ވެސް ހުރިހާ ކަމެއް ވެނިމުނު ފަހުންނެވެ.

ދީމާއަށް އާނ ބަސް ވެސް ބުނެވުނު ފަހުންނެވެ. ހިތުގައި ޖެހުނެވެ. ސުހާއަށް ދައްކާނެ މޫނަކާ މެދުގަ އެވެ. މިކަން އޭނާއަށް އެނގޭ ހިސާބުން ދެންވާނެ ގޮތަކާ މެދުގަ އެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އެއް ކަނޑިއަކަށް ދެ އުރައަކު ނޯވެވޭނެ އެވެ. އަހަންނަށް ގޮތެއް ނިންމަން ވެސް ޖެހެ އެވެ. ސުހާގެ ޚަބަރެއް ނުވާތާ ދެ ހަފުތާވަރުވީ އެވެ. ކޮންމެ ދުވަހަކު ކޮންމެ ރެޔަކު އޭނާއަށް އަހަރެން ގުޅަމެވެ. މެސެޖު ކުރަމެވެ. ވައިބަރު ކުރަމެވެ. ވަޓްސްއަޕްކުރަމެވެ. އޭނާއަށް މެސެޖު ލިބޭކަން، މެސެޖު ބަލާކަން އަހަންނަށް އެނގެ އެވެ. ނަމަވެސް ސުހާގެ ޖަވާބެއް ނުލިބެ އެވެ. އެންމެ ފަހުން އަހަރެން ގޮތެއް ނިންމީމެވެ. ސުހާގެ މަންމައަށް ގުޅާށެވެ. އެނޫން ގޮތެއް ނެތިގެންނެވެ.

"ޒާހީއަށް ދެން ހުރިހާ ކަމެއް އެނގޭ އިރު އަހަންނާ ގުޅަނީ ކީއްކުރަން؟" ރުންކުރު ރާގެއްގައި ސުހާ ބުނެލި އެވެ.

އަހަންނަށް ލިބުނު ހައިރާން ކަމާއެކު ސުވާލުގެ މައްޗަށް ސުވާލެއް އަމުނައިލެވުނެވެ. ތަކުރާރުކޮށް އެއް ސުވާލުތަކެއް ކޮށްލެވުނެވެ.

"އެރޭ ބުނީމެއްނު. އަހަރެން ވެސް ކުއްޖެއް ހޯދާނީއެއް ނޫނޭ." ސުހާ ލަސްލަހުން ބުނެލި އެވެ.

އަހަރެން އަނގަ ބަންދުވި އެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނުވިސްނުނެވެ. އެރޭ ސުހާގެ މޫނުމައްޗަށް އަރައި ފޭބި ކުލަވަރުން އެކަން ސާފުވި އެވެ. އޭނާއަށް އައި ކުއްލި ބަދަލުން ވީގޮތް ހާމަވި އެވެ. ޝަކުވާ ކުރުމުގެ ބަދަލުގައި އަހަރެން ޝުކުރުވެރިވީމެވެ. ސުހާ ކަހަލަ މަކަރުވެރިއެއްގެ ކިބައިން ސަލާމަތްވީމަ އެވެ. އެހެންވެ ސުހާއަށް ޝުކުރުއަދާ ކުރުމަށްފަހު ރީތި ގޮތުގައި ވަކިވުމުގެ ސިއްކަ ޖެހީމެވެ. ކޮންމެ ގޮތެއް ވިޔަސް އަހަންނަށް ވާނެ ގެއްލުމެއް ނެތެވެ. ސުހާ ގެއްލުނަސް އަހަންނަށް ގެއްލޭނެ އެއްޗެއް ނެތެވެ.

"އަހަރެން ބުނީމެއްނު ބޮޑުވާހަކައެއް ދައްކަން އޮތްވާހަކަ." ދީމާ ލަސްލަހުން ބުނެލި އެވެ.

އޭނާއަށް ވެސް ބަދަލުތަކެއް އަންނަ ކަން އަހަންނަށް ފާހަގަވާން ފެށި އެވެ. މާ ނޫން ކަމަށް ހެދިގެން އަހަންނާ ދުރަށްދާން އުޅޭކަން އިހުސާސްކުރެވުނެވެ.

"އަނެއްކާ ވެސް އަހަރެންގެ ކަމެއް އިސްލާހު ކުރަންވީތަ؟ މިހާރު މިހިރީ ބޯ ވެސް ކޮށައިފަ، ތުނބުޅި ވެސް ތުނިކޮށްފަ. މިރަށު މީހުން މިހާރަކު ނުކިޔާނެ އަހަންނަކީ ފެން ނުވަރާ މީހެކޭ." މަޖާ ރާގެއްގައި އަހަރެން ބުނެލީމެވެ.

"ބައްޕަ ހުރިހާ ކަމެއް ނިންމައިފި. ރައްދުގައި އަހަންނަށް ކުރެވޭނެ ކަމެއް ނެތް." ދީމާގެ އަޑު ކުރެހެމުން ދިޔަ އެވެ.

"ތިބުނީ؟" ހިތުގެ އަޑު ބާރުވެ މުޅިތަނަށް ބައްވަމުން ދާހެން ހީވާން ފެށި އެވެ.

"އަހަރެންގެ ކާވެނި މިރަށު މީހަކާ ކުރާން. ކުރީން ކަންތައް ވީގޮތުން ބައްޕަ ބޭނުމެއް ނޫން އަހަރެން ރަށުން ބޭރު މީހަކާ އިންނާކަށް." ދީމާ ބަޑިފަޅައިގެން ދިޔަ އެވެ.

ދީމާ ދުއްވާގަތީ ކޮޓަރިއާ ދިމާއަށެވެ. އަހަންނަށް އިވުނު އަޑުން މޭ ފުނޑުފުނޑުވި ކަހަލަ އެވެ. ބޮލަށް ބަރު އެއްޗެއް ވެއްޓި މީހާ ޗިސްޗިސްވި ކަހަލަ އެވެ. މިވީ ކީއްހެއްޔެވެ؟ އަހަންނަށް މިހެން މިވަނީ ކީއްވެ ހެއްޔެވެ؟ އުއްމީދުތަކުގައި ކުލަ ނުޖެހި ހާފުސްވިލާ ކޮޅެއްހެން ގެއްލިގެން މިދަނީ ކީއްވެ ހެއްޔެވެ؟ އަހަންނަށް ގޯހެއް ހެދެނީ ހެއްޔެވެ؟ ކުށެއް ކުރެވެނީ ހެއްޔެވެ؟ ލޯބީގެ ދަނޑުގައި އެތައް މަލެއް ފޮޅި އެ މާތަކުގެ މައްޗަށް ބަނަވިލާތަކެއް އެޅި ކޮންމެ ފަހަރަކު އުއްމީދުތައް ފުނޑުފުނޑުވަނީ އެވެ. ކުރާނެ ކަމެއް ނެތެވެ. މިއީ އަހަންނަށް ހުރި ގޮތެވެ. ތަގުދީރު ކުރަހައިދޭ މަންޒަރެވެ. އާއެކެވެ. ލޯބީ އާލަމުގައި އަހަންނަކީ ހާފުސްވިލާ ކޮޅަކެވެ. (ނިމުނީ)