Advertisement

ވިސްނައި ނުބަލަނީ ހެއްޔެވެ؟

9 ޖުލައި 2021 - 10:01 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ

އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ އަޑުއަހަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ވިސްނައި ނުބަލަނީ ހެއްޔެވެ؟

9 ޖުލައި 2021 - 10:01 0

"ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ އަހުލުވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެ އެވެ. އެމީހުންނަކީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން ﷲ ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭމީހުންނެވެ. (އެމީހުން ދަންނަވާނެ އެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، ބާތިލު ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްތާހިރުވަންތަކަމާ އެވެ! ފަހެ، ނަރަކައިގެ އަޒާބުން އަޅަމެން ދިންނަވާނދޭވެ!"

ބަޔާންވެ ދިޔައީ އާލްޢިމްރާން ސޫރަތުގެ 190 އަދި 191 ވަނަ އާޔަތުގެ ތަރުޖަމާ އެވެ. މި އާޔަތާ ބެހޭ ގޮތުން އަހަރެމެންގެ ނަބިއްޔާގެ ހަދީސް ބަސްފުޅުގައި ވަނީ އެ އާޔަތް ކިޔަވާފައި އެއާޔަތާ މެދު ފިކުރު ނުކޮށްފި މީހާއަށް ހަލާކުހުރި ކަމަށެވެ. މި ދެއާޔަތަށް ވިސްނާ ފިކުރުކުރީމާ ބުއްދީގެ އަހުލުވެރިންގެ އެންމެ މުހިންމު ސިފަ ހާމަކޮށްދެ އެވެ. އެބައިމީހުން ވިސްނަނީ ބޮޑެތި ކަންކަމާ އެވެ. ބޮޑެތި އެއްޗެއްސާ އެވެ. އެތަކެތި އުފައްދަވައި ހަލްގުކުރެއްވި ފަރާތުގެ ގުދުރަތްތެރި ކަމާމެދުގަ އެވެ. ބުއްދީގެ އަހުލުވެރިން ހުރިހާ ވަގުތެއްގައި ހުރިހާ ހިނދެއްގައި ވިސްނާ ފިކުރު ކުރެ އެވެ. ވަކި ހާލެއް ނެތެވެ. އޮށޯވެގެން ކޮޅަށް ހުރެގެން އިށީނދެ އިނދެގެން ވެސް މެ އެވެ. އެކަމަކު އެމީހުން ވިސްނާ ފިކުރުކުރަނީ އާލަމްތަކާމެދުގަ އެވެ. ރޭދުވާ ދައުކުރައްވާ ތަރުތީބާ މެދުގަ އެވެ. އާދޭހެވެ. އާލަމްތައް ހިނގާ ނިޒާމާ މެދުގަ އެވެ.

އިމާމް ފަޚްރުއްދީނުއްރާޒީ އެކަލޭގެފާނުގެ ތަފުސީރުގައި ވިދާޅުވެފައިވެ އެވެ. މާތްކަލާނގެ އެއްކައުވަންތަކަމުގެ ހެކިތައްވަނީ ދެ ދާއިރާއެއްގައި ކަނޑައެޅިފަ އެވެ. އާފާގުތަކުގެ ދަލީލުތަކާއި ނަފުސުތަކުގެ ދަލީލުތަކެވެ. އާފާގުތަކުން ނުވަތަ އާލަމުތަކުން ފެންނަ ދަލީލުތައް ނުވަތަ ހެކިތައް ބޮޑުވެފައި މަތިވެރި އެވެ. ޣާފިރު ސޫރަތުގެ 57 ވަނަ އާޔަތުގައިވާ ފަދައިންނެވެ. އެ އާޔަތުގައިވެ އެވެ.

"ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވުމަކީ، މީސްތަކުން ހެއްދެވުމަށްވުރެ މާބޮޑު ކަމެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެ އެވެ."

ކަން އޮތީ މިފަދައިން ކަމަށްވާއިރު، މިއާޔަތުގައި އުޑުތަކާއި ބިން ހެއްދެވުނު ގޮތާމެދު ވިސްނާ ފިކުރު ކުރުމަށް އަމުރުކުރައްވާފައިވަނީ އެކަމުން ލިބޭ ހެކިތައް މާ އަޖައިބުވެފައި ފެންނަ ކަންކަން މާ މަތިވެރިވެގެންވާތީ އެވެ. އެހެން ނުބުނެވޭނީ ކީއްވެ ހެއްޔެވެ؟ ގަހެއްގެ ކުޑަކުޑަ ފަތަކަށް އިންސާނަކު ބަލައިފިނަމަ ފެންނާނެ އެވެ. އެ ފަތުގެ މެދުން ނާރެއް ގޮސްފައިވާ ތަނެވެ. އެމައި ނާރުގެ އަރިއަރިއަށް ވާގޮތަށް ކުދިކުދި ނާރުތަކެއް ދެފަރާތަށް ކަފިކޮށްފައިވާތަނެވެ. އެއިން ކޮންމެ ކަފި ނާރެއްގެ އަރިއަރިމަތީގައި އެޔަށްވުރެ ކުދި އަރިއަރި ނާރުތަކެއް ވާ ތަނެވެ. ލޮލަށް ނުފެންނަ ވަރަށް ކުޑަ ވާންދެން ކުދި ކުދި ނާރުތައް ކޮންމެ ނާރެއްގެ ދެފަރާތުން އެޔަށްވުރެ ކުދި ނާރުތައް އެގޮތަށް ހިމެނިފައިވާ ތަނެވެ. މިކަމަށް ވިސްނާ ބެލުމުން ހަމައެކަނި މި ކުޑަ ފަތް ހެއްދެވުމުގައި ހެއްދެވި ފަރާތުގެ ބޮޑު ހިކުމަތާއި އަޖައިބު ސިއްރަށް ލޯހުޅުވެ އެވެ. ބިމުން ކާނާ ލިބިގަތުމަށް މާތް ﷲ އެފަތުގައި ލައްވާފައިވާ ދަމާބާރެވެ. ދެން އެފަތުގެ އެންމެ ކުދި ކުދި ފުށްތަކާ ހަމަޔަށް އެ ކާނާ ބެހިގެންދިއުމަށް މާތް ﷲ ލައްވާފައިވާ ފުރިހަމަ ނިޒާމެވެ.

އެފަތް ހެއްދެވުނު ގޮތާމެދު ވިސްނުމަށް އިންސާނަކު އުޅެފިނަމަ އެފަދަ ކުޑަ ފަތެއް ހެއްދެވުމުގެ ނިޒާމާމެދު ވެސް އޭނާގެ ސިކުނޑި ހުސްވެފައިވާ މިންވަރު ފެނި ނުކުޅެދިދާނެ އެވެ. އެހިސާބުން އެ ކުޑަ ފަތާމެދު ވިސްނި ވިސްނުން، އުފުލިފައިވާ އާލަމްތައް މަތީން ފެންނަ ދުނިޔެއާއި އިރާއި ހަނދާއި ތަރިތަކަށް އަޅާކިޔާނެ އެވެ. ބިމާއި ކަނޑުތަކާއި ފަރުބަދަތަކާއި މައުދަންތަކާއި ގަސްގަހާގެއްސާއި ޖަނަވާރުތަކަށްވެސް އަޅާ ކިޔާނެ އެވެ. މިއެންމެހާ އެއްޗަކަށް ވިސްނާއިރު މިއެންމެހާ އެއްޗެއްގެ ނިސްބަތުގައި އެކުޑަ ފަތުގެ މިސާލަކީ ނެތް އެއްޗެއްގެ މިސާލެވެ. އެކުޑަ ފަތުގެ ހަގީގަތް ދެނެގަތުމަށް އޭނާގެ ސިކުނޑި ނުކުޅެދުނުކަން އޭނާއަށް އެނގިއްޖެނަމަ، އުޑުތަކާއި ބިން ހެއްދެވުމުގައި އެކުވެގެންވާ މާތް ކަލާނގެ ހިކުމަތުގެ އަޖައިބުތަކުގެ ހަގީގަތް ދެނެގަތުމަށް މަގެއް ނުވާކަން ކަށަވަރުވެދާނެ އެވެ. އޭނާގެ ސިކުނޑީގެ ނުކުޅެދުންތެރިކަން ހާމަޔަށް ޔަގީންކުރެވޭ މި ވަރުގަދަ ކަނޑައެޅި ބަޔާންވެގެންވާ ދަލީލާއެކު ސިފަކުރާ މީހުންގެ ސިފަތަކާއި އެނގޭ މީހުންގެ އެނގުންތަކަށްވުރެ މާތް ﷲ ގެ މަތިވެރިކަމާއި ބޮޑުކަން މާ ތަނަވަސްވެގެންވާކަމަށް އިއުތިރާފުވުން ނޫން ގޮތެއް ނޯންނާނެ އެވެ. އަދި ކިއެއްތަ އެކަލާނގެ ހެއްދެވި ކޮންމެ އެއްޗެއް ހެއްދެވުމުގައި ބޮޑު ހިކުމަތާއި ގިނަ ސިއްރުތައް އެކުލެވިގެންވާކަމަށް ވެސް އެއްބަސްވާނެ އެވެ. އެސިއްރުތަކާއި ހިކުމަތްތައް ނުއެނގުނު ކަމަށްވިޔަސް ވެހެވެ.

އިމާމް ފަޚްރުއްދީނުއްރާޒީގެ މިބަސްފުޅުތައް އަދި އެއްފަހަރު މަތީން ތިރިޔަށް ވިދާޅުވެއްލައްވާށެވެ. އާލްޢިމްރާން ސޫރަތުގެ ބަޔާންވެ ދިޔަ ދެއާޔަތާމެދު ވިސްނާފިކުރުކުރުމުގެ ވާޖިބު އަދާކުރެވޭތޯ ބެލުމުގެ މަތިވެރި މަގުސަދަށްޓަކަ އެވެ. އަޢުރާފު ސޫރަތުގެ 185 ވަނަ އާޔަތުން އަހަރެމެންނާ އެބަ ސުވާލެއް ކުރިމަތިކުރުވަ އެވެ.

"އަދި އުޑުތަކާއި ބިމުގެ ވެރިކަމާމެދުގައްޔާއި، ﷲ ހައްދަވާފައިވާ އެންމެހާ ތަކެއްޗާ މެދުގައްޔާއި، އެއުރެންގެ އަޖަލު ގާތްވެއްޖެކަމާ މެދުގައި، އެއުރެން ވިސްނައި ނުބަލަނީ ހެއްޔެވެ؟ އެއަށްފަހު، އެއުރެން އީމާންވަނީ ފަހެ، ކޮންވާހަކައަކަށް ހެއްޔެވެ؟"

ވިސްނާފިކުރުކުރުމަށް ގޮވާލައްވާފައިވަނީ ކިތަންމެ އާޔަތެއްގަ އެވެ. ކަނޑައެޅިގެން އަމުރުފުޅު އައިސްފައިވާ ކަމެކެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގައިވަނީ ކޮންއެއްޗެއްތޯ ތިޔަބައިމީހުން ބަލާށެވެ! އަދި އީމާންނުވާ ބަޔަކަށް އާޔަތްތަކުންނާއި އިންޒާރުކުރައްވާ ރަސޫލުންގެ ކިބަޔަކުން ކަމެއް ފުއްދައެއް ނުދެވޭނެ އެވެ." -ޔޫނުސް ސޫރަތުގެ 101-

"ފަހެ، އެއުރެންނާ ދިމާ މަތީގައިވާ އުޑު، ތިމަންރަސްކަލާނގެ ހައްދަވައި، އެ އުޑު ޒީނަތްތެރި ކުރައްވާފައިވަނީ ކޮންފަދައަކުންކަން އެއުރެން ނުބަލަނީ ހެއްޔެވެ؟ އަދި އެ އުޑު ފަޅަފަޅައިގެން ގޮސްފައެއްވެސް ނުވެ އެވެ. އަދި ތިމަންރަސްކަލާނގެ ބިން ފަތުރުއްވައި، އެ ބިމުގައި ސާބިތުވެގެންވާ ފަރުބަދަތައް ލެއްވީމެވެ. އަދި އެ ބިމުގައި ހިތްއުފާ ކުރުވަނިވި ހުރިހާ ބާވަތެއްގެ ގަސް ފެޅުއްވީމެވެ." -ޤާފުސޫރަތުގެ 6-7-

"ފަހެ، އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލައިފާ ހުށިކަމެވެ. އޭނާ ހައްދަވާފައިވަނީ، މައިކަށްޓާއި، މޭމަތީގެ ކަށިތަކާ ދެމެދުން ނުކުންނަ، ގަދަޔަށް އޮހޮރިގެންދާ ފެނަކުންނެވެ." - ސޫރަތުއްޠާރިޤް ގެ 5-7-

އަދިވެސް ކިތަންމެ އާޔަތެކެވެ. ޛާރިޔާތު ސޫރަތުގެ 20 ވަނަ އާޔަތް ވެސް ބަލާލަމާ ހެއްޔެވެ؟

"ޔަގީންކުރާ ބަޔަކަށް ބިމުގައި (ކުޅަދުންވަންތަކަމުގެ) ހެކިތަކެއްވެ އެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކުގައިވެސްމެ އެވެ. ފަހެ، ތިޔަބައިމީހުން ވިސްނައި ނުބަލަނީ ހެއްޔެވެ؟"

އީމާން ވުމަށްފަހުވެސް ހިތުގައި ތިޔަ ހިނގާ ޝައްކުތަކުގެ އަސްލު ސަބަބަކީ ނުވިސްނުމެވެ. ހެޔޮ ގޮތުގައި ނުވިސްނުމެވެ. ވިސްނާ ބަލާ މީހަކަށް ދުނިޔެމަތީން ފެންނާނީ ކުޅަދުންވަންތަ ކަމުގެ ހެކިތަކެވެ.