Advertisement

ކޮލަމް: ނަފުރަތު ހުއްޓުވާ ބިލުން އުފެއްދީ އިތުރު ނަފުރަތު!

19 ޖުލައި 2021 - 10:27 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ނަފުރަތު އުފެއްދުން ޖިނާއީ ކުށަކަށް ހަދަން ސަރުކާރުން ހުށަހަޅައިގެން އުޅޭ ބިލާ މެދު ހިޔާލުތަފާތުވުންތައް ބޮޑު. -ވިޝުއަލްސް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު


ކޮލަމް: ނަފުރަތު ހުއްޓުވާ ބިލުން އުފެއްދީ އިތުރު ނަފުރަތު!

19 ޖުލައި 2021 - 10:27 0

"...މި ބިލު މި ތަޅުމަށް ލައިގެން މި ހިނގި ގާތްގަނޑަކަށް ދޮޅު މަހެއްހާ ދުވަހު ހާސިލު ވީ އެންމެ މަގުސަދެއް އޮތީ. އެއީ ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހިސާން ހުސެއިން ނުރައްކަލާއި މަރުގެ ތުންފަތްމައްޗަށް ލުން އެކަނި،"

އެއީ ދީނާ ގުޅުވައިގެން ނަފުރަތު އުފެއްދުން ހުއްޓުވަން ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅައި, އޭގެ ފަހުން ކަންކަން ހިނގައިދިޔަ ގޮތް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސިފަ ކުރެއްވި ގޮތެވެ.

ނިމިދިޔަ ދެ ވަނަ ދައުރުގެ ފަހު ޖަލްސާގައި އީވާ ހަމަ ހަގީގަތުގައި ވެސް ވިދާޅުވީ ރަނގަޅު ވާހަކަފުޅެކެވެ.

ސަރުކާރުން ހުށަހަޅާ ބިލުތައް އަންނަނީ ރައީސް އޮފީސް މެދުވެރިކޮށެވެ. ބަންޑާރަނައިބުގެ އޮފީހުން ޑްރާފްޓުކުރާ ބިލުތައް ރައީސް އޮފީހުން ސިއްކަ ޖެހުމުން އެ އަންނާނީ އެއިރެއްގައި ވެރިކަން ކުރާ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕަށެވެ. މަޖިލީހުގެ ތަޅުމާ ހަމައަށް އަންނަނީ އެ ގުރޫޕުގެ ތެރެއިން ކޮންމެ ވެސް މެމްބަރެއް ސްޕޮންސާ ކުރެއްވުމުންނެވެ. އެއީ ވަކި މެމްބަރަކަށް ނިސްބަތް ކުރެވޭނެ ބިލެއް ނޫން މި ނިޒާމު ހިނގާގޮތާ ކިރިޔާ ވެސް ފަރިތަ މީހަކަށް ރަނގަޅަށް އެނގޭނެ އެވެ.

އެކަމަކު ބައެއް މީޑިއާތައް ވެސް ހިމެނޭ ގޮތަށް "ހިސާން ބިލު" ލަގަބު އެ ބިލުގައި އަޅުވައިގެން އެ މެމްބަރަށް ކުރިމަތިވެފައިވާ އިންޒާރުތަކުން ސެކިއުރިޓީ ވަރުގަދަ ކުރަންޖެހުން އެއީ އަދި އެ ބިލުން ނުކުތް އެންމެ ނަތީޖާ އެކެވެ.

ފުރަތަމަ ވެސް ގޯސް; އޭގެ ފަހުން މަތި މައްޗަށް ގޯސް

ސަރުކާރުގެ ފަރާތުން އެ ބިލު އެންމެ ފުރަތަމަ ހުށަހެޅީ، އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގަ އެވެ.

