Advertisement

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ: ފިރިހެން ކުދިންނަށް ވެސް ސަމާލުކަން ބޭނުންވޭ

10 ޖުލައި 2021 - 10:19 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅު ޕޯސްޓަރެއް. ރާއްޖޭގެ 11 ޕަސެންޓު ފިރިހެން ކުދިންނަށް ޖިންސީ އަނިޔާ ކުރިމަތިވެފައިވޭ.--


ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ: ފިރިހެން ކުދިންނަށް ވެސް ސަމާލުކަން ބޭނުންވޭ

10 ޖުލައި 2021 - 10:19 1

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޒަމާނުއްސުރެ ރާއްޖޭގައި އޮތް ވަބާ އެކެވެ. މި ޖަރީމާގެ ޝިކާރައަކަށް ކުދިން ވަނީ އަންހެން، ފިރިހެން ވަކި ކުރުމެއް ނެތި އެވެ. ނަމަވެސް ޖިންސީ ގޯނާގެ ވާހަކަ ދައްކާއިރު، ތަފާތު އެކި ސަބަބުތަކަށްޓަކައި، ފިރިހެން ކުދިންނަށް ވުރެ ބޮޑަށް ވިސްނެނީ އަންހެން ކުދިންނާ މެދު އެވެ.

"މުޖުތަމައުގައި ބޮޑަށް ހީވެފައި އޮންނަނީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވަނީ އަންހެން ކުދިން ކަމަށް. އެކަމަކު ފިރިހެން ކުދިން ވެސް މަދެއް ނޫން މިކަމަށް ހުށަހެޅޭ... އަންހެން ކުދިންނަށް ޖިންސީ ގޯނާވުމުން އެކަން ޖިސްމާނީ ގޮތުން ނިޝާންތައް ފާޅުވުން ބޮޑު ކަމުގައި ވާތީ އެކަން މާ ބޮޑު ކަމެއްގެ ގޮތުގައި ވެސް ބެލެވޭ ފިރިހެން ކުދިންނަށް ވުރެ،" އިންސްޓިޓިއުޓް ފޯ މެންޓަލް ވެލްބިއިންގެ ލައިސެންޑް ކައުންސިލާ އައިމިނަތު ނާހިދާ ވިދާޅުވި އެވެ.

ރާއްޖޭގައި ކުޑަކުދިންނާ ދެކޮޅަށް ހިންގާ އަނިޔާތަކާ ގުޅޭ ގޮތުން ހެދި އެންމެ ފުރަތަމަ ދިރާސާގައިވާ ގޮތުން ބޮޑުވަމުންދާ ކުދިންގެ ތެރެއިން 15 ޕަސެންޓު ކުދިންނަށް ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހެ އެވެ. ފެބްރުއަރީ 2009 ގައި ޝާއިއު ކުރި އެ ދިރާސާ ރިޕޯޓުގައި ބުނީ 20 ޕަސެންޓު އަންހެން ކުދިންނަށް އަދި 11 ޕަސެންޓު ފިރިހެން ކުދިންނަށް ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

ގޭންގުތަކާއި މުޖުރިމުންގެ ފަރާތުން ޖިންސީ ގޯނާ

ޖިންސީ ގޯނާގެ ނުރައްކާ އަންހެން ކުދިންނަށް ކުރިިމަތިވާ މިންވަރު ދެ ގުނަ އިތުރު ކަމަށް އެ ދިރާސާއިން ދެއްކި އެވެ. ނަމަވެސް މިއީ އަންހެން، ފިރިހެން ވަކި ކުރުމެއް ނެތި، ދެ ޖިންސުގެ ކުދިންނަށް ވެސް ރާއްޖޭގައި އިންތިހާއަށް އޮތް ބިރުވެރިކަމެކެވެ. އާއިލާގެ ތެރެއިންނާއި، ސްކޫލުގެ ތެރެއިންނާއި، މުޖުތަމައުގެ ތެރެއިން އޮތް ބިރުވެރިކަމެކެވެ.

"ޖިންސީ ގޯނާ އާއި ނާޖައިޒު ފައިދާ ލިބިގަތުމުގެ ޝިކާރައަކަށް ހުރިހާ ކުދިން ވެސް ވޭ. ނަމަވެސް ބައެއް ގްރޫޕުތަކުގެ ކުދިން އެކަންކަމަށް ހުށަހެޅޭ މިންވަރު އިތުރު. އޭގެ ތެރޭގައި ޖިސްމާނީ އަދި ނަފްސާނީ މައްސަލަ ހުންނަ ކުދިންނާއި، ފަގީރު އާއިލާތަކުގެ ކުދިންނާއި މަގުމަތިވެގެން އުޅެން ޖެހޭ ކުދިން ހިމެނޭ،" ޔުނިސެފުން 2010 ވަނަ އަހަރު ހެދި ދިރާސާއަކުން ދެއްކި އެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފަގީރު އާއިލާތަކުގެ ކުދިންނާއި މަގުމަތިވެގެން އުޅެން ޖެހޭ ކުދިންނަށް މުޖުތަމައުގެ ތެރެއިން ލިބޭ ރައްކާތެރިކަން ކުޑަވެ، ހުރިހާ ދިމާލަކުން ވެސް ނުރައްކަލަށް ހުށަހެޅެ އެވެ. އޭގެ ތެރެއިން އެއް ދިމާލަކީ ބޮޑެތި މުޖުރިމުންނާއި ގޭންގުތަކެވެ. އެ ކުދިންނަށް އެކިއެކި މަޖުބޫރީ ހާލަތްތަކާ ކުރިމަތިވެ، އަރައިގަންނަން އުނދަގޫ އަޅުދާސްތުކަމެއްގެ ތެރެއަށް ވެއްޓެ އެވެ.

ރާއްޖޭގައި 10،000 އެއްހާ ކުދިން ފަގީރު ހާލަތުގައި އުޅެމުން ދާއިރު، މާލޭގައި އުޅޭ ބޮޑެތި ގޭންގުތަކަށް ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިން ރެކްރޫޓް ކުރުން ވަނީ އިތުރުވެފައި ކަމަށް ޔުނިސެފުން ބުނެ އެވެ. ގޭންގުތަކުގެ ގިނަ މެމްބަރުންނަކީ ފިރިހެނުންނަށް ވާތީ ރެކްރޫޓް ކުރުމުގެ ނުރައްކާ ބޮޑީ ފިރިހެން ކުދިންނަށް ކަމަށް ބެލެވެ އެވެ.

ރާއްޖެ ހިމެނޭ، ދެކުނު އޭޝިއާ ސަރަހައްދުގައި ފިރިހެން ކުދިންނަށް ދިމާވާ ޖިންސީ ގޯނާގެ މައްސަލަތައް ދިރާސާކޮށް އޭޕްރިލް 2010 ގައި ނެރުނު ރިޕޯޓެއްގައިވާ ގޮތުން ކުށުގެ ވެއްޓާއި ގޭންގުތަކުގައި އުޅޭ ކުޑަކުދިން، ރުހުމާއި ނުރުހުމުގައި ޖިންސީ އެކި ހަރަކާތްތަކުގައި ބައިވެރިވަމުން ދެ އެވެ. އެފަދަ ކުދިންނަށް ލިބޭ ގާނޫނީ ރައްކާތެރިކަމާއި ރިހެބިލިޓޭޝަންގެ ފުރުސަތުތައް މަދެވެ.

"އެފަދަ ކުދިން ގްރޫޕު ތެރޭ މެމްބަރެއްގެ ގޮތުގައި އުޅޭ އިރު ގްރޫޕު ތެރޭ ހިނގާ ނުވަތަ ހިންގާ ކަންކަމުގައި ބައިވެރި ވަނީ ބިލޯންގިންގްނަސް ބޭނުން ވެގެން، އަދި ހަމަ އެހެންމެ އެ ކަންކަމަކީ ގޯސް ކަންކަން ކަމުގައި ވެސް އެ ހާލަތުގައި އެހާ ބޮޑަށް ގަބޫލު ނުކުރެވޭތީ. ގްރޫޕު ތެރޭ ރުހުން ހޯދާ އޭގެ ތެރޭ ހުރުމަށް ބޭނުންވާ މިންވަރު ބޮޑުވެފައި ވެސް އޮންނާތީ ކަމަށް ފެންނަނީ،" ކުރިން ވާހަކަ ދެއްކެވި ނާހިދާ ވިދާޅުވި އެވެ.

ޖިންސީ ގޯނާގެ އަދަދު ގިނަ، ބުނަން ފަސް ޖެހޭ

ގެވެށި އަނިޔާ އާއި ޖިންސީ ގޯނާގެ ވާހަކައަކީ ބޮޑެތި މީހުން ވެސް ދައްކަން ފަސްޖެހޭ ވާހަކަތަކެކެވެ. އެހެންވީއިރު، ކުޑަކުދިން ފަސްޖެހޭނެ މިންވަރާ މެދު ވިސްނާލަމާ ހެއްޔެވެ؟ ކުޑަކުދިންގެ ތެރެއިން ވެސް އާއިލާގެ ކަންކަން ބަރާބަރަށް ހިނގަމުންދާ ކުދިންނާއި އާއިލާގައި މައްސަލަ ބޮޑު ނުވަތަ އާއިލާ ރޫޅިފައިވާ ކުދިން ފަސްޖެހޭނެ މިންވަރު ތަފާތު ވާނެ އެވެ. އަދި ބޮޑެތި ކުށްވެރިންނާއި ކުއްޖާ ނިސްބަތްވާ ގޭންގުގެ މެމްބަރުންގެ ފަރާތުން އަނިޔާ ލިބޭ ނަމަ ދެން ކުރިމަތިވާ ފަސްޖެހުން ވެސް ތަފާތު ވާނެ އެވެ.

"އަންހެން ކުދިން ބައެއް ފަހަރު ބިރުން ނުބުނެ ތިބޭ އަދި ފިރިހެން ކުދިން އަސްލު މާ ބޮޑު އަމަލެއް ނޫން ވިއްޔާ އެއީ މާ ބޮޑު ކަމެއް ކަމުގައި ވެސް ނުދެކޭ ފަހަރު އާދޭ. އެހެންކަމުން ބައެއް ހާލަތްތަކުގައި ޝިކާރައަކަށްވެ އެކަން ނޭނގި އޮންނަ އޮތުން ދިގުލައިގެން ދާތަން އާދޭ،" ނާހިދާ ވިދާޅުވި އެވެ.

ފިރިހެން ކުދިން ރައްޓެހިން ކައިރި އެކަހަލަ ވާހަކަ ބުނީމަ ވަރަށް ދިމާވެސް ކުރޭ، ފާޑުފާޑު ނަން ކިޔައިގެން. އެއީ ވެސް ފިރިހެން ކުދިން އެކަހަލަ ވާހަކަ ނުދައްކާ ސަބަބެއް. ބަލި ކަށި މީހެއްގެ ގޮތަށް މީހުން ދެކެފާނެތީ.

ނޭޝަނަލް ސްޓަޑީ އޮން ވަޔަލެންސް އަގެއިންސްޓް ޗިލްޑްރެން އިން ދަ މޯލްޑިވްސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ޖިންސީ އަނިޔާގެ ވާހަކަދައްކަން ބޮޑެތި މީހުންނާއި ކުޑަކުދިން ވެސް ފަސްޖެހެނީ ދާދި އެއް ގޮތް ސަބަބުތަކާ ގުޅިގެންނެވެ. އެގޮތުން އާއިލާ ރޫޅުމުގެ ބިރާއި، ލޭބަލް ކުރުމުގެ ބިރާއި، ގިނަ މީހުންނަށް އެނގުމުގެ ބިރު ކުދިންގެ ހިތްތަކުގައި ވެސް އޮވެ އެވެ.

"މި ވާހަކަތައް ސިއްރު ކުރާ އެހެން ބައެއް ސަބަބުތައް ވެސް ހުރޭ. އަނިޔާ ކުރި މީހާ ސިއްރު ކުރަން އެންގުމާއި، ބިރު ދެއްކުމާއި، ވާހަކަތައް ހާމަކޮށްފި ނަމަ ގަބޫލު ނުކުރުމުގެ ބިރު އޮވޭ،" ފެބްރުއަރީ 2009 ގައި ނެރުނު އެ ރިޕޯޓުގައި ވެ އެވެ.

އަދަދުން ހޯދި މައުލޫމާތަށް ބަލާއިރު، ފާއިތުވި ފަސް އަހަރު ކުޑަކުދިން ރޭޕްކުރުމުގެ 12 މައްސަލައާ އެކު ކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ 1،362 މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވެ އެވެ. އޭގެ ތެރެއިން ތަހުގީގު ނިމުނީ އެންމެ 380 މައްސަލައިގަ އެވެ. އެއީ 27 ޕަސެންޓެވެ.

ފަސް އަހަރުގެ ތެރޭ ހުށަހެޅި ޖުމްލަ ކޭސްގެ ތެރެއިން ތަހުގީގުކޮށް ނިމުނީ 27 ޕަސެންޓު.--


ކުދިންނަށް އެހީވާނީ ކިހިނެއް؟

ނޭޝަނަލް ސްޓަޑީ އޮން ވަޔަލެންސް އަގެއިންސްޓް ޗިލްޑްރެން އިން ދަ މޯލްޑިވްސް ރިޕޯޓުގައި ލަފާދީފައިވަނީ ހޭލުންތެރިކަން އިތުރު ކުރަން ކެމްޕެއިން ހިންގުމަށާއި އޯޕަން ޑިސްކަޝަން ނުވަތަ ހުޅުވާލައިގެން ވާހަކަދެއްކޭނެ ފޯރަމް ފަހިކުރުމަށެވެ. އެފަދަ ފޯރަމްތައް ގާއިމް ކުރާއިރު އުމުރުން 14 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ސަމާލުކަން ދިނުމަށް ވެސް ލަފާ ދީފައި ވެ އެވެ. އެއީ އެ އުމުރުގެ ކުދިންނަށް ޖިންސީ ގޯނާ ދިމާވުން އިތުރު ކަމަށް ފާހަގަވެފައި ވާތީ އެވެ.

ކުރިން ވާހަކަ ދެއްކެވި ނާހިދާ ވިދާޅުވީ އެންމެ އިސްކަމެއް ދޭންވީ ކުދިން ތަރުބިއްޔަތު ކުރުމުގައި އިސްލާމް ދީނުގެ ރިވެތި އުސޫލުތަކާއި ދުނިޔަވީ ކަންކަމުގައި ގެންގުޅެންވީ އަދި އަމަލު ކުރަން ޖެހޭ ކަންކަން އެންމެ ތުއްތު އިރުން ފެށިގެން އުނގަންނައިދީ ބެލެނިވެރިން ކުދިންނަށް ރަނގަޅު ނަމޫނާއަކަށް ވުމަށާއި ކުދިން ޖިންސީ ގޯނާއަށް ހުށަހެޅޭ ގޮތްތައް އެ ކުއްޖެއްގެ ވިސްނުން އަދި އުމުރާ އެއްގޮތަށް ބުނެދިނުމަށް ކަމަށެވެ.

"ކުދިންނަށް އިތުބާރު ހިފޭ، އިތުބާރު ކުރާ ބައެއް ކަމުގައިވެ، ބެލެނިވެރިން އަދި އާއިލާ އެ ކުދިންނަކީ ބާކީ ނުވަތަ ބޭކާރު ކުދިންގެ ގޮތުގައި އިހުސާސް ނުވާނެ ގޮތަކަށް އަމަލާއި ވާހަކަ ދެއްކުން ބެހެއްޓުން ވަރަށް މުހިއްމު،" ޖިންސީ ގޯނާ ދިމާވެއްޖެ ނަމަ އަމަލު ކުރަންވީ ގޮތާ މެދު އޭނާ ވިދާޅުވި އެވެ.

ކުދިން ދައްކާ ވާހަކަ، އަމުދުން ޖިންސީ ގޯނާ ކަހަލަ ވާހަކަ، ބޮޑަށް އަޑު އަހާ އެޔަށް ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކުދިންނަށް އިތުބާރު ކުރުން ވަރަށް މުހިއްމު.

ކުދިންގެ އުޅުމާއި ވާހަކަ ދެއްކުމަށް އަންނަ ބަދަލުތައް ފާހަގަކޮށް ރަނގަޅަށް ދެނެގަތުން މުހިއްމު ކަމަށާއި އެގޮތުން ވާހަކަ ދެއްކުން މަދުވެ ހުއްޓުން އަރާފައި، ގެއްލިފައި ނުވަތަ ސަމާލުކަން ކުޑަވެ ކަންކަމާ ޝައުގުވެރިކަން ކުޑަވެ ބިރުން އުޅުމާއި ބައެއް ހާލަތްތަކުގައި މާ އަނގަ ގަދަވެ އެހެންޏާ ނޫޅޭ ގޮތް ގޮތަށް ކަންކަން ހުރުމަކީ ބެލެނިވެރިން ބަލަންވީ ނިޝާންތަކުގެ ގޮތުގައި ނާހިދާ ކިޔައިދެއްވި އެވެ.

އޭގެ އިތުރުން ކުދިން ބަލަން ހަވާލުކުރެވޭ މީހުން އަދި ބެހެއްޓޭ މާހައުލަކީ ރައްކާތެރި، ކުދިންނަށް އަމާން، ގެއްލުމެއް ނުލިބޭ މާހައުލެއް ތޯ ކަށަވަރު ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާހިދާ ވިދާޅުވީ ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރާ ވާހަކަ ދެއްކުން ވެސް މިހާރު ކުރިއަށް ވުރެ އިތުރު ކަމަށާއި ނަމަވެސް އެކަމަށް ދޭ ސަމާލުކަން އިތުރު ކުރަން ޖެހޭ ކަމަށެވެ.

"... އަދިވެސް ބޮޑަށް ސަމާލުކަން ދޭންވާ ވަރަށް ނުދެވޭ. ކުރިން ބުނެވުނު ހެން ލިބޭ އަނިޔާ ކުޑަ ކަމުގައި ހީވެފައި އޮންނަ އޮތުން މިއީ މިކަމަށް ސަމާލުކަން ދެވޭ މިންވަރު ކުޑަ ވާ ކަމެއް. ނަމަވެސް ނަފްސާނީ ގޮތުން ފިރިހެން ކުދިންނަށް ވެސް ކުދި ބޮޑު ގެއްލުން ލިބޭ ކަމެއް ޖިންސީ ގޯނާއަކީ،" ނާހިދާ ވިދާޅުވި އެވެ.