Advertisement

ލޮކިމަސްޖަހައި ބަރުހެލިވެފައި!

13 ޖުލައި 2021 - 08:50 1

ހަވަރުބެރު

ހަވަރުބެރު

އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)


ލޮކިމަސްޖަހައި ބަރުހެލިވެފައި!

13 ޖުލައި 2021 - 08:50 1

ޖިނާއީ އަދުލުގެ ނިޒާމު ފަރިތަވެފައި ހުރި ކަންނެތް އާދަ ތަކުގެ ސަބަބުން ބަރުހެލިވެ ހިނގައި ނުގަނެވިފައި އޮތް ވާހަކަ ނުދައްކާ މީހަކު ނެތެވެ. މުޅި ނިޒާމުގެ އެކި ދިމަދިމާލުން ޕެޗު އެޅުމުގެ ބަދަލުގައި ނިޒާމު އެކީއެކަށް އިސްލާހުކުރަން ޖެހޭ ވާހަކަ ނުދައްކާ މީހަކު ނެތެވެ. ދުވެލި ބާރު ޕްރޮސިކިއުޓާ ޖެނެރަލްއަކާ، ދުނިޔޭގެ ފެންވަރުގެ ފަނޑިޔާރުންނާއެކު ވެސް ޖިނާއީ އަދުލުގެ ނިޒާމަށް ލިބުނު ކުރިއެރުމެއް ލޮލުކޮޅަށްވެސް ފެންނާކަށް ނެތެވެ. މިކަންކަން އިސްލާހު ކުރުމަށް ލައްކަ މަސައްކަތް އެބަ ކުރެވެޔޭ މަސައްކަތް ކުރާން ތިބި މީހުންގެ ހިތަށް އަރާފާނެ އެވެ. ނަތީޖާ ވަޒަންކުރާނީ ފެންނަ މަންޒަރުގެ ނާޅިންނެވެ. އުއްމީދާއެކު ބަލަންތިބި ލޯތަކަށް އަދިވެސް ފެންނަނީ އައިބެވެ. ރަނގަޅު ކުރަންޖެހޭ ކަންކަމެވެ. ތަހައްމަލު ކުރަންޖެހެނީ ތަކުލީފެވެ.

މި ހާލަތުން އަރައިގަތުމަށް ބައެއް މީހުން ބައެއް މީހުން ހުށަހަޅާ ހައްލަކީ ކުރު ޝޯޓްކަޓް ހައްލުތަކެކެވެ. އަނެއް ބައެއްގެ ވިސްނުން ހުރީ ޖިނާއީ އަދުލުގެ ނިޒާމްގައި ހިމެނޭ ކޯޓުތަކަށް އިތުރު ފަނޑިޔާރުން އައްޔަންކުރުމަށެވެ. މި ދެ ގޮތްވެސް ރަނގަޅު ވެދާނެ އެވެ. ދެ ގޮތް ގޯސްވުންވެސް އެކަށީގެންވެ އެވެ. އަޅުގަނޑު މި ލިޔުމުގައި ފާހަގަ މި ކޮށްލަނީ ޖިނާއީ އަދުލުގެ ނިޒާމު ރަނގަޅު ކުރުމަށްޓަކައި މިހާރުން މިހާރަށްވެސް ކުރެވިދާނޭކަމަށް އަޅުގަނޑަށް ފެންނަ ބައެއް ކަންކަމެވެ.

ޖިނާއީ އަދުލުގެ ނިޒާމްގައި ކްރިމިނަލް ކޯޓު

ކަމެއް ހޯދައި ބަލައި އެކަމެއް އިތުރަށް ފުރިހަމަ ކުރާނަމަ ނުވަތަ އިސްލާހު ކުރާނަމަ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ވަގޮށް ޖެހިފައިވާ ދިމަ ދިމާ ބަލައި ދެނެގަތުމެވެ. އެހެންގޮތަކަށް ދަންނަވާނަމަ އިޝޫސްތައް އައިޑެންޓިފައި ކުރުމެވެ. އެއަށްފަހު އެ އިޝޫސްތައް މެދުވެރިވާ ސަބަބުތައް ދެނެގަތުމެވެ. ސަބަބުތައް ދެނެގަނެވުނީމަ އެކަމަށް އޮތް ހައްލުވެސް ދެނެގަނެވޭނެ އެވެ. މި ހުރިހާކަމަކަށް މިޒަމާނުގައި ބޭނުންކުރަނީ ތަފާސްހިސާބެވެ.

ޖިނާއީ އަދުލުގެ ނިޒާމުގައި ފެންނާން ހުރި ތަފާސްހިސާބުތަކަށް ޖެހިލާއިރު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ހެޑް އޮފީހުން (މާލެ) 2020 ވަނަ އަހަރު ޖުމްލަ 2350 މީހެއްގެ މައްޗަށް ދައުވާ ކުރިއިރު، އޭގެ ތެރެއިން 1203 މީހެއްގެ މައްޗަށް ދައުވާ ހުށަހަޅާފައިވަނީ ކްރިމިނަލް ކޯޓަށެވެ. އެއީ ހުށަހެޅުނު މައްސަލަތަކުގެ 51.19 އިންސައްތަ އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރުގެ ނިޔަލަށް ދަށު މަރުހަލާގެ ކޯޓުތަކުގައި 4186 މައްސަލައެއް ހުށަހެޅި، ނުނިމި އޮތެވެ. އޭގެ ތެރެއިން 1732 މައްސަލަ އޮތީ ކްރިމިނަލް ކޯޓުގަ އެވެ. އެއީ ނިސްބަތުން ބަލާއިރު 41.38 އިންސައްތަ އެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ކޯޓެއްގައި އޮތް އެންމެ ބޮޑު ބެކްލޮގެވެ.

ލިބެންހުރި މައުލޫމާތުތަކަށް ބަލާލާއިރު، 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުގައި ޖުމްލަ 7146 އަޑުއެހުމެއް ބާއްވަން ތާވަލުކުރި ނަމަވެސް އޭގެ ތެރެއިން ބޭއްވިފައި ވަނީ 3245 އަޑުއެހުމެކެވެ. މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ނިންމިފައިވަނީ 852 މައްސަލައެކެވެ. އެ ކޯޓުން ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހެޅި (ޝަރީއަތް ފެށިފައި ނުވާ މައްސަލަތަކުގައި އެކަނި) 3149 ހުށަހެޅުމަކާ ގުޅިގެން، އަޑުއެހުން ބާއްވައި ބަންދާމެދު ގޮތް ނިންމައި، 3149 ބަންދާމެދު ގޮތެއް ނިންމުމުގެ ކޯޓު އަމުރު ނެރެފައި ވެ އެވެ. އަދި ޝަރީއަތް ފެށިފައި ނުވާ މައްސަލަތަކުގައި އެކި ބާވަތްތަކުގެ 1735 ކޯޓު އަމުރު ނެރެފައި ވެ އެވެ.

ދެހާސް ވިހި ވަނަ އަހަރު ކްރިމިނަލް ކޯޓުގައި 10 ގާޒީން މަސައްކަތްކުރާ ގޮތަށް ހަމަޖެހިފައި އޮތެވެ. ނަމަވެސް އެކިއެކި މައްސަލަތަކުގައި ސަސްޕެންޑް ކުރުމާ ގުޅިގެންނާއި ވަކިވުމާ ގުޅިގެންނާއި އަދި ޗުއްޓީގައި ތިބުމުގެ ސަބަބުން، 10 ގާޒީން ހަމަކޮށް ކޯޓުގައި މަސައްކަތް ކުރެވުނު އިރެއް 2020 ވަނަ އަހަރު ނިމިގެން ދިޔައިރުވެސް ނާދެ އެވެ.

މަތީގައި ބަލާލެވުނު ތަފާސްހިސާބުތަކުން ޖިނާއީ އަދުލުގެ ނިޒާމްގައި ވަގޮށް ޖެހިފައިވާ ދިމާލަކީ ކޮބައިކަން ވަރަށްވެސް ސާފުވެ އެނގިގެން ހިނގައްޖެއެވެ. އެއީ ކްރިމިނަލް ކޯޓެވެ. ޖިނާއީ އަދުލުގެ ނިޒާމްގައި ކްރިމިނަލް ކޯޓުގެ ދައުރާއި އެކޯޓާ ހުރި ގުޅުމާއި އެ ކޯޓަށް ސަމާލުކަންދޭންޖެހޭ މިންވަރާއި އީޝޫސްތައް ދިމާވާ ސަބަބު، ތަފާސް ހިސާބުތަކުން އެހެރީ ފެންނާށެވެ. ސުވާލަކީ ޒަމާންތަކެއްވަންދެން ކްރިމިނަލް ކޯޓުގައި ފުނިޖައްސާފައި އޮތް ބެކްލޮގް ސާފުކޮށް ތަބީއީ ހާލަތަކަށް ކޯޓުގެ މަސައްކަތު ދިއުޅި އެޅޭނީ ކިހިނަކުންބާ އެވެ؟ ޖަވާބަކީ ނިޒާމީ ހައްލުތަކެއް ހޯދުމެވެ. އެގޮތުން ކުރެވިދާނެ ކަމަށް ފެންނަ މުހިންމު ކަންކަން ހިމަނާލާނަމެވެ.

ޑްރަގް ކޯޓަށް ފަސް ގާޒީން ބޭނުންވޭ؟

ޑީޖޭއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ ފަސް އަހަރު ވެސް ޑްރަގް ކޯޓަށް ހުށަހެޅޭ މައްސަލަތައް އަންނަނީ އަހަރުން އަހަރަށް ދަށްވަމުންނެވެ. ކަންމިހެން އޮތްއިރުވެސް ޑްރަގް ކޯޓުގައި ފަސް ގާޒީން ތިއްބަވަ އެވެ. ސުވާލަކީ އެ ކޯޓަށް ފަސް ގާޒީން ބޭނުންވޭ ހެއްޔެވެ؟

ޑްރަގް ކޯޓުގެ އަޑުއެހުންތަކުގެ ތެރެއިން އިބްތިދާއީ އަޑުއެހުން (މައްސަލަ ކުރިއަށް ގެންދާނެ ގޮތް ކިޔައި ދިނުމާއި ފަރުވާ ބޭނުންވާކަން ކަށަވަރުކުރުމަށް ބާއްވާ އިދާރީ ބައްދަލުވުމެއް) ބާއްވަމުން ގެންދިޔައީ ގާޒީން ތިބެގެން ޝަރީއަތުގެ އަޑުއެހުމެއްގެ ގޮތުގަ އެވެ. ނަމަވެސް ފަހުން އެ ކޯޓުން ވަނީ އެ އަޑުއެހުންތައް ލީގަލް އޮފިސަރު ހުރެގެން ކުރިއަށް ގެންދާގޮތަށް ހަމަޖައްސާފަ އެވެ. އެހެންކަމުން އެ ކޯޓުގެ ޝަރީއަތްތައް ހިންގަން ގާޒީން ހޭދަކުރާ ވަގުތުތައް ސަލާމަތްވެ ޖިނާއީ އަދުލުގެ ނިޒާމަށް ލުޔެއް ލިބިދީފައި ވެ އެވެ. ހަމަ އެ ވިސްނުމުގަ ކޯޓުގައި ބާއްވާ ހާލަތު ބައްދަލުވުންތައް ވެސް ޝަރީއަތުގެ އަޑުއެހުމެއްގައި ގާޒީ ކުރިއަށް ގެންދިއުމުގެ ބަދަލުގައި ޕްރޮބޭޝަން އޮފިސަރަކު ނުވަތަ ކައުންސިލަރަކު ކުރިއަށް ގެންދާގޮތަށް ބަދަލު ގެނެވިދާނެ އެވެ. ހަގީގަތަކީ ޕީޖީ އޮފީހުން ހުށަހަޅާ މައްސަލާގައި ފުރަތަމަ ހުކުމް ކުރުމުން މައްސަލަ ވަގުތީގޮތުން ނިމުނީ އެވެ. ހާލަތު ބައްދަލުވުންތަކަކީ އިދާރީގޮތުން ކުރާ ކަމެކެވެ. އެކަން ކުރުމަށް ގާޒީއަކު ހުރުމުގެ ބޭނުމެއް ނެތެވެ. އަދި ހަގީގީ ނަތީޖާވެސް ނެރެވޭނީ ޕްރޮފެޝަނަލް މީހަކު (ޕްރޮބޭޝަން އޮފިސަރަކު/ކައުންސިލަރަކު) ހުރެގެން އެ ބައްދަލުވުންތައް ކުރިއަށް ގެންދިޔައީމަ އެވެ.

ޑްރަގް ކޯޓުގެ ހާލަތު ބައްދަލުވުން ހަމައަކަށް އަޅުވައިފިނަމަ ޑްރަގް ކޯޓުގެ ޝަރީއަތުގެ އަޑުއެހުންތައް މަދުކުރެވޭނެ އެވެ. ވަކީން ހާއްސަގޮތެއްގައި އަކުރުން އަކުރަށް ލިޔަންޖެހޭ ބަޔާންތަކެއް ނުހުންނައިރު ފަސް ގާޒީންގެ ބަދަލުގައި ތިން ގާޒީންނާއެކު ޑްރަގް ކޯޓުގެ ހިދުމަތްތައް އޮމާންކޮށް ސާދާކޮށް ފޯރުކޮށްދެވޭނެ އެވެ. ބާކީ އޮތް ދެ މަގާމު ކްރިމިނަލް ކޯޓަށް ބަދަލުކޮށް ކްރިމިނަލް ކޯޓުގެ މަސައްކަތަށް އިތުރު ބާރެއް ލެވޭނެ އެވެ.

ދެ ހާސް ނަވާރަ ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ވެސް، ފަރުވާއިން ވަކިކުރި މީހުންގެ އަދަދު އިންތިހާއަށް ގިނަކަން ހާމަވާން އޮވެ އެވެ. މާނައަކީ އެ އެންމެންގެ މައްސަލަތައް ދެން ޕީޖީ އޮފީހުން ހުށަހަޅާނީ ކްރިމިނަލް ކޯޓަށް ކަމެވެ. ޕީޖީ އޮފީހުގެ ތަފާސް ހިސާބުތަކުން ވެސް އެފަދަ މައްސަލަތަކުގެ އަދަދުތަކެއް އެނގެން ނެތެވެ. މިކަން މިގޮތަށް ދިމާވާ ސަބަބަކީ ފަރުވާއަށް ހުކުމް ކުރުމުން ފަރުވާއަށް ހުކުމްކުރެވޭ މީހާގެ އެހެނިހެން މައްސަލަތަކުގައި ދައުވާ ކުރިއަށް ގެންދިއުމާމެދު ގޮތެއް ''ނިންމަން'' އޮންނަ އިހްތިޔާރުގެ ބޭނުން ނުހިފައި ''ދައުވާ ހޯލްޑް'' ކުރުމުގެ ނަމުގައި ޕީޖީ އޮފީހުގައި އެފަދަ މީހުންގެ މައްސަލަތައް ފުނިޖައްސާތީ އެވެ. އަދި ފަރުވާއިން ވަކިކުރުމުން ދެތިން އަހަރުވެފައިވާ މައްސަލަތަކެއް އެއްފަހަރާ ކްރިމިނަލް ކޯޓަށް ހުށަހަޅާތީ އެވެ. މިކަމަކީ ވެސް ގާނޫނާއެއްގޮތަށް އަދި ގާނޫނުގެ ރޫހާއެއްގޮތަށް ކުރާނަމަ، ކިތަންމެހާވެސް ބޮޑުތަނުން ޖިނާއީ އަދުލުގެ ނިޒާމަށް ލުއި ލިބޭނެ އެވެ.

ބެކްލޮގް ސާފުކޮށްލަންވީނު!

ޖިނާއީ އަދުލުގެ ނިޒާމަށް ބުރަބޮޑު ބަރުހެލިވެފައިވާ ކްރިމިނަލް ކޯޓުގެ ބެކްލޮގަކީ އެންމެންގެ ވެސް ކަންބޮޑުވުން އޮތް ކަމެކެވެ. ބެކްލޮގް މިއަދާހަމައަށް ވާރުތަވެ ދެމިގެން އައި ސަބަބުތަށް މިތާގައި ލިޔުމަށްވުރެ މި މަހައްލުގައި މުހިންމީ ބެކްލޮގް ސާފުކުރާނެ ގޮތެވެ. އެކަމަށް އޮތް އެންމެ މޮޅު ހައްލެއް ކަމަށް ފެންނަނީ ދަށުމަރުހަލާގެ އެކިއެކި ކޯޓުތަކުން ޖިނާއީ އަދުލުގެ ނިޒާމަށް ފަރިތަ ފަނޑިޔާރުން ގެނެސް އެއް މިސްރާބަކަށް އެއްވާނަކަށް ފުލުހުންނާއި ޕްރޮސިކިއުޓަރުންނާއި ކްރިމިނަލް ކޯޓާއި ޑީޖޭއޭ އާ ގުޅިގެން މުއްދަތެއް ކަނޑައަޅައިގެން އެ މަސައްކަތް އެކީއެކަށް ނިންމުމެވެ. އެކަން ކުރާނެ ގޮތުގެ ގަވާއިދެއް ވެސް ހަދައި ވިލަރެސްކުރާނެ ގޮތްތަކެއްވެސް އެކުލަވާލަންވީ އެވެ.

ވަގުތީ ގޮތުން ބައެއް ފަނޑިޔާރުން ކްރިމިނަލް ކޯޓުގައި މަސައްކަތްކުރާ ގޮތަށް ހަމަޖެއްސުމަކީ މިހާރު އަމަލު ކުރަމުންދާ ފަނޑިޔާރުންގެ ގާނޫނުގެ 51 އަދި 52 ވަނަ މާއްދާގެ ދަށުން ވަގުތުން ވަގުތަށްވެސް ކުރެވެން އޮތް ކަމެކެވެ. ފަނޑިޔާރުންގެ ގާނޫނުގެ 51 ވަނަ މާއްދާގައި އޮންނަނީ "ފަނޑިޔާރަކާ ވަގުތީ ގޮތުން އެހެން ކޯޓެއްގައި ޝަރީޢަތްކުރަން ޙަވާލުކުރެވޭނީ، މަސައްކަތް ޙަވާލުކުރެވޭ ކޯޓުގައި އެކަށީގެންވާ މިންވަރަށް މަސައްކަތް ނުހިނގާ ނަމަ، ނުވަތަ އެ ކޯޓުން ޚިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިނަމަ، ނުވަތަ އެ ކޯޓެއްގައި މަސައްކަތްކުރާ ފަނޑިޔާރުން މަސައްކަތަށް ނުކުތުން މަނާކުރެވިފައިވާ ނަމަ، ނުވަތަ މިނޫންވެސް ކޯޓުގެ މަސައްކަތް ލަސްވާފަދަ ނުވަތަ ހުއްޓޭފަދަ ސަބަބުތަކެއް ހުރިނަމަ އެވެ." މިހެންނެވެ. ކްރިމިނަލް ކޯޓު އޮތީ އެ ހާލަތުގަ އެވެ.

ދައުވާގެ ބަދަލުގައި އިއުތިރާފް އެއްބަސްވުމާއި ނަސޭހަތުގެ އެއްބަސްވުން

ދެ ހާސް ވިހި ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައުވާކުރި ބޮޑުކުށާއި ކުދި ކުށުގެ ހިސާބު ސާފުކޮށް އެނގެން ނެތެވެ. އެހެންނަމަވެސް ޕީޖީ އޮފީހުގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން އެނގޭކަމަކީ އެންމެ ގިނައިން ދައުވާ އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރަން ހުރަސްއެޅުމުގެ ކުށްތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށްތަކާއި ވައްކަންކުރުމާއި މުދަލަށް ގެއްލުން ދިނުމާއި ހުއްދަނެތި ތަނަކަށް ވަނުމުގެ އާއިލާގެ ކުށްތަކާއި ބަނގުރާ ގެންގުޅުމުގެ ކުށްތަކާއި ގައިގަ އަތްލުމުގެ އާއިލާގެ ކުށްތަކެވެ. މި ބާވަތުގެ މައްސަލަތައް މަދު ހާލަތެއްގައި ނޫނީ ގުނޭނީ ކުދި ކުށްތަކުގެ ތެރޭގަ އެވެ. އަދަބު މަތިވާނެ ހާލަތެއް އޮވެގެން ބޮޑު ކުށަކަށް ބަދަލު ނުވާނެއެކޭ ނޫނެވެ.

ކުދި ކުށްތަކުގައި މީހުން ޖަލުއަދަބުން ދުރުހެލިކުރުމަށާއި އަވަސްކަމާއެކު އެފަދަ މައްސަލަތައް ނިންމުމުގެ މަގްސަދުގައި ތައާރަފްކުރެވުނު އެއް ވަސީލަތަކީ ޖިނާއީ އިޖުރާއަތު ގާނޫނުގައި ތައާރަފްކޮށްފައިވާ އިއުތިރާފް އެއްބަސްވުމާއި ނަސޭހަތުގެ އެއްބަސްވުމެވެ. ފާއިތުވި 2020 ވަނަ އަހަރަށް ބަލާއިރު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ހެޑް އޮފީހުން ޖުމްލަ 2305 މީހެއްގެ މައްސަލާގައި ދައުވާކޮށްފައިވާއިރު، ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވަނީ އެންމެ 33 މައްސަލާގައެވެ. އަދަބު ލުއިކޮށްދިނުމަށް ހަދާ އިއުތިރާފް އެއްބަސްވުން ހެދިކަމެއް އެނގެންވެސް ނެތެވެ.

ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މީހެއްގެ މައްޗަށް ދައުވާ އުފުލެވުމަކީ އެމީހާގެ ދިރިއުޅުމުގައި ދިމާވާނެ ބޮޑު ކަމެކެވެ. އެހެންކަމަށްވާއިރު، ދައުވާކުރެވުމުގެ ބަދަލުގައި އިއުތިރާފްގެ އެއްބަސްވުމަކުން ނުވަތަ ނަސޭހަތުގެ އެއްބަސްވުމަކުން އެކަން ނިމޭނަމަ، އެ މަގު އިހުތިޔާރު ނުކުރާނޭ މީހަކު މަދުވާނެ އެވެ. އަދި އެއީ އެމީހަކު އިސްލާހުވުމަށްވެސް އެޅޭ ބާރަކަށް ވާނެ އެވެ.

މިސާލަކަށް ޖެހިލާނަމަ، 10,000 ރުފިޔާއަށް ހިޔާނާތްތެރިވުމުގެ މައްސަލައެއްގައި ދައުލަތުގެ ބަޖެޓުން ބޮޑު ބިޔަ ހަރަދުކޮށް މައްސަލައިގެ ލިޔުންތައް ތައްޔާރުކޮށް، ބޮޑު މުސާރަ ދީފައި ޕްރޮސިކިއުޓަރުން ފޮނުވައި ކޯޓުން ވަގުތު ހުސްކޮށް އެތައް މުވައްޒަފުންނަކާއި އެތައް ވަސީލަތެއް އެކަމަށް ހޭދަކުރުމުން އެ މީހާ ކޯޓުގައި އެ ފައިސާ ދައްކަން އެއްބަސްވާކަމަށާއި ދައުވާ ނަގައިދިނުމަށް އެދެ އެވެ. ދައުވާ ނަގައި ނުދޭނަމަ އިއުތިރާފްވެ މައްސަލަ ލުއިގޮތަކަށް އަވަހަށް ނިންމަން އެދެ އެވެ. މިފަދަ އެތަކެއް މައްސަލަތަކެއްގައި ދައުވާކުރާއިރު މިފަދަ އެތަކެއް މައްސަލަތަކަކީ ވިކްޓިމްއަށް ގެއްލުމުގެ ބަދަލު ނަގައިދިނުމުން ނަސޭހަތުގެ އެއްބަސްވުމެއް ނުވަތަ އިއުތިރާފް އެއްބަސްވުމެއް ވެވޭނެ ފަދަ މައްސަލަތަކެކެވެ. ޖިނާއީ އަދުލުގެ ނިޒާމަށާއި ދައުލަތުގެ މާލިއްޔަތަށް އިންތިހާއަށް ލުއި ލިއްބައިދޭނެ ކަމެކެވެ.

ކޯޓުތަކުގެ އިދާރީ މުވައްޒަފުންގެ ފެންވަރު ބަލައި ފިޔަވަޅު އެޅުން

ޖުޑީޝަރީގެ ހުރިހާ ދިމާލަކަށްވެސް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުރަންޖެހޭ މަސައްކަތް ކުރަންޖެހޭ ބީދައިން ކުރާނެ އިލްމީ ގާބިލްކަމާއި ޒަމާނީ ހުނަރުވެރިކަމާއި ޓެކްނޮލޮޖީއަށް ފަރިތަ މުވައްޒަފުން މަދުވުމެވެ. ނުވަތަ އެއްގޮތަކަށްވެސް އެއިން ކަމެއް ނޭގޭ މުވައްޒަފުން ގިނަވެ ބަރުހެލިވުމެވެ. އެހެން ގޮތަކަށް ދަނަންވާނަމަ ޖުޑީޝަރީ އޮތީ މުސްކުޅިވެފަ އެވެ. ޖިނާއީ އަދުލުގެ ނިޒާމަށް ބާރު ބޮޑުވެފައިވާއިރު އެ ނިޒާމަށް ލުއި ލިބޭނީ ޓެކްނޮލޮޖީއަށް ފަރިތަ މުވައްޒަފުން ހިމަނައިގެން ވަގުތާއި ވަސީލަތުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެންނެވެ.

މިކަމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ހުރިހައި ކޯޓުތަކުގެ މުވައްޒަފުންގެ ފެންވަރު ބެލުމާއި މުވައްޒަފުން ބޭނުންވާ މިންވަރާއި ބޭނުންވާ ދާއިރާތަކާއި ބޭނުންވާ ދިމަދިމާލަކީ ކޮބާކަން ބަލަން ޖެހެ އެވެ. އެފަދަ އެސެސްމަންޓެއް ހަދައި ފިޔަވަޅުތައް އަޅައި ތަންފީޒު ކުރެވިއްޖެނަމަ މެނުއަލްކޮށް އަދި ރިޕީޓްކޮށްކުރާ އެތަކެއް މަސައްކަތެއް ހަލުވިކަމާއެކު ކޮށް ނިންމާލެވޭނެކަން ކަށަވަރެވެ. އަދި އެކަމުގެ ނަތީޖާއަކަށްވާނީ މަދު ވަސީލަތްތަކަކުން ބިޔަ ބޮޑު ނަތީޖާއެއް ކުރު މުއްދަތެއްގައި ނެރެވުމެވެ.

ނިންމުން

ޒަމާންތަކެއްވަންދެން ކްރިމިނަލް ކޯޓުގައި ފުނިޖައްސާފައި އޮތް ބެކްލޮގް ހުސްކުރުމަށޭ ބުނެ، ދެތިން ދުވަހުން މައްސަލަ ނިންމަން ތާވަލުކޮށް، ބެކްލޮގް ހުސްކުރެވޭނެ ޝޯޓްކަޓް ހައްލެއް ނެތެވެ. އެފަދަ ތާވަލުތައް އެކުލަވާލިޔަސް ފަހު ވަގުތު ވަކީލު ބަލިވެދާނެ އެވެ. ނޫނީ ދައުވާލިބޭ މީހަކަށް ހާޒިރުވެވޭނެ ގޮތް ނުވެދާނެ އެވެ. އެހިސާބުން އެ ދެތިން ދުވަހުގެ މަސައްކަތް ހުއްޓި އެއްވެސް މައްސަލައެއް ހިންގޭނެ ގޮތެއްނެތި، އަތްއުރާލައިގެން ތިބެން ނޫން އެހެން ގޮތެއް ނޯންނާނެ އެވެ. އެންމެގެ ވަގުތާއި ވަސީލަތް ބޭކާރުވީ އެވެ. އެހެންކަމުން ޖިނާއީ އަދުލުގެ ނިޒާމްގައި ޝޯޓްކަޓް ހައްލެއް ނެތެވެ. އެފަދަ ހައްލަކުން ނެރެވޭނެ ނަތީޖާއެއް ވެސް ނެތެވެ. ބޭނުންވަނީ އިންތިޒާމު ކުރެވިގެން، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނޭ ނިޒާމީ ހައްލެކެވެ. އަދުލު އިންސާފު ލަސްވުމަކީ އަދުލު އިންސާފު ނުލިބުންކަން ހިތުގެ އަޑީން ގަބޫލުކޮށް، އަދުލު އިންސާފު އަވަސްކުރުމަށް ހިތްވަރާއެކު މަސައްކަތްކުރަންވީ އިހުލާސްތެރި ނިޔަތަކާއެކު އެވެ.