Advertisement

ހަފޮޅުން އެތެރެވެވޭތޯ ހަފުސްވެ ހަނާ

8 ޖުލައި 2021 - 10:22 1

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


ހަފޮޅުން އެތެރެވެވޭތޯ ހަފުސްވެ ހަނާ

8 ޖުލައި 2021 - 10:22 1

އަހަރެމެން އިންސާނުން މިއީ ހާދަ ޒާތެއްގެ ބައެއްތާ އެވެ! ދުނިޔަވީ ދިރިއުޅުން އަހަރެމެން ބައްޓަންކުރާންވީ ގޮތާއި، އަހަރެމެންގެ ޢަމަލުތައް ބަހައްޓާ ގޮތުގެ އާޚިރު ނަތީޖާއަކަށް ވާނީ ކޮންކަމެއްކަން އަހަރެމެން ނުދަންނަނީކީ ނޫނެވެ. އެހެންނަމަވެސް އިންސާނާގެ ފަޤީރު ސިކުނޑި އެކަން ހަނދާންނައްތާލަން އިޚުތިޔާރުކޮށް، ދުނިޔަވީ އުފާތަކަށް ދީލާލަނީ ހާދަހާ ހަލުވި ދުވެއްޔެއްގަ އެވެ. ދުނިޔަވީ މުއްސަނދިކަން، ދުނިޔަވީ މަޤުބޫލުކަން، ދުނިޔަވީ އަރާމާއި ހިތްހަމަޖެހުމާއި ރޯއްޖަށް އިންސާނުންގެ ހިފިނުހުރެވޭ ހިތްތައް އަނބުރާލަނީ ޅަކުއްޖާ މައިމީހާގެ ވަހަށް އެނބުރޭހާ ފަސޭހަކަމާއެކުގަ އެވެ. ނަތީޖާއެއްގެ ގޮތުން އަހަރެމެންގެ ގިނަ ބަޔަކު ވެފައިވަނީ، ދުނިޔޭގައި ޤަދަރާއި ފައިސާ އާއި އަޤުލަބިއްޔަތު އޮތް ކޮންމެ ބަޔަކީ އެންމެ ހެޔޮ މީހުންކަމުގައި ދެކެގެން، ހަފޮޅުން އެތެރެވެވިއްޖިއްޔާ ބަރެއް އޮންނާނޭ ކަމަށް ވައިކުޅަނދުރުތަކެއްހެން އެނބުރޭ މީހުންނަށެވެ.

އަހަރެމެން ހެވާ ނުބައިވެސް ދަންނަމެވެ. ޤަވާއިދާއި ޤާނޫނަށްވެސް އަހުލުވެރިމެ އެވެ. އެހެންނަމަވެސް ވިދާހާ އެއްޗެއް ރަންކަމުގައި މިނައިގެން، ދޫތައް ލާނެއް ކޮށް، ބުއްދި ޝައިޠާނާއާއި ދެވައިގެން އަހަރެމެން މިތިބެނީ ފިކުރެއް ޚިޔާލެއް ނެތީމާތާ އެވެ. ޖާހިލު އިންސާނުންނަކީ ތިމާގެ "ސުންނަތް" ކަމުގައި ދެކެގެން، ތިމާގެ މެޔާއި ކަނދުރާ ބަޑީގެ ބެރެލްގެ ކުރިމައްޗަށް ހުށަހަޅަނީ ހެޔޮ ބުއްދި ދެއްވާފައި ނުވާތީއެއް ނޫނެވެ. އެފަދަ މީހުންނަކީ ހަތަރު ފަރާތުން ތެދުއުއި އަރާފައިތިބޭ މީހުން ކަމަށް ޤަބޫލުކުރެވޭތީ އެވެ.

އަހަރެމެން ދޮންފުތުކޮށްގެން އުޅޭ މީހުންގެ އަނދިރިފަރާތް ފެނުމުން ވެސް އެކަން ބަލައިގަންނަށް އަހަރެމެންނަށް ދަތިވެ އެވެ. އަދި މި އުޅެވެނީ އެންމެ ރަނގަޅަށް ނޫންކަން ދައްކަން މީހަކު ބޮޑު ބިގަރެއް ހިފައިން ކުރިމަތީ ހުއްޓަސް، އެ އަލިކަމުން ބޮނދަ ބޮނދައިގެން އަހަރަމެން މި އުޅެނީ ޖަހާލަތަކީ ހިޔާވައްސެއްކަމަށް ދެކެގެން ހެއްޔެވެ؟

ތުއްތު އިރުއްސުރެ މައިންބަފައިން އަހަރެމެންގެ ގައިގައި އަށަގެންނުވި ހެޔޮ އާދަތައް ކަނޑުވާލުމަށް ފަޅި ސިކުންތެއް ވެސް ނުނަގަ އެވެ. މަދަރުސީ އަދި ތަރުބަވީ ތަޢުލީމުގެ ސަބަބުން އަހަރެމެންގެ ހިތްތަކާއި ސިކުނޑިތައް ފައްކާކުރެވިފައިވެ އެވެ. ޚުލްޤު ކިއްސަރުލާފައިވެ އެވެ. އެހެންނަމަވެސް ތިމާގެ ތަރުބިއްޔަތާ ނުބައްދަލު އުޅުމަކަށް މި ލެނބެވެނީ، ބައި އަޅާލީމާ ލިބޭ ދެތިން ފައިސާފޮތި ތިމާގެ ޢިއްޒަތުއްނަފުސަށްވުރެ މުހިއްމުވީމާ ހެއްޔެވެ؟

މިއަދު މަޤުބޫލުކަމާއި މުއްސަނދިކަން ހޯދަން ޖެހެނީ ކިބަޅިފަރާތުންނެވެ. ޖާހާއި މަޤާމާއި ޤަދަރުވެރިކަން ގުޅިފައިވަނީ ޚިޔާނާތާއެވެ. މަޤުބޫލު އަޤުބަލިއްޔަތު ތިމާއަށް ކޮށްފާނޭ މަލާމާތުން ރެކެންވެގެން، ތިމާ ކުރާ ހެޔޮ ޢަމަލުތައް ފޮރުވުމަކީ ޢާއްމުކަމަކަށް ވަނީ ވެފަ އެވެ. އަމާނާތްތެރިކަން ވަނީ ކަޓު ވިސްނުމަކަށެވެ. އަރާ ބޮންތީގައި ހިފެން އޮތީ ނަޒާހަތްތެރިކަން ޤުރުބާންކޮށްލައިގެންނެވެ. ސަނަދުތަކާއި ބުއްދިވަނީ ހަވާސާކުރެވިފަ އެވެ. މީހާގެ އުޅުމަށްވުރެ މީހާގެ ގުޅުންތަކުގެ އަގުބޮޑެވެ. މަޤާމުތަކާއި ލަޤަބުތަކަކީ މިއަދު ނީލަމުގައި ވިއްކާ ތަކެއްޗެވެ. ނަގާލާ ޢަބުރު ފަޚުރަށް ހަދާނޭ ބަޔަކު ކަމުގައި އަހަރެމެން ވެއްޖައީމެވެ. ބާރާއި ނުފޫޒު ނުޠާހިރު ކުރާ ބަޔަކު ކަމުގައި އަހަރެމެން ވެއްޖައީމެވެ.

ތަޣައްޔަރުވެފައިވާ މި ޒަމާނުގެ ފަތްފުއްތަކުން އިއްވައިދޭ ދަރުސްތަކަށް އަހަރެމެން ބީރު ކަންފަތެއް މި ދެނީ ކީއްވެގެން ހެއްޔެވެ؟ އިއްޔެ ދެ ތާޖުގެ ވެރިންގެ ގޮތުގައި ތިބި މީހުން، މިއަދު ތިބީ ޖަލުގެ ތޭރިތަކުގެ ފުރަގަހުގައެވެ. އިއްޔެ ޖަހާލި ކޮންމެ ފުއްޓަތްކަކަށް ނަށާނޭ އެކުވެރިން ގެންގުޅުނު ސާދާގަރުން މިއަދު މަރުވަނީ ބަލިއެނދުގައި މަދަދުގާރެއް ނެތް ހާލުގަ އެވެ.

ނަމަވެސް، އެފަދަ މީހުންގެ ތައްޕާހުން ދިރިއުޅުން އާރާސްތުކުރުމަށް ހޭދެބައިވެގެން ހިނގޭ ހާލު، ދުނިޔެއަކީ އެންމެ ފަހު މަންޒިލުކަމުގައި އަހަރެމެންނަށް ދެކެވެނީތާ އެވެ. މުލައްދަނޑީގައި ބާރު ހުރި ޢުމުރު މި ދުއްވާލަނީ ވެރިންގެ މަނާފުއްތަކަށް ވެގެންނެވެ. މުސްކުޅިވެ ގައިބާރު ދޫވާ ދުވަހު ކައުބާއަށް ގޮސް ތައުބާ ވުމުގެ އުއްމީދުގަ އެވެ. ހަނދާނުން ކައްސާލާފައިވަނީ އަހަރެމެންގެ މި ދަތުރު ނިމޭނޭ ދުވަހެއް އަހަރެމެންނަށް ތާވަލުނުކުރެވޭނޭކަމެވެ. ދާއިމީ ގޮވެއްޗަށް ކުރާ ދަތުރަށް ފޮށިތަންމަތި ބަނުމުގެ ވިސްނުމެއް ނެތި ތިއްބައި މުނާފިޤުންގެ ގޮތުގައި ތިބެ، ކަފުނުގެ ފޭރާމުން ނިވާވެ ސަންދޯކެއްގައި ލޯމަރާލަން ޖެހިދާނެކަމެވެ.