Advertisement

އޮލިމްޕިކްސްގައި ނަބާ ވަރުގަދަ ގްރޫޕަކަށް

10 ޖުލައި 2021 - 09:25 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ނަބާ (މ)، ސޮރާޔާ (ކ) އަދި ހީ ބިންގްޖިއާއޯ (ވ).-- އަދަދު ގްރެފިިކްސް: އަހުމަދު އިހުސާން (އަރަކަ އާޓްސް)


އޮލިމްޕިކްސްގައި ނަބާ ވަރުގަދަ ގްރޫޕަކަށް

10 ޖުލައި 2021 - 09:25 0

މި މަހު ފަށަން ނިންމާފައިވާ ޓޯކިޔޯ އޮލިމްޕިކްސްގައި ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް (ނަބާ)، ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފި އެވެ.

ނަބާ ހިމެނޭ ގްރޫޕް ޖީގައި އޮތީ ސިންގަލްސް ކެޓަގަރީން ދުނިޔޭގެ ރޭންކިންގެ ނުވަ ވަނައިގައި އޮތް ޗައިނާގެ ހީ ބިންގްޖިއާއޯ އާއި ދުނިޔޭގެ ރޭންކިން 111 ވަނައިގައި އޮތް އީރާނުގެ ސޮރާޔާ އަގޭއި އެވެ. ސިންގަލްސް ބައިން ނަބާގެ ރޭންކިން އަކީ ދުނިޔޭގެ 252 އެވެ. ބެޑްމިންޓަންގެ ކޮންމެ ގްރޫޕަކުން އެއް ވަނަ އަނެއް ބުރަށް ހޮވޭނެ އެވެ.

ނަބާ އަކީ ރާއްޖޭގެ ތާރީހުގައި ބެޑްމިންޓަނުން އޮލިމްޕިކްސްގައި ވާދަކުރާނެ ފުރަތަަމަ އަންހެން ކުޅުންތެރިޔާ އެވެ. އީރާނުގެ ސޮރާޔާ އަކީ ބެޑްމިންޓަނުން އޮލިމްޕިކްސް އަށް ކޮލިފައިވި އީރާންގެ ފުރަތަމަ އަންހެން ކުޅުންތެރިޔާ އެވެ. ނަބާ ވަނީ 2019 ވަނަ އަހަރު ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގައި ސޮރާޔާއާ ވާދަކޮށްފަ އެވެ. އެ މެޗުން ސޮރާޔާ މޮޅުވީ 21-11، 21-11 އިންނެވެ.

ނަބާ "އަދަދު" އަށް ބުނީ ގްރޫޕްގައި ހިމެނޭ ދެ ކުޅުންތެރިންނަކީ ވެސް ވަރަށް މޮޅު ދެ ކުޅުންތެރިން ކަމަށާއި މިއީ ރަނގަޅު ފުރުސަތެއް ކަމަށެވެ.

"އީރާން ކުޅުންތެރިޔާއާ އެކު ކުރިން ވެސް ކުޅުނިން. މި މެޗު ވާނެ ރަނގަޅު ފައިޓަކަށް،" ނަބާ ބުންޏެވެ.

އައިއޯއައިޖީގެ އިވެންޓަކަށް ފަހު ނަބާ އާއި ނަބީ މެޑަލް ހިފައިގެން.


ބެޑްމިންޓަން އިންޓަނޭޝަނަލް މުބާރާތަކުން ނަބާގެ އެންމެ ބޮޑު ކާމިޔާބީ އަކީ 2019 ވަަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގެ ޑަބަލްސް އިވެންޓުން ހޯދި ދެ ރަން މެޑަލް އެވެ. އެއީ ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަނުން ގަބޫލުކުރާ މުބާރާތަކުން ރާއްޖެ އަށް ލިބުނު ފުރަތަމަ ދެ ރަން މެޑަލެވެ. މީގެ އިތުރުން ވެސް ނަބާ ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި މެޑަލްތަކެއް ހާސިލްކޮށްފަ އެވެ. އޭގެ ތެރޭގައި 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކާމިޔާބީތައް ފާހަގަކޮށްލެވެ އެވެ.

ދުނިޔޭގެ ރޭންކިންގައި ނަބާގެ އެހެން އިވެންޓްތަކުގެ މަގާމުތަކަށް ބަލާއިރު، އަންހެން ޑަބަލްސް ބައިން ނަބާ އާއި ނަބީގެ ރޭންކަކީ 105 އެވެ. އަދި މިކްސް ޑަބަލްސް ބައިން ނަބާ އާއި ޒަޔާން ޒަކީގެ ޕެއާގެ ރޭންކަކީ 163 އެވެ. ރާއްޖޭގެ ކުޅުންތެރިންނަށް ބަލާއިރު، ރަނގަޅު ލެވަލެއްގައި ނަބާ އަންނަނީ ރޭންކިން ދަމަހައްޓަމުންނެވެ. މި ފަހަރުގެ އޮލިމްޕިކްސް އިން އޭނާ އަށް ފުރުސަތު ލިބުނު އެއް ސަބަބަކީ ވެސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ޕާފޯމްކޮށްފައި ހުރި މިންވަރު ރަނގަޅުުވުމެވެ.

ޗައިނާގެ ހީ ބިންގްޖިއާއޯ އަކީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކާމިޔާބު ކުޅުންތެރިއެކެވެ. އޭނާ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕުން ބްރޯންޒް މެޑަލް ހޯދައިފަ އެވެ. އަދި ޔޫތު އޮލިމްޕިކްސް އިން ރަން މެޑަލެއް ހޯދާފައިވާއިރު، 2019 ވަނަ އަހަރުގެ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ވޯލްޑް ޓުއާ އިން އެއް ރަން މެޑަލް ހޯދި އެވެ.

ސޮރާޔާ އަށް މި ފަހަރުގެ އޮލިމްޕިކްސް އިން ކޮލިފައިންގެ ޖާގައެއް ލިބުނީ ފިންލެންޑްގެ އެއިރާ މިކޭލާ މުބާރާތުން ވަކިވުމުންނެވެ. ބީޑަބްލިއުއެފްގެ މުބާރާތްތަކުގައި އަންހެން ސިންގަލްސް ބައިން ސޮރާޔާ މިހާތަނަށް ވަނީ އެއް ރަން މެޑަލާއި ތިން ރިހި މެޑަލް ހޯދައިފަ އެވެ. އޭނާ ރަން މެޑަލް ހޯދީ 2019 ވަނަ އަހަރުގެ ކެމަރޫން މުބާރާތުންނެވެ.

މި އަހަރުގެ އޮލިމްޕިކްސްއާ ހަމައަށް ރާއްޖޭން އޮލިމްޕިކްސްގައި ވާދަކުރި ހަމައެކަނި ކުޅުންތެރިއަކީ 2012 ވަނަ އަހަރުގެ މުބާރާތުގައި ވާދަކުރި މުހައްމަދު އަޖުފާން އެވެ. އަޖުފާނާއި ނަބާ އަށް ވެސް އޮލިމްޕިކުން ފުރުސަތު ލިބުނީ ޓްރައިޕާޓައިޓް ސްލޮޓެއްގަ އެވެ. މިއީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީީއޭއެމް) އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަދި އިންޓަނޭޝަނަލް ފެޑެރޭޝަންތައް ގުޅިގެން ކުރެވޭ މަސައްކަތާއި ކުޅުންތެރިޔާގެ އެހެނިހެން މުހިއްމު ރޭންކިންތަކާއި ބައިނަލްއަގުވާމީ މެޗުތަކުގެ ނަތީޖާ އަށް ބެލުމަށް ފަހު ލިބޭ ފުރުސަތެކެވެ.

ޓޯކިޔޯ އޮލިމްޕިކްސް ފަށަން ނިންމާފައިވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.