Advertisement

އިންކުއަރީ ރިޕޯޓުގެ ލަފާތައް ބައްލަވައިގަންނަވާ ކަމަށް މާރިޔާ ވިދާޅުވެއްޖެ

9 ޖުލައި 2021 - 09:21 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މާރިޔާ އިންކުއަރީ ކޮމިޝަނަށް ހާޒިރުވެވަޑައިގަންނަވަނީ: ޖުމްލަ 45 ލަފައެއް އިންކުއަރީ ރިޕޯޓުގައި ބަޔާންކޮށްފައިވޭ -- ފޮޓޯ: ހުސެއިން ޝަޔާހު


އިންކުއަރީ ރިޕޯޓުގެ ލަފާތައް ބައްލަވައިގަންނަވާ ކަމަށް މާރިޔާ ވިދާޅުވެއްޖެ

9 ޖުލައި 2021 - 09:21 0

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި 6، ގައި މާލޭގައި ބޮން ގޮއްވި މައްސަލައިގައި ހިންގި ޕާލަމެންޓަރީ އިންކުއަރީ ރިޕޯޓުގައި ހުރި ހުރިހާ ރެކޮމެންޑޭޝަނަކަށް ވެސް އަމަލު ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން ރޭ އާންމު ކުރި އިންކުއަރީ ރިޕޯޓާ ގުޅޭ ގޮތުން "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ ރިކޮމެންޑޭޝަންތައް ބައްލަވައިގަންނަވާ ކަމަށާއި އޭގައި ހުރި ކަންތައް ތަންފީޒު ކުރައްވާނެ ކަމަށެވެ.

"އޭގައި ހުރި ރިކޮމެންޑޭޝަންސް ވަރަށް ރަނގަޅު. އަޅުގަނޑުގެ ގާބިލިއްޔަތުކަން ހުރި އެންމެ ބޮޑަކަށް ރިކޮމެންޑޭޝަންސްތަކަށް ތަންފީޒު ކުރާނަން،" މާރިޔާ ވިދާޅުވި އެވެ.

ރޭ އާންމު ކުރި އިންކުއަރީ ރިޕޯޓުގައި 45 ރެކޮމެންޑޭޝަނެއް ދީފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައިވާ 29 ރެކޮމެންޑޭޝަނަކާއި ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ 10 ރިކޮމެންޑޭޝަނަކާއި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ހަ ރެކޮމެންޑޭޝަނެކެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައި ހުރި ރިކޮމެންޑޭޝަންސްގެ ތެރޭގައި ސިއްރު މައުލޫމާތު ބަދަލު ކުރެވޭނެ ވަރުގަދަ ނިޒާމެއް ގާއިމް ކުރުމާއި ނެޝަނަލް އިންޓެލިޖެންސްއާ ގުޅޭ ގާނޫނެއް އެކުލަވާލުމާއި ކައުންޓާ ޓެރަރިޒަމަށް ވަކި ބަޖެޓެއް ކަނޑައެޅުން ހިމެނެ އެވެ.

ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ދީފައިވާ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި އެމަނިކުފާނުގެ ގެކޮޅުގެ ސެކިއުރިޓީ ހަތިޔާރާއެކު 24 ގަޑިއިރު ބެލުމާއި އާމާޑް ކާރުކޮޅެއްގައި ނަޝީދު އެއް ތަނުން އަނެއް ތަނަށް ގެންދިއުމާއި ސެކިއުރިޓީ ޓީމު ވެޓު ކުރުމާއި ސެކިއުރިޓީ ޓީމަށް ގަވާއިދުން ރިފްރެޝް ކުރުމުގެ ކޯސްތައް ހިންގުން ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުން ރޭ އާންމު ކުރި އިންކުއަރީ ރިޕޯޓުގައި ބުނެފައި ވަނީ ނަޝީދަށް ދޭން އުޅުނު ހަމަލާގެ މައުލޫމާތު މާރިޔާއަށް ލިބިވަޑައިގެން އަމަލު ނުކުރެއްވުން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ރައީސް ނަޝީދަށް ހަމަލާދިން ރޭ އެ ސަރަހައްދުގައި މޯބައިލް ރޭންޖު ބުލޮކް ކުރާ ޖޭމަރު ބޭނުން ނުކުރުމާއި އެ ސަރަހައްދު ކުރީ ބައިގައި ބަލައި ފާސް ނުކުރުމަކީ ވެސް ފެއިލުވުމެއް ކަމުގައި ރިޕޯޓުގައި ބުނެފައިވެ އެވެ.

ނަމަވެސް މާރިޔާ އަބަދުވެސް ވިދާޅުވަމުން ގެންދެވީ ނަޝީދަށް ހަމަލާ ދޭން އުޅޭ ކަމަށް ވިދާޅުވެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އޭނާ ކައިރި ދެއްކެވި ވާހަކައަކީ "މައުލޫމާތު" ނޫން ކަމަށާއި އެއީ ޑިފެންސް މިނިސްޓަރު އެ މައްޗަށް އަމަލު ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.

"ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ ފަރާތުން އަޅުގަނޑަށް ލިބުނީ ފޯނު ކޯލެއް، މައުލޫމާތެއް ނޫން، އެއީ މައުލޫމާތެއް ކަމަަށް އަޅުގަނޑު ބަލަނީ، މީހެއްގެ ނަމެއް ނުވަތަ ފޮލޯ ކުރެވޭނެ ކޮންމެ ވެސް ގޮތެއް އަޅުގަނޑަށް ފޯރުކޮށް ދެއްވި ކަމަށް ވަންޏާ،" އިންކުއަރީ އަށް ހާޒިރުވެވަޑާއިގެން މާރިޔާ ވިދާޅުވެފައިވެ އެވެ.

ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލާފައި ވަނީ އެމަނިކުފާނު ގެކޮޅު ހުންނަ ނީލޯއްފަރު ހިނގުމާއި މަޖީދީ މަގު ކަންމަތީ ހުރި ސައިކަލެއްގައި ބޮމެއް ހަރުކޮށްގެނެވެ. ރިމޯޓް ބޭނުންކޮށްގެން ބޮން ގޮއްވާލާފައި ވަނީ ނަޝީދު އެ ބޮމާ އެންމެ ކައިރި ވަގުތު ބެލުމަށްފަހު އެވެ.

ހަމަލާއަށްފަހު ނަޝީދުގެ ފުރާނަފުޅު ސަލާމަތް ކުރުމަށް އޭޑީކޭގެ ޑޮކްޓަރުން ނަޝީދުގެ ހަށިކޮޅުގައި ގާތްގަނޑަކަށް 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދި އެވެ. ބޮމުގެ ތެރެއަށް އަޅާފައި އޮތް 10 ބެއަރިން ބޯލްސް އެމަނިކުފާނުގެ ހަށިކޮޅުން ނެގި އެވެ. އަދި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕްލާސްޓިކު އެތިކޮޅެއް ވެސް ހަށިގަނޑުން ފެނުނެވެ.

ބޮން ގޮއްވާލި މައްސަލައިގައި މިހާތަނަށް ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، އެވެ.

އޭގެ ތެރެއިން އަދުހަމަކީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ. ތަހުމީނަކީ ސައިކަލުގެ ވެރި މީހާ އެވެ. ދެން ތިބި މީހުން ހަމަލާއާ ގުޅެނީ ކޮން ގޮތަކުންކަން ފުލުހުން އަދި ހާމަކޮށްފައެއްނުވެ އެވެ.