Advertisement

އުސޫލުތަކާ ހިލާފުވާ ނަމަ ފިޔަވަޅު އެޅުމުގެ ބާރު ކައުންސިލަށް އޮންނާނެ: އެޗްޕީއޭ

24 ޖުލައި 2021 - 13:16 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރަށްރަށް ދިއުމަށް މީހުން ފުރަން ބަނދަރުމައްޗަށް އައިސް: އެޗްޕީއޭގެ ހާލުބެލުން ޕޯޓަލްގައި ރަޖިސްޓާވެސް ނުވާ ކަމަށް ބައެއް ކައުންސިލްތަކުން ދަނީ ބުނަމުން-- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު


އުސޫލުތަކާ ހިލާފުވާ ނަމަ ފިޔަވަޅު އެޅުމުގެ ބާރު ކައުންސިލަށް އޮންނާނެ: އެޗްޕީއޭ

24 ޖުލައި 2021 - 13:16 0

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ އުސޫލުތަކާ ހިލާފަށް މީހުން ރަށްރަށަށް އަރާނަމަ ފިޔަވަޅު އެޅުމުގެ ބާރު ކައުންސިލު ތަކަށް ލިބިގެންވާ ކަމަށާއި އެ ފިޔަވަޅު ނާޅާނަމަ ކޭސްތައް އިތުރު ވެދާނެ ކަމަށް އެޗްޕީއޭން ބުނެފި އެވެ.

އީދާއި ސްކޫލުތަކުގެ އަހަރީ ޗުއްޓީއާ ދިމާކޮށް ދިން ލުއިތަކާއި އެކު އަތޮޅު ތެރޭގެ ރަށްތަކަށް މީހުން ދަތުރުކުރާ މިންވަރު ވަނީ އިތުރު ވެފަ އެވެ.

ރަށްރަށް އަރާއިރު ޕީސީއާރް ޓެސްޓް ނަހަދާއިރު އެޗްޕީއޭގެ ހާލުބެލުން ޕޯޓަލްގައި ރަޖިސްޓާވެސް ނުވާ ކަމަށް ބައެއް ކައުންސިލްތަކުން ދަނީ ބުނަމުންނެވެ. އަދި ވެކްސިން ފުރިހަމަ ނުކޮށް ރަށްތަކަށް ދަތުރުކުރަމުންދާ ކަަމަށްވެސް ކައުންސިލްތަކުން ބުނެ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "އަދަދު" އަށް ވިދާޅުވީ އެޗްޕީއޭގެ ގަވައިދާ އެއްގޮތަށް އަމަލު ނުކުރާނަމަ ފިޔަވަޅު އެޅުމުގެ ބާރު ކައުންސިލްތަކަށް ދީފައިވާ ކަމަށެވެ.

"ޕޯޓަލްގަ ރަޖިސްޓްރީ ނުވެ ނުވަތަ ވެކްސިން ފުރިހަމަ ނުކޮށް ރަށަށް ދާނަމަ ފިޔަވަޅު އެޅުމުގެ ބާރު ކައުންސިލުތަކުގަ އޮންނާނެ. އެހެންވީމާ ކޭސްތައް އިތުރުވެ ހާލަތު ގޯސްވާކަށް ނުޖެހޭނެ،" އޭނާ ވިދާޅުވި އެވެ. "އެކަމަކު އެ ފިޔަވަޅު ނާޅާނަމަ ކޭސްތައް އިތުރު ވެދާނެ."

މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ހާލަތު ގޯސްވެ ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހޭ ހާލަތަށް އަދި ނާންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކ. ހިންމަފުށީ ކައުންސިލްގެ ރައީސް ހަސަން ފާއިޒް "އަދަދު" އަށް ވިދާޅުވީ ރަށްރަށަށް އަންނަ މީހުން ޕީސީއާރް ޓެސްޓު ހެއްދުމަށް އެޗްޕީއޭ އިން އަންގާފައި އޮންނަ ކަމަށާއި އެގޮތަށް އަމަލު ކުރުމަށް އެ ކައުންސިލުން އިލްތިމާސް ވެސް ކުރާ ކަމަށެވެ. އެކަމަކު ޕީސީއާރް ޓެސްޓު ހަދައިގެން އާދޭތޯ ވަކި ވަކިން ނުބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުރިހާ ރަށެއްގައި ވެސް މާސްކް އެޅުމަކީ މަޖުބޫރު ކަމަކަށްވާއިރު ފާއިޒް ވިދާޅުވީ އެކަން ކުރުމަށް ވެސް ކުރަނީ އިލްތިމާސް ކަމަށެވެ. ފިޔަވަޅު އެޅުމަކީ ފުލުހުންގެ ކަމެއް ކަމަށާއި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ފާއިޒް ވިދާޅުވި އެވެ.

ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން، ރަށްރަށަށް ދަތުރުކުރާއިރު 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހެ އެވެ. އަދި މިހާރު ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީނާ ނުލައި ރަށްރަށަށް ދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފަ އެވެ. ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ވެސް ނެގެޓިވް ޕީސީއާރަކާއެކު ދަތުރު ކުރެވޭ ގޮތަށް އެޗްޕީއޭން ވަނީ ނިންމާފަ އެވެ.