އެހާ ހިސާބުން ސަރުކާރުން އޮތީ ގޯސް ހަދައިފަ އެވެ. ދީނާ ގުޅޭ ކޮންކަމަކީ ގިނަ ބަޔެއްގެ ޖަޒުބާތާ ގުޅިފައިވާ ކަމެއް ކަން ނުވިސްނި، ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ނެގީމަ އެވެ. އެއްވެސް މަޝްވަރާ ކުރުމެއް ނެތި، އެއްވެސް މީހެއްގެ ހިޔާލު ނުހޯދައި، އެ ބިލު ޑްރާފްޓުކޮށް ނިމުނުއިރު ވެސް، އުފެދުމުގައި ވެސް އޮތީ ބާތިލު ވެފަ އެވެ.

އެ ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވުމުން، އޭގައި މަލަން އެޅޭތޯ ކޮމިޓީން ވަރަށް މަސައްކަތް ކުރި އެވެ. އެންމެ ފުރަތަމަ ދުވަހު ބިލު އެކުލަވާލުމުގެ ކުރިން ސަރުކާރުން ކުރަންޖެހޭ ކަންތައް ކުރީ ކޮމިޓީންނެވެ.

އިސްލާމިކް މިނިސްޓްރީ، ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން އާއްމުންގެ ހިޔާލުތައް ވެސް ހޯދައި، އެ ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ.

އެގޮތުން އެ ބިލުގެ ފުރަތަމަ މާއްދާ ކޮމިޓީން އިސްލާހުކުރީ، ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން، ނުވަތަ ކުރި އަމަލަކުން، އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް ނުވަތަ އެފަދަ މާނައިގައި އާއްމު ތަނެއްގައި، ސިފަކުރުން ނުވަތަ ތުހުމަތުކުރުން އެއީ ކުށެއް ކަމަށް ކަނޑައެޅުމަށެވެ.

ނަމަވެސް، އެ މާއްދާ ރަނގަޅުކުރުމުގެ ނިޔަތުގައި ކޮމިޓީން ގެނައި އިސްލާހުގެ ސަބަބުން އެ ބިލު ކުރިއަށްވުރެ ގޯސްވެފައިވާ ކަމުގެ ކަންބޮޑުވުންތައް ބަންޑުންވި އެވެ.

އިސްލާމްދީނުގައި އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވާ ގިނަ ކަންކަން ހުންނައިރު، ވަކި ރައުޔުއެއްގެ މައްޗަށް ބިނާކޮށް ރާއްޖޭގައި އޮތް އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް އަމަލުކޮށް ބަސްބުނުމުގެ ޖާގަ ލިބޭ ކަމީ އެ އިސްލާހާމެދު އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.

އެގޮތުން، އެ މާއްދާގައި ދީނީ އިލްމުވެރިންނަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްފައިނުވާތީ، ދީނީ އިލްމުވެރިންގެ މެދުގައި އޮތް ހުރިހާ ހިލާފުތަކަށް ވެސް ގާނޫނީ ހައިސިއްޔަތު ލިބޭ ކަމަށެވެ.

އަދި ހަރުކަށި ވިސްނުން އާއްމުގޮތެއްގައި ބިނާވެފަ ހުންނަނީ އެމީހުން ގަބޫލުކުރާ ވަކިވަކި އިލްމުވެރިންގެ ބަހަށް ކަމަށްވާއިރު، ބިލުގެ އެ މާއްދާ އޮތް ގޮތުން ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ވިސްނުމަށް ވެސް ހިމާޔަތްލިބޭ ކަމުގެ އިންޒާރެވެ.

އެއާއެކު ސަރުކާރުން އަނެއްކާވެސް ތެޅިގަތީ އެވެ. އަވަސް އަރުވާލައިގެން އެ ބިލަށް އަނެއްކާ ވެސް ބޮޑެތި އިސްލާހުތަކެއް ހުށަހެޅީ އެވެ. މުޅި ބިލުގައި އޮތް ހުރިހާ މާއްދާތަކެއް އެގޮތް މި ގޮތަށް އަނބުރާލައި، އަނެއް ކޮޅު ރުއްސަން ދީނާ މެދު ނަފުރަތު އުފެއްދުން ވެސް ޖިނާއީ ކުށަކަށް ހަދަން މާއްދާއެއް އިތުރުކުރީ އެވެ.

