Advertisement

އޭއެފްސީ ކަޕަށް މާޒިޔާ އިން ޕްރެކްޓިސް ފަށައިފި

10 ޖުލައި 2021 - 20:04 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މާޒިޔާ އިން މިއަދު ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން އިބްރާހިމް ވަހީދު (ވ) އާއި އަހުމަދު އަބްދުﷲ (ލިލީ).-- ފޮޓޯ: މާޒިޔާ


އޭއެފްސީ ކަޕަށް މާޒިޔާ އިން ޕްރެކްޓިސް ފަށައިފި

10 ޖުލައި 2021 - 20:04 0

އަންނަ މަހު ބާއްވަން މަސައްކަތް ކުރަމުން އަންނަ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތަކަށް ތައްޔާރުވާން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އިން މިއަދު ޕްރެކްޓިސް ފަށައިފި އެވެ.

މީގެ ތިން ދުވަސް ކުރިން ކުޅިވަރުތައް ކުޅެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަދިންއިރު، މާޒިޔާ އިން މިއަދު ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކީ ޕްރެކްޓިސް ފެށީ އޭއެފްސީ ކަޕަށް ދުރާލާ ތައްޔާރުވުމުގެ ގޮތުންނެވެ.

މާޒިޔާ އިން ދެ މަހެއްހާ ދުވަހުގެ މެދުކެނޑުމަށް ފަހު މިއަދު ތަމްރީންތައް ފެށިއިރު، ޓީމުގެ ޓްރެއިނިންގައި ބިދޭސީ ކުޅުންތެރިންގެ ތެރެއިން ބައިވެރިވީ ޖަޕާނުގެ މިޑްފީލްޑަރު ޓަކާޝީ އޮޑޮވާރާ (ޓަކާ) އެވެ.

މާޒިޔާގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗާއި ދެން ތިބި ބިދޭސީ ތިން ކުޅުންތެރިން ވަރަށް އަވަހަށް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށް އެ ކްލަބުން މައުލޫމާތުދެ އެވެ.

މިދިޔަ މެއި މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި އޭރު ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު އޮތްގޮތުން އެޗްޕީއޭ އިން ކުޅިވަރު ހަރަކާތްތައް ހުއްޓާލަން އެންގި އެވެ. އެހެންވެ، އޭރު ކުޅެމުންދިޔަ ދިރާގު ދިވެހި ޕްރިމިއާ ލީގު ވެސް ހުއްޓާލި އެވެ. އެ ފަހުން މެޗުތައް ނުބޭއްވި ފަރިތަކުރުންތައް ވެސް ބޭއްވޭނެ ގޮތެއް ނުވުމުން މިދިޔަ މެއި މަހު ފަހުކޮޅު އެފްއޭއެމުން ނިންމީ ސީޒަން ކުރުކޮށްލާށެވެ. އެއީ ކްލަބްތަކާ މަޝްވަރާ ކުރުމަށް ފަހު އެވެ. އެ ގޮތަށް ނިންމީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ނުބާއްވާ ގޮތަށެވެ.

ލީގުގެ ދެ ވަނަ ބުރަށް ފަހު މުބާރާތް ނިންމާލަން އެފްއޭއެމުން ނިންމުމުން މެޗަކުން ބަލިނުވެ، ލީގުގެ ޗެމްޕިއަންކަން މާޒިޔާ އަށް ލިބުނީ އެވެ. މިއީ މާޒިޔާ އިން ލީގު ހޯދި ތިން ވަނަ ފަަހަރެވެ. އެ ޓީމުން އެންމެ ފުރަތަމަ ލީގު ހޯދީ އަލީ ސުޒޭންގެ ކޯޗުކަމުގައި 2016 ވަަނަ އަހަރު އެވެ. އޭގެ ފަހުން 2020 ވަނަ އަހަރު މާޒިޔާ އިން ލީގު ކާމިޔާބުކުރިއިރު، ކޯޗަކަށް ހުރީ މެސެޑޯނިއާގެ ކޯޗު މަރްޖާން ސެކުލޮސްކީ އެވެ. އެ ދެ ފަހަރު ވެސް މާޒިޔާ އިން ލީގު ކާމިޔާބުކުރިއިރު، ދެ މެޗުން ބަލިވި އެވެ. އެކަމަކު މިދިޔަ ސީޒަނުގައި ލީގު ހޯދީ މެޗަކުން ބަލިނުވެ އެވެ.

މާޒިޔާ އިން މި ފަހަރު އެންމެ ވަރުގަދަ އަށް ތައްޔާރުވީ އޭއެފްސީ ކަޕަށެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން މި ވަގުތަށް ފުރުސަތު ލިބިފައި އޮތް ރާއްޖޭގެ ޓީމަކީ މާޒިޔާ އެވެ. އީގަލްސް އިން ކުޅެނީ ކޮލިފައިންގަ އެވެ.

މާޒިޔާގެ އިތުރުން އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގައި މި ވަގުތު އޮތީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. އެ ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ޕްލޭއޮފްބުރުގެ މެޗުން މޮޅުވާ ޓީމަކަށެވެ. ކޮލިފައިން ޕްލޭއޮފްގައި ކުޅެނީ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރެވެ.

މިދިޔަ މެއި މަހު މާލޭގައި ކުޅެން ރޭވި މެޗުތައް ބެންގަލޫރު ޓީމުން ޕްރޮޓޮކޯލާ ހިލާފުވުމުން ރާއްޖޭގައި ނުކުޅެވުނެވެ. އެ މެޗުތައް މިދިޔަ މަހު ފަހުކޮޅާއި މި މަހު ކުރީކޮޅުގައި ބާއްވަން ނިންމައިގެން ހޯސްޓްކުރާނެ ގައުމެއް ނެތުމުން ޖެހުނީ ފަސް ކުރާށެވެ. އަންނަ މަހަށް މެޗުތައް ފަސްކުރުމުން މިހާރު މެޗުތައް ހޯސްޓްކުރަން ރާއްޖެ އާއި ބަންގްލަދޭޝް އިން ވަނީ ބިޑްކޮށްފަ އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އެޝިއާގެ ގްރޫޕްގެ މެޗުތައް ކުޅެން އޭއެފްސީން މިހާރު ނިންމާފައިވާ ތާރީހުތަކަކީ އަންނަ މަހުގެ 15 ވަނަ ދުވަހު އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާ ޕްލޭއޮފް މެޗު ކުޅޭށެވެ. އަދި ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ މަހު 18 އިން 24 އަށް ކުރިއަށްގެންދާށެވެ.