Advertisement

ޗައިނާގެ ބެއިޖިންގައި މޫސުން ގޯސްވެ 700 ފްލައިޓް ކެންސަލްކޮށްފި

12 ޖުލައި 2021 - 10:55 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބެއިޖިންގެ އެއާޕޯޓެއް.-- ފޮޓޯ: އޭއެފްޕީ


ޗައިނާގެ ބެއިޖިންގައި މޫސުން ގޯސްވެ 700 ފްލައިޓް ކެންސަލްކޮށްފި

12 ޖުލައި 2021 - 10:55 0

ބެއިޖިން، ޗައިނާ (ޖުލައި 12) - ޗައިނާގެ ވެރިރަށް ބެއިޖިންގެ މޫސުން ގޯސްވެ، އެތައް ސަތޭކަ ފްލައިޓެއް ކެންސަލްކޮށް، ސްކޫލުތަކާއި ޓޫރިސްޓް ސައިޓުތައް ބަންދުކޮށްފި އެވެ.

ބެއިޖިން ސިޓީގެ ކަމާ ބެހޭ ފަރާތްތަކުން ލަފާދީފައި ވަނީ އެންމެން ގޭގައި ތިބުމަށެވެ. މި އަހަރުގެ ތެރޭގައި ބެއިޖިންއަށް އެންމެ މޫސުން ގޯސް ދުވަސްވަރާ ދިމާވެ، ގަދަ ވަޔާއެކު ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

އެގޮތުން 24 ގަޑިއިރުގެ ތެރޭގައި ބައެއް ހިސާބުތަކަށް 100 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ފްލައިޓުތައް ޓްރެކް ކުރާ ވެރިފްލައިޓުން ބުނީ ސިޓީގެ ދެ އެއާޕޯޓުން 700 ފްލައިޓު ކެންސަލް ކުރި ކަމަށެވެ.

މޫސުމާ ބެހޭ ފަރާތްތަކުން ދީފައިވާ އިންޒާރުގެ ތެރޭގައި ހިމެނެނީ "ވާރޭގެ ތޫފާނާއެކު" ވިދާ ގުގުރާނެ ކަމަށެވެ. ބެއިޖިންގެ އިތުރުން ވަށައިގެންވާ ހިސާބުތަކަށް ވެސް މޫސުން ގޯސް ވާނެ އެވެ.

ބެއިޖިންގެ އުތުރު ޑިސްޓްރިކްޓެއްގެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއް ވެސް ވަނީ ހިނގާފަ އެވެ. ދައުލަތުގެ މީޑިއާ ސީސީޓީވީން ދެއްކި މަންޒަރުތަކުން ފެންނަނީ ކިސަޑާއި ގަލުގެ ސަބަބުން މަގެއް ބަންދުވެފައި އޮތް ތަނެވެ.

ހުރިހާ ސްކޫލެއް ބަންދުކޮށްފައި ވާއިރު، ޗައިނާގެ ބޮޑު ފާރު ހިމެނޭ ގޮތަށް ގިނަ ޓޫރިސްޓް ސައިޓުތައް ވެސް ބަންދުކޮށްފައި ވެ އެވެ. އޭގެ އިތުރުން އޮޓޯ ރޭލުތައް މެނުއަލްކޮށް ދަތުރު ކުރާ ގޮތަށް ވެސް ވަނީ ހަދާފަ އެވެ.

ބެއިޖިންގެ އިތުރުން ކައިރީގައިވާ ޓިއަންޖިން ސިޓީއަށް ވެސް ބޯކޮށް ވާރޭވެހި، މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. މޫސުމާ ބެހޭ ފަރާތްތަކުން ބުނީ 14 ކޯރެއް ބަންޑުންވުމުގެ ނުރައްކާ އެބަ އޮތް ކަމަށެވެ.

ފެންބޮޑުވުމަކީ ވިއްސާރަ މޫސުމުގައި ޗައިނާގައި އާއްމުކޮށް ދިމާވާ މައްސަލަ އެކެވެ. މިދިޔަ އަހަރުގެ އޯގަސްޓު މަހު ފެންބޮޑުވެ، މަގުތައް ހަލާކުވެ ގިނަ ބަޔެއްގެ ގެދޮރު ގެއްލުނެވެ.