Advertisement

ހަމަލާގެ އިންކުއަރީ: އިންޓެލިޖެންސް ގާނޫނަކާ އެކު މަޖިލީހުގެ ވަރުގަދަ ހުށަހެޅުންތަކެއް

8 ޖުލައި 2021 - 11:26 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ އިދާރާގެ ސެކިޔުރިޓީ ބެލެހެއްޓުމުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ހަމަލާގެ އިންކުއަރީ: އިންޓެލިޖެންސް ގާނޫނަކާ އެކު މަޖިލީހުގެ ވަރުގަދަ ހުށަހެޅުންތަކެއް

8 ޖުލައި 2021 - 11:26 1

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގައި އިންޓެލިޖެންސް ފެއިލްވި ކަމުގެ ތުހުމަތު އަމާޒުވެފައިވާއިރު، އިންޓެލިޖެންސް މައުލޫމާތުގެ ނިޒާމު ހަރުދަނާ ކުރުމަށް އެކަމާ ގުޅިގެން ރާއްޖޭގެ ތާރީހުގައި ހިންގި ފުރަތަމަ ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓުގައި ސަރުކާރަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅައިފި އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ބެލީ އެކަން ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.

ރާއްޖޭގެ ތާރީހުގައި މުޅި މަޖިލިސް އިގުރާރުވެގެން ހިންގި ތަހުގީގަށް 50 އަށް ވުރެ ގިނަ ފަރާތް ވަނީ ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

އެ މައުލޫމާތުތައް އެއްކުރުމަށްފަހު، އެކުލަވައިލި 236 ގަނޑުގެ ރިޕޯޓު ރޭ 241 ކޮމިޓީން ފާސްކޮށްފައިވާއިރު، އެ ރިޕޯޓުގައި ސަރުކާރަށް ހުށަހަޅާ 45 ރެކަމެންޑޭޝަނެއް ހިމަނާފައި ވެ އެވެ.

އެންމެ ބޮޑު އިސްކަމެއް އިންޓެލިޖެންސަށް

ނަޝީދަށް އެ ހަމަލާ ދިނުމާއެކު، ގިނަ ބަޔެއްގެ ފާޑުކިޔުން އެމްއެންޑީއެފްއަށާއި އިންޓެލިޖެންސް ނިޒާމަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

އެއާއެކު، ރޭ ފާސްކުރި ކޮމިޓީ ރިޕޯޓުގައި އިންޓެލިޖެންސް ނިޒާމު ހަރުދަނާކުރުމަށް ކަމާބެހޭ އިދާރާތަކަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައި ވެ އެވެ.

އެގޮތުން، ސިފައިންނާއި ފުލުހުންނާ ދެމެދު އިންޓެލިޖެންސް މައުލޫމާތު އެއްކޮށް ހިއްސާކުރުމަށްޓަކައި ހާމަނައިޒްޑް ޑާޓާ ސިސްޓަމެއް ވީއެންމެ އަވަހަކަށް އެކުލަވާލުމުގެ އިތުރުން، އިންޓެލިޖެންސް އޮޑިޓެއް ހަދަން ހިމަނާފައި ވެ އެވެ.

އެ ހުށަހެޅުންތަކުގައި ދެން އެންމެ ފާހަގަކޮށްލެވެނީ ގައުމީ އިންޓެލިޖެންސް ގާނޫނެއް ވުޖޫދުކުރުން ހުށަހަޅާފައިވުމެވެ.

އޭގެ އިތުރުން، ފައިނޭންޝަލް އިންޓެލިޖެންސް ހޯދުމުގެ ނިޒާމު ހަރުދަނާކުރުމަށް، މަރުކަޒީ ބޭންކުގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިތުރަށް ހަރުދަނާކޮށް، އެތަނަށް ބޭނުންވާ އިތުރު ވަސީލަތްތައް ފޯރުކޮށްދޭން އެ ރިޕޯޓުގައި އެދިފައި ވެ އެވެ.

އަދި ގައުމީ ސަލާމަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް، ނެޝަނަލް ސެކިޔުރިޓީ އެޑްވައިޒަރެއް އައްޔަނުކުރަން ކޮމިޓީން ވަނީ ލަފާދީފަ އެވެ.

އިހުމާލުވި މީހުންނަށް ފިޔަވަޅު އެޅުމާއި ހަރުކަށި ފިކުރު ހުއްޓުވުން

ނަޝީދަށް އެ ހަމަލާދެވުމުގައި ކަމާގުޅޭ އިދާރާތަކުގައި ތިބި މީހުންގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ޒިންމާ އަދާނުކުރެވޭ ކަމަށް ފާހަގަކޮށްފައިވާ ފަރާތްތަކުގެ އިތުރުން އިހުމާލުވެފައިވާ ފަރާތްތަކާމެދު އިތުރަށް ބަލަންޖެހޭ ކަންކަން ފާހަގަކުރެވޭނަމަ، އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މަޖިލީހުން ވަނީ ހުށަހަޅައިފަ އެވެ.