ނަމަވެސް، އެއް ކޮޅު ރުއްސަން ހަދައިގެން އަނެއް ކޮޅަށް ވާނެ ގޮތެއް ވިސްނައިގަތުމުގެ ހިކުމަތްތެރިކަމެއް ނުފެނުނެވެ. އެ އިސްލާހުތަކާ ދެކޮޅަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ތެރެއިން ތެދުވީ އެވެ. އެ ބިލު ހުށަހެޅި މަގުސަދު އޮޅުވާލައި، ނަތީޖާއެއް ނުނެރެވޭ ގޮތަށް ބިލު އެކީގައި ބަދަލުކުރަން ދެކޮޅު ހަދަމުންނެވެ.

ދެން އަނެއްކާ ވެސް ސަރުކާރުން ދޫދިނީ އެވެ. އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވައިލަން އެއްބަސްވެ، ދެ މަހެއްހާ ދުވަހުގެ ބޮޑު ސަކަރާތްގަނޑެކެވެ.

ސިޔާސީ ކޯޅުމަށް އަޅާނެ ދަރުގަނޑެއް

އެ ބިލު ހުށަހަޅަންޖެހުނު މަގުސަދާއި ހާސިލުކުރަން ބޭނުންވި ނަތީޖާ ސަރުކާރަށް ވެސް މިހާރު އެނގޭނެ ހެން ހީ ނުވެ އެވެ. އެކަމަކު އެއް ކަމެއް ވަރަށް ސާފެވެ. މިކަމުގެ ހުރިހާ ނުބަޔަކާއި ހިތްޗެއް ލިބުނީ ސީދާ ސަރުކާރަށެވެ.

ރާއްޖެއަށް ސެކިޔުލާ ސްޓޭޓެއް ގެންނަން އުޅޭ ކަމުގެ ތުހުމަތުތަކުގެ އަޑުވީ އިތުރަށް ގަދަ އެވެ. އެ ބިލު އަނެއް ކޮޅުން ބޭނުންވާ ގޮތަށް ދޫދީގެން އަމިއްލަ ޕާޓީ ތެރޭގައި އޮތް ބައިބައިވުން އިތުރަށް ފުޅާވީ އެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ތެރޭގައި އޮތް ދެ ފެކްޝަން އިތުރަށް ދުރުވީ އެވެ.

ހުރިހާ ކޮޅަކުން ވެސް ސަރުކާރަށް ވީ ގެއްލުމެވެ.

އެކަން އެންމެ ރަނގަޅަށް ސިފަކޮށް ދެއްވި އެއް ބޭފުޅަކީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އެ ބިލާ އެންމެ ބޮޑަށް ދެކޮޅު ހެއްދެވި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަފުރަތުގެ ބިލަކީ ސަރުކާރު ހޫނުފެނަށްލައި، ކައްކަން ބޭނުންކުރާ ދަރުގަނޑަކަށް ހަދައިފި އެވެ.

އެއީ ހަމަ ހަގީގަތުގައި ވެސް މިހާރު ކެކެމުން، އުތުރެމުން އަންނަ ސިޔާސީ ކޯޅުމުގައި ފެންނަމުންދާ މަންޒަރެވެ.

އެމްޑީޕީގެ އިސް ސަފު ދެ ފަޅިފައިވާއިރު، އެެއް ބޭފުޅެއްގެ ފަޅި ބޮޑުކުރަން ނަފުރަތުގެ ބިލު މި ވަނީ ހަތިޔާރެއްގެ ގޮތުގައި ނަންގަވައިފަ އެވެ.

ދީނުގެ ނަމުގައި ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ގަތުލުތަކަށް އިންސާފު ހޯދުމަކީ އެމްޑީޕީގެ ގިނަ މެމްބަރުންގެ ހިތާ ވަރަށް ގާތް ކަމެއް ކަން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރަނގަޅަށް އެނގިވަޑައިގަންނަވަ އެވެ.

