Advertisement

ނަސްރުއަށް ލައްވައިލި ދެ ނަސީބާއި ދެމަފިރިންގެ ހުވަފެނުގައި ޖެހުނު ކުލަ

16 ޖުލައި 2021 - 14:22 3

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ނަސްރުއަށް ލައްވައިލި ދެ ނަސީބާއި ދެމަފިރިންގެ ހުވަފެނުގައި ޖެހުނު ކުލަ

16 ޖުލައި 2021 - 14:22 3

"ވަރަށް ބޮޑަށް ޝުކުރުވެރިވަން، ވިޔަފާރިވެރިން އެމީހުންގެ ޕްރޮމޯޝަންތައް މެދުވެރިކޮށް ވިޔަސް މީހުންގެ ހުވަފެންތަކުގައި ކުލަ ޖައްސައިދޭތީ،"

"އަދަދު" ގެ މި އިންޓަވިއު އަކަށް މައުލޫމާތު ދީ ނިންމައި، ފަހު ޖުމްލަ ދުލުން ބޭރުކޮށް ނިންމައިލި އިރު 43 އަހަރުގެ ނަސްރުއްﷲ އަހުމަދުގެ ލޮލުން ޝުކުރުގެ ކަރުނަ ހިލުނެވެ. އަންހެނުން، މަރްޔަމް ޝިޔާމާ އާއި އޭނާގެ ކައިވެންޏަށް 20 އަހަރު ވީ އިރު އެދެމަފިރިންގެ އެންމެ ބޮޑު ހުވަފެނަކަށް ވީ އެކުގައި މައްކާގެ ހަރަމްފުޅަށް ގޮސް ހައްޖުވެލުމެވެ.

އެކަމަކު ހަތަރު ދަރިންނާއެކު މެދުފަންތީގެ ދިރިއުޅުމެއް އުޅެމުން ހައްޖަށް ދާން ފައިސާ އެއްކުރަމުން އަންނަ ނަސްރު އަށް އަދި އޮތީ އެ ބަޖެޓް މުޅިން ހަމަކޮށްނުލެވި އެވެ. އެހެން ހުއްޓައި ލޮޓަސްގެ ޕްރޮމޯޝަނެއްގައި ބައިވެރިވި ނަސްރު އަށް، މީގެ ދެ ދުވަސް ކުރިން އެ ފިހާރައިން ކުރި މެސެޖާއެކު ވިހި އަހަރު ވަންދެން ކުރަމުން އައި ދިގު އިންތިޒާރަށް ނިމުމެއް ގެނެސް، އުފަލުން ރޮއްވައިލީ އެވެ.

ނަސްރު އަށް އޭނާގެ އަންހެނުންނާ އެކު ހައްޖަށް ދެވޭ ގޮތް ވެއްޖެ އެވެ.

އޭނާ އަކީ ލޮޓަސްގެ ލެވިސްތާ ކޮފީގެ މި އަހަރުގެ ޕްރޮމޯޝަނުގެ އެންމެ "ބޮޑު" ނަސީބުވެރިޔާ އެވެ. އެކަމަކު އާދަޔާ ހިލާފު ނަސީބެއް ލައްވާލައި، އަގުބޮޑު ހަދިޔާތަކެއް ހުށަހެޅި އެ ޕްރޮމޯޝަނުން ނަސްރު އަށް ލައްވައިލީ އެންމެ އިނާމެއް ނޫނެވެ. ޕްރޮމޯޝަނުގެ އެންމެ އަގުބޮޑު ދެ އިނާމު ވެސް ލިބުނީ އޭނާ އަށެވެ. އެއީ އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ސުޒޫކީ ޖީއެން ސައިކަލެކެވެ.

ނަސްރު އާއި އޭނާގެ އަންހެނުން ޝިޔާމާ


"މިދިޔަ އަހަރު ކެފޭ އެއް ހުޅުވި މީހެއް އަޅުގަނޑަކީ. ކެފޭ އަށް ލެވިސްތާ ކޮފީ ގަންނަން ލޮޓަސް އަށް ވަރަށް ގިނައިން ދެވޭ. ދުވާލަކު ގާތްގަނޑަކަށް ދެތިން ދަޅު ގަނެވޭ. އެހެން ހުއްޓައި އަޅުގަނޑު އެއްދުވަހު ފިހާރަޔަށް ދިޔައިމަ އެތާ ކުއްޖަކު ބުނެފި ނަސްރު ޕްރޮމޯޝަނަށް ލާންވީ ނޫންހޭ. އެއް ވަނަ އިނާމަކަށް އެއް ލައްކަ ރުފިޔާ ލިބޭނޭ،" ވެމްކޯގައި ސުޕަވައިޒަރަކަށް އުޅޭ ނަސްރު ކިޔައިދިނެވެ.

"އެހެން ހަމަ ބުނެލީމަ ސަމާސާކޮށްލާފަ އަޅުގަނޑު ބުނެލިން، ތި ލާރިއެއް ލިބިއްޖިއްޔާ ދާނީ ހައްޖަށޭ،"

އުންމީދެއް ނެތި، ސަމާސާ އަކަށް ބުނެލި ބަސް ހަގީގަތަކަށް ވެގެން އައި އިރު ނަސްރަށް ހުރެވުނީ ގަބޫލުކުރަން ދަތިވެ، ބަސް ހުއްޓިފަ އެވެ. އެވަރުގެ ނަސީބެއް އޭނާ އަށް މިންވަރުކުރައްވާފާނެ ކަމަކަށް ދުވަހަކު އުންމީދެއް ނުކުރެ އެވެ.

"އިއްޔެ ނޫން ކުރީ ދުވަހު ހެދުނު އަޅުގަނޑަށް ލިބުނު މެސެޖެއް. ފުރަތަމަ ޖުމްލަ ކިޔާފައި އަޅުގަނޑު މެސެޖް ޑިލީޓްކޮށްލިން. މިހާރު ފޭކު މެސެޖުތައް ބައިވަރު ވިއްޔަ. އެހެންވެ އަޅުގަނޑު މެސެޖު ނުވެސް ބަލަން،" އިންޓަވިއު އަށް ގުޅުމުން ހައިރާން ވެފައި ހުރެ ނަސްރު ބުންޏެވެ.

ޖެނުއަރީން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށް ލޮޓަސް އިން ހިންގި ލެވިސްތާކޮފީ ޕްރޮމޯޝަނުގެ ބައިވެރިންނަށް ޖެހުނީ ލެވިސްތާ ކޮފީ ދަޅެއްގެ މައްޗާ އެކު ކަރުދާސްކޮޅެއްގައި އެ މީހެއްގެ ނަމާއި، އައިޑީ ނަމްބަރު އަދި ފޯނު ނަމްބަރު ޖަހާފައި ފޮނުވާށެވެ. އެއަށް ނަސްރު ސަތޭކަ އަށްވުރެ ގިނަ މަތިގަނޑު ހުށަހެޅި އެވެ.

"ވަރަށް ގިނަ މަތިގަނޑު ހުށަހެޅިން. އެވަރުގެ އިނާމެއް އޮތީމަ އަޅުގަނޑު އޭގައި ބައިވެރިވެލާފައި އަންހެނުންގެ ކައިރީގައި ވެސް ބުނެލިން، މީތިން ވިން ވެއްޖިއްޔާ ދެމީހުން އެކުގައި ހައްޖަށޭ ދާނީ. އަޅުގަނޑަށް ހީވަނީ މާސިންގާ ދެ ނަސީބެއް އަޅުގަނޑުގެ އަތުގައި މި ހިފީ އަޅުގަނޑުމެން ދެމަފިރިންގެ ނަސީބުގައި ހައްޖުގެ އަޅުކަން މިންވަރުވެފައި އޮތުމުން ހެން،"

ނަސްރު ބުނީ ލޮޓަސްއިން މިހާރު އޭނާ އަށް ގުޅައި ހުރިހާ މައުލޫމާތެއް ހިއްސާކޮށްފައިވާ ކަމަށެވެ. ދެން އޮތީ ލިބުނު އުފާވެރިކަމަށް ހަމްދުކުރުމާއެކު އެންމެ ބޮޑު ހުވަފެނުގައި ކުލަޖެއްސުމުގެ ފަހު މަސައްކަތްތައް ކަމަށެވެ.