އެ ހަމަލާދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ މީހުން ދީނީ ހައްދުފަހަނައެޅުމާ ގުޅުވާފައިވާއިރު، ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރާ ދެކޮޅަށް ވެސް އެ ރިޕޯޓުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ހިމަނާފައި ވެ އެވެ.

އެގޮތުން، ރާއްޖޭގައި ތިބި އެފަދަ ފިކުރުގެ މީހުން ކަމާގުޅޭ އިދާރާތަކަށް ފާހަގަވެ، އެ މީހުންނަށް ހުކުމްކޮށް ބަންދުގައި ތިބޭއިރު، އެފަދަ މީހުން މޮނިޓާ ކުރެވޭނެ ނިޒާމެއް ގާއިމުކުރަން މަޖިލީހުން ވަނީ ހުށަހަޅައިފަ އެވެ.

ރޭ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ (ކ) އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


އަދި އެމީހުން ރީހެބިލިޓޭޓުކޮށް އަނބުރާ މުޖުތަމައުއަށް ގެނެވޭނެ އޮނިގަނޑެއް އެކުލަވާލުމުގެ އިތުރުން، ހަރުކަށި ފިކުރަށް ހުށަހެޅިފައިވާ މީހުން ފާހަގަވުމުން، އެ މީހުން ރިޕޯޓުކުރުމުގެ އުސޫލު އާންމުންނަށް ސާފުކޮށް އޮޅުންފިލުވައިދިނުން ހިމެނެ އެވެ.

އެ ރިޕޯޓުގައި ދެން ހުށަހަޅާފައިވަނީ ތައުލީމީ ނިޒާމުގެ ތެރެއިން ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިތުރުން، ޖަލުތަކުގެ ތެރޭގައި އެ ފިކުރު ފެތުރުން ހުއްޓުވަން ފިޔަވަޅުތައް އެޅުމަށެވެ.

ރިޕޯޓުގެ މުހިންމު ބައެއް ހުށަހެޅުންތައް

  • ގައުމީ ސަލާމަތާބެހޭ ގާނޫނެއް ވުޖޫދުކުރުން.
  • ހަނގުރާމަވެރި ހަތިޔާރެއް ބޭނުންކޮށްގެން ނުވަތަ ގޮވާ ތަކެތި ބޭނުންކޮށްގެން ހަމަލާއެއް ދިނުމާގުޅިގެން ސަލާމަތީ ބާރުތަކުން އަމަލުކުރަންޖެހޭ އުސޫލެއް އެކުލަވާލުން.
  • އެމްއެންޑީއެފްގެ ތެރޭގައި ހެދިފައިހުރި އެސްއޯޕީތައް އިތުރަށް ހަރުދަނާކޮށް، އަދާހަމަ ކުރުން.
  • ހަމަލާދިން ވަގުތު ނަޝީދުގެ އަރިހުގައި ތިބި ތިން ބޮޑީގާޑުންގެ ހިތްވަރު ގައުމީ ފެންވަރުގައި ފާހަގަކުރުން.

އޭގެ އިތުރުން، ނަޝީދަށް އޮތް ތުރެޓު ލެވެލާ އެއް ފެންވަރުގެ ސެކިޔުރިޓީއެއް ފޯރުކޮށްދީ، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި 24 ގަޑިއިރު ހަތިޔާރާއެކު ފޯރިމެރުމުގެ އިތުރުން، އެ ސަރަހައްދުގައި ސީސީޓީވީ ހަރުކޮށް ބެލެހެއްޓުމަށް ކޮމިޓީން ވަނީ ހުށަހަޅައިފަ އެވެ.

އެ ރެކަމެންޑޭޝަންތަކާއެކު އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 13 މެމްބަރުން އިއްތިފާގުން ރޭ ފާސްކޮށްފައިވާއިރު، އެ ރިޕޯޓު މިއަދުގެ ވަގުތެއްގައި އާންކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް، އެ ރިޕޯޓުގައި ހިމެނޭ ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތުތައް އުނިކުރުމަށް ކޮމިޓީން ނިންމާފައިވާ ކަމަށް ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ރޭ ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، އެ ރިޕޯޓު ރައީސާއި، މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަ ފަނޑިޔާރާ ހިއްސާކުރާއިރު، އެ ހުރިހާ މައުލޫމާތެއް ހިމެނޭނެކަން އަސްލަމް ފާހަގަކުރެއްވި އެވެ.