ނަޝީދު ދާދި ފަހުން ވިދާޅުވި ގޮތުގައި ދީނާ ގުޅުވައިގެން ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުން މަޖިލީހަށް ހުށަހެޅީ ކުރިން ހިނގާފައިވާ ޑރ. އަފްރާޝީމް އަލީ، ޔާމީން ރަޝީދު އަދި އަހުމަދު ރިލްވާން އަނިޔާވެރިކޮށް މަރާލުމުގެ އިތުރުން އެމަނިކުފާނު ވެސް އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ ފަހަތުގައި އޮތީ މީހުން ކާފަރެއްގެ ގޮތުގައި ސިފަކޮށް އެބަޔެއްގެ ލޭ ހުއްދަކުރުން ކަމަށް ވިސްނިގެންނެވެ.

ނަމަވެސް، އަދާލަތު ޕާޓީން އިސްވެ އެ ބިލާ ދެކޮޅު ހެދުމުން، ސަރުކާރުން އަމިއްލަ ހުށަހެޅި ބިލަށް ކުރި ތާއީދު އަނބުރާ ގެންދިޔައީ، ސަރުކާރުގެ ތެރޭގައި ތިއްބެވި ބޭފުޅުންނާ މެދު ވެސް ނަފުރަތު އުފައްދައި، ހަމަ އެފަދަ ނުރައްކާތެރިކަމަށް ހުށަހެޅިދާނެތީ ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

"އެހެންކަމުން މި ބިލަށް ތާއީދުކޮށް، ގަބޫލުކުރާ ހަމަތަކުގެ މަތީގައި ސާބިތުވެ ތިބުމުގެ ލީޑާޝިޕް މި ސަރުކާރަށް ނުދެއްކޭނަމަ، އަޅުގަނޑަށް މި ސަރުކާރަށް ތާއީދުކުރަން ވަރަށް ދަތި،" ނަޝީދު ވިދާޅުވެފައި ވެ އެވެ.

އިނގިރޭސި ބަހުން އެ ބަޔާން ނެރުއްވުމުގައި ވެސް މޮޅު ހިކުމަތެއް ފޮރުވިގެން ވެ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އޮތް ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ނަފުރަތުގެ ބިލު ކުއްލިއަކަށް ވައްދާލުމުގެ ނަތީޖާ މިހާރު ވެސް ވަނީ ފެންނަން ފަށައިފަ އެވެ.

އެމްޑީޕީގެ ބައެއް ގުނަންތަކުން ނަފުރަތު އުފައްދައިގެން މީހުން މެރުން ހުއްޓުވައި ދިނުމަށް ސަރުކާރަށް ގޮވާލަމުން، ނަޝީދާއެކު ވަނީ ތެދުވެފަ އެވެ.

އެމްޑީޕީގެ ތެރެއިން ވެސް ސަރުކާރަށް އަމާޒުވެފައިވަނީ އެއް ފާޑުކިޔުންތަކެކެވެ. ސަރުކާރު ބަލިކަށި ކަމެވެ. ހިތްވަރެއް ނެތުމެވެ. ނުކެރި ފަހަތަށް ޖެހޭ ކަމެވެ. އެއީ ސަރުކާރަކަށް ރައްދުވާނެ އެންމެ ނިމަކެތި ސިފަކުރުންތަކެވެ. ސިޔާސީ ގޮތުން ވަރަށް މުހިންމު ދަނޑިވަޅެއްގައި އެޅުނު ވަރަށް ބޮޑު ޅަ އެއްޗެކެވެ.

އެއް ކޮޅަކުން ވެސް ދެން ސަރުކާރަށް މޮޅުވެވެން ނެތީމަ އެވެ. އެ ބިލު ދެން ކޮންމެ ގޮތަކަށް ބަދަލުކުރިޔަސް ކޮންމެވެސް އެ ބަޔަކު ނުރުހޭނެ އެވެ. އެ ބިލު އަނބުރާ ނެގިޔަސް އަނެއް ކޮޅުން ހަޅޭއްލަވައިނެ އެވެ. އެހެން ގޮތަކަށް ބުނަނީނަމަ، އެ ބިލުގެ މެދުގައި ސަރުކާރުން ވަނީ ޒާތަކަށް ތާށިވެފަ އެވެ.