Advertisement

ތްރެޓް އެސެސްމެންޓް ރިޕޯޓް އެސްޕީޖީންނަށް ދިނީ ބޮމުގެ އިންޒާރު އުނިކޮށްފައި

8 ޖުލައި 2021 - 22:52 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ޑިފެންސް މިނިސްޓަރު މާރިޔާ، އެމްއެންޑީއެފްގެ އިސްވެރިންނާއެކު: އެސްޕީޖީންނަށް ތްރެޓް އެސެސްމެންޓް ދީފައިވަނީ ބައެއް އުނިކޮށްފައިވާކަން ވަނީ ހާމަވެފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


ތްރެޓް އެސެސްމެންޓް ރިޕޯޓް އެސްޕީޖީންނަށް ދިނީ ބޮމުގެ އިންޒާރު އުނިކޮށްފައި

8 ޖުލައި 2021 - 22:52 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕަށް ޑިފެންސް އިންޓެލިޖެންސް ސާވިސްއިން ހެދި އެސެސްމެންޓް ރިޕޯޓް ފޮނުވީ، މުހިންމު މައުލޫމާތެއް އުނިކޮށްފައިވާކަން ހާމަވެފައިވާތީ އެކަން ތަހުގީގު ކުރުމަށް ނިންމައިފި އެވެ.

ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލާ ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ ފާލިމެންޓްރީ އިންކުއަރީއެއް ކުރިއަށް ގެންގޮސްފަ އެވެ.

އެ އިންކުއަރީގެ ރިޕޯޓް މިއަދު މަޖިލީހުން އާންމުކޮށްފައިވާއިރު، އޭގައި ނަޝީދުގެ ތްރެޓް އެސެސްމަންޓްގެ އެއް ރިޕޯޓެއް، އެއް ނަންބަރެއްދީ ތަފާތު ދެ ތާރީހެއްގައި ޖަހާފައި އޮތްކަން ހާމަވެ، އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.

އިންކުއަރީ ރިޕޯޓްގައިވާ ގޮތުން ތްރެޓް އެސެސްމަންޓްގެ އެއް ރިޕޯޓެއް ދެ ތާރީހެއް ޖަހާފައިވާއިރު އެއީ، ފުބުރުއަރީ މަހުގެ ތާރީހަކާއި މާޗު މަހުގެ ތާރީހެއް އޮތް ދެ ރިޕޯޓެކެވެ.

އެތަނުން އެއް ރިޕޯޓް އިންކުއަރީއަށް ހިއްސާކުރީ ޑިފެންސް މިނިސްޓްރީންނެވެ. އަނެއް ރިޕޯޓަކީ އިންކުއަރީއަށް ހާޒިރުވެވަޑައިގެންނެވި އެސްޕީޖީ ކޮމާންޑަރުގެ އަތްޕުޅުން އިންކުއަރީއަށް ހޯދި ލިޔުމެކެވެ.

ޑިފެންސް މިނިސްޓްރީން އިންކުއަރީއަށް ފޮނުވި ނޯޓެއްގައި ބުނެފައިވަނީ އެތަނުން އެއް ރިޕޯޓަކީ އެތެރޭގެ ބޭނުމަށް ހަދާފައިވާ ރިޕޯޓެއް ކަމާއި އަނެއް ރިޕޯޓަކީ އެސްޕީޖީގެ ބޭނުމަށް ހަދާފައިވާ ރިޕޯޓެއް ކަމަށެވެ.

ނަޝީދުގެ ތްރެޓް އެސެސްމަންޓް ހަދާ އެނަލިސްޓް އިންކުއަރީއަށް ބުނެފައިވަނީ ފެބުރުއަރީ، 25ގެ ފަހުގެ ތާރީހެއްގައި ނަޝީދުގެ އެއްވެސް ތްރެޓް އެސެސްމަންޓެއް ހަދާފައިނުވާނެ ކަމަށެވެ.

އެހެންކަމުން، އެސްޕީޖީއަށް ހިއްސާކުރުމަށް އެއް ނަންބަރެއް ޖަހައި އެހެން ތާރީހެއްގައި ވަކި ރިޕޯޓެއް އެނަލިސްޓް ހަދާފައިނުވާކަން އެނގޭ ކަމަށް ރިޕޯޓްގައި ފާހަގަކުރި އެވެ.

ދެ ރިޕޯޓްގައި އެއް ރިފަރެންސް ނަންބަރެއް އޮތް ނަމަވެސް، ރިޕޯޓްގައި ފަރަގުތަކެއް ހުއްޓެވެ. އެގޮތުން އެއް ރިޕޯޓްގައި ތްރެޓް ލެވެލްތަކާއި އޭގެ މާނަ ބަޔާންކޮށްފައިވާއިރު އަނެއް ރިޕޯޓްގައި އެ މައުލޫމާތެއް ނެތެވެ. ރެކަމެންޑޭޝަންތަކުގައި ވެސް ފަރަގުތައް ހުއްޓެވެ.

އިންކުއަރީ ރިޕޯޓްގައި ބުނީ، ދެ ރިޕޯޓްގެ ތެރެއިން އަސްލު ފުރަތަމަ ހެދި ރިޕޯޓަކީ ކޮބައިކަން ސާފުނުވާ ކަމަށާއި އެކަން ސާފު ކުރެވޭނީ ފޮރެންސިކް އިންވެސްޓިގޭޝަނަކުން ކަމަށެވެ. އަދި އެއީ ތަހުގީގު ހިންގަން ޖެހޭ ކަމެއް ކަމަށް އިންކުއަރީ ގަބޫލުކުރާ ކަމަށެވެ.

އިންކުއަރީ ރިޕޯޓުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަވީ، އެސްޕީޖީއަށް ރެކޮމެންޑޭޝަނުގެ ގޮތުގައި ދިން އެންމެ މުހިންމު މައުލޫމާތު އެ ފަރާތާ ހިއްސާކުރި ރިޕޯޓްގައި އުނިކޮށްފައިވުމެވެ.

އެސެސްމެންޓް ތައްޔާރުކުރި ޑިފެންސް އިންޓެލިޖެންސް ސާވިސްގެ ޕްރިންސިޕަލް ޑައިރެކްޓާ ލެފްޓިނަންޓް ކާނަލް ޑރ. މިރާޒު މުހައްމަދުފުޅު ވިދާޅުވެފައިވާ ގޮތުގައި އެސެސްމެންޓް ހެދިއިރު ރެކޮމެންޑޭޝަންތަކުގައި ވެހިކަލް ބޯން ނުވަތަ ވީބީއައިޑީއެއްގެ ޗާންސަސް، ޕޮސިބިލިޓީ އޮތްކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.

އޭނާ ރެކޮމަންޑް ކޮށްފައިވަނީ އެސެސްމެންޓް ހެދިއިރު ކުރީބައިގައި މަގު (އައިއީޑީ، ވީއައިއީޑީ ޝައްކުކުރެވޭ މީހުން ނެތްކަން ޔަގީންކޮށް) ކްލިއާކުރުމަށެވެ. އަދި، މަގަކީ ގިނަ އަދަދެއްގެ ސައިކަލް ޕާކްކުރާ މަގަކަށްވާތީ ގެކޮޅު ބޭރުގައި ކެމެރާ ހަރުކޮށް މޮނީޓާކުރުމަށެވެ.

ނަމަވެސް، އެ ރިޕޯޓް އެސްޕީޖީއާ ހިއްސާކޮށްފައިވާއިރު "އައިއީޑީ، ވީބީއައިއީޑީ"ގެ ވާހަކަ އޮތީ އުނިކޮށްފަ އެވެ. އަދި، ކެމެރާ ބެހެއްޓުމަށާއި މޮނީޓާކުރުމަށް ދިން ލަފާ ވެސް އެ ރިޕޯޓްގައި ނެތެވެ.

ކަން އެހެން ހިނގާފައި އޮތްއިރު، ނަޝީދަށް ޓެރަރިސްޓް ހަމަލާދީފައިވަނީ ސައިކަލެއްގައި ބޮމެއް ގޮއްވާލައިގެން އައިއީޑީއެއް ނުވަތަ ވީބީއައިއީޑީއެއް މެދުވެރިކޮށްކަން ފާހަގަކޮށްލެވެ އެވެ.

"ދެ ރިޕޯޓެއް އޮވެގެން ނުވާނެ، އޮވެއްޖެނަމަ އެއީ މިސްޓޭކެއް"

އެ ދެ ރިޕޯޓްގައި ތަފާތުތަކެއް ހުރިކަން އިންކުއަރީއަށް ފާހަގަ ކުރެވުމުން އިންޓެލިޖެންސް ސާވިސްއާ ހަވާލުވެވަޑައިގެން ހުންނެވި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވެފައިވަނީ އެއް ރިފަރަންސް ނަންބަރެއްގައި ދެ ރިޕޯޓެއް އޮވެގެން ނުވާނެ ކަަމަށެވެ.

"އޮވެގެނެއް ނުވާނެ، ދެން އެހެން އޮތް ކަމަށް ވަންޏާ އެއީ އަޅުގަނޑަށް މިހާތަނަށް އައިޑެންޓިފައިވެފައެއް ނެތް، އެކަހަލަ ރިޕޯޓެއް އޮތް ކަމަށް ވަންޏާ އެއީ ހަމަ މިސްޓޭކެއް އެހެން އޮތް ކަމަށް ވަންޏާ،" އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.

ރިޕޯޓްގައި ފާހަގަކުރި ގޮތުގައި ދައުލަތުގެ އިދާރާތަކުން ޑޮކިއުމަންޓް ރިފަރަންސް ނަންބަރު ދޭ އުސޫލުތަކެއް ހުންނަ ކަމާއި އެމްއެންޑީއެފްގައި ވެސް އެފަދަ އުސޫލުތަކެއް ހުންނަ ކަމަށް އިންކުއަރީއަށް ސާފެވެ.

އަބްދުއްރަހީމް ވެސް ވިދާޅުވެފައިވާ ގޮތުގައި އެމްއެންޑީއެފްގައި ވެސް ރިޕޯޓްތަކުގައި ނަންބަރު ޖަހާ އުސޫލަކާއި ގަވާއިދެއް އޮވެ އެވެ.

ނަމަވެސް، ޑިފެންސް މިނިސްޓްރީން އިންކުއަރީއަށް ފޮނުވި ނޯޓާ، އަބްދުއްރަހީމްގެ ވާހަކަތަކާ ފުށުއަރާ ކަމަށް ރިޕޯޓްގައި ބުންޏެވެ. އެގޮތުން މިނިސްޓްރީން ފޮނުވި ނޯޓުގައި، އެއް ނަންބަރެއް ދީ، ދެ ތާރީހެއް ޖަހައި ތަފާތުތަކާއެކު ރިޕޯޓެއް އޮތުމަކީ އޮޅުމެއް ނުވަތަ މިސްޓޭކެއް ކަމަށް ބުނެފައެއް ނެތެވެ.