Advertisement

މިނިސްޓަރު ގަބޫލުކުރައްވަނީ ހަމަލާއަށް ހަރަދުކުރި މީހުން ވެސް ހޯދޭނެ ކަމަށް

17 ޖުލައި 2021 - 14:27 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

މިނިސްޓަރު އިމްރާން "އަދަދު"އާ ވާހަކަ ދައްކަވަނީ: ތަހުގީގަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި. -- ފޮޓޯ: އަބްދުﷲ ޝަފީއު/އަދަދު


މިނިސްޓަރު ގަބޫލުކުރައްވަނީ ހަމަލާއަށް ހަރަދުކުރި މީހުން ވެސް ހޯދޭނެ ކަމަށް

17 ޖުލައި 2021 - 14:27 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން އިސްވެ ތިބެ އެ ހަމަލާ ރާވައި ފައިސާ ހޭދަކުރި ބަޔަކު ތިބި ނަމަ ތަހުގީގު ނިމޭއިރު އެ މީހުންނާ ހަމައަށް ވެސް ވާސިލްވާނެ ކަމުގެ ޔަގީން އެބައޮތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله މިދިޔަ އަންގާރަދުވަހު ވިދާޅުވެއްޖެ އެވެ.

ނަޝީދު ދިރިއުޅުއްވާ ކެނެރީގެއިން ނުކުމެވަޑައިގެން ހިންގަވާފައި މަޖީދީ މަގުގައި އޮތް ކާރުކޮޅާ އަރާހަމަވިތަނާ ބޮމެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާއަށް ތުހުމަތުކުރެވޭ ނުވަ މީހަކު ހައްޔަރުކުރި އެވެ. މީގެތެރޭގައި ބޮން ހަރުކުރި ސައިކަލްގެ ވެރިފަރާތާއި ނަޝީދަށް ފާރައަށް ހުރެ ރިމޯޓަށް ފިއްތާލައި ބޮން ގޮއްވި މީހާ އާއި އޭނާ ގޮސް ބައްދަލުކުރި މީހާ ވެސް ހިމެނެ އެވެ.

ފުލުހުން މަސައްކަތް ކުރަމުން އަންނަނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ އުފުލާ އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް އަންނަ ހަފުތާގައި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށެވެ.

މިނިސްޓަރު "އަދަދު"އަށް ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވީ އެ މައްސަލައިގައި ދައުވާކޮށްދޭން އެދި ޕީޖީ އޮފީހަށް ގާނޫނު ބުނާ މުއްދަތުގައި ފޮނުވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ތަހުގީގަށް މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ވެސް ލިބިއްޖެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ތަހުގީގު ފުރިހަމަކުރާއިރު ކަން ހިނގާފައި އޮތް ގޮތް ހާމަކުރުމަށްޓަކައި ނުވަތަ ކަން ހިނގާފައިވާ ގޮތުގެ އަސްލު ހޯދަން ހުރިހާ ކަމެއް ފުލުހުން ކުރާނެ އެވެ.

"އޭގެތެރެއިން ފެނިގެންދާނެ އެކަމަށް ކުރަން ޖެހޭ ހަރަދުތައް ކުރެވިފައި ހުރީ ކިހިނެއް ކަން ވެސް. އަދި އެކަމުގައި އިތުރު ބައެއްގެ އިންވޯލްމަންޓެއް ވާ ނަމަ ވެސް އެކަން ވެސް ހަމާކުރެވިގެންދާނެ," އިމްރާން ވިދާޅުވި އެވެ.

ތަހުގީގުގެ ހުރިހާ ކަމެއް ވެސް ފުރިހަމަވާނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ހަގީގަތްތަކުގެ މައްޗަށެވެ. މަޖީދީ މަގުގައި ދިން ޓެރަރިސްޓު ހަމަލާގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ ވަރަށް ދެފުށްފެންނަ ގޮތަށް ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ދައުވާކުރަން ކޯޓަށް ހުށަހަޅާ ހިސާބުން ޝަރީއަތްތައް އަޑުއެހުމުގެ ފުރުސަތު ވެސް ރައްޔިތުންނަށް ލިބޭނެ ކަމަށް އޭނާ އުއްމީދުކުރައްވާ ކަމަށެވެ.

"ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެނިގެންދާނެ, އިރާދަކުރެއްވިއްޔާ މައްސަލަ ހިނގާފައި އޮތީ ކިހިނެއްތޯ. ތަހުގީގާއި ހެކި ހޯދި ގޮތާއި އޭގެ ހަގީގަތަކީ ކޮބައިތޯ," އިމްރާން ވިދާޅުވި އެވެ.

"އެކަމުގަ އިންވޯލްވެފައި ތިބި ފަރާތްތަކާއި އެ މީހުންގެ މާލީ ކަންކަން ހުރީ ކިހިނެއްތޯ އާއި އެ މީހުން އެކަން ކުރުމަށް ހަރަދުކޮށްފައިވާ ގޮތާއި އެ ހުރިހާ ކަމެއް ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި މައްސަލައިގެ ތަހުގީގު ނިމިގެންދާއިރު ހާމަވެގެންދާނެ ކަމަށް ގަބޫލުކުރެވޭ."

ނަޝީދަށް އަމާޒުކުރި ހަމަލާއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ އިންކުއަރީއެއް ހަދައިފަ އެވެ. އެ އިންކުއަރީ ނެރުމާ ހަމައަށް, ހަމަލާއަށް ފަންޑުކުރި ބަޔަކު ހޯދިފައެއް ނުވެ އެވެ. އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ފާޅުކުރައްވަ އެވެ.

އެކަމަކު ހަމަލާގައި ފަންޑްކުރި ބަޔަކު ތިބި ނަމަ އެ ބަޔަކު ހޯދުމަކީ އެންމެ އިސް އަމާޒެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ހަމަލާގެ ތަހުގީގަށް ފާރަވެރިވާން އެމްޑީޕީގެ ގައުމީ މަޖިލީހުން އެކުލަވާލި މޭހައެއް ކޮމިޓީން މިދިޔަ ހަފުތާގައި މިނިސްޓަރު އިމްރާނާ ބައްދަލުކުރައްވައި ވެސް ހަމަލާއަށް ފަންޑްކުރި ބަޔަކު ހޯދުމުގެ މުހިއްމު ކަމުގެ ވާހަކަ ދެއްކި އެވެ.

އެ ކޮމިޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެފައި ވަނީ ހަމަލާ އިސްވެ ތިބި ރާވައި ހަރަދުކުރި މީހުން ހޯދެން ވާނެ ކަމަށާއި އެހެން ނޫނީ، މިފަދަ ހަމަލާތައް ހުއްޓުވުން އެއީ ނުކުރެވޭނެ ކަމެއް ކަމަށް މިނިސްޓަރު އިމްރާން އަރިހުގައި ވާނީ ދަންނަވައިފަ އެވެ.

ނަޝީދު އަވަހާރަކޮށްލަން ގޮއްވާލި ބޮމަށް ރޭޒާ ފުއްތަކެއް ލާފައިވާ އިރު އެއީ މިހާތަނަށް ރާއްޖޭގައި ގޮއްވާލި އެންމެ ބާރުގަދަ ބޮން ކަމަށް ސިފައިން ވަނީ ބުނެފަ އެވެ. އެ ހަމަލާއިން އެމަނިކުފާނުގެ ފުރާނަ ކިރިޔާ ސަލާމަތްވިއިރު, ހަމަލާއާ ގުޅިގެން މިހާތަނަށް މުޅިން ވެސް ހައްޔަރުކޮށްފައި ވަނީ ހައްދުފަހަނައެޅި ފިކުރަށް ތަބާވާ މީހުންނެވެ.

އެ މީހުންނަކީ "އެންމެ މަތީ ދަރަޖައިގައި ހަރުކަށި ފިކުރުގައި އުޅޭ މީހުން" ކަމަށް މިނިސްޓަރު އިމްރާންއާ ހަވާލާ ދެއްވައި އަފީފް ވިދާޅުވެފައިވެ އެވެ.