Advertisement


މަޑުމަޑުން ދެލޯ މަރައިލެވުނެވެ. އެސްފިޔަތަކަށް ބާރުކޮށްލެވުނެވެ. ފެނުނީ އެ މަންޒަރެވެ. އެ ބިރުވެރި ވަގުތުކޮޅެވެ. ފުރާނައިގެ ދިފާއުގައި އެކަކު އަނެއްކަކު އުޅުނު ގޮތެވެ. ލޭ ކޮށެމުން ދިޔަ މަންޒަރުތަކެވެ. ކުއްލިއަކަށް ލޯ ހުޅުވާލެވުނެވެ. އެ އިހުސާސްތަކުން މޭ ރޫރޫ އަޅައިގަތީމަ އެވެ. އެ މަންޒަރުތަކުން ހިތް ފުނޑުފުނޑުވާން ފެށީމަ އެވެ. ނަމަވެސް، އެއީ ހަގީގަތެވެ. އަހަރެންގެ މި ދެލޮލަށް ފެނުނު މަންޒަރުތަކެވެ. ދެ ކަކޫ ގަޔާ ކައިރިކޮށްލެވުނެވެ. ކަކުލުގައި ބޯ އަޅައިލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު ތަރުތީބު ގެއްލިފައިވާ އިސްތަށިތައް ކަންފަތުގައި އަޅުވާލީމެވެ.

ލަސްލަހުން ހިންދިރުވާލެވުނެވެ. ހިތަށް ތިލަވަމުން ދިޔަ ސުވާލުތަކުގެ ސަބަބުން ހުވާސްތައް ހޭލާން ފެށި އެވެ. ސުވާލުގެ ޒަލްޒަލާއެއް އޮހިގަތީމަ އެވެ.

ކޮންމެ އުފަލެއްގެ ފަހަތުގައި ވަނީ ހިތާމަ ހެއްޔެވެ؟ ކޮންމެ ހިތާމައެއްގެ ކުންނަކީ އުފާ ހެއްޔެވެ؟ އުފާވެރިކަމުގެ ކުންނުން އަވަހަށް ސޮއްސާލަނީ ކީއްވެ ހެއްޔެވެ؟ ދިރިއުމުގެ ރޮނގަކީ އެއީ ހެއްޔެވެ؟ ކޮންމެ މީހެއްގެ ހަޔާތުގެ ރޮނގު ކުރެހެނީ އެ ހަމައިން ހެއްޔެވެ؟ އެއީ ހަމަ ކޮންމެ މީހަކަށް ވެސް ވާގޮތެއް ހެއްޔެވެ؟ އަހަންނަށް މިހެން މިވީ، ހިތުގެ ޝަކުވާއަށްވުރެ ލޮލުގެ ޝަކުވާ ގިނަވީމަ ހެއްޔެވެ؟ ނޫނީ ލޮލަށް ފުންމައިލި ހަރުފައިގެ ވިހަކަން ގަދައީ ހެއްޔެވެ؟ އެހެންނޫނީ، ހިތުގައި ތަތްކޮށްލައިގެން އޮންނަ އިބިލީހުގެ ސުންޕާކަން ގަދައީ ހެއްޔެވެ؟ މީހުން ވިސްނުމުން އެހެން މީހުން ކޮންޓްރޯލް ކުރުމަކީ ވެސް ހުނަރަކީ ހެއްޔެވެ؟

"ހަސީނާ ގާތު އަހަރެން ބުނީމެއްނު ހުރަސް ކުރާން ނުވާނެ ރޮނގެއް އޮންނާނޭ." އަހަރެންގެ ކަންފަތް ބުޑުގައި ޒަމީރު ރުޅިވެރި ބަސްތައް ތަކުރާރުވި ކަހަލަ އެވެ.

ވަށައިގެން ހޯދައިލެވުނީ އެހެންވީމަ އެވެ. އަހަންނަށް ބަލައިލެވުނީ ޒަމީރު ފެނޭތޯ އެވެ. އޭނާގެ ހަނދާންތައް ކުއްލިއަކަށް ވާން ފެށީމަ އެވެ. އޭނާގެ އަސަރުތަކުން އަހަރެންގެ ހިތް ތޮރުފެން ފެށީމަ އެވެ. ނަމަވެސް، ވަށައިގެންވާ މާހައުލުން އަހަންނަށް ފެނުނީ ހުސްކަމެވެ. ފަޅުކަމެވެ. އެއްވެސް މީހެއްގެ ނިޝާނެއް، ލިސާނެއް ވެސް ނެތް ހިމޭންކަމެވެ.

ފަޅުރަށެއްގައި އަހަރެން އިންނަން މިޖެހުނީ ކޮން އުފަލެއް ހޯދަން ހެއްޔެވެ؟ ކޮން ކަމެއް ހަނދާން ކުރާން ހެއްޔެވެ؟ އަހަރެންގެ އުފަލަކަށް މިކަން މިވީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ އަނގަ ގަދައީ ހެއްޔެވެ؟ ދައްކަން ނުވާ ވާހަކަތައް ދެއްކުނީ ހެއްޔެވެ؟ ވިސްނައިލެވުނެވެ. ފުންކޮށް ވިސްނައިލެވުނެވެ. ހުރިހާ ސުވާލެއްގެ ޖަވާބަކަށް ވެސް ލިބެނީ ހަމަ އެއް ޖަވާބެކެވެ. ނޫނެކެވެ. އަހަރެން ދެއްކީ ދައްކަން ޖެހޭ ވާހަކަތަކެކެވެ. ނަމަވެސް އެކަން މާނަކުރަން ހުރި މީހާއަށް ނެގުނީ ގޯސް މާނައެކެވެ. ކުށްވެރިކަމުގެ ޗޭނުން އަހަރެންގެ ދެފައި ބަނދެވުނީ އެހެންވީމަ އެވެ. ފަޅު ރަށަކަށް ދެމުންދާ ހަނދުވަރު ބަލަން އަހަންނަށް މަޖުބޫރުވީ އެހެންވީމަ އެވެ. ނިއުޅަން ނުކެރިގެން މި އުޅެނީ އެ ވާހަކަތަކެވެ. އެ ސަފުހާތަކެވެ. އެހެނަސް މިކަމުން އަރައިގަންނަން ވެއްޖެކަމަށް ހިތް ގޮވާތާ އެތައް ދުވަހެއްވީ އެވެ.

ފުންކޮށް ވިސްނައިލެވުނެވެ. މި ހިތްދަތިކަމުގައި ގައިދުވެ މަޖުބޫރީ ހާލަތަށް އަހަރެން ވެއްޓެން ޖެހުނު ގޮތާމެދު ގަ އެވެ. އަހަންނަށް ކުށްވެރިއެކޭ މި ހީކުރެވެނީ އެހެންވީމަ އެވެ. އަމިއްލަ ނަފުސު ކަތިލެވެންދެން ހަނު ހުރެވުނީތީ އެވެ. މަޑުމަޑުން އެ ހިޔާލު ތަކުގެ ތެރެއަށް ގެނބިގަނެވުނެވެ.

އެއީ މީގެ ދިހަވަރަކަށް އަހަރު ކުރި އެވެ. ލޯބީގެ ބަގީޗާތަކުގައި އަހަރެން އުދުހި އުޅުނީ ޒަމީރުގެ ބުރަކަށި މަތިންނެވެ. އޭނާގެ ހިޔަނިންނެވެ. އެއީ އުފާވެރި ހަނދާންތަކެކެވެ. އުފާވެރި ދުވަސްތަކެކެވެ. އޭރު އެއީ ހަމަ އަސްލުގައި ވެސް އަހަރެންގެ ޒަމީރެވެ. އަހަރެންގެ ނަސީބެވެ. ނަމަވެސް، މޫސުން ބަދަލުވީ އެވެ. ހިޔާލުތައް ބަދަލުވީ އެވެ. ޒަމާނީ ގޮތްތަކަށް ލޯބި ކުރަމުން ދިޔަ ޒަމީރުގެ ވިސްނުން ބަދަލުވީ އެވެ. އޭނާ ބުނާ ގޮތުން އޭނާއަށް އުނގެނެވުނީ އެވެ. އިލްމު ހާސިލުކުރެވުނީ އެވެ.

އެހާ ހިސާބުން ހަޔާތުގެ އުފާވެރި ބާބުތައް އެއްކޮށް އަންދައިލަން މަޖުބޫރުވީ އެވެ. މިނިވަންކަމުގެ އުފާވެރިކަން ގެއްލުނީ އެވެ.

ކޮށީ ބަންދުވީ އެވެ. ވަރަ ބިނދި ފިޔަކޮށުނީ އެވެ. އޭރު އަހަންނަކީ ޒަމީރުގެ މިލްކަކަށް ވެ ނިމިއްޖެ އެވެ. މަންޒަރު ސާފުވީއިރު އަހަންނަށް ހުރިހާ ކަމެއް އެނގިއްޖެ އެވެ. ޒަމީރުގެ ނަފުސުގެ ކޮންޓްރޯލް ކުރާ އަނދިރި މީހުން ފެންނާން ފަށައިފި އެވެ. އެހެނަސް އަހަންނަށް ބަސްބުނުމުގެ މިނިވަންކަމެއް ނެތެވެ. ސިކުނޑީގެ ރަދީފުން ވިސްނައިދިނުން އެ ލަފުޒުވެސް ފޮހެލަން މަޖުބޫރުވި އެވެ.

ނަމަވެސް، އިންސާނަކަށް ކެތްވާނީ ވެސް ވަކި ވަރަކަށެވެ. ކަންކަން ސިއްރު ކުރެވޭނީ ވެސް ވަކި ވަރަކަށްތާ އެވެ. އަހަންނަށް ވެސް ވީ އެހެންނެވެ. އިރުއިރު ކޮޅަށް ބާރުކޮށްލެވެނީ އެވެ. ވާން ކޮށްލެވެނީ އެވެ. ޝަކުވާގެ ގޯންޏަށެވެ. އެ ގޯނީގެ ތުނބުގައި ހިފައިލެވެނީ އެވެ. ނަތީޖާ ގޯސްވަނީ އެހައި ހިސާބުންނެވެ.

"ހަނދާން ކުރާތި މިއިން އެއްވެސް ވާހަކައެއް މި ކޮޓަރިން ބޭރަށް ނުކުންނަ ދުވަސް އެއީ ވޭންދެނިވި ގޮތަކަށް އެކަމުގެ ހިތި ތަހަންމަލު ކުރާން ޖެހޭނެ ދުވަހެއް." ޒަމީރު ހަރުކަށި ބަސްތަކުން އަހަރެން ރޫރުއަޅުވާލަ އެވެ.

"ކޮން ކަމެއް ކުރެވޭނީ؟ އެއްވެސް ކަމެއް ނުކުރެވޭނެ. ބޮޑު ކަމަކަށް މަރައެއްނު ލެވޭނީ." ޒުވާންކަމުގެ ރޫހުގައި އަހަންނަށް އަމިއްލަ ދިފާއުގައި ވާހަކަދެކެވެ އެވެ.

ޒަމީރަށް އެކަން ހަޖަމެއް ނުވެ އެވެ. ބަލައެއް ނުގަނެވެއެވެ. އޭނާގެ މައްޗަށް އަހަންނަށް ބަސް ބުނެވިގެން ނުވާނެ ކަމަށް އޭނާ އަބަދުވެސް ބުނެ އެވެ. އެއީ އަހަރެންގެ މަގާމެއް ނޫންކަމަށް އިންޒާރުދެ އެވެ.

"ހަނދާންކުރާތި، ހައިސިއްޔަތު އޮޅިގެން ނޫޅޭތި؟" ޒަމީރުގެ އެ ޖުމުލަ އަހަންނަށް ހިތުދަހެވެ.

"އިންސާނުންނަށް ކެތް ކުރެވޭނީ ވެސް ވަކި ވަރަކަށް. ކަންކަން ސިއްރު ކުރެވޭނީ ވެސް ވަކި ވަރަކަށް އަހަންނަކީ ޒަމީރު ކުޅެން ގެންގުޅޭ ބުދެއްތަ؟ އަހަރެން މީ ޒަމީރުގެ އަޅެއްތަ؟" އަހަންނަށް ގިސްލެވެން ފެށުނެވެ.

"ކަލޭ ކައިރީ ބުނެފަ އޮންނާނެ ވާހަކައެއް. އަހަންނާއެކު އުޅެން ބޭނުންވަންޏާ އަނގަޔާއި ދޫ ހިމޭނުން ބާއްވާށޭ." ޒަމީރުގެ އިނގިލިތައް އަހަރެންގެ ކޮލުގެ ތެރެއަށް ބާރުކޮށްލި އެވެ.

އަހަންނަށް ކުސްތެޅެން ފެށުނެވެ. ޒަމީރުގެ ކިބައިން ސަލާމަތްވުމަށް މަސައްކަތް ކުރެވުނެވެ. އޭނާގެ މުށުތެރެއިން ވީއްލި ގަނެވޭތޯ ގަދަ ހަދައިލީމެވެ.

"ދޫކުރޭ. މި ބުނީނު ދޫކުރާށޭ. އަހަންނަކީ ކަލޭ ހިތަށް އެރީމަ ހިތަށް އެރި ކަމެއް ކުރާން ހުރި މީހެއް ނޫނޭ. ކަލޭ އަނތްބަކަށްވާން އެއްބަސްވުން އެއީ އަހަންނަށް މިހާތަނަށް ހެދުނު އެންމެ ބޮޑު ގޯސް. މިއަދު އަހަރެންގެ އަމިއްލަ ޟަމީރު ވެސް އަހަންނަށް މަލާމަތްކުރޭ އެކަމާ. ކަލޭގެ އަންބަކަށް ވެވުނީތީ." ޒަމީރުގެ އަތުން ވީއްލި ގަނެ ދުރަށް ޖެހިލަމުން އަހަރެން ގޮވާލީމެވެ.

ޒަމީރު ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ ބޭނުންވީ އޭނާގެ ބާރުވެރިކަން އަހަންނަށް ދައްކާލާށެވެ. އަހަންނަކީ އޭނާގެ ކުރިމަތީގައި އަގެއް ނެތް މީހެއްކަން ދައްކައިލާށެވެ. ބާރު ގަދައީ ވެސް، ބާރު ހުރީ ވެސް އޭނާގެ ގައިގައިކަން ދައްކާލާށެވެ. އެހެންވެ އޭނާ ބެލްޓުގެ ބަކަލްގައި ހިފައިލި އެވެ.

އަހަންނަށް ދެ ފަރާތަށް ބޯހޫރައިލެވުނެވެ. ބޭއިހުތިޔާރުގައި އެކަމާ ދެކޮޅު ހެދެން ފެށުނެވެ.

"އާދޭސްކޮށްފަ ބުނަން އަހަންނަށް ތިހެން ނުހަދާ. އަހަންނަށް ތިހެން ނުހަދާ. އަހަންނަކީ ނިކަމެއްޗެއް. އަޅައިލާނެ އިތުރު މީހަކު ހުރި މީހެއް ނޫން. އަހަންނަށް އަނިޔާ ނުދީ. އަހަންނަށް ހަމުދަރުދީވޭ." ދެއަތް ދެއަތާ ޖޯޑުކޮށްލަމުން އަހަންނަށް ތިރިވެވުނެވެ.

ޒަމީރުގެ ބެލްޓު އަތަށް އޮޅައިލި އެވެ. އޭނާ މުށްކަވާލި އެވެ. ދެ އަތް ފޭ ކޮށްލަމުން ދަތްކުނޑިވިކައިލި އެވެ.

"އާދޭސްކުރަން. އަހަންނަށް ހަމްދަރުދީވޭ. އަހަރެން ދެން ދުވަހަކު ވެސް އެކަހަލަ ވާހަކައެއް ނުދައްކާނަން. އެ ގޮތަށް ކަންތަކެއް ނުކުރާނަން. އަހަންނަށް ތިހެން ނަހަދާ."

ޒަމީރުގެ ހިލަ ހިތަށް އަސަރެއް ކުރާހެން ހިޔެއް ނުވެ އެވެ. އޭނާ ހުރީ އެއަށްވުރެ މާ ކުރީގަ އެވެ. އޭނާގެ ވަށައިގެން ބެރު ޖަހަމުންދަނީ ރުޅިވެރި ކަމުގެ ރާގެއްގަ އެވެ. އެހެންވެ، މީހާ ފުފިފައެވެ. އޭނާގެ ދެލޮލަށް ބަލައިލެވުނެވެ. އަހަންނަށް ފެނުނީ މުޅީން ތަފާތު މީހެކެވެ.

ޒަމީރު އައި ގޮތަށް އައިސް އަހަންނާ ދިމާކޮށްލި އެވެ. އަތުގައި އޮތް ބެލްޓުން އަހަރެންގެ ބުރަކަށްޓަށް ހޫނު ހަމަލާއެއް އަމާޒުކޮށްލި އެވެ. ނަގައިގަތް ތިލައިގެ ސަބަބުން އަހަންނަށް ވޭނީ އާހެއް ބޭރުކޮށްލެވުނެވެ. ބާރުބާރަށް ރޮއިގަނެވުނެވެ. ހަޅޭއްލަވާ ގަނެވުނެވެ. ދެވަނަ ސިކުންތުގައި ދެވަނަ ހަމަލާ ވެސް ބުރަކަށްޓަށް އަމާޒުވި އެވެ. ހީވީ ބުރަކަށީގައި ތޫނު ހަންޖަރެއް ދަމައިލިހެންނެވެ. އެހައިވެސް ބޮޑަށް ދިލަ ނަގައިގަތެވެ. ބެލުޓު ޖެހޭ ކޮންމެ ތަނަކުން ނަގައިގަންނަ ދިލައާއެކު ލޯ މަތިން ތަރިބުރައިގެން ދެ އެވެ. ހީވަނީ ވިދުންކަނީގެ އަލިތައް ދެލޮލުގައި ތަތްވާ ހެންނެވެ. ދެ ލޮލުން ހޯސް ލައިފައި ކަރުނަތައް ހިލިގަތެވެ.

ދެތިން ހަލަމާއެޅި އިރަށް ފޯނު ރިންގުވާ އަޑު އިވުނެވެ. އެހެންވެ ޒަމީރު ހުއްޓައިލި އެވެ. އަހަންނަށް ހިތާއިހިތުން ހަމުދު ކުރެވުނެވެ. ނަމަވެސް ބުރަކަށިން ނަގަމުންދިޔަ ދިލައިގެ ސަބަބުން ކެތްކުރެވެނީ ހަމަ ކިރިޔާ އެވެ. ރޮމުން ގިސްލެމުން މުށިގަނޑުމަތީގައި އޮވެވުނީ އެވެ. ކުކުރިލަ ކުކުރިލަ އެވެ.

ޒަމީރު އަތުގައި އޮތް ބެލްޓު އަހަންނާ ދިމާއަށް ހޫރައިލި އެވެ. ބެލްޓު ވެއްޓުނީ އަހަރެން މޫނު ކައިރިއަށެވެ. އެއް ފަހަރު ބެލްޓަށް އަނެއް ފަހަރު ޒަމީރަށް ބަލައިލެވުނެވެ. އަހަންނަށް ހިންދިރުވާލެވުނީ ގަދަކަމުންނެވެ. ބެލްޓުގެ ބަލަކް ކައިރިން ތާޒާ ލޭ ފެނުމުންނެވެ. ކަށަވަރު ކުރެވުނީ ބެލްޓުން ތެޅި ތަންތަނުން ލޭ ހިލި ހަލާކުވެފައި ހުންނާނެ ކަމެވެ. ކުރިއަށް ވުރެ ބޮޑަށް ދިލަ ނަގަންފެށި ހެން ވެސް ހީވިއެވެ.

"އާދެ، ހުރިހާ ކަމެއް ހަމަ ރަނގަޅު. މިއަދު އެމީހުން މާލެއިން ފުރައިފި. ބާކީ ރެކްރޫޓް ކުރި ގުރޫޕުގެ ޕާސްޕޯޓުތައް ވެސް ލިބިފަ ހުރީ. އިންޝާﷲ އެ މީހުން ވަރަށް އަވަހަށް ފުރުވާލެވޭނެ." ފަނޑުގޮތަކަށް ޒަމީރުގެ އަޑު ކަންފަތުގައި ޖެހެމުން ދިޔައެވެ.

ޒަމީރު ކޮޓަރިން ނުކުމެ ދޮރު ލައްޕައިލިއަޑު އިވުނެވެ. އަހަންނަށް ބާރުބާރަށް ރޯން ފެށުނެވެ. އަޑުން އަޑު ނަގައި ހަޅޭއްލަވައި ގަނެވުނެވެ. ބޮލުގައި އޮތް ބުރުގާ ނަގައި ހޫރައިލެވުނެވެ. އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހައިލެވުނެވެ. އިނގިލިތަކުން އިސްތަށިތަކަށް ވާންކޮށްލެވުނެވެ. ބާރުކޮށްލެވުނެވެ. އެގޮތުގައި އިރުކޮޅެއް ހޭދަކޮށްލެވުނެވެ.

ގަދަކަމުން ކަހަލަ ގޮތަކަށް ބޯ ހިއްލައިލެވުނެވެ. އެ އަތް މުށިގަނޑުގައި ވިއްދާލަމުން ކުރިއަށް ބަލައިލެވުނެވެ. ތެދުވާނެހާ ހިތްވަރެއް ނެތެވެ. ގަދަކަމުން ކަހަލަ ގޮތަކަށް މުށިގަނޑު މަތީގައި އިށީނދެލީމެވެ. ދެ އަތުން ބުރަކަށީގެ ދެ ފަރާތުގައި ފިރުމައިލެވުނެވެ. އިނގިލި ޖެހޭ ކޮންމެ ތަނަކުން އިތުރު ވޭންތަކެއް އަޅަމުން ދިޔަ އެވެ. މުޅި މީހާ އެކުގައި ރޫރޫ އަޅަމުން ދިޔަ އެވެ.

ކަރުބުޑުގައި ހީވަނީ ހަރު އެއްޗެއް އޮންނަ ހެންނެވެ. ހިންދިރުވާލެވެނީ ވެސް ގަދަކަމުންނެވެ. ލޮލުގައި އަޅައިގަތީ ކުރިމަތީ ހުރި ގޮނޑީގައި ހުރި ރަސްމީ އެކުވެރިޔާ އެވެ. އެކަނިވެރިކަން ފިލުވައިދޭ މިތުރެވެ. ކަޅު ގޮބުލީ ރޭޑިއޯއެވެ. އެއީ އަހަރެންގެ ދުނިޔެ އެވެ. އުފަލެވެ. ހިތްހަމަ ޖެހުމެވެ. ހުރިހާ ހިތާމައެއްގެ ފަރުވާ އެވެ. އެކަނިވެރިކަން ފިލުވައިލަދޭ މިތުރެވެ. ދެމެމުން ދެމެމުން ކަހަލަ ގޮތަކަށް އަހަރެން ގޮނޑިއާ ދިމާއަށް ދިޔައީމެވެ. މަޑުމަޑުން ރޭޑިއޯ ގޮބުގައި ހިފައިލީމެވެ. ރޭޑިއޯގެ އަޑު ކެނޑިކެނޑިގެން އިވެން ފެށި އެވެ. ގޮބުގައި ހިފައި އަނބުރައިލީމެވެ. އަޑު އަންނަ ގޮތްވާން ފެށި އެވެ.

ހަމަ އެވަގުތު ކޮޓަރީގެ ދޮރު ހުޅުވުނެވެ. އަހަންނަށް ބޭއިހުތިޔާރުގައި ރޭޑިއޯއިން އަތް ދޫކޮށްލެވުނެވެ. ބަލައިލެވުނީ ކޮޓަރިއަށް ވަދެގެން އައި މީހާ އަށެވެ. އެއީ ޒަމީރެވެ. ޒަމީރުގެ މޫނުމަތީގެ ކުލަވަރު ހުރީ ބަދަލުވެފަ އެވެ. އޭނާގެ ހަރަކާތްތައް ވެސް ހުރީ ބަދަލުވެފަ އެވެ. އޭނާ މަޑުމަޑުން އަހަންނާ ދިމާއަށް ހިނގައިގަތެވެ.

އަހަންނަށް ފަހަތަށް ޖެހިލެވުނެވެ. ފަހަތަށް ޖެހިލަން އުޅެނިކޮށް ރޭޑިއޯ ގޮނޑި މައްޗަށް ވެއްޓުނެވެ. ބަލައިލެވުނީ ވެސް ރޭޑިއޯއަށެވެ. އޭރު ވެސް ޒަމީރު ލަސް ފިޔަވަޅުތަކެއް އަޅަމުން އާދެ އެވެ. އަހަރެން މަޑުމަޑުން ފަހަތަށް ޖެހެމުން ޖެހެމުން ދިޔައީމެވެ. މުށިގަނޑު މަތިން ތެތް އެއްޗެއްގައި އަތް ޖެހުނުހެން ހީވެގެން ބަލައިލީމެވެ. އަތް ހިއްލައިލާ ބަލައިލީމެވެ. ހީވީ ރަނގަޅަށެވެ. އެއީ ތާޒާ ލެޔެވެ. ޔަގީން ކުރެވުނީ އެއީ އަހަރެންގެ ލޭ ކަމެވެ.

އެއްފަހަރު އަތަށް އަނެއް ފަހަރު ޒަމީރުގެ މޫނަށް ބަލައިލެވުނެވެ. ދެން ވެރިވެގެން ދިޔައީ ހިމޭންކަމެވެ. ހިމޭންކަމުގެ މައްޗަށް އަތްގަދަކޮށްލީ ރޭޑިއޯއިން އިވުނު ވޭނީ އަޑެވެ. އަންހެން ކުއްޖެއްގެ އިހުސާސްތަކުގެ އެންމެ މަތީ ކުންނަށް ވާސިލުވާ ވޭން ހުރި އެ އަޑެވެ. ޒަމީރަށް ހުއްޓިލެވުނެވެ. އަހަންނަށް ހިންދިރުވާލެވުނެވެ. ލަސްލަހުން ނޭވާ ބޭރުކޮށްލެވުނެވެ.

"އިސްލާމް ދީނަކީ އެންމެ މާތް ދީން. އެންމެ އޯގާތެރި ދީން. އެ ދީނުގައި އަނިޔާއަކަށް، އަނިޔާވެރިވުމަކަށް ބާރެއް ނާޅާނެ. ކޮންމެ އިންސާނަކީ މާތް މަހުލޫގެއް. އެއްވެސް އިންސާނަކަށް އަނެއް ޖިސްމުގެ މައްޗަށް ބާރު ފޯރުވާކަށް އަންގަވާފައެއް ނޯވޭ. އެއީ އިސްލާމް ދީނުގައި ކަނޑައެޅިގެން މަނާކުރައްވާފައިވާ ކަމެއް. ނަހީކުރައްވާފައިވާ ކަމެއް. ދީނުގެ ނަމުގައި އަނިޔާވެރިވެ އަޅުންގެ ދަރަޖަ އަނބިންނަށް ދިނުމަކީ ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ކަމެއް. ﷲ ސުބާހާނަހޫ ވަތައާލާ ނަހީ ކުރައްވާފައިވާ ކަމެއް."

ރޭޑިއޯ އިން އިވެމުން ދިޔައީ ދީނީ އިލްމުވެރިއެއްގެ މޫރިތި ބަސްމަގެވެ. އަހަންނަށް އަމާޒުކޮށް ދެއްކެވި ވާހަކަކޮޅެއް ހެންނެވެ. އެއިން ކޮންމެ ލަފުޒެއް، ކޮންމެ ވާހަކަފުޅެއް ގޮސް އަމާޒުވަނީ ސީދާ ޒަމީރަށެވެ. ޒަމީރުގެ ސިކުނޑިއަށެވެ. އަހަރެންގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ކޯތާފަތްމަތިން ދަތްދޮޅި ހުރަސް ކުރަމުން ދިޔަ އެވެ. އެއް އަތުން މޫނު ފޮހެލީމެވެ. އަތުގައި ހުރި ލޭތައް މޫނުގައި އުނގުޅުނެވެ. ދެ ލޯ މަރައިލެވުނެވެ. ބޮލުގެ އިސްތަށިގަނޑުގައި ދެ އަތުން ހިފައިލެވުނެވެ. ބުރަކަށީގައި އަޅަމުން ދިޔަ ވޭނަށްވުރެ އިވެމުން ދިޔަ ވާހަކަތަކުގެ އަޑުން ހިތް ތޮރުފޭ މިންވަރު އިތުރުވަމުން ދިޔައެވެ. ހިތައިހިތާ ދުޢާކޮށްލެވުނެވެ. އެ ބަސްތަކުން ނަމަވެސް ޒަމީރަށް ހެޔޮ ވިސްނުން ދެއްވާތޯ އެވެ. އޭނާގެ ހަރުހިތް މަޑުވޭތޯ އެވެ.

ކުއްލިއަކަށް ރޭޑިއޯގެ އަޑު ކެނޑުނެވެ. މުޅި ތަން ހިމޭންވި އެވެ. އަމިއްލައަށް ގިސްލެވޭ އަޑު އިވެމުން ދިޔަ އެވެ. ދެން އިވުނީ ބެލްޓުގެ ބަލަކް މުށިގަނޑު މަތީގައި ކޭއްތޭ އަޑެވެ. އަހަންނަށް ބަލައިލެވުނީ އެ އަޑު އިވޭ ދިމާއަށެވެ. އެއީ ޒަމީރެވެ. އޭނާ އައީ އަހަންނާ ދިމާއަށެވެ.

"ތަޅާ އަނިޔާ ކުރޭ. އިސްލާމްދީނަށް ހިމާޔަތް ހޯދައިދޭން އުޅޭ މީހާގެ ވާހަކަތަކަށް ރަނގަޅު ފިލާވަޅެއް އިވިއްޖެއެއްނު. ރަނގަޅު ނަސޭހަތެއް ލިބިއްޖެއެއްނު." އަހަންނަށް ޖޯޝާއެކު ބުނެވުނެވެ.

ނަމަވެސް ޒަމީރު އަނގަޔަކުން ނުބުނެ އެވެ. ލަސްފިޔަވަޅުތަކެއް އަޅަމުން އޭނާ އައީ އެވެ.

"އަހަންނަށް ރަނގަޅީ ކަލޭގެ އަތުން އަހަރެން މަރުވެގެން ދިޔައިއްޔާ. އޭރުން ޔަގީނުން ވެސް އަހަރެންގެ ވާހަކަ މުޅި ރާއްޖޭގައި ދައްކާނެ. މުޅި ގައުމަށް ކަލޭ ފަޟީހަތްވާނެ. ކަލޭގެ ހަގީގަތް ހާމަވާނެ. ކަލޭމެންގެ ވާހަކަތައް މުޅި ތަނަށް ފެތުރިގެންދާނެ. ދީނޭ ކިޔައިގެން މީހުންނަށް އޮޅުވާލައިގެން ހަނގުރާމައަށް ފޮނުވައިފައި ކޮންމެ ޕާސްޕޯޓަކުން ޑޮލަރު ހޯދާކަން އެނގޭނެ." އަހަރެން ޖޯޝާއެކު ބުނެލީމެވެ.

ޒަމީރު އާ ގޮތަށް އައިސް ބެލްޓުގެ ބަކަލް އަހަރެންގެ މޫނު ކައިރިއަށް ތިރިކޮށްލި އެވެ. އަހަންނަށް ދެ ކަންފަތުގައި އަތް އަޅައިލެވުނެވެ. މަޑުމަޑުން ދެ ލޯ މަރައިލެވުނެވެ.

"އާނ! އަހަންނަށް ގޯސް ހެދިއްޖެ. އަހަންނަށް ކުރަން ނުޖެހޭ ކަމެއް ކުރެވިއްޖެ." ޒަމީރުގެ އަޑުގައި ހުރީ މާޔޫސީ ރާގެކެވެ.

އަހަންނަށް ބަލައިލެވުނެވެ. ޒަމީރުގެ އަޑު ޖެހުނު ގޮތުން އަހަންނަށް ހިތްވަރެއް ލިބުނެވެ.

"ނޫނޭ. ތަޅާ. އަނިޔާކުރޭ. އަހަންނަކީ އެއްވެސް މީހެއް ނޫނެއްނު. ކަލޭއެއްނު ބުނީ އަންހުންނަކީ ފިރިންގެ އަޅުންނޭ. ފިރިން ބޭނުންހާ ކަމެއް ކުރާން ގެންގުޅޭ ޖާރިޔާއިންނޭ. މިހާރު އެކަން ބަދަލުވީތަ. އެ ބާބު މަންސޫހުވީތަ؟ އަވަސްކުރޭ، ތަޅާ އަނިޔާ ކުރޭ." އަހަރެން ގަސްތުގައި ޒަމީރަށް ދެރަދޭން ބޭނުންވީ އެވެ.

"ފުރަން ތައްޔާރުވޭ. އަހަންނަކަށް ވަގުތެއް ނެތް. އަހަންނާއެކު ދާން ހިނގާ. އެހެން ނޫނީ އެމީހުން އަހަރުމެން ދެމީހުންގެ ދުވަސް ވެސް ދުއްވާލާނެ." މަޑުމަޑުން ނޭވާ ބޭރުކޮށްލަމުން ލަސްލަހުން ޒަމީރު ބުނެލި އެވެ.

އަހަންނަށް ލިބުނު ސިހުމާއެކު ޒަމީރުގެ މޫނަށް ބަލަން އިނދެވުނީ އެވެ.

"ކޮންތާކަށް؟ ކޮންބައެއް؟ އަދިވެސް ދެވުނު އަނިޔާ ކުޑައީތަ؟ އަހަރެން ވެސް ވިއްކާލަނީތަ؟ މިހާރު ކަލޭމެންގެ ބަހަށް ހެއްލޭނެ މީހަކު ނުވީތަ؟" އަހަންނަށް ބާރުބާރަށް ބުނެލެވުނެވެ.

"އަހަރެން ބުނަމެއްނު މާގިނައިން ޝަކުވާ ނުކުރާށޭ. އެއީ އަހަރެން ވަރަށް ހިތްހަމަ ނުޖެހޭ ކަމެކޭ. ޝަކުވާ މަދުކޮށް ދިރިއުޅެން ދަސްކުރާށޭ." ޒަމީރު ހިންދިރުވާލިއެވެ.

"ޝަކުވާ. ޝަކުވާ. ބަލަ ދިރިއުޅުމަކީ ދެމީހުންގެ ހިއްސާ އެއްވަރަށް އޮންނަން ޖެހޭ ކަމެކޭ. ދިރިއުޅުމެއް ކާމިޔާބުވާނީ ދެމީހުން ވެސް އެކަކު އަނެއްކަކަށް ހިއްސާކޮށް، އެކަކު އަނެއް ކަކަށް އަޅައިލައިގެން އުޅެގެންނޭ. އަހަރެން ކުރީ ޝަކުވާތަ؟ ނޫނީ އަހަރެން ދިނީ ނަސޭހަތްތަ؟" އަހަންނަށް ރޮމުން ރޮމުން ބުނެލެވުނެވެ.

"ނަސޭހަތް. އެކަމަކު އަހަންނަށް އިވުނީ ޝަކުވާގެ ގޮތުގައި. އަހަންނަށް ވިސްނުނީ ފިރިއަކަށް އަނތްބަކަށް ދެވޭނެ ނަސޭހަތެއް ނޯންނާނޭ. އަންހެނުންނަކީ އެއްވެސް ބަޔެއް ނޫނޭ،" ޒަމީރު ހިފައިލީ އަހަރެންގެ އަތުގަ އެވެ. "ދެންމެ އެ އައި ކޯލާއި ރޭޑިއޯއިން އެ އިވުނު ވާހަކަކޮޅާ ގުޅުވާލީމަ ވަރަށް ބޮޑު ފިލާވަޅެއް ލިބިއްޖެ. ވަރަށް ގިނަ ކަންކަން ދަސްވެއްޖެ."

"ދެން؟" އަހަންނަށް އަހައިލެވުނެވެ.

"ހަސީނާއަށް ވެސް އެނގޭނެ. އަހަންނަކީ ކޮން މަސައްކަތެއް ކުރި ކާކުކަން. އަހަރެންގެ ޒިންމާއަކީ ކޮބައިކަން. އެކަމަކު އަހަރުމެންގެ ގުރޫޕުގެ ކަންކަން ފަޅައި އަރައިގެން އެންމެން ހޯދަމުން އެދަނީ. ސިފަން އައުމުގެ ކުރިން އަހަރުމެން މިތަނުން ފިލަން އެބަޖެހޭ. އޮތީ ވިއްސަކަށް މިނެޓު. އެއްޗެހި އަޅައިގެން ދާން ހިނގާ. އަހަރެން ވައުދުވަން. އަހަރެން އިސްލާހުވާނަން. އަހަރެން އުޅުން ބަދަލުކުރާނަން. މި ހުރިހާ ދުވަހު މި އުޅެވުނީ ރަނގަޅަކަށް ނޫން." ޒަމީރު އަހަރެންގެ އަތުގައި ހިފައި އާދޭސްކުރާން ފެށި އެވެ.

އެ ހިޔާލުތަކުން އަހަންނަށް ނުކުމެވުނީ ބާރު އަޑުފައްގަނޑެއް އިވެން ފެށުމުންނެވެ. މަޑުމަޑުން މައްޗަށް ބަލައިލެވުނެވެ. ހީވީ ރަނގަޅަށެވެ. އެއީ އެއާ ޓެކްސީއެއްގެ އަޑެވެ. އަހަރެން ހޭޅިތަކުގެ ތެރެއިން ދުވަމުން ދުވަމުން ގޮނޑުދޮށަށް ނުކުތީމެވެ. ކުއްލިއަކަށް އެއްޗެއްގައި އަޅައިގަނެފައި ބަނޑުވަތަށް ވެއްޓުނެވެ. ރަނގަޅަށް ބަލައިލެވުނެވެ. އެއީ މުޅަވަމުން ދިޔަ ޒަމީރުގެ ހަށިގަނޑެވެ. ކައިރީގައި އިތުރު ދެމީހެއްގެ ހަށިގަނޑު އޮތެވެ.

އެމީހުން ގުރޫޕުގެ މީހުންގެ މެދުގައި ރޭ އިރާކޮޅު ހިނގި ހަމަނުޖެހުމުގެ މަތީން ހަނދާންވީ ވެސް އެހައި ހިސާބުންނެވެ. އެކަކު އަނެއްކެއްގެ ގަޔަށް ވަޅި ހަރައި ޒަހަމުކޮށްލި ހާދިސާ ލޮލުގެ ކުރިމަތިން ސިފަވީ ވެސް އެ ވަގުތު އެވެ. އެހުރިހާ ކަމެއް ހިނގީ އަހަރެންގެ ކުރިމަތީގަ އެވެ.

އަހަންނަށް އިތުރު ހިތްވަރެއް ލިބުނެވެ. އައު ޖޯޝެއް ވެސް ލިބުނެވެ. އަވަސް އަވަހަށް ތެދުވެ އަތުން ވެލި ފޮޅައިލީމެވެ. ގޮނޑުދޮށާ ދިމާއަށް ދުއްވާގަތީމެވެ. އޭރު އެއާ ޓެކްސީގެ ދެ ކަނދުން ރާޅުތައް ކަފަމުން އައިސް ގޮނޑުދޮށުގައި ބީއްސައިލަނީ އެވެ. ސިފައިންގެ ދެމީހުން އަހަންނަށް ހަނައަޅައިލި އެވެ. އަހަންނަށް ބަލައިލެވުނީ ގުޅައަކަށް ވެށިފައި އޮތް ޒަމީރާއި އޭނާގެ ދެ ރަހުމަތްތެރިންގެ ހަށިގަނޑަށެވެ. ދެވަނަ ސިކުންތުގައި ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ޝަކުވާގެ ނަމުގައި ލިބުނު އަނިޔާތައް މަތިން ހަނދާންވި އެވެ. ނަމަވެސް ހިތުގައި ފުނި ޖެހުނު ޝަކުވާތަކާއެކު ކުރިއަށް ހިނގައިގަނެވުނެވެ. ބައެއް މީހުންނަށް ލިބޭ ކުޑަކުޑަ އިލްމަކާ އެކު ގޯސްމަގު އިހުތިޔާރު ކުރެވެނީ ދުނިޔޭގެ އެނދުމާއެކު ފައިސާގެ ކުލަތައް ލޮލަށް ފެންނާތީ ކަމުގައި ވިސްނުނެވެ. މީހުން ބުނަނީ ތެދެކެވެ. ކުޑަކުޑަ އިލްމަކީ އަދި ގާފިލުކަމަށް ވުރެ ނުބައި ބޭހެކެވެ.

(ނިމުނީ)