Advertisement

ޕާކިސްތާނުގައި ދިން ހަމަލާއެއްގައި ޗައިނާގެ ނުވަ މީހުން މަރުވެއްޖެ

14 ޖުލައި 2021 - 19:16 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބޮމުގެ ހަމަލާ އަމާޒުވި ބަސް.--


ޕާކިސްތާނުގައި ދިން ހަމަލާއެއްގައި ޗައިނާގެ ނުވަ މީހުން މަރުވެއްޖެ

14 ޖުލައި 2021 - 19:16 0

ޕެޝާވަރު، ޕާކިސްތާން (ޖުލައި 14) - ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ބަހެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ޗައިނާގެ ނުވަ މީހުންނާއެކު ޖުމްލަ 13 މީހުން މަރުވެއްޖެ އެވެ.

ބަހުގައި އެއްޗެއް ގޮވީ ކީއްވެތޯ ބަލަމުންދާ ކަމަށް ޕާކިސްތާނުން ބުނެފައި ވާއިރު، އިސްލާމްއާބާދުގައި ހުންނަ ޗައިނާ އެމްބަސީން އެ ގައުމުގެ ރައްޔިތުންނަށް ހަމަލާދީފައިވާ ކަމަށެވެ.

އެ ބަހުގައި ދަތުރު ކުރަމުން ދިޔެއީ ޗައިނާގެ އިންޖިއަރުންނާއި ސާވެޔަރުންނާއި މެކޭނިކަލް ސްޓާފުންނެވެ. އެ މީހުންނަކީ ހައިބަރު ޕަހްތުންހްވާ ޕްރޮވިންސްގެ ދާސޫ ޑޭމްގެ މަސައްކަތް ކުރާ މީހުންނެވެ.

އެއްޗެއް ގޮވުމާއެކު ބަހުގެ އިންޖީނުގައި އަލިފާން ރޯވި އެވެ. އެ ހާދިސާގައި ޗައިނާގެ އިތުރުން 28 މީހަކު ޒަހަމްވެފައިވާ ކަމަށް ޕާކިސްތާނުގެ އޮފިޝަލުން ބުނެ އެވެ.

ޕާކިސްތާނުގައި އުޅޭ ޗައިނާ ރައްޔިތުންގެ ސެކިއުރިޓީ މައްސަލައަކީ ޗައިނާގެ ބޮޑު ކަންބޮޑުވުމެކެވެ. ގިނަ ޕްރޮޖެކްޓުތަކުގައި ޗައިނާ ރައްޔިތުން ޕާކިސްތާނުގައި އުޅެ އެވެ.

މިއަދުގެ ހަމަލާއާ ގުޅިގެން ޗައިނާ އެމްބަސީން ވަނީ ޕާކިސްތާނުގައި ޕްރޮޖެކްޓު ހިންގާ އެ ގައުމުގެ ކުންފުނިތަކުން ރައްޔިތުންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން އަންގާފަ އެވެ.

މިދިޔަ އޭޕްރިލް މަހު ޕާކިސްތާނުގެ ތާލިބާނުން ވަނީ ޗައިނާ ސަފީރަށް އަމާޒުކޮށް ހުޅަނގު ދެކުނު ބަލޮޗިސްތާން ޕްރޮވިންސްގެ ލަގްޒަރީ ހޮޓަލެއްގެއް އެއްޗެއް ގޮއްވާލާފަ އެވެ.

ޕާކިސްތާން ތާލިބާނުގެ ހަމަލާތައް ފަހަކަށް އައިސް ވަނީ އިތުރުވެ، ބޮޑު ސަރަހައްދަކަށް ފެތުރިފަ އެވެ. އެގޮތުން ވެރިރަށް އިސްލާމް އާބާދާއި ބަހެއް އެހެން ސިޓީތަކުގައި ވެސް ހަމަލާދީފައި ވެ އެވެ.