Advertisement

ރިވައިވަލްގެ އާ ހެޑް ކޯޗަކަށް ނަޝްފާން ހަމަޖައްސައިފި

13 ޖުލައި 2021 - 22:40 0


ރިވައިވަލްގެ އާ ހެޑް ކޯޗަކަށް ނަޝްފާން ހަމަޖައްސައިފި

13 ޖުލައި 2021 - 22:40 0

ބެޑްމިންޓަނަަށް ހާއްސަ ކްލަބް، ރިވައިވަލް ސްޕޯޓްސް ކްލަބްގެ އާ ހެޑް ކޯޗަކަށް ގައުމީ ލެވަލްގައި ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ ނަޝްފާން މުހައްމަދު ހަމަޖައްސައިފި އެވެ.

ރިވައިވަލްގެ ކޯޗަކަށް ނަޝްފާން ހަމަޖެއްސީ ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. މީގެ ކުރިން ރިވައިވަލްގެ ކޯޗަކަށް ހުރީ އަހުމަދު ރިޔާޒް އެވެ. އޭނާގެ ކޮންޓްރެކްޓް ހެދީ މިދިޔަ އަހަރަށެވެ.

ނަޝްފާނަކީ ގައުމީ ފިރިހެން ބެޑްމިންޓަން ޓީމުން 2019 ވަަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކޮށް ލޯ މެޑަލް ހޯދި ޓީމުގެ ކެޕްޓަނެވެ. މީގެ ކުރިން 2011 އާއި 2015 ވަަނަ އަހަރުގެ އައިއޯއައިޖީގައި ވާދަކޮށް ނަޝްފާން ވަނީ ދެ ލޯ މެޑަލާއި އެއް ރިހި މެޑަލް ހާސިލްކޮށްފަ އެވެ.

ގައުމީ ސިންގަލްސް ޗެމްޕިއަންކަން 2012 ވަނަ އަަހަރު ހޯދި ނަޝްފާން ގައުމީ ލެވަލްގައި އެންމެ ހާއްސަކޮށް ފެންނަނީ ޑަބަލްސް އިވެންޓްތަކުގައި ތަފާތު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އޭނާ ވަނީ ފިރިހެން ޑަބަލްސް އިން ގައުމީ ލެވަލްގައި ހަ ފަހަރެއްގެ މަތިން ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭނާ މީގެ އެއް އަހަރު ކުރިން ރިޓަޔާކުރީ 15 އަހަރު އެންމެ މަތީ ލެވަލްގައި ބެޑްމިންޓަން ކުޅުމަށް ފަހު އެވެ.

ރިވައިވަލް އިން ވަނީ އެ ކްލަބްގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ހަސަން އަފްޝީން އެސިސްޓަންޓް ކޯޗެއްގެ މަގާމަށް ޕްރޮމޯޓް ކޮށްފަ އެވެ.

މީގެ ދެ އަހަރެއްހާ ދުވަސްކުރިން ވުޖޫދުކުރި ރިވައިވަލް އިން ވަނީ މިހާތަނަށް ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ލެވަލްގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ގައުމީ ލެވަލްގެ މުބާރާތްތަކުގައި މިހާތަނަށް ރިވައިވަލް އަށް ލިބުނު މެޑަލްތަކުގެ ޖުމްލަ އަދަދަކީ 14 މެޑަލް އެވެ. އެއީ ހަ ރަން މެޑަލާއި ދެ ރިހި މެޑަލް އަދި ހަ ލޯ މެޑަލެވެ. އޭގެ ތެރޭގައި ގައުމީ މުބާރާތުގެ ޓީމް އިވެންޓް ޗެމްޕިއަންކަމާއި މިދިޔަ އަހަރު ބެޑްމިންޓަން އެސޯސިއޭޝަނުން ބޭއްވި މިކްސް ޓީމު އިވެންޓް ޗެމްޕިއަންކަން ހިމެނެ އެވެ.

ރިވައިވަލްގެ އެންމެ ބޮޑު އަމާޒަކީ ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖެ އަށް ރީތި ނަން ހޯދައިދިނުމެވެ. އެ ކްލަބުން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުން ރާއްޖެ އަށް އެއް ރަން މެޑަލާއި ދެ ލޯ މެޑަލް ގެނެސްދީފަ އެވެ. މީގެ ތެރެއިން ރަން މެޑަލަކީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ބަލައިގަނެފައިވާ މުބާރާތަކުން ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން މެޑަލެވެ.