Advertisement

ދެވަނަ ކުއާޓާގެ އާމްދަނީ ދަށަށް އެކަމަކު އަހަރަށް ލަފާކުރި އާމްދަނީގެ %50 ލިބިއްޖެ

12 ޖުލައި 2021 - 15:44 0

އަމަން ހަލީމް

އަމަން ހަލީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުންތަކެއް ފުރަން ތައްޔާރު ވަނީ: ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް ލިބެނީ ޓޫރިޒަމުން -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު


ދެވަނަ ކުއާޓާގެ އާމްދަނީ ދަށަށް އެކަމަކު އަހަރަށް ލަފާކުރި އާމްދަނީގެ %50 ލިބިއްޖެ

12 ޖުލައި 2021 - 15:44 0

މި އަހަރުގެ ދެވަނަ ކުއާޓާގައި ދައުލަތަށް ޓެކުހާއި އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީ ފުރަތަމަ ކުއާޓާ އަޅާ ކިޔާއިރު 737 މިލިއަން ރުފިޔާ ދަށް ވެއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އަދާހަމަކޮށްފައިވާ އާމްދަނީގެ ހިސާބުތަކުން ދައްކާ ގޮތުގައި ފުރަތަމަ ކުއާޓާގައި އާމްދަނީއަށް ހަތަރު ބިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް ކޮވިޑް ބަލިމަޑުކަމުގެ ހާލަތު ގޯސްވެ އިގުތިސޯދީ ދުވެލި މަޑުޖެހުމާ ގުޅިގެން ދެވަނަ ކުއާޓާގައި އާމްދަނީއަށް ލިބުނީ 3.3 ބިލިއަން ރުފިޔާ އެވެ.

ދެވަނަ ކުއާޓަރުގައި އާމްދަނީ އެންމެ ބޮޑަށް ހީނަރުވި ދާއިރާތަކަކީ ވިޔަފާރިތަކުގެ އާމްދަނީ އާއި ފައިދާއާ ގުޅުންހުރި ދާއިރާތަކެވެ. އެގޮތުން މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖީއެސްޓީ އާއި ޓޫރިޒަމް ޖީއެސްޓީ އަދި މީހުންގެ އާމްދަނީންނާއި ކުންފުނިތަކުގެ އާމްދަނީން ނަގާ ޓެކްސްއިން ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ.

އެހެން ނަމަވެސް، ޓޫރިޒަމް ނަމްބަރުތަކާ ގުޅުންހުރި ގިނަ ދާއިރާތަކުން ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ. އޭގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި އެއާޕޯޓް ސާވިސް ޗާޖް އަދި ގްރީން ޓެކްސް ހިމެނެ އެވެ.

ޓޫރިޒަމާ ގުޅުންހުރި ދާއިރާތަކުގެ ތެރެއިން އާމްދަނީ އެންމެ ބޮޑަށް އިތުރުވީ ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުން ލިބުނު ކުލީގެ އާމްދަނީންނެވެ. މި ދާއިރާއިން ބައި ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ. ދެވަނަ ކުއާޓާގައި ޓީޖީއެސްޓީ ދާއިރާ ނަގާފައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މި ދާއިރާއިންނެވެ.

މީގެ އިތުރުން ވިޔަފާރި ފައިދާއިން ނަގާ ޓެކްސް އަދި ވިޔަފާރިތަކާއި މުވައްޒަފުންގެ އާމްދަނީން ނަގާ ވިތުހޯލްޑިން ޓެކްސް އާމްދަނީ ވަނީ އިތުރުވެފަ އެވެ. އަދި ޖޫރިމަނާތަކުން ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ.

ޖުމްލަ އާމްދަނީއަށް ބަލާއިރު އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޓެކުހާއި ޓެކްސް ނޫން ގޮތްގޮތުން 7.4 ބިލިއަން ރުފިޔާގެ ދައުލަތަށް ލިބިއްޖެ އެވެ. އެހެންކަމުން މި އަހަރުގެ ނިޔަލަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ 14.7 ބިލިއަން ރުފިޔާގެ އާމްދަނީގެ ދެބައިކުޅަ އެއް ބައި އާމްދަނީ ވަނީ ލިބިފަ އެވެ.