Advertisement

ޔަމަން މައްސަލާގައި އެމެރިކާ އާއި ސައުދީ އަރަބިއްޔާއިން މަޝްވަރާކޮށްފި

8 ޖުލައި 2021 - 16:43 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސައުދޫ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (ވ) އާއި އަމީރު ހާލިދް ބިން ސަލްމާން.-- ފޮޓޯ: އޭއެފްޕީ


ޔަމަން މައްސަލާގައި އެމެރިކާ އާއި ސައުދީ އަރަބިއްޔާއިން މަޝްވަރާކޮށްފި

8 ޖުލައި 2021 - 16:43 0

ވޮޝިންޓަން، އެމެރިކާ (ޖުލައި 8) - ސައުދީ އަރަބިއްޔާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު އެމެރިކާއަށް ވަޑައިގެން ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން އާއެކު ޔަމަން މައްސަލާގައި މަޝްވަރާ ކުރައްވައިފި އެވެ.

ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ހާލިދް ބިން ސަލްމާނަކީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ކޮއްކޯފުޅެވެ. ހާލިދަކީ ރައީސް ޖޯ ބައިޑެން މަގާމަށް ވަޑައިގެންނެވި ފަހުން އެމެރިކާއަށް ޒިޔާރަތް ކުރައްވާ ސައުދީގެ އެންމެ އިސް އޮފިޝަލެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ހާލިދު ވަނީ އެ ޑިޕާޓްމަންޓުގެ އޮފިޝަލުން ކަމުގައިވާ ވިކްޓޯރިއާ ނުލާންޑް އަދި ޑެރެކް ޗޮލެޓް އާ ބައްދަލުކުރައްވާފައި ކަމަށެވެ. އޭގެ އިތުރުން ބައްދަލުވުމުގެ ސެޝަނެއްގައި ބްލިންކެން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބްލިންކެން މަޝްވަރާ ކުރެއްވީ "ޔަމަނުގައި ހަނގުރާމަ ކުރުން ހުއްޓާލެވޭނެ ގޮތްތަކާއި ސިޔާސީ ހައްލެއް ހޯދުމަށް އިންތިގާލީ މަރުހަލާއެއް ފެށޭނެ ގޮތްތަކާ" މެދު ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޔަމަނުގައި ހަނގުރާމަ ކުރަމުން ދަނީ އިރާނުން ތާއީދު ކުރާ ހޫތީ ހަނގުރާމަވެރިންނާއި އެ ގައުމުގެ އިންތިހާބީ ސަރުކާރަށް ތާއީދު ކުރާ ބައިނަލްއަގްވާމީ ކޯލިޝަނަކާ ދެމެދު އެވެ. އެ ކޯލިޝަނުގެ އެންމެ އިސް ގައުމަކީ ސައުދީ އަރަބިއްޔާ އެވެ.

ޔަމަނުގެ އިތުރުން ލުބްނާނަށް އިގްތިސާދީ އިސްލާހީ ބަދަލުތައް ގެނައުމާއި އިންސާނީ އެހީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.

ބްލިންކެންގެ އިތުރުން ހާލިދު ވަނީ ބައިޑެންގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސަލިވަންއާ ވެސް ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ ސައުދީ ފަސްގަނޑަށް އަމާޒުކޮށް އިރާނުގެ އެހީއާއެކު ހަނގުރާމަވެރިން ހަމަލާތައް ފޮނުވަމުން ދާތީ އެމެރިކާގެ އެހީ ހޯދުމާ" ގުޅޭ ގޮތުން ކަމަށް ވައިޓް ހައުސްއިން ބުންޏެވެ.