Advertisement

އިންކުއަރީ ރިޕޯޓުގައިވާ ރެކޮމެންޑޭޝަންތަކަށް އަމަލު ކުރުމަށް އެމްޑީޕީން ގޮވާލައިފި

9 ޖުލައި 2021 - 14:27 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ނަޝީދަށް ހަމަލާދިން ރޭ ސިފައިން ހަތިޔާރާއެކު ހަރަކާާތްތެރިވަނީ: ޖުމްލަ 45 ރެކޮމެންޑޭޝަން މަޖިލިހުން ދީފައިވޭ -- ފޮޓޯ: ފައިލް


އިންކުއަރީ ރިޕޯޓުގައިވާ ރެކޮމެންޑޭޝަންތަކަށް އަމަލު ކުރުމަށް އެމްޑީޕީން ގޮވާލައިފި

9 ޖުލައި 2021 - 14:27 0

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލަ ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ރިޕޯޓުގައިވާ ރެކޮމެންޑޭޝަންތަކަށް ވަގުތުން އަމަލު ކުރަން ފެށުމަށް ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން ގޮވާލައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެއި 6، އިންކުއަރީ ކޮމެޓީން ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ކޮންމެ ރެކޮމެންޑޭޝަނެއް ތަންފީޒު ކުރުން ވެސް ގައުމުގެ ސަލާމަތަށް މުހިންމު ކަމަށެވެ.

"އެއިން ކޮންމެ ރެކޮމެންޑޭޝަނަކީ، އިންކުއަރީއަށް ފާހަގަވެފައިވާ ކަންތައްތަކާ ގުޅިގެން، އެކަންތައްތައް އަލުން ތަކުރާރުވިޔަ ނުދިނުމަށް ހުށަހަޅުއްވާފައިވާ، ނުހަނު މުހިންމު ރެކޮމެންޑޭޝަންތަކެއް. އަދި އެއީ މި ގައުމުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ތަންފީޒުކުރަންޖެހޭ ރެކޮމެންޑޭޝަންތަކެއްކަމުގައި ދެކެން،" އެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރެކޮމެންޑޭޝަންތައް ވަގުތުން ތަންފީޒު ކުރަން ފެށުން ވަރަށް މުހިންމު ކަމަށެވެ.

"ޓެރަރިޒަމާއި ދީނީގޮތުން ހައްދުފަހަނާޅާ ދިއުމުގެ ބޮޑު މައްސަލައަކީ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްކަމަށް ވާއިރު، އެ އިންކުއަރީ ރިޕޓުން ހުށަހަޅާފައިވާ އެންމެހައި ރެކޮމެންޑޭޝަންތައް ތަންފީޒުކުރުން ސަރުކާރާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ވަގުތުން ފެށުމަށް މި ޕާރޓީން ގޮވާލަން،" ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ "ސެކިއުރިޓީ އަދި އިންޓެލިގެންސް ފޫއަޅުވާލި ގޮތް" ރައްޔިތުންގެ މަޖިލީހުގެ މޭ 6، އިންކުއަރީ ކޮމެޓީން ހޯދާފައިވާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން އާންމު ކުރި ރިޕޯޓުގައިވާ ލަފާތައް ބައްލަވައިގަންނަ ކަމަށާއި އެ ކަންތައްތަކަށް އަމަލު ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވަނީ ވިދާޅުވެފަ އެވެ.

"އޭގައި ހުރި ރިކޮމެންޑޭޝަންސް ވަރަށް ރަނގަޅު. އަޅުގަނޑުގެ ގާބިލިއްޔަތުކަން ހުރި އެންމެ ބޮޑަކަށް ރިކޮމެންޑޭޝަންސްތަކަށް ތަންފީޒު ކުރާނަން،" މި ނޫހާ ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވި އެވެ.

ރޭ އާންމު ކުރި އިންކުއަރީ ރިޕޯޓުގައި 45 ރެކޮމެންޑޭޝަނެއް ދީފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައިވާ 29 ރެކޮމެންޑޭޝަނަކާއި ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ 10 ރިކޮމެންޑޭޝަނަކާއި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ހަ ރެކޮމެންޑޭޝަނެކެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައި ހުރި ރިކޮމެންޑޭޝަންސްގެ ތެރޭގައި ސިއްރު މައުލޫމާތު ބަދަލު ކުރެވޭނެ ވަރުގަދަ ނިޒާމެއް ގާއިމް ކުރުމާއި ނެޝަނަލް އިންޓެލިޖެންސްއާ ގުޅޭ ގާނޫނެއް އެކުލަވާލުމާއި ކައުންޓާ ޓެރަރިޒަމަށް ވަކި ބަޖެޓެއް ކަނޑައެޅުން ހިމެނެ އެވެ.

ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ދީފައިވާ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި އެމަނިކުފާނުގެ ގެކޮޅުގެ ސެކިއުރިޓީ ހަތިޔާރާއެކު 24 ގަޑިއިރު ބެލުމާއި އާމާޑް ކާރުކޮޅެއްގައި ނަޝީދު އެއް ތަނުން އަނެއް ތަނަށް ގެންދިއުމާއި ސެކިއުރިޓީ ޓީމު ވެޓު ކުރުމާއި ސެކިއުރިޓީ ޓީމަށް ގަވާއިދުން ރިފްރެޝް ކުރުމުގެ ކޯސްތައް ހިންގުން ހިމެނެ އެވެ.

މަޖިލީހުން ނެރުނު އިންކުއަރީ ރިޕޯޓުގައި ރައީސް ނަޝީދަށް ދޭންޖެހޭ ސެކިއުރިޓީ ދިނުމުގައި ހުރި ބައިވަރު މައްސަލަތައް ފާހަގަކޮށް ޑިފެންސް މިނިސްޓަރު މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ ފުރިހަމައަށް ޒިންމާއަދާކުރައްވާފައިނުވާކަން ފާހަގަކޮށްފައިވެ އެވެ.

ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލާފައި ވަނީ އެމަނިކުފާނު ގެކޮޅު ހުންނަ ނީލޯއްފަރު ހިނގުމާއި މަޖީދީ މަގު ކަންމަތީ ހުރި ސައިކަލެއްގައި ބޮމެއް ހަރުކޮށްގެނެވެ. ރިމޯޓް ބޭނުންކޮށްގެން ބޮން ގޮއްވާލާފައި ވަނީ ނަޝީދު އެ ބޮމާ އެންމެ ކައިރި ވަގުތު ބެލުމަށްފަހު އެވެ.

ހަމަލާއަށްފަހު ނަޝީދުގެ ފުރާނަފުޅު ސަލާމަތް ކުރުމަށް އޭޑީކޭގެ ޑޮކްޓަރުން ނަޝީދުގެ ހަށިކޮޅުގައި ގާތްގަނޑަކަށް 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދި އެވެ. ބޮމުގެ ތެރެއަށް އަޅާފައި އޮތް 10 ބެއަރިން ބޯލްސް އެމަނިކުފާނުގެ ހަށިކޮޅުން ނެގި އެވެ. އަދި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕްލާސްޓިކު އެތިކޮޅެއް ވެސް ހަށިގަނޑުން ފެނުނެވެ.

ބޮން ގޮއްވާލި މައްސަލައިގައި މިހާތަނަށް ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، އެވެ.

އޭގެ ތެރެއިން އަދުހަމަކީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ. ތަހުމީނަކީ ސައިކަލުގެ ވެރި މީހާ އެވެ. ދެން ތިބި މީހުން ހަމަލާއާ ގުޅެނީ ކޮން ގޮތަކުންކަން ފުލުހުން އަދި ހާމަކޮށްފައެއްނުވެ އެވެ.