Advertisement

ނަޝީދަށް ސެކިއުރިޓީ ދިނުމުގައި ބޮޑެތި އިހުމާލުތައް!

8 ޖުލައި 2021 - 21:45 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލެއްވުމަށް ރައީސް ނަޝީދު ވަޑައިގަންނަވާއިރު، އަރިހުގައި އެމްއެންޑީއެފްގެ ސެކިޔުރިޓީ ޓީމު. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ނަޝީދަށް ސެކިއުރިޓީ ދިނުމުގައި ބޮޑެތި އިހުމާލުތައް!

8 ޖުލައި 2021 - 21:45 1

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެކި ފަހަރު މަތިން އިންޒާރުތައް ލިބި، ތުރެޓު ލެވެލް މަތިކޮށްފައިވީ ނަމަވެސް، އެމަނިކުފާނަށް ސެކިޔުރިޓީ ދިނުމުގައި އެމްއެންޑީއެފުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަން ހާމަވެއްޖެ އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުޅި މަޖިލިސް އިގުރާރުވެގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން އިސްވެ ބަލާފައިވަނީ އެކަން ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.

ގާތްގަނޑަކަށް 270 ސޮފްހާގެ ރިޕޯޓުގައި ނަޝީދަށް ހަމަލާ ދިނުމުގެ ކުރިންނާއި ހަމަލާދިން ދުވަހު އަދި އޭގެ ފަހުން ކަން ހިނގާފައިވާ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތު ވަނީ ހިމަނައިފަ އެވެ.

އެގޮތުން، ނަޝީދަށް އެކި ގޮތްގޮތުން ލިބިވަޑައިގަންނަވަމުންދިޔަ ތްރެޓްތަކާ ގުޅިގެން، ކްލޯސް ޕްރޮޓެކްޝަން ޓީމުގައި ހިމެނޭ ސެކިއުރިޓީ އޮފިސަރުންގެ އަދަދު އެކި ފަހަރުމަތިން އިތުރުކޮށްފައިވާކަން ކޮމިޓީން ފާހަގަކޮށްފައި ވެ އެވެ.

ނަމަވެސް، މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ނަޝީދުގެ ސެކިޔުރިޓީ ލެވެލް "ސިވިއާ"އަށް މަތިކޮށްފައިވީ ނަމަވެސް، އެމަނިކުފާނަށް ސެކިއުރިޓީ ދެމުން ދިޔަ ގޮތަށް އިތުރު ބަދަލެއް ގެނެސްފައިނުވާ ކަން ވަނީ ފާހަގަކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނި ގޮތުގައި، ތުރެޓު ލެވެލް މަތިކުރާއިރު، ސެކިޔުރިޓީގައި މައިގަނޑު އަށް ކަމެއް ހިމެނޭއިރު، އޭގެ ތެރެއިން މުހިންމު ކަންތައްތަކަކަށް އެމްއެންޑީއެފުން އަމަލުކޮށްފައިނުވާ ކަމަށެވެ.

އެގޮތުން، ކާރުކޮޅަށް އަރައިވަޑައިގަންނަވާ އަދި ފައިބައިވަޑައިގަންނަވާ ޕޮއިންޓްގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ޝައްކުކުރެވޭ އެކްޓިވިޓީއެއް ނުވަތަ އެއްޗެއް ފާހަގަކުރެވޭތޯ ބަލަން ޖެހޭނެކަމަށާއި، އަދި ހާލަތަށް ބަލައި ޓްރެފިކް ބެލެހެއްޓުމަށް ފުލުހުންގެ އެހީތެރިކަން ހޯދަންޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ނަޝީދަށް ހަމަލާ ދީފައިވަނީ އެކަން ނުކޮށް ދޫކޮށްލާފައިވަނިކޮށް ކަމަށް ބުންޏެވެ.

އަދި ހަމަލާދީފައިވަނީ އައިއީޑީއެއް ހަރުކޮށް، ގަވައިދާ ހިލާފަށް 24 ގަޑިއިރަށް ވުރެ ގިނައިރު ވަންދެން ޕާކުކޮށްފައި ހުރި ސައިކަލެއް ގޮއްވާލައިގެންކަމަށް ވީއިރު، އެ މަގުގެ ސެކިޔުރިޓީ ބެލެހެއްޓުމުގައި ފުލުހުންގެ އެހީތެރިކަން ހޯދަފައިނުވާ ކަމަށެވެ.

އޭގެ އިތުރުން، ނަޝީދު ގެކޮޅުގައި ވަޑައިގެން ނުއުޅުއްވާ ގަޑިތަކުގައި ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަމުން ނުދާއިރު، އެޑްވާންސް ޓީމުން އެމަނިކުފާނު އަނބުރ ގެކޮޅަށް ވަޑަގަންނަވާއިރު، ގެކޮޅުގެ އެތެރެ އެއްވެސް ފަހަރަކު ޗެކު ނުކުރާކަން ފާހަގަކޮށްފައި ވެ އެވެ.

ޖޭމަރު ބޭނުން ނުކުރޭ، ސަރަހައްދު ސްވީޕެއް ނުކުރޭ

ސެކިޔުރިޓީ ދިނުމުގައި "އިލެކްޓްރޯނިކް ކައުންޓާ ވަސީލަތްތައް" ބޭނުންކުރުމަށް އުސޫލުގައި ބުނާ ގޮތަށް އެމްއެންޑީއެފުން އަމަލުކޮށް ޖޭމަރެއް ފަދަ އާލާތެއް ބޭނުންކޮށްގެން ރިމޯޓު ބޭނުންކޮށްގެން އެ އައިއީޑީ ގޮއްވާލުމުގެ ފުރުސަތު ހަނިކުރެވުނީސް ކަމަށް ރިޕޯޓުގައި އިތުރަށް ބުނެފައި ވެ އެވެ.

އަދި ނަޝީދުގެ ތްރެޓް އެސެސްމަންޓެއް އެންމެ ފަހުން އެސްޕީޖީގެ ކޮމާންޑަރު ކާނަލް ނަސްރުالله އިބްރާހީމް މަޖުދީއަށް ލިބިފައިވަނީ މާޗު މަހުގެ ތިން ވަނަ ދުވަހު ކަމަށްވާއިރު، އޭގައި ބަޔާންކޮށްފައިވާ ރެކަމެންޑޭޝަންތަކަށް އަމަލުކޮށްފައިނުވާ ކަމަށެވެ.

އޭގެ އިތުރުން، ނަޝީދު ދިރިއުޅުއްވާ ގޭގެ މަގު އެއްވެސް އިރެއްގައި ސްވީޕް ކުރިކަން ކްލޯސް ޕްރޮޓެކްޝަން ޓީމަށް އެނގިފައިނެތްކަމަށް އެޓީމާ ހަވާލާދީ ކޮމިޓީން ބުންޏެވެ.

"އެމްއެންޑީއެފްގެ އޯޑްނަންސް ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ޝަރީފް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، އެމްއެންޑީއެފްގެ އީއޯޑީ ޓީމުގައި ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީ އެއް ޑިޓެކްޓް ކުރުމުގެ ގާބިލުކަންހުރި ކަމަށާއި، ނީލޯފަރު ހިނގުން ސްވީޕްކުރުމަށް ހޭދަވާނީ ދެ ގަޑިއިރެއްހާއިރު ކަމަށެވެ،" ރިޕޯޓުގައި ބުނެފައި ވެ އެވެ.

ނަޝީދުގެ ތުރެޓް ލެވެލް ''ސިވިއާ'' އިން ''ކްރިޓިކަލް ''އަށް ބަދަލުވިކަން އެސްޕީޖީއަށް އެންގިކަމުގައިވިޔަސް، އެވަރުގެ ބޮޑު ބަދަލެއް އައިކަމާއި، އެ ބަދަލު ގެނައި ސަބަބުތައް ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް ބުނެދެވިފައިނުވާއިރު، ނީލޯފަރު ހިނގުމުން ސައިކަލުތައް ހުސްކުރަން އުޅުނު ސަބަބުވެސް އެ ޓީމަށް އެނގިފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ނަޝީދަށް އަބަދުވެސް ތްރެޓް އޮންނަކަމަށް ބުނެ، އަދި އެންމެ މަތީ ދަރަޖައިގެ ސެކިއުރިޓީ ދޭން ތަކުރާރުކޮށް ޓީމަށް ކިޔައިދިން ނަމަވެސް ހަމަލާއެއް ދިނުމުގެ ބިރުވެރިކަން އިތުރުވެފައިވާކަމާއި، ހަމަލާއެއް ދިނުމުގެ ގާބިލިއްޔަތު ހުރި ބަޔަކު ހަރަކާތްތެރިވާކަން ޓީމަށް ކިޔައިނުދީ އޮތުމަކީ ނަޝީދަށް ރައްކާތެރިކަން ފޯރުކޮށް ނުދެވުނު އެއް ސަބަބުކަން ފާހަގަކުރެވެއެވެ،" އެ ރިޕޯޓުގައި ބުނެފައި ވެ އެވެ.

ނަޝީދަށް އެ ހަމަލާ ދިނުމާއެކު، ގިނަ ބަޔެއްގެ ފާޑުކިޔުން އެމްއެންޑީއެފްއަށާއި އިންޓެލިޖެންސް ނިޒާމަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

އެއާއެކު، ރޭ ފާސްކުރި ކޮމިޓީ ރިޕޯޓުގައި އިންޓެލިޖެންސް ނިޒާމު ހަރުދަނާކުރުމަށް ކަމާބެހޭ އިދާރާތަކަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައި ވެ އެވެ.

އަދި ނަޝީދަށް އެ ހަމަލާދެވުމުގައި ކަމާގުޅޭ އިދާރާތަކުގައި ތިބި މީހުންގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ޒިންމާ އަދާނުކުރެވޭ ކަމަށް ފާހަގަކޮށްފައިވާ ފަރާތްތަކުގެ އިތުރުން އިހުމާލުވެފައިވާ ފަރާތްތަކާމެދު އިތުރަށް ބަލަންޖެހޭ ކަންކަން ފާހަގަކުރެވޭނަމަ، އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މަޖިލީހުން ވަނީ ހުށަހަޅައިފަ އެވެ.

އެ ހަމަލާދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ މީހުން ދީނީ ހައްދުފަހަނައެޅުމާ ގުޅުވާފައިވާއިރު، ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރާ ދެކޮޅަށް ވެސް އެ ރިޕޯޓުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ހިމަނާފައި ވެ އެވެ.