Advertisement

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލަކަށް ތަމޫ

12 ޖުލައި 2021 - 23:39 0

އޮލިމްޕިކް ކޮމިޓީގެ އާ ސެކްރެޓަރީ ޖެނެރަލް ތަމޫ.--


އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލަކަށް ތަމޫ

12 ޖުލައި 2021 - 23:39 0

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ތަމޫހު އަހުމަދު ސައީދު (ތަމޫ) އައްޔަންކޮށްފި އެވެ.

ސެކްރެޓަރީގެ މަގާމަށް ތަމޫ އައްޔަނުކުރީ މިިއަދު ބޭއްވި އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ތަމޫގެ އިތުރުން ހުސައިން ރަޝީދު (ހުސެން) ވަނީ އޮލިމްޕިކް ކޮމިޓީގެ ފިނޭންޝިއަލް ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސައިފަ އެވެ.

ކުރިން ޓޭބަލް ޓެނިސް ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދިޔަ ތަމޫ އަކީ ފާއިތުވި އަހަރުތަކުގައި ސްޕޯޓްސް އެޑްމިނިސްޓްރޭޝަނުގެ މަސައްކަތްތަކަށް ބަލާއިރު، އޮލިމްޕިކް ކޮމިޓީގެ ފަރާތުން ގިނަ ކަންކަމުގައި އެކްޓިވްކޮށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތެކެވެ. ހާއްސަކޮށް ބައިނަލްއަގުވާމީ ގޭމްސްތަކުގައި ރާއްޖޭން ބައިވެރިވާ ޑެލިގޭޝަންތަކުގެ ކަންކަން އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެ އެވެ.

ތަމޫ ވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އެއީ 2009 އިން 2011 ވަނަ އަހަރުގެ ނިޔަލަށެެވެ. އޭގެ ފަހުން އޭނާ މައިގަނޑުކޮށް ފެނިގެންދަނީ އޮލިމްޕިކް ކޮމިޓީގެ އިދާރީ މަސައްކަތްތަކުގައި އިސް ފަރާތެއްގެ ހައިސިއްޔަތުންނެވެ. އޮލިމްޕިކް ކޮމިޓީގައި މިހާތަނަށް ފުރާފައިވާ މަގާމުތަކުގެ ތެރޭގައި ޕްރޮގްރާމް ކޯޑިނޭޓަރުގެ އިތުރުން ޑިރެކްޓާ ޖެނެރަލްގެ މަގާމު ހިމެނެ އެވެ.

އޮލިމްޕިކް ޑޭގެ ހަރަކާތެއްގެ ތެރެއިން ތަމޫ (ކ) އާއި ހުސެން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީގެ ޒިންމާ ރަސްމީކޮށް މިއަދު ތަމޫއާ ހަވާލުކުރެވުނުއިރު، އޭނާ މި ވަގުތު ވެސް އަންނަނީ ކުޅިވަރުގެ އިސް މަގާމެއް ފުރުއްވަމުންނެވެ. އެ ގޮތުން އޭނާ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ނެޝަނަލް ސްޕޯޓްސް ކައުންސިލްގައި އިންނަވާ މެމްބަރެވެ. ސްޕޯޓްސް ކައުންސިލުން ރާއްޖޭގެ ކުޅިވަރު އޮނިގަނޑަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ މަޝްވަރާތަކުގައި ތަމޫގެ ހިއްސާ އޮންނާނެ އެވެ.

ފާއިތުވި ތިން ދައުރުގައި އޮލިމްޕިކް ކޮމިޓިގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ޒިންމާ އަދާކުރީ އަހުމަދު މަރުޒޫގު (މަރޭ) އެވެ. ތިން ދައުރަށް ފަހު މަރޭ މަގާމުން ވަކިވެ ދިޔައިރު، ވަނީ ރާއްޖޭގެ އެތުލީޓުންނާއި ޖުމްލަ ކޮށް ކުޅިވަރުގެ މުސްތަގުބަލަށް ރަނގަޅު މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

ހުސެން ވަނީ އޮލިމްޕިކް ކޮމިޓީގެ ނިމިދިޔަ ދެ ދައުރުގައި ހަޒާންދާރެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. ޓީޓީ އެސޯސިއޭޝަނާއި ބެޑްމިންޓަން އެސޯސިއޭޝަނުގައި ވެސް މަސައްކަތްތަކެއް ކުރެއްވި ހުސެން އަކީ ކުޅިވަރުގެ އެޑްމިނިސްޓްރޭޓިވް ކަންކަމުގެ އިތުރުން މާލީ ކަންކަމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ.

މިދިޔަ މަހު އޮލިމްޕިކް ކޮމިޓީގެ ރައީސަކަށް އިންތިހާބުވެވަޑައިގަތް ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވަނީ ހުރިހާ ކުޅިވަރު އެސޯސިއޭޝަނަކާ ގުޅިގެން ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.