Advertisement

ކުޅުދުއްފުށީގައި ރަހީނު ކުރި މައްސަލާގައި ދައުވާ އުފުލައިފި

12 ޖުލައި 2021 - 17:28 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ކުޅުދުއްފުށީގައި އަނިޔާކުރި މީހާ، މާލެ ގެނައުމަށް ފުރުވާލަނީ: ޕީޖީގެ ފަރާތުން އުފުލާފައި ވަނީ ބޮޑު ދައުވާއެއް -- ފޮޓޯ: ފައިލް


ކުޅުދުއްފުށީގައި ރަހީނު ކުރި މައްސަލާގައި ދައުވާ އުފުލައިފި

12 ޖުލައި 2021 - 17:28 0

ކުޅުދުއްފުށީ ސިޓީގައި ޒުވާނަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އިން ދައުވާ އުފުލައިފި އެވެ.

އުމުރުން 29 އަހަރުގެ އެ ޒުވާނާއަށް އަނިޔާކުރީ ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދަށް ގެންދިއުމަށްފަހު އެވެ. އެއީ، ރޭގަނޑު ވަގުތު ވަރަށް އަނދިރިކޮށް އޮންނަ ސަރަހައްދެކެވެ. ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ޒުވާނާ މާލެ ގެނެސް ވެންޓިލޭޓަރުގައި ވެސް ފަރުވާދިނެވެ.

ވަޒީފާއެއް އަދާކުރަމުން ނުދާ އެ ޒުވާނާއަކީ، ކުޅުދުއްފުށީ ގޭގެއަށް އާންމުކޮށް ވަދެ ވައްކަން ކުރުމުގައި އުޅޭ މީހެއް ކަމަށްވެ އެވެ. މި ފަހުން ވެސް އޭނާ ގެއަކަށް ވަދެ ވައްކަން ކުރަން އުޅޭ ތަން ފެންނަ ސީސީޓީވީ ފުޓޭޖެއް ލީކްވެފައިވެ އެވެ. އެގޮތަށް އޭނާ ވައްކަން ކުރަން އެތައް ފަހަރަކު މަސައްކަތް ކޮށްފައިވާއިރު، އެ މައްސަލަތައް ފުލުހަށް ރިޕޯޓް ކޮށްފައި ވެސް ވެ އެވެ. ނަމަވެސް، އޭނާ ހުރީ ދޫވެފަ އެވެ.

އެ މައްސަލައާ ގުޅިގެން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި ދައުވާ އުފުލާފައިވަނީ އެ ސިޓީ މާތުނޑި، މުއާޒް އަލީ އާއި، ސެޓްލައިޓް، މުހައްމަދު އާދަމްގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް އުފުލާފައި ވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ އެވެ.

ޕީޖީން ބުނީ މި މައްސަލާގައި ތުުހުމަތުކުރެވުނު އިތުރު ހަތަރު މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީ، އެ ހަތަރު މީހުންގެ މައްސަލަ ފުލުހުންނަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

އުނދަގޫބޮޑުވެގެން ވިޔަސް މީހެއްގެ ގައިގައި ތަޅައި އަނިޔާކުރުމަކީ ކުށަކަށްވާތީ އެފަދަ އަމަލުތައް ނުހިންގަން